A wide advertisement which will be shown on all devices. (700 x 100)

އެއަރޕޯރޓް އިން ގެއްލުންވުމަކީ ނުކުޅެދުންތެރިކަމަށް ވެދާނެބާ

ފުވައްމުލަކު އެއަރޕޯރޓް. ފޮޓޯ: ފުވައްމުލައް އެއަރޕޯރޓް ފޭސްބުކް ޕޭޖް

މިދިޔަ ހަފްތާ ނިމެން ދަނިކޮށް ފުވައްމުލަކު ގިނަ ރައްޔިތުން ތަކަކަށް ސިހުމެއް ލިބުނީ ފުވައްމުލަކުގެ 12 ހާހަށްވުރެ ގިނަ ރައްޔިތުންގެ ވިންދާއި ގުޅިފައިވާ ފުވައްމުލަކު އެއަރޕޯޓު އިން ގެއްލުން ވަމުންދާ ކަަމަށް އެސްޓީއޯއިން ހާމަ ކުރުމާއި ގުޅިގެނެވެ. އެސްޓީއޯއަށް ބަދަލު ދީފައި ސަރުކާރުން އެއަރޕޯރޓް ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެސްޓީއޯގެ އަހަރީ ދުވަހު އިއުލާން ކުރިއެވެ. އެއަށްފަހު ތަފާތު އެކި ފޯރަމް ތަކުގައި އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ދައްކަމުން ގެންގޮސްފައިވަނީ ފުވައްމުލަކު އެއަރޕޯރޓްގެ ސަބަބުން އެސްޓީއޯއަށް މިލިއަނުން ގެއްލުން ވަމުންދާ ވާހަކައެވެ. މޮޅު ވާހަކައަކަށް ހަދަހަދާފައި ދެއްކިއަސް އަޅުގަނޑަށް އެއިން ދޭހަވީ އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރގެ ނުކުޅުންތެރިކަމެވެ. އާންމުކޮށް މީޑިއާ އާއި ރައްޓެހި މެނެޖިންގ ޑިރެކްޓަރ އަހަރަކު 12 މިލިއަން ގެއްލުން ވަމުންދާ ވާހަކަ ވިދާޅުވެފައި ދެން ވިދާޅުވީ 170 މިލިއަން ރުފިޔާގެ ގެއްލުން ފާއިތުވީ 3 އަހަރު ތެރޭ އެކުންފުންޏަށް ވެފައިވާ ކަމަށެވެ. އެހެންކަމުން މިކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރުމަކީ ބުއްދިވެރިކަމަށް ދެކެމެވެ.
ފުވައްމުލަކު އެއަރޕޯރޓް ތަރައްގީކުރީ ވިޔަފާރި އުސޫލުން
ފުވައްމުލަކު އެއަރޕޯރޓް ތަރައްގީކުރުމަށް ވިޔަފާރި އުސޫލުން އިއުލާންކޮށް އެކަމާއި ހަވާލުވީ ފަރާތަށް އެމަސައްކަތް ކުރިއަށް ނުގެންދެވިގެން ސަރުކާރުން އެސްޓީއޯ އާއި ހަވާލުކޮށްފައި ވަނީވެސް ވިޔަފާރި އުސޫލުންނެވެ. އެއަރޕޯރޓް ހިންގައިގެން ގެއްލުން ވާނެ ކަމަށް ބަލާ އެއަރޕޯރޓާއި އެކު ރިސޯޓް ހެދުމަށް ރަށެއް ހިލޭ ސަރުކާރުން ވަނީ ދީފައެވެ. އެ ރަށް ތަރައްގީނުކޮށް އެސްޓީއޯގެ މެނެޖިންގ ޑިރެކްޓަރ މިވިދާޅުވަނީ ފުވައްމުލަކު އެއާޕޯޓުގެ ސަބަބުން އެސްޓީއޯ އަށް 170 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. ދިވެހި ވިޔަފާރި ވެރިންނާއި ބޭރުދުނިޔޭގެ އިންވެސްޓަރުން ވެސް މާލެއާއި ކައިރިން ރިސޯޓެއް ހެދުމަށް ރަށެއް ލިބޭތޯ ލޯއަޅައަޅާ ތިބޭ މިފަދަ ދަނޑިވަޅެއްގައި ވެސް އެސްޓީއޯއަށް މާލެއާއި ކައިރިން ބ އަތޮޅުން ރަށެއް ލިބި އެރަށުން އެކަށީގެންވާ ނަފާ ނުލިބެނީ ކީއްވެގެންތޯއެވެ. އެއީ އެސްޓީއޯގެ މެނޭޖްމަންޓްގެ ނުކުޅެދުން ތެރިކަމޭ ބުނެވިދާނެތޯއެވެ.
ރިސޯޓް ހެދުމަކީ ބިޔަ އިންވެސްޓްމަންޓެކެވެ. ކޮންމެ ކޮންމެ ކުންފުންޏަކަށް ކުރެވޭނެ ކަމެއް ނޫނެވެ. 20 މިލިއަން ޑޮލަރުން ފެށިގެން 100 މިލިއަން ޑޮލަރާއި ދޭތެރޭ އަދަދެއް ދިވެހި ރިސޯރޓް ހަދަން އާންމުކޮށް ހޭދަ ކުރާއިރު މިއަދަދަކީ އެސްޓީއޯއަށް ކުޅަދާނަ އަދަދެއް ބާވައެވެ. ހުޅުމާލޭގައި ހަދަމުންދާ ހޮޓެލްގެ މަސައްކަތްވެސް އަދިވެސް މުޅިން ނިންމިފައި ނުވާ އިރު އިތުރު ރިސޯޓެއްގެ މަސައްކަތް ކުރެވިދާނެ ބާވައެވެ. ނަމަވެސް އެގި ފާޅުވާ ހަގީގަތަކީ އެސްޓީއޯއިން އަދިވެސް ޓްއަރިޒަމް ވިޔަފާރިއާއި ދުރުވާން މަސައްކަތް ނުކުރާ ކަމެވެ. ވީމާ ހިލޭ ރިސޯޓެއްގެ ބޭނުން ނުކުރަނީ ކީއްވެބާވައެވެ. ނުކުޅެދުންތެރިކަމުން ބާވައެވެ.
ޚަރަދު ހަމަ ބޮޑީ ނޫންބާވައެވެ.
އެސްޓީއޯއަށް އަހަރަކު 12 މިލިއަން ގެއްލުންވާ ކަމަށް މެނެޖިން ޑިރެކްޓަރ ބުނި ނަމަވެސް އެކަމުގެ ފުރިހަމަ ތަފްސީލެއް ހާމަކޮށްފައި ނުވާތީ އެކަމަށް ކޮމެންޓް ކުރުމަކީ ދަތިކަމެކެވެ. އެހެންކަމުން އަހަރަކުު 12 މިލިއަން ގެއްލުން ވާކަަމަށް ވާނަމަ އެއީ މަހަކަށް 1 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. 138 މިލިއަން ރުފިޔާއަށް ހަދާފައިވާ ފުވައްމުލަކު އެއަރޕޯރޓް އިން ބަލަށް (20 އަހަރަށް ޑިޕްރިސިއޭޓް ކުރާނަމަ) ގާތްގަޑަކަށް 5 ލައްކަ މަހަކަށް ކަނޑާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ބަލަށް ކަނޑާ ކެޑުން ނުހިމާވެސް 5 ލައްކައަށް ވުރެ ބޮޑު ގެއްލުމެއް އެއަރޕޯރޓް އޮޕަރޭޝަނުން ވާނެއެވެ. މިއީ ދުވާލަކު ދޭއް ނުވަތަ ތިނެއް ދަތުރު ލިބޭ ފުވައްމުލަކު އެއަރޕޯޓަށް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ޚަރަދު ކުރެވިފައި ވާ ކަމުގެ ނިޝާނަކަށް ވުން ވެސް އެކަށީގެން ވެއެވެ. ހަމަ ހަގީގަތުގައި ވެސް ޚަރަދު ބޮޑީ ނޫން ބާވައެވެ. ފުވައްމުލަކު ރައްޔިތުންގެ ވިންދާއި ގުޅިފައިވާ މިފަދަ ކަންތައް ތައް އެ ރައްޔިތުން ބަލާލަން ބޭނުން ވެއެވެ.
ރިސޯރޓް ކުއްޔަށް ދިންނަމަ ވާނީ ކިހިނެތް
ފުވައްމުލަކު އެއަރޕޯރޓް އިން ލިބޭ ގެއްލުން ފޫބެއްދުމަށް ދީފައިވާ ރަށަކީ އަކަފޫޓް ހަމަ ނުވާ ރަށަކަށް ވާތީ އިތުރު ރަށެއް ހޯދުމަށް ވެސް އެސްޓީއޯ އިން މަސައްކަތް ކުރާ ކަމަށް ކިޔައެވެ. ނަމަވެސް، އަދި އެއަރޕޯރޓާއި ގުޅިގެން ދޫކޮށްފައި ވާ ރިސޯރޓް އޮތީ އެއްވެސް މަންފާ އެއް ލިބޭ ގޮތް ނުވެފައެވެ. އެރަށް ކުއްޔަށް ދޫކުރެވުނު ނަމަ އަހަރަކަށް 1 މިލިއަން ޑޮލަރު ނުވަތަ 15 މިލިއަން ދިވެހި ރުފިޔާ ނުލިބުނު ނަމަވެސް 12 މިލިއަނާއި ކައިރިކުރާ އަދަދެއް ލިބިދާނެ ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއްނޫނެވެ. ސަބަބަކީ އެރަށް އޮތީ ޓްއަރިޒަމްގެ މައި ސަރަހައްދު ކަމަށްވާ މާލެ އާއި މާދުރުނޫން ބ އަތޮޅުގައެވެ. އަދި ތަރައްގީކޮށްފައިވާ ކުއްޔަށް ދޫކުރާ ނަމަ އެކަށީގެންވާ ފައިދާ އެއް ލިބޭނެ ކަމަށް ބެލެވެއެވެ. ވީމާ މިފަދަ ރަން ބިސް އަޅާ ކުކުޅަށް ކާން ނުދިނުމުގެ ސަބަބުން ރަން ބިސް ނޭޅައިފިނަމަ ޒިންމާ ވާން ޖެހެނީ ކުކުޅު ވިއްކި ފަރާތުން ބާވައެވެ. ނޫނީ ކުކުޅަށް ކާން ނުދިން ފަރާތުން ބާވައެވެ.
ފުވައްމުލަކު އެއަރޕޯރޓް އިން 170 މިލިއަން ގެއްލުން ވި ކަމަށް ބުނުމަކީ ފުވައްމުލަކު ރައްޔިތުންނަށް ސިހުމެއް ލިބުނެ ޚަބަރެކެވެ. ސަބަބަކީ އަހަރަކު 12 މިލިއަން ގެއްލުން ވަމުން ދިޔަ ނަމަވެސް 3 އަހަރުން ވާނީ 36 މިލިއަން ރުފިޔާގެ ގެއްލުމަކަށް ކަމަށް ވާތީއެވެ. އަދި އެ އެއަރޕޯރޓް ތަރައްގީ ކުރުމަށް ހިގި 138 މިލިއަން ރުފިޔާ ބަލަން ޖެހޭނީ އިންވެސްޓްމަންޓެއްގެ ގޮތުގައެވެ. ޚަރަދެއްގެ ގޮތުގައެއް ނޫނެވެ. އަދި 12 މިލިއަން ގެއްލުމުގެ ތެރެއަށް ޑިޕްރިސިއޭޝަން ހިމެނިފައި ވާނެ ކަމަށް ބެލެވޭއިރު ޖުމްލަ ގެއްލުމުގެ ތެރެއަށް އިންވެސްޓްމަންޓް އަގު ހިމަނާފައިވަނީ އަދަދު ބޮޑު ކުރުމަށް ކަމަށް ބެލެވިދާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !