19 ނޮވެމްބަރ 2018 ( ހޯމަ )

banner

ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުވައްޒަފުން، ފޮޓޯ:ފުވައްމުލަކު އަތޮޅު ކައުންސިލް ފޭސްބުކް ޕޭޖް

ދެކުނު ހަތަރު އަތޮޅުގެ ކައުންސިލްތަކުގެ މެމްބަރުން ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުކަމަށް ވާ ފުވައްމުލަކާއި އައްޑު އަތޮޅާއި އަދި ހުވަދު އަތޮޅު އުތުރުބުރިއާއި ދެކުނު ބުރީގެ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ މެމްބަރުން ބައްދަލު ވުމެއް އައްޑު އަތޮޅުގައި ބާއްވައިފިއެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކަށް ލިބޭ ބާރާއި ކައުންސިލްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް “ގުޅިގެން” އަދާކުރުމާ ބެހޭ ގޮތުން މި ބައްދަލު ވުމުގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވެއެވެ.

އިއްޔެ އައްޑު އަތޮޅު ކުރިއަށް ދިޔަ މި ބައްދަލުވުން ބާއްވައިފައި ވަނީ ފުވައްމުލަކާއި ގއ. އާއި ގދ. އަތޮޅުގެ ކައުންސިލަރުންތަކެއް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ދިމާކޮށެވެ. އިއްޔެގެ ބައްދަލުވުމުގައި މައިގަނޑު ހަ ކަމެއްގެ މައްޗަށް ދެކުނު ހަތަރު އަތޮޅުގެ ކައުންސިލްތަކުގެ މެމްބަރުން އެއްބަސްވެވަޑައިގަތެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައިވާ ގޮތަށް، އޭގެ ހަގީގީ މަފުހޫމް ނުގެއްލޭ ގޮތަށް އިސްލާހު ކުރުމާއި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އެންމެހާ ބާރުތައް ދަމަހައްޓައި، އެ ބާރުތައް ތަންފީޒު ކުރުމާއި ލާމަރުކަޒީ ގާނޫނު ނަގަހައްޓައި، ދެމަހައްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ މަގު ސަރުކާރުން ފަހިކޮށް ދިނުމަށް އެދި ސަރުކާރުގެ އެންމެހާ މުއައްސަސާތަކަށް ސިޓީއެއް ފޮނުވުމަށް އެއްބަސްވެވުނެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނޫގެ 78 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ދޭ އެކިއެކި ހިދުމަތްތަކުން ނަގާ ފީއަކީ ކައުންސިލްގެ އާމްދަނީ ކަމަށާއި އެ ފައިސާއަކީ ކައުންސިލްތަކުގެ ބަޖެޓަށް ވަންނަން ޖެހޭ ފައިސާ ކަމަށް ނިންމައި، ހުރިހާ ކައުންސިލަރުން އެއްބަސްވެ، އިގުރާރެއްވެސް ފާސް ކުރެވުނެވެ.

ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމު “ފެއިލްވެފައިވާތީ” އެކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމާ އެކު، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމަށް އެއްބަސްވެ، އިގުރާރުވެވުނެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ތަރައްގީގެ މަޝްރޫއުތައް މީގެ ކުރިން އެކުއެކީގައި ހިންގަމުން ދިޔަ އިރު، ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ދޫކޮށްފައިވާ ކަޅުހަންތަކުން ލިބުނު ފައިސާ އިން ހުޅުވާފައިވާ ފަންޑްގައި ހުރި ފައިސާތައް ހަތަރު އަތޮޅަށް ހަމަހަމަ އުސޫލެއްގެ މަތިން ބެހުމަށްވެސް އެއްބަސްވެވުނެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އަހަރަކު އެއް ފަހަރު މިފަދަ ބައްދަލުވުންތަކެއް ބާއްވަން ވެސް ނިންމައިފަ އެވެ. އަދި ލާމަރުކަޒީ ގާނޫނު ހިމާޔަތްކޮށް، ދަމަހައްޓައި އިޖުތިމާއި ގޮތުންނާއި އިގުތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫ އެއްގައި ސޮއި ކުރުން އަންނަ ފެބްރުއަރީ 26 ދުވަހު ބޭއްވުމަށްވެސް ނިންމުނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު