18 އޮކްޓޯބަރ 2019 ( ހުކުރު )

banner

މަސްތުވާ ތަކެތި ގެންގުޅުނު ކަމުގެ ކުށުގައި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މަސްތުވާ ބާވަތެއް ކަމަށްވާ ޑައިމޯފިން ގެންގުޅުމުގެ ކުށުގައި ފުވައްމުލަކު މެދުގޭ މުހައްމަދު މާޖިދު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މާޖިދަށް ކްރިމިނަލް ކޯޓުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 19.8983 ގުރާމް މަސްތުވާ ތަކެތި ގެންގުޅުމުގެ ކުށުގައެވެ.

ދައުލަތުން މާޖިދުގެ މައްޗަށް ދައުވާކޮށް ފައިވަނީ، 2012 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެރޭ މުޙައްމަދު މާޖިދު މަސްތުވާތަކެތި ހިފައިގެން ވިލިމާލެއަށް ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން މުޙައްމަދު މާޖިދަށް ފާރަލަމުންގޮސް، މުޙައްމަދު މާޖިދު ވިލިމާލެއަށް ފޭބި ވަގުތު މުޙައްމަދު މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެވަގުތު މުޙައްމަދު މާޖިދުގެ ކަނާއަތުގައި އޮތް ފެހިކުލައިގެ ކޮތަޅެއް ބަލާފާސްކުރިއިރު، އެކޮތަޅުގެ ތެރޭގައި އޮތް އެލީޓް ސެންޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައިވާ 20 (ވިހި) ރަބަރު ޕެކެޓު ފެނުމުންނެވެ.

ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ޏ. ފުވައްމުލައް މެދުގޭ މުޙައްމަދުމާޖިދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން މުޙައްމަދު މާޖިދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާފައެވެ. އަދި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ޏ. ފުވައްމުލައް މެދުގޭ މުޙައްމަދު މާޖިދު އުމުރަށް ޖަލަށްލުމާއެކު -/100,000ރ (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކޮށް، މިޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް މުޙައްމަދު މާޖިދުގެ މައްޗަށް ޙުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު