14 ނޮވެމްބަރ 2018 ( ބުދަ )

banner

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބްލޫސް ފޮރ ޔޫތް ކޭމްޕުގެ ދެވަނަ ބުރުގެ ތެރެއިން, ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

ބްލޫސް ފޮރ ޔޫތު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒްކޮށްގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ބްލޫސް ފޮރ ޔޫތު ކޭމްޕު ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޭޕްމެ މި ޑިސެމްބަރު މަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕޮލިސް ސަރވިސަސް އިން ހާމަކުރެއެވެ.

މި ކޭމްޕު މި ޑިސެމްބަރު މަސްތެރޭގައި ފެށުމަށް ނިންމާފައިވާކަމަށާއި މި ކޭމްޕު އަމާޒްކުރެވިފައިވަނީ 11 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް ފުވައްމުލަކު އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުލް ރަޙްމާން ވިދާޅުވިއެވެ. މިކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މަސައްކަތްކުރަމުން މިދަނީ ބައިވެރިވާ ކުދިންގެ ނިސްބަތަށް ބަލާފައި މި ބަންދު ތެރޭގައި ބްލޫސް ފޮރ ޔޫތު ކޭމްޕްގެ ދެ ބުރެއް ގެންދިއުމަށްކަމަށެވެސް ޢަބްދުލް ރަޙްމާން ވިދާޅުވިއެވެ.

”ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި ފުވައްމުލަކު ސްކޫލުތަކަށް ވަނީ މަޢުލޫމާތު ފޯރުކޮށްދެވިފައިި. ކުދިން ބައިވެރިވާ ނިސްބަތަށް ބެލުމަށްފަހު މަސައްކަތް ކުރަމުން މި ދަނީ މި ސްކޫލު ބަންދު ދުވަސްވަރު ބްލޫސް ފޮރ ޔޫތު ކޭމްޕުގެ ދެ ބުރެއް ގެންދެވޭތޯ. އޭރުން ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންނަށް ފުރުސަތުވެސް ލިބިގެންދާނެ.” މުޙައްމަދު ޢަބްދުލް ރަޙްމާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ބްލޫސް ފޮރ ޔޫތު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިހަފްތާ ތެރޭގައި ހުޅުވާލާފައިވާއިރު ކޭމްޕުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ލިބެން ހުންނާނެ ކަމަށާއި، އަދި ފޯމް ފުރިހަމަކުރުމަށް ފަހު މި ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގެ 18:00 ގެ ކުރިން ފޯމުތައް ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުއްވުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހާމަކުރެއެވެ.

މި ކޭމްޕްގައި ދިރިއުޅުމުގެ ތަފާތު ހުނަރުތަކާއި އަދަބުތަކާއި މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމާއި ގޭގައި އުޅޭއިރު ހިފަހައްޓަން ޖެހޭ އަދަބުތަކާއި ބެހޭގޮތުން ތަމްރީނާއި މަޢުލޫމާތު ދިނުމުގެ އިތުރުން ސްކޫލު ދަޢުރު ނިންމުމަށްގަހު މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާއިރު ހިފަހައްޓަންޖެހޭ ރަނގަޅު އަދަބުތަކާއި އުސޫލުތައް ބުނެދެވޭނެއެވެ. މީގެއިތުރުން ޤައުމީ ލޯބި އިތުރުކުރުމާއި ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި ކަންކަމުގައި އިސްނަގައި ޒިންމާދާރު މީހެއްގޮތުގައި ހުރުމަށް ބާރުޅުމާއި ދީނީ ކަންތައްތަކަށް އިސްކަންދީގެ ތަފާތު ހަރަކާތްތައް ހިންގޭނެއެވެ. އަދި ހަށިހެޔޮ ބަޔަކަށް ހެދުމަށް ތަފާތި ގިނަ ހަރަކާތްތަކާއި ޓީމް ބިލްޑިންގއާއި ލީޑަރޝިޕް އާ ބެހޭގޮތުން މަޢުލޫމާތު ތަފާތު ހަރަކާތްތައް ހިންގޭނެއެވެ.

ފުވައްމުލަކުގައި މީގެކުރިންވެސްވަނީ ބްލޫސް ފޮރ ޔޫތުގެ ކާމިޔާބު ދެ ކޭމްޕެއް ހިންގާފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު