9 ޑިސެމްބަރ 2019 ( ހޯމަ )

ނައިބުތުއްތު މަގުގެ ތާރުގެ މަސައްކަތް ނިމި ފިނަވާމަގުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ

ޖަމާލުއްދީން ނައިބު ތުއްތު މަގު ނުވަތަ ފުވައްމުލަކު ރިންގުރޯޑުގެ ތާރު އެޅުމަށް ތައްޔާރުވި ހިސާބަށް މަސައްކަތް ނިންމާ ފިނިވާމަގުގައި ތާރުއެޅުމަށް ތައްޔާރުވާން ފަށައިފިކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ.

ނައިބު ތުއްތު މަގުގެ 2.95 ކިލޯ މީޓަރުގެ ތާރުގެ މަސައްކަތް ނިންމާލާފައިވާއިރު ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ އޮކުޓޫބަރު މަހު 24 ވަނަ ދުވަހުގައެވެ. ނައިބު ތުއްތު މަގުގެ ގެންމިސްކިތް ފަންނާއި ހަމައަށް ތާރު އަޅާ ނމިމިފައިވާ މިމަޝްރޫއުގައި ދެން އޮތީ ރޯޑް މާކިންތަކާއި، ސްޕީޑް ބްރޭކް އަދި މަގުގެ ދެފަޅީގައި 5 ފޫޓުގެ ވޯކްވޭ ހެދުމުގެ މަސައްކަތެވެ. މިމަގު ނިމޭއިރު މަގުގައި 123 ލެޑް ލައިޓްވެސް ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.

ނައިބުތުއްތު މަގުގެ ގެންމިސްކިތް ފަންނާއި ހަމައަށް ގެންދިއުމަށްފަހު މިހާރު ތައްޔާރުވަމުން ދަނީ ފިނިވާމަގު ހެދުމަށެވެ.

ނައިބުތުއްތު މަގުގެ މަސައްކަތް އެއްކޮށް ނިމުމަށްފަހު ދެން، ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތެވެ. އެގޮތުން މަގުތަކުގެ ޑިޒައިންކުރުން ނިމި މިހާރު ކުރިއަށްދަނީ، މަގުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޑިޒައިންކުރުމުގެ މަސައްކަތެވެ. އެތެރޭގެ މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު، މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

 ކިޔުންތެރިންގެ ޚިޔާލު