A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކޮށް އަލުން އިންތިޚާބު ބާއްވައިދޭން އަލިބެ އެދިއްޖެ

ޕީޕީއެމް ޕްރަމަރީގެ ނަތީޖާ އަލިބެ ގަބޫލެއް ނުކުރި. ގިނަ މައްސަލަތަކެއް އޭނާ ފެންމަތިކުރޭ!

މިދިޔަ ހުކުރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށާއި އަލުން އެއިންތިޚާބު ބާއްވައިދިނުމަށް އެއިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރައްވައި ނާކާމިޔާބުވި އަލީ ފަޒާދު (އަލިބެ) އެދިއްޖެއެވެ. މޭޔަރު ކަމުގެ ޕްރައިމަރީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބާއްވައިދޭން ޕީޕީއެމްގެ ރައީސަށް ސިޓީއެއްގައި އަލިބެ އެދިފައި ވެއެވެ.

މިއިންތިޚާބުން އަލީ ފަޒާދު ބަލިވީ 258 ވޯޓުގެ ތަފާތުން ނެވެ. އަލީ ފަޒާދު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވެސް ފުވައްމުލައް ސިޓީ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް ބަލިވެފައެވެ. ނަމަވެސް އެފަހަރުގެ އިންތިޚާބުގެ ނަތީޖާ އަލީ ފަޒާދު ގަބޫލުކުރިއެވެ.

އަލީ ފަޒާދުއާއި ވާދަކޮށް ޕްރައިމަރީ ކާމިޔާބުކުރީ ދަޑިމަގު އަވަށު ތޯރިޤު އަހުމަދެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ތޯރިގަށް 892 ވޯޓު ލިބުނުއިރު އަލިބެއަށް ލިބިފައި ވަނީ 634 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއާއި މެދު ހިތްމަހަމަ ނުޖެހި ޝަކުވާ އުފުލުމަށް ޕީޕީއެމަށް ފޮނުވި ސިޓީގައި އަލީ ފަޒާދު ހާމަކުރައްވާފައި ވަނީ އެ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އެ އިންތިޚާބަކީ ވަކި މީހަކު ހޮވުމަށް، ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

އޭނާ ފާހަގަ ކުރާ މައްސަލަތަކުގެ ތެރޭގައި ދަޑިމަގު/ދިގުވާނޑު ދާއިރާ 1 އާއި ހޯދަޑު/ދަޑިމަގު ދާއިރާ 2 ވޯޓު ފޮށްޓަށް އެއްބަޔަކު ދެފަހަރާ ވޯޓު ލާފައި ވެއެވެ. އެގޮތުން 37 މީހަކު އެދެ ފޮށްޓަށް ވޯޓު ލާފައި ވާކަމަށެވެ. މިމައްސަލަ މާލޭގައި ބެހެއްޓި ވޯޓު ފޮށްޓާއި ފުވައްމުލަކުގެ އެހެން ވޯޓު ފޮށިތަކަށް ވެސް ދިމާވިކަމަށެވެ.

އިތުރު މައްސަލަތަކުގެ ތެރޭގައި ބައެއް ވޯޓު ފޮށިތަކުގައިވާ ވޯޓުލާމީހުންގެ ލިސްޓަށް ވުރެ އިތުރަށް ވޯޓު ކަރުދާސް ދޫކޮށްފައި ވުމާއި އަދި އެގޮތަށް ވޯޓުކަރުދާސް ދޫކޮށް ވޯޓު ކަރުދާސް ހުސްވުމުން އަލުން ވޯޓުކަރުދާސް ގެނެސްގެން ވެސް ވޯޓުލާފައިވާ ކަމަށް އޭނާގެ ތުހުމަތުތަކުގައި ވެއެވެ.

އަލީފަޒާދުގެ ސިޓީގައި އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި މާލޭގައި ވޯޓުލަމުން ބައެއް މީހުންނަށް އިތުރަށް ވޯޓު ކަރުދާސްކޮޅު ދޫކުރި ކަމަށެވެ. އެގޮތުން ވޯޓުލާން ހާޒިރު ނުވާ 115 މީހުންގެ ނަމުގައި ވޯޓު ލާފައިވާ ކަމަށެވެ. އޭގެތެރޭގައި މަރުވެފައިވާ މީހުންނާއި ފުވައްމުލަކުގައި ވޯޓު ލާފައިވާ މީހުންނާއި ރާއްޖޭގައި ނެތް މީހުން ވެސް ހިމެނޭ ކަމަށެވެ.

އިތުރު މައްސަލަތަކުގެ ތެރޭގައި މާލޭގައި ކޮންމެ 30 މިނިޓަކުން ވޯޓުލުން މެދުކަނޑާލައި، ވޯޓާސް ލިސްޓަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުތަކުގައި ވެއެވެ.

މި ސަބަބުތަކަށްޓަކައި “އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމަށް ފަހު، އަލުން އިންތިޚާބު ބޭއްވޭނެ ގޮތް ހަދައިދިނުން” އެދޭކަމަށް ޕީޕީއެމަށް އަލީ ފަޒާދު ފޮނުއްވިސިޓީގައި ވެއެވެ.

އިންތިޚާބު ބޭއްވުމުގެ ކުރީ ދުވަހު ޕީޕީއެމްއިން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އަލީ ފަޒާދު ބުނެފައިވަނީ ޕްރައިމަރީ އިންތިޚާބުން ބަލިވިސް އެންމެން އެކުގައި ކުރިޔަށް ދިއުމަށް ތައްޔާރަށް ހުރިކަމަށެވެ.

ޕީޕީއެމް ޕްރަމަރީގެ ކުރީދުވަހު ބޭއްވި އެއްވުމެއްގައި ޕީޕިއެމް ކެންޑިޑޭޓުން. ތޯރިގުއާއި ފަޒާދު (މެދުގައި)

ޕީޕީއެމް ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ފުވައްމުލަކުގައި އާއްމުކޮށް ކޮޕީކޮށްގެން ނެރޭ އޮންލައިން ނޫހެއް ކަމަށްވާ ފުވައްލައް ޓައިމްސް އިން ހާމަކޮށްފައި ވެއެވެ.

ރާއްޖެގެ ބައެއް ބޮޑެތި މީޑިއާތަކުން ހާމަކުރާ ގޮތުގައި މީގެ އިތުރުން އެހެން ބޮޑެތި ބައެއް ސަރަހައްދުތަކުގައި ވެސް ޕީޕީއެމް ޕްރަމަރީގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފައިވެއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ އިންތިޚާބު ވެސް އެދާއިރާއިން ބަލިވި ކެލާ ނިޒާމު ގަބޫލުނުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !