A wide advertisement which will be shown on all devices. (700 x 100)

މިއަދުން ފެށިގެން ފވމ ނާއިބު ތުއްތުމަގު ހަވީރާއި ރޭގަނޑު ބަންދުކުރުމަށް ނިންމައިފި

ފުވައމްުލަކު ނާއިބު ތުއްތު މަގު: މިއަދު، 2 މެއި 2020. ކޮވިޑް-19 އާއި ގުޅިގެން ވަކި ގަޑިތަކެއްގައި ބަންދު ކުރަނީ. ފޮޓޯ؛ ލިއުޝާ

މިއަދު، 2 މެއި 2020 ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހަވީރާއި ރޭގަނޑު ފުވައްމުލައް ސިޓީ ނާއިބު ތުއްތުމަގު ބަންދުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ތާރު މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 4:00 އިން ފެށިގެން މެންދަމު 12:00 އަށެވެ. ބަންދު ގަޑިތަކުގައި މިމަގުން ބޭނުންކުރެވޭނީ ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަދީފައިވާ އުޅަނދުތަކަށް އެކަންޏެވެ. އެގޮތުން އެމަގުން ދުއްވޭނީ އޮފީސް ކާޑު އަޅައިގެން ރަސްމީ ޑިއުޓީތަކަށް ދާ މީހުންނާއި ޑެލިވަރީއަށް ހުއްދަ ދީފައިވާ އުޅަނދުތަކާއި ހޮސްޕިޓަލް އުޅަނދުތަކާއި އެމްއެންޑީއެފް އަދި ޕޮލިސް އުޅަނދުތަކާއި، ވެމްކޯ އުޅަނދުތަކާއި އެއާޕޯޓް އުޅަނދުތަކާއި ކައުންސިލް އުޅަނދުތަކުގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ލިޔުމެއް އޮތް މީހުން ނުވަތަ އުޅަނދުތަކަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލަކުގެ ގިނަ އަވަށްތަކެއް ގުޅުވައި ދޭގޮތަށް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މި ރިންގް ރޯޑް (ނާއިބު ތުއްތު މަގު) ބަންދު ކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނިކުމެ އުޅުންވެސް މިވަނީ މަނާކޮށްފައެވެ. އަދި އެގޮތަށް ނިކުމެ އުޅޭއިރު ވެސް 3 މީހުނަށްވުރެ ގިނައިން އެއްތަނަކަށް ޖަމާނުވުމާއި އިޖްތިމާއީ ގައިދުރުކަން ބަހައްޓަން އިރުޝާދު ދީފައި ވެއެވެ. ސިޓީކައުންސިލުން އެދިފައި ވަނީ އެންމެންވެސް އިޖްތިމާއީ ގައިދުރުކަން އިސްކޮށް ގެއިން ބޭރަށް ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ނުނިކުތުމަށެވެ.

މިއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވަައްމުލައް ސިޓީ ނައިބު ތުއްތު މަގު – ބަނދަރު ސަރަހައްދު

ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްވެސް މިހާކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ. ނަމަވެެސް މާލެއިން އައި ފުވައްމުލަކު މުދާއުފުލާ، އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން ވަނީ 14 ދުވަހަށް އެކަހެރިކޮށްފައެވެ.

ނުރަސްމީކޮށް މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ސިޓީ ކައުންސިލްގެ މޭޔަރު ގަބޫލުފުޅުކުރައްވާ ގޮތުގައި މިހާރު ފުވައްމުލައް ސިޓީގައި ކޯވިޑް-19ގެ ވައިރަސް އުޅޭނެއެވެ. މިހާތަނަށް ހެދި ޓެސްޓްތަކުން އަދި ނުފެނިގެން އުޅެނީ ކަމަށެވެ.

ފުވައްމުލައް ސިޓީގައި މިވަނީ ވިޔަފާރިއާއި ހުރިހާ މަސައްކަތެއް ހުއްޓުވާފައެވެ. ސިޓީ ކައުންްސިލްގެ މި ނިންމުންތަކުގެ މާބޮޑު ފައިދާއެއްނެތް ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއްނޫނެވެ. އެފަދަ ފަރާތްތަކުން ދެކޭ ގޮތުގައި ރަށުގައި ހިގާ ހުރިޙާ ހަރަކާތަކެއް ހުއްޓުވާ ހިސާބަށް އަދި ކަންތައްތަކެއް ނުދެއެވެ. އެމީހުން ދެކޭ ގޮތުގައި މިގޮތަށް ހުރިހާ މަސައްކަތެއް ހުއްޓުވާފައި ބޭއްވުމުން ދުވަސްކޮޅަކުން މީހުންގެ އަތްމަތި ދަތިވެ ބަނޑަށް ޖެހުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އަދި ކިތައްމެ ބޭނުން ނުވި ނަމަވެސް، ބަލި ރަށުތެރެއިން ފެނިއްޖެ ހާލަތެއްގައި އަނެއްކާ ބަންދުގެ މުއްދަތު ދިގުދަންމާލަން ޖެހި ރައްޔިތުންގެ އަތްމަތި ދަތިކަން އަވަހަށް އިހުސާސުކުރަން ޖެހުމަކީ އިތުރު ގޮންޖެހުންތަކާއި އެންމެންވެސް ކުރިމަތިލަންޖެހިދާނެ ވަގުތެކެވެ. ވުމައެކު މިއަދު އަދި ބަލީގެ ނިޝާނެއް ނެތްއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އާއްމު ވިޔަފާރިއާއި މަސައްކަތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !