A wide advertisement which will be shown on all devices. (700 x 100)

މިއަދަކީ ހިޖުރީ އާ އަހަރު ފެށޭ ދުވަސް. ހިޖުރީ އާއަހަރަށް މަރުހަބާ!

ހިޖުރީ އާ އަހަރަށް، 1438 އަށް މަރުޙަބާ!

މިއަދަކީ ހިޖުރީ އާ އަހަރު ރާއްޖެއަށް ފެށުނު ދުވަހެވެ. މިއަދު މިފެށުނީ ހިޖުރީ ގޮތުން 1438 ވަނަ އަހަރެވެ. ނުވަތަ ހިޖުރީ ގޮތުން 15 ވަނަ ގަރުނުގެ އިތުރު އަހަރެކެވެ. އިސްލާމީ ކަލަންޑަރުން އާ އަހަރު ފެށެނީ މުޙައްރަމް މަހު 1 ވަނަ ދުވަހުން ނެވެ. ހައްޖުމަހަށް ފަހު އަންނަ މަހެވެ.

އިސްލާމީ ނުވަތަ ހިޖުރީ ކަލަންޑަރުގެ އަސްލު ފެށުން ކަމުގައިވާ ހިޖުރަ އަކީ މުޅި ދުނިޔޭގައި މުސްލިމުންގެ ވެރިކަމެއް ފެށިގެން ދިއުމުގެ ވަރަށް މުހިންމު މަރުހަލާއެކެވެ. މި ތާރީޚުގެ ފެށުން ގުޅިފައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ސއވ. މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވި މަތިވެރި ހިޖުރައާއެވެ.

މީލާދީ އާ އަހަރު ފެށޭ ވަގުތާއި ހިޖުރީ އާ އަހަރު ފެށޭ ވަގުތު ތަފާތެވެ. ނަމަވެސް ފަހުގެ ގިނަ ބަޔަކަށް ހީވެފައި އޮންނީ ހިޖުރީ އާ އަހަރުވެސް ފެށެނީ ރޭގަނޑު 12 އިން ކަމަށެވެެ. ހިޖުރީ އާ އަހަރު ފެށޭ ވަގުތަކީ ޒުލްހިއްޖާ މަހުގެ ފަހު ދުވަހުގެ އިރު އޮއްސުމުން ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރަނީ ހިޖުރީ އާ އަހަރު ފެށެނީ މުހައްރަމް މަހުގެ ފުރަތަމަ ދުވަހުގެ އިރު އެރުމުން ކަމަށެވެ.

ކުރީގައި ފާހަނގަކުރި ގޮތަށް ހައްޖު މަހުގެ އިރު އޮއްސުމުން ކަމަށް ބޮޑަށް ބުރަވެވޭ ސަބަބަކީ ހިޖުރީ މަސް ހަމަކުރުމުގައި ބަލަނީ ހަނދަށް ކަމަށްވެ، ހައްޖު މަހުގެ ފަހުދުވަހު އިރު އޮއްސުމާއެކު މުހައްރަމް މަހުގެ ހަނދު ބަލާނެތީ އެވެ. ނުވަތަ ހަނދު އަރާނެތީއެވެ. އެއީ ކުރިއަށް އޮތް މަހުގެ ފެށުން ކަމުގައި މިއުސޫލުން ބެލެވޭތީއެވެ. މިކަމުގެ މިސާލަކީ ރޯދަ، އަދި އީދު ހަނދު ބެލުމެވެ. ނުވަތަ ހަނދު ސާބިތު ކުރުމެވެ.

މިއުންމަތުގެ ނަބިއްޔާ މުހައްމަދު ސއ.ވ، މުސްލިމުންގެ ބަޔަކާއެކު މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާއި ގުޅުވައިގެން މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި ދާއިމަށް ދެމިގެންވާ މިސާލެއްގެ ގޮތުން، އަޚުވަންތަ ގުޅުން ގާއިމު ކުރެއްވުން ހިމެނިގެން ދިޔައެވެ. މިގޮތުން ގާއިމްކުރެވުނު އަޚުވަންތަކަމުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން މިއަދު އަޅުގަނޑުމެން މި ދިވެހި މުޖުތަމިއުން ވެސް ހަނދާންކޮށް އެގޮތަށް އަމަލުތައް ބައްޓަން ކުރަން މިއަދަކީ ވަރަށް އެކަށޭނަ ދުވަހެކެވެ.

މުސްލިމުންގެ މެދުގައި، އިސްލާމީ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި އަޚުވަންތަކަމުގެ ގާތް ގުޅުން ބަދަހިކުރުމަށް އިސްލާމްދީން ގޮވާލާފައިވާ މިންވަރު، ހިޖުރައިގެ ހާދިސާއިން ހަނދާނަށް ގެނުވައި މިއަދުގެ ދުނިޔޭގައިވާ ދެބަސްވުންތަކާއި ބާރާއި ނުފޫޒު ހޯދުމުގެ ވާދަވެރިކަން ކުޑަކުރަން ޖެހެއެވެ. މުސްލިމު ދެގައުމު ކަމުގައިވާ ސައުދިއަރަބިޔާއާއި އީރާނުގެ ގޯސްވެފައިވާ ގުޅުން ހަރުދަނާކުރުން މުހިންމެވެ.

ހިޖުރީ އާ އަހަރު ފެށުން ފާހަނގަ ކުރާ ހިނދު މިކަލް ނޫހުގެ އެންމެހާ ކިޔުންތެރިންނަށް ހެޔޮއެދުމާއި ވެދުން އަރިސްކުރަމެވެ. މިކަލް ނޫހަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ވަކިބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ފުވައްމުލަކުގެ ކަބަރުތަކާއި މައުލޫމާތުތައް ރައްޔިތުންނަށް ހިއްސާކުރުމަށް މަސައްކަތް ކުރަމުން އަންނަ އޮންލައިން ނޫހެކެވެ. މިނޫސް ވަނީ ހޯމް މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !