22 ނޮވެމްބަރ 2017 (ބުދަ)


ސިޔާސީންގެ ޗަރުކޭސް!!

ޢިނާޔަތު މުހައްމަދު ދީދީ
 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

 ހުޅަނގުގެ ދޮންމީހުން ކުރާ ގެއްލުން ދެނެވި ހަގުރާމަ ތަކަކީ މުއްސަންދީންގެ ބޮޑެތި ވިޔަފާރީގެ ޗަރުކޭސް ތައް ކަމަށް ބުނެ އުޅެތެއެވެ. ހަގުރާމަ ތަކުގައި ވެސް ނިކަމެތިވެ، ބިކަހާލު ގައި ޖެހެނީ އެތަނެއްގެ އާންމު ފަރުދުންނެވެ. ހަގުރާމައަށާއި ހަގުރާމައިގެ ވަސީލަތްތަކުގެ ވިޔަފާރިކުރާ މަހުޖަނުން އުޅެނީ މަޖަލާއި ލައްޒަތުގައި ބަޑުފުރާނަ މުއްތިކޮއްގެންނެވެ. ކިޔުންތެރިންނާ ހިއްސާ ކޮއްލަން މި އުޅެނީ ދުނިޔަވީ ، ތާރީޚުގެ ތެރެއަށް ފޭދިފައިވާ ހަގުރާމަ ތަކެއްގެ ވާހަކަ އެއް ނޫނެވެ. އުގަންނައިދޭ މީހުންގެ މައްޗަށް އެކަން ދޫކޮށްލާނަމެވެ. ދައްކާން މިއުޅެނީ އަދުގެ ގޯސްވެފައިފާ ރާއްޖޭގެ ހާލަތުގެ ވާހަކައެވެ. ވިސްނާބަޔަކު ހޯދާ ބަލާނެއެވެ.

ދިވެހިރާއްޖެ ވެއްޓިފައިވާ އަދިރި ހާލަތަކީ އެއްވެސް ބަޔަކަށް ވަންހަނާ ވެގެންވާ ކަމެއްނޫނެވެ. އަދުގެ ސަރުކާރުން ކުޅޭ ސިޔާސީ ކުޅިގަނޑަކީ އެންމެންގެ ލޯކުރިމަތީގައި ފެނިފެނި ހުރިކަންތަކެވެ. ލޯ ހުރެ އަވަރު ވެފައިވާ ނަޒަރިއްޔާތެއްގެ ބަޔަކަށް ނުފެނިދާނެއެވެ. އަދުގެ ކަންހުރިގޮތަކީ ވަކި މަޒްހަބެއްގެ ވަކި ފިކުރަކަށް ތަބާވާ ބަޔަކަށް އުފަލާއި އަރާމުގައި އުޅެވި ފިކުރާ ނުގުޅޭ، ގަބޫލުނުކުރާ މީހުން ވަނީ ދެރަވެ ނިކަމެތިވެފައެވެ. ފުދުންތެރި މި ރާއްޖެ ވަނީ ވަކި ބައެއްގެ މުށުތެރެ އަށް ވަދެ ފިތިބާރުވެފައެވެ. އާދައިގެ މީހާ ދިރިއުޅުމަށް ކުރަމުން އައި ވިޔަފާރި ވަނީ ދަރަނިވެރިވެ ބަގުރޫޓުވެފައެވެ. މުއްސަނދި ނުފޫޒު އޮތް ސިޔާސީންގެ ވިޔަފާރިތައް ދަނީ އަރަނިވެރިވެ އާއުސްމިން ތަކަކަށެވެ. ކުޅިމަޖާ ކޮށް ހަވާ އެރުވުމުގައިއެވެ. ވިސްނާ ބަލާ ބަޔަކަށް މި ދައްކާ ވާހަކަ ފަހުމު ވާނެތެވެ.

ފާއިތުވި ދެމަހެއްހާ ދުވަހު، ދިރިއުޅުމަކާއިގެން އުޅޭ އެންމެން ކަހަލަ ގޮތަކަށް ބޮލަށް ފިތިބާރުވެ އުޅުނީ ދުއްވާނެ ސައިކަލެއް، ކާރެއް ގަނެ ޚަލާސް ކުރުމާއިގެންނެވެ. މާގިނައިން ހުރިހާ ދިވެހިންނަށް އެއްފަހަރާ ނަގުދު ފައިސާގަނޑެއް ލިބުނީކީ ނޫނެވެ. ކަމަކާ ކަމެއް ދޫކޮށް ދަރަނިވެރި ވެގެންވެސް ދުއްވާނެ އެއްޗެއް ހޯދީ ސަބަބެއް ނެތިއެއް ނޫނެވެ. 100% އިން ޑިއުޓީ ނަގަމުން އައި ސައިކަލް ތަކުން 150% ޑިއުޓީ ނަގަން ނިންމީއެވެ. 100% ޑިއުޓީ ނަގަމުން އައި ކާރު، ވޭން ފަދަ އުޅަދުފަހަރުން 200% ޑިއުޓީ ނަގަން ސަރުކާރުން ރައްޔިތުން ގެ މައްޗައް ނިޔާ ކަޑަ އެޅީއެވެ. ނުހައްގުން ރައްޔިންގެ މައްޗަށް ބާރު ހިންގާ ، ޖައްބާރު ވެރިކަމެއްތާއެވެ! ކޮންމެ ފަދަކަމެއް ކޮއްފާނެކަން ކަށަވަރުކޮށްދީފައިވާ ސަރުކާރުގެ ނިންމުމަށް ފާޑު ކިޔުމަށް މަޑުކޮއްގެން އެއްވެސް ފަރުދަކަށް ނުހުރެވުނެވެ. ފަހު ދަރަނި އަށް ލާރި ހޯދައިގެންވިޔަސް އަވަހަށް ދުއްވާނެ އެއްޗެއްގަނެ ހަލާސް ކުރީއެވެ. ކަން މިހެން އޮއްވައި ފަޓާހެއް ގޮވިހެން، މަޖޫސީންގެ މަކަރާއި ހީލަތް ހެދުމުގެ އީދު ދުވަހުގެ ވަގުތެއްގައި އިސްވެ ނަންގަނެވުނު ޑިއުޓީ މައާފު ކޮށްދީފި ކަމަށް ބުނެ މުނާޖާ ނެރުއްވާފިއެވެ. އަނެއްކާވެސް ހިތްހެޔޮ ސަރުކާރުން ރައްޔިތުމީހާ އަށް ލުއި ކޮއްދިނީއެވެ. ވިސްނާ ބަލާ މީހަކަށް މި ދަންނަވާލި ކަންތަކުގެ ސިއްރު ފަހުމު ވާނެތެވެ.

ކުރާނީ ވަކި ކީތޯއެވެ؟ އާރެއް، ނުފޫޒެއްނެތް ރައްޔިތުމީހާ ގަޔަށް ތެޔޮ ޖަހާފަ އެ ސާފު ކުރަން ސާބޯނި ވިއްކާމީހާ ވަރުގެ ދީލަތި މީހެއް ނުހުރެއެވެ. އެންމެން ދަންނަ ސިއްރަކީ ތެޔޮ ޖަހަނީ ސާބޯނި ވިއްކާ ވިޔަފާރިވެރިޔާކަމެވެ. މައްސަލައެއް ނެއްތާއެވެ! ވިޔަފާރި ކުރިއަށް ދާނެތާއެވެ. ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރަން ނިކުމެ ތިބި ސިޔާސީން ތިބީ ގަނެވިއްކާ ލަގަނެއް ހެން ވިކިފައެވެ. މަޖިލިސް މާލަމުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅީ ނުދެއްކިއްޔާއެވެ. ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ކުޅުއްވާ ޗަރުކޭސް ތަކަށް ފާޑު ކިޔޭނެ މީހެއް ނެތެވެ. ސުވާލުތައް ފެންމަތި ކޮއްލައްވަމާތޯއެވެ؟ ތޭރި ތަކުގެ ބިތް ދޮށަށް ދާން ޖެހުނަސް ވަރިހަމަ އެވެ. ސައިކަލް ކާރު ރާއްޖެ އެތެރެ ކުރާ އެންމެ ބޮނޑު ކުންފުންޏަކީ ކޮބައިތޯ އެވެ؟ އެގޭ މީހެއް ކައިރިން އަހާ ހޯދާށެވެ. އެ ކުންފުނި ތަކުގެ ވެރިން ނަކީ ކޮން ސިޔާސީ ފިކުރެއްގެ ބައެއް ތޯ އޮޅުން ފިލުވާށެވެ. މި ބޭފުޅުން ފެބުރުއަރީ، މާރިޗު، މި ދެމަހުގެ ނަފާ ހޯދި ވަރު ހޯދާ ބަލާށެވެ. ހާހުން ހިސާބު ޖަހަމުން ދިޔަނަމަ މި ބުނި ދެމަސް ދުވަހުގެ ތެރޭގައި މި ކުންފުނިތައް މިލިއަނުން ހިސާބު ޖަހާލިޔެވެ. މި ވީ ކީއްކަން އެގިލައްވަނީ ކިތައް ފަރުދުން ނަށް ތޯއެވެ؟ މިއަށް ކިޔަނީ އޮޅުވާލައިގެން ރައްޔިތުން އަތުން ފޭރުން ނޫން ތޯއެވެ؟ ވިސްނާ މީހަކަށް މި ކުޅިގަނޑު ތަސައްވަރުވާނެއެވެ.

އަދުގެ ވެރިންދަނީ ޓެކުސް ގެ ނިޒާމުން ނާޖާއިޒް ފައިދާ ނަގަމުންނެވެ. ދެކޮޅަށް ބަސް ބުނެލާނެހެން ހީވާ މީހެއް ހުއްޓަސް، އެ މީހެއެގެ ގެއިން ހަތިޔާރު ފެނި، ނޫނީ އެހެން ކުށެއްގައި ބެދި ނިމިދަނީ ތޭރި ތަކުގެ ބިއްދޮށަށެވެ. ނިކަމެތި މީހާގެ މައްސަލަ ބަލާލާނެ ވަގުތެއް ނުވެ އެވެ. އެހެންކަމުން ކަން ނުވެ ނަން ވާ ސަރުކާރެއް ދައުލަތުގެ އޮޑީގެ ހުންގާނު ދީގެން ސަލާމަތުގެ އައްސޭރިއަކަށް ވާސިލް ވެވިދާނެތޯ އެވެ؟ މާލިމީކަމުގައި އިތުރަށް ބަހައްޓަން ހަދައިފިނަމަ ޒުވާން ޖީލު މެދު އުޑުގައި ފިޔަ ޖަހަމުން ނޭގުމެއްގެ ތެރޭގައި ހަލާކުގެ ތެރެއަށް ޣައިބު ވެދާނެތެވެ. ސަހަރޯއެވެ، ބަލަން ތިބެވޭކަށް ނެތެވެ. ބަސްބުނެ ކަންކުރަން ވީ ވަގުތް ޖެހުނީއެވެ. ވިސްނާ ހޯދާ ބަޔަކަށް އަދުގެ ހާލަތު ތަސައްވަރުވާނެ އެވެ!

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!