9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ހިމަބިހި: މީސްލްސް ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ނުރައްކާތެރި ބައްޔެއް ރާއްޖެއިން މިވަނީ ފެނިފައި

ވެކްސިން ނުދޭ ކުދިން ފުވައްމުލައް ސިޓީ ސްކޫލްތަކުގައި އެބަތިބި

ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ތިބި ކަމުގެ އިތުބާރު ހުރި މައުލޫމާތު މިކަލް ނޫހަށް ލިބިފައިވެއެވެ. މިކަލްނޫހާއި ވާހަކަ ދެއްކި ނަން ހާމަނުކުރާ ޕަބްލިކް ހެލްތު ދާއިރާގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ވެކްސިން ފުރިހަމަ ނުކުރާ ކުދިން އެބަތިއްބެވެ.

އޭނާ ހަމަކުރި ގޮތުގައި ފުވައްމުލައް ސިޓީގައި ވެސް ވެކްސިން ޖެހުމާއި ދެކޮޅުހަދާ މީހުން އުޅެއެވެ. އެގޮތުން އޭނާ ފާހަގަ ކުރީ 2016 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ވެސް ވެކްސިން ޖެހުމާއި ފުވައްމުލަކުގެ ބައެއް މީހުން ދެކޮޅު ހަދާފައިވެއެވެ.

އަދި އެއިގެފަހުން ވެކްސިން ޖެހުމުން އޯޓިޒަމްގެ އަސަރުކުރާ ކަމަށް ބުނެ އެތައްބަޔަ ވެކްސިން ޖެހުމާއި ދެކޮޅު ހަދާފައިވާކަމަށް ވެސް އޭނާ ހާމަކުރިއެވެ.

“މިހާރު ވެސް، ކުއްޖާ އުފަންވީސުރެ އެއްވެސް ވެކްސިނެއް ޖަހަން ބޭނުންނުވާ މީހުން ވެސް އެބަތިބި.” ނަން ހާމަނުކުރާ ޕަބްލިކް ހެލްތު އޮފިޝަލް އިތުބާރާއެކު ބުންޏެެވެ.

އެމްއެމްއާރު ޖެހުމަށް ދެކޮޅުހަދާ އަދި ޑޯޒް ފުރިހަމަ ކުރުން ލަސްކޮށްފައިވާ، 2 އަހަރާއި 7 އަހަރާއި ދެމެދުގެ ގާތްގަޑަކަށް 50 ވަރަކަށް ކުދިން ފުވައްމުލައް ސިޓީގައި އެބަތިބި ކަމަށް އޭނާ ބުންޏެވެ.

އަދި މިހާރުވެސް ބައެއް މީހުން ވެކްސިން ޖެހުމާއި ދެކޮޅު ހަދަމުންދާކަމަށް އޭނާ ބުންޏެވެ.

އޭނާގެ ވާހަކަތަކަށް އިތުރު ބާރެއް ލިބެނީ “ބައެއް ޕޭރެންޓުން މިހާރަކަށް އައިސް ވެކްސިން ޖެހުމާއި ދެކޮޅު ހަދާ” ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މިކަލް ނޫހަށް ވިދާޅުވުމުންނެވެ.

އޭނާ ފަހަގަ ކުރި ގޮތުގައި ހިމަބިހި ނުފެތުރޭނީ ވެކްސިންޖަހާ މީހުންގެ ކަވަރޭޖް ބޮޑު ކުރެވިގެންނެވެ. އޭނާގެ ވާހަކަތަކަށް ބަލާއިރު ވެކްސިން ނުޖަހާ ކުދިން ތިބުމުގެ ސަބަބުން ފުވައްމުލަކުގެ ސްކޫލްތަކުން ހިމަބިހިފަދަ ނުރައްކާތެރި، ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ.

މިއީ ސިއްރުކޮށްގެން ފައިދާއެއް ލިބޭނެ ކަމެއް ނޫނެވެ. ސިއްރުކުރުމުން ލިބޭނީ ހައްތާވެސް ގެއްލުމެވެ. މަދުބައެއްގެ މިފަދަ ވިސްނުމާއި ހެދި މުޅި މުޖުތަމިއު ނުރައްކަލަކަށް ހުށަހެޅެންދެން ބަލަން ތިބެގެނެއް ނުވާނެއެވެ. ‘ލަދަކާހުރެ ތަދެއް ނުފިލާނެއޭ’ ބުނާ ފަދައިން މިފަދަ ވާހަކަތައް ހާމަކުރަން ޖެހެއެވެ. އެންމެގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ.

ވެކްސިން ޖެހުމާއި ދެކޮޅު ހަދަނީ ކޮންބައެއްކަން ޕަބްލިކް ހެލްތު އޮފިޝަލުންނަށް ރަނގަޅަށް އެނގޭނެއެވެ. ފުވައްމުލަކު ސްކޫލްތަކުގެ ވެރިންނަށް އަދި އެކަން އެހާ ސާފު ނުވެދާނެއެވެ.

މިޒަމާނުގައި ރައްޔިތުމީހާ ވެސް ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންނަށް ކަންކަން ހާމަކޮށްދީގެންނެވެ.

ރާއްޖެއިން ވެކްސިން ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ޔުނެސްކޯއިން ކަނޑައަޅައި ސެޓްފިކެޓް ދިނެއްކަމަކު ހިމަބިހި ރާއްޖެއަށް ނައައިހެއް ނުހުންނާނެ ކަމަށް އޭނާވެސް ގަބޫލުކުރެއެވެ.  ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ކަނޑައެޅީ ޑަބްލިއުއެޗްއޯ އިން އެކަމަށް ކަނޑައޅާފައިވާ މިންގަނޑަށް ވެކްސިން ކޭމްޕޭންތަކުގައި ވެކްސިން ދެވި އަދި އެކަން ބެލެހެއްޓޭނެ މޮނިޓަރިން އުސޫލެއް ގާއިމުކުރެވިފައިވާތީ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެއަކީ ލަފަތުގެ ވެކްސިން ޕްރޮގްރާމު ބަރާބަރަށް ފުރިހަމަކުރާ ގައުމަކަށް ވާތީ ދިވެހި ހުރިހާ ރައްޔިތުންނަސް ވެސް ބޭރުގައުމުތަކުގެ ވިސާ ހޯދުމުގައި އެތައްގުނައެއް ފަސޭހަވެފައި ވެއެވެ.



ކިޔުންތެރިންގެ ޚިޔާލު