ފެނާއި ނަރުދަމާގެ ސާމާނު ހިފައިގެން އައިސް ފުވައްމުލަކަށް ކައިރި ކުރަނިކޮށް އޮގަސްޓް 13 ވަނަ ދުވަހު ފަރަށް އެރި އެންޖީއޯސީ ސަން، އެއްމަހާއި އެއްދުވަސް ފަހުން ބޯޓް ފުން ކުރުމަށްފަހު ފަރަށް ލިބުނު ގެއްލުން ބަލަމުންދާ ކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިއްޖެއެވެ. އެބޯޓް ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިންގަޕޯރ ކުންފުނިން އެސަރަހައްދަށް ޑައިވްކޮށް ފަރަށް ލިބިފައި ހުރި ގެއްލުން އިއްޔެ އާއި މިއަދުވެސް ބަލަމުން އެބަދެއެވެ.
ބޯޓް ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުން ފަރަށް ލިބުނު ގެއްލުން ބަލަމުން ދިޔަނަމަވެސް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޛެންސީ (އީޕީއޭ) އިން ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރުމުގެ މަސައްކަތް އަދި ކޮށްފައެއް ނުވެއެވެ. މިފަދަ ހާދިސާތަކުގައި ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރި ނަމަވެސް، މީގެ ކުރިން ވަނީ ބޮޑެތި އަދަދުތަކެއް މައާފުކޮށްދީ ދައްކަން ޖެހޭ އަދަދު ފުރަތަމަ ޖޫރިމަނާ ކުރާ އަދަދަށްވުރެ އެތަށް ގުނައެއް ކުޑަކޮށްދީފައެވެ.
މިބޯޓް ފަރަށް އެރުމުގެ ސަބަބުން ފަރަށް ގެއްލުންވުމުގެ އިތުރުން ހިލަ އާއި ހިލަވެލި މޫދަށް އަޅާލުމުގެ ސަބަބުން ލިބުނު ގެއްލުމާއި މިބޯޓުން ތެޔޮ ލީކުރުމުގެ ސަބަބުން ލިބުނު ގެއްލުން އިންތިހާއަށް ބޮޑު ކަމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން ދެކެއެވެ. އެގޮތުން، ފުވައްމުލަކުގެ އެންމެ ހިތްގައިމު ޑައިވް ޕޮއިންޓް ނެތިގެންދާނެ ކަމަށް ޑައިވަރުން ބުނެފައިވެއެވެ.
މިބޯޓު މިހާރުވަނީ ރަށާއި ދުރަށް ގެންގޮސްފައެވެ. ކުރިން ތެޔޮ ލީކު ކުރި ނަމަވެސް އެކަންތައް މިހާރު ހައްލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ. މި ބޯޓް ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.
ޚިޔާލުތައް