6 އޭޕްރީލް 2020 ( ހޯމަ )

banner

ފުވައްމުލަކު ހޮސްޕިޓަލް- ފައިލް ފޮޓޯ

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް މާދަމާ ފމވ ސިޓީގެ ޓީމުތައް ދޮރުންދޮރަށް ހިނގަނީ

ރާއްޖެއިން ކޮވިޑް19 (ކޮރޯނާ ވައިރަސް) ފެނުމާއި ގުޅިގެން ރައްޔިތުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ ސާފު ރަނގަޅު މައުލޫމާތު ފޯރުކޮށް ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި، ފުވައްމުލައް ހޮސްޕިޓަލް ގުޅިގެން ފުވައްމުލައް ސިޓީގައި ދޮރުން ދޮރަށް ހިނގަން މާދަމާ ފަށާނެ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކޮށްފޮއެވެ.

އެގޮތުން ފުވައްމުލަކު ހޮސްޕިޓަލްގެ ކްލިނިކަލް ސްޓާފުންނާއި ސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ހިމެނޭގޮތަށް ޓީމްތަކަކަށް ބަހާލައިގެން  ފުވައްމުލައް ސިޓީގެ 8 އަވަށުގެ ގޭގެއަށް ހެނދުނު 9:00 އިން 12:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާތު ދިނުމުގައި ޙަރަކާތްތެރިވަމުން ދާނެކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.

މިކަމުގައި އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާނެ ޙަރަކާތްތައް ޕްލޭން ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ހޮސްޕިޓަލްގެ ޓީމަކުން، ހޮސްޕިޓަލުގައި މިޙާރުވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ވުމާއެކު އާއްމު ރައްޔިތުންވެސް މިކަމަށް ސަމާލުވެ ޓީމުތަކަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެކެވެ. އަދި މއީ ކަމާއި ގުޅިގެން އާއްމުގެ ހިތުގެރޭގައި އުފެދިފައިވާ ސުވާލުތައް ޓީމުތަކަށް ހުށަހެޅުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. އަދި ރައްޔިތުންގެ ހާސްކަން ކުޑަކޮށް ވިސްނުންތެރިކަމާއެކު އަމަލުކުރަންވީ ގޮތުގެ އިރުޝާދު ޓީމުތަކުން ލިބިގެންދާނެއެވެ.

ރާއްޖެއިން ކޮވިޑް19 (ކޮރޯނާ ވައިރަސް) އަށް 4 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ރާއްޖޭގައެ ހާލަތު މިވަނީ ދަރަޖަ 2، ރީނދުލަށް ބަދަލުކޮށްފައެވެ. ވުމާއެކު މިވަގުތު ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ރައްޔިތުން ބަލިން ރައްކާތެރިވެ ތިބުމަށް ބޭނުންވާ ސާފު ރަނގަޅު މައުލޫމާތު ފޯރުކޮށް ދިނުމެވެ.

މީގެ ކުރިންވެސް އެކިއެކި ބަލިމަޑުކަން ފެތުރޭ ދުވަސްވަރު ފުވައްމުލަކު ހޮސްޕިޓަލާއި ސިޓީ ކައުންސިލްގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް ސާފުތާހިރުކަން ބަލައި ކަންކަން ރަނގަޅު ކުރަންވީ ގޮތުގެ އިރުޝާދި ދެމުން އައިސްފައި ވެއެވެ.


ކިޔުންތެރިންގެ ޚިޔާލު