A wide advertisement which will be shown on all devices. (700 x 100)

ކޮމަންވެލްތުން ވަކިވާން ރާއްޖޭގެ ގިނަބަޔަކު ތާއިދު ކުރޭ ބާ؟

ކޮމަންވެލްތަކީ ފަންނީ ކަންކަމުގައި ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެމުން އަންނަ ޖަމާއަތެއް. ޚާއްސަކޮށް ތައުލީމީ ދާއިރާއިން.

ރާއްޖެ ބައިވެރިވާ ދެވަނައަށް އެންމެބޮޑު ބައިނަލްއަގުވާމީ ޖަމާއަތް، ކޮމަންވެލްތުން ވަކިވުމުން ރާއްޖޭގެ ގިނަ ބަޔަކު ތާއިދު ކުރޭ ބާއެވެ؟ ކުއްލިގޮތަކަށް ފާއިތުވި ބުރާސްފަތި ދުވަހު ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމާފައެވެ. މިއީ ދިވެހިން ބަލައިގަންނަ ކަމަކަށް ނުބެލެވެނީ ސޯޝަލް މީޑިއާއާއި ދޭދޭ ފަރުދުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ގިނބަޔަކު ތާއިދު ނުކުރާކަމަށް ހާމަވާތީއެވެ.

ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު ރައީސް ޔާމީނުގެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އެކަން ދިފާޢު ކުރަން އަންނަނީ ތަފާތު ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމާއި ދެކޮޅަށް އުފުލޭ އަޑުތައް އަންނަނީ އިތުރުވަމުންނެވެ.

ސަރުކާރުގެ މިކުއްލި ނިންމުން އައި ގޮތަށް ބަލާއިރު، މީގެ ދުވަސްކޮޅެއް ކުރިން ކޮމަންވެލްތުން ވަނީ ރާއްޖޭގެ ރައްޔިތުންނާއި މެދު މިސަރުކާރުން އަމަލު ކުރަނީ، އިންސާނީ ހައްގުތަކާއި، ރާއްޖޭގެ ގާނޫނޫ އަސާސީއާއި ގާނޫނުތަކުގައި ކަނޑައެޅިފައިވާ ގޮތަށް ނޫންކަމަށާއި އެކަންތައް އިސްލާޙުކޮށް، މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ވަނީ ފަހު އިންޒާރު ދީފައެވެ. އަދި އެކަންތައްތައް ކުރުމަށް މުއްދަތު ކަނޑައަޅާފައި ވަނިކޮށް އިންސާނީ ހައްގުތައް ކައިރިން ބަލަމުން އަންނަ މުއައްސަސާއަކުން ވަނީ އެކަންކަން ދިވެހި ސަރުކާރުން ނުކުރާ ކަމަށާއި އެހެންވެ ރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކޮމެޓީއަށް ވަނީ ހުށަހަޅާފައެވެ.

ކޮމަންވެލްތުގެ ގޮވާލުމާއެކު ސަރުކާރުން އެކަމަށް އިޖާބަދޭނެކަމުގެ އިޝާރާތެއް ދެއްކިކަމުގައި ވިޔަސް އިއްޔެ ކެބިނެޓާއެކު ރައީސް ޔާމީނު ނިންމެވީ ކޮމަންވެލުތުން ވަކިވާށެވެ. ސިޔާސީ ފަރާތްތަކުން ބުނާގޮތުގައި ސަރުކާރުގެ މިނިންމެވުމަކީ ކޮމަވެލްތުން ރާއްޖެއާއި މެދު ފިޔަވަޅު އެޅުމުގެ ކުރިން އަވަހަށް ކޮމަންވެލްތުން ވަކިވެ ފިޔަވަޅު އެޅުމުން ސަލާމަތްވުމަށް ކުރިކަމެކެވެ. އަދި މީއީ ސަރުކާރުގެ މިނިވަން މުސްތަގިއްލުކަން ދެމެހެއްޓުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ސަރުކާރުގެ މިނިންމުމާއެކު ގިނަބަޔަކު ބުނަމުންދަނީ ސަރުކާރަށް، އެގޮތަށް ކޮމަންވެލްތުން ވަކިވުމަށް ނުނިންމޭނެ ކަމަށެވެ. އަދި މިގޮތަށް ދެކޭ ގިނަބަޔަކު އަންނަނީ އެމީހުންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވީހިނދު، އެމީހުންގެ ބަހެއް މިކަމުގައި އަހަން ޖެހޭނެ ކަމަށެވެ. އެހެން ގޮތަކަށް ބުނަނީނަމަ ޕަބްލިކު ރިފަރެންޑަމަކަށް، ނުވަތަ އާއްމު ވޯޓަކަށް ދާންޖެހޭނެ ކަމަށެވެ. ޑިމޮކްރެޓިކް އުސޫލަށް ތަބާވަންޏާ އެކަން ކުރަން ޖެހޭނެ ކަމަށެވެ. އެއިގެ ތެރެއިން ވެސް އެއްބަޔަކު ބުނަނީ އާއްމު ވޯޓަކަށް ނުދާނަމަ ރައްޔިތުންގެ މަޖުލީހުން އެކަމަށް ފާސްކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެއާއި ދެކޮޅު ބަޔަކުވެސް އެބަތިއްބެވެ. އެމީހުން ބުނާ ގޮތުގައި ކޮމަންވެލްތުގައި ބައިވެރިވީ ވެސް ހަމައެކަނި އެއިރުގެ ރައީސްގެ ނިންމުމަކަށެވެ. ވުމާއެކު މިހާރުގެ ރައީސްއަށް ވެސް އެގޮތަށް އަމަލުކުރުމުގެ ބާރު އޮންނާނެ ކަމަށެވެ. އެއީ މާޒީގައި ވެސް އަމަލުކުރަމުން އައި ގޮތަ ކަމަށެވެެ.

ނަމަވެސް މިއަށް ޖަވާބުދީ ބައެއް މީހުން ހާމަކުރަނީ މާޒީގައި ރާއްޖޭގައި އޮތީ ބުދު ދީނޭ ކިޔާފައި މިހާރު ބުދު ދީނުގައި ތިބޭކަށް ނުޖެހޭ ކަމަށެވެ. މިހާރު މިއީ ޑިމޮކްރެޓިކު އުސޫލުތަކުގެ ދަށުން ގާނޫނު އަސާސީ އިސްލާޙު ކުރެވި އެފަދަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ގާނޫނު އަސާސީގައި ލިޔެވި އަޙުދު ކުރެވިފައިވާ ހާލަތެއްގައި އެކަން އެގޮތަށް ކުރުމުގެ ބާރު ރައީސަށް ލިބިގެން ނުވާކަމަށް އެފަރާތްތަކުން ދައުވާކުރެއެވެ.

އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގާކަން ތައްތަކުގެ ތެރެއިން އިތުރަށް އެޅި ފިޔަވަޅެކެވެ.

ކޮންމެއަކަސް މިސަރުކާރުން މިވަނީ ކޮމަންވެލްތުން ވަކިވާން ނިންމާފައެވެ. އަދި އެކަން ކޮމަންވެލްތަށް އަންގާނެކަން ވެސް ވަނީ ހާމަކޮށްފައެވެ.

ތިބާ ދެކޭ ގޮތުގައި ސަރުކާރުގެ މިނިންމުމަށް ރާއްޖޭގެ ގިނަބަޔަކު ތާއިދުކުރާނެ ބާއެވެ؟ ނުވަތ ނޫންބާވައެވެ؟ އަދި ރާއްޖެއަށް ކުރާނީ ފައިދާ ހެއްޔެވެ ނުވަތަ ގެއްލުން ހެއްޔެވެ؟

ކޮމަންވެލްތާއި ގުޅޭ ބައެއް މައުލޫމާތު:

މެންބަރު ގައުމުތައް: 53 މިއީ މުޅި ދުނިޔޭގެ %27، 32 ރިޕަބްލިކް ގައުމު، އިނގިރޭސީ ރާނީ ގެ ރަސްކަން މުގެ 16 ގައުމު، އަދި އމިއްލަ ރަސްކަމުގެ 5 ގައުމު.

ބިމުގެ ބޮޑުމިން: 31 މިލިޔަން ސްކްއަރ ކިލޯމީޓަރ، މިއީ މުޅި ދުނިޔޭގެ %21 ބިން.

އާބާދީ: 2.2 ބިލިޔަން މީހުން، މިއީ މުޅި ދުނިޔޭގެ %33

ޖީޑީޕީ: 10 ޓްރިލިއަން ޑޮލަރު، މިއީ މުޅި ދުނިޔޭގެ ޖީޑީޕީގެ%14.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !