22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގިނަ ޒުވާނުންގެ މަޤްޞަދަކީ ކައިވެނި ކުރުން ކަމުގައި ނުދެންނެވޭނެ

“ބިޓުން” ނުނަގާ ހަމަ ނުވޭތަ ؟

މީގެ ކުރިން އަޅުގަނޑުމެންގެ ގައުމަށް އުފަންނުވާ އެތައްކަމެއް މިއަދު މިވަނީ މިގައުމަށް އުފަންވެ، ޤައުމުގައި ވަކި ހިއްޕާލާފައެވެ. އެކަމަކީ ހަރާމް ކަމެއްތޯ ނުވަތަ ހަލާލު ކަމެއްތޯ ވެސް ބަލާލަނީ ގައުމުގެ ނިސްބަތުން މަދުބައެކެވެ.

ދެޖިންސުގެ ޒުވާނުން ހިންގާ ލާދީނީ އަމަލުތައް އަޅުގަނޑުމެން ޒުވާނުންގެ ބަހުން “ބިޓުން ނެގުން” މިގައުމުގައި މިވަނީ ފެޝަނަކަށް ވެފައެވެ. ނަތީޖާ އަކަށް ވެގެންދަނީ ކައިވެންޏަކާއި ހަމަޔަށް ދިޔުމުގެ ކުރިން ގިނަ ފަހަރަށް އޮންނަނީ ކައިވެނިކޮށްގެން ކުރަންޖެހޭ ހުރިހާކަމެއް ކުރެވިފައެވެ. މިއީ ހިތާމަހުރިކަމެކެވެ.

މިކަމުގެ ސަބަބުން ޢިޖްތިމާއީ އެތަކެއް މައްސަލަތަކެއް ތަފާތު ސިފަސިފައިގައި ކޮންމެ ދުވަހަކުހެން މިދަނީ ފެންމަތިވަމުންނެވެ. ޒިނޭކޮށް ނަހަލާލަށް ލިބޭ ކުށެއްނެތް މައުސޫމް ކުދިންތައް ދިރިހުއްޓާ މަރާލުން ދެން މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ހިތާމައަކީ ދަރިން ހިންގާ މިފަދަ ލާދީނީ އަމަލުތައް ހުއްޓުވުމަށް މައިންބަފައިން ވެސް ނުކުޅެދިފައިވާ ކަމެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގިނަ ޒުވާނުންގެ މަޤްޞަދަކީ ކައިވެނި ކުރުން ކަމުގައި ނުދެންނެވޭނެ އެވެ. އަދި ދީނުގައި އޮންނަ ގޮތް އަޅުގަނޑުމެންގެ މުޖްތަމައުން ބަލައިގަނެވެނީ އާންމު ބަހުންނަމަ “ކަޓު” ކަމެއްގެ ގޮތުގަ އެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިއަދު ކަމުދާ ކަމަކަށް ވަނީ ހުޅަނގުގެ ވަހުޝީ ނާތަހުޒީބު ސަޤާފަތެވެ. ހަޤީޤަތަށް ބުނާނަމަ މިއީ ގެރިބަކަރިތަކުގެ އުސޫލެވެ. އެއްވެސް ހަމައެއްލަމައެއް ނެތެވެ. ތެދުތެދަށް ދަންނަވަނީނަމަ މިރާއްޖޭގެ މަގުތަކުގައި ލަދުން ހިނގަން ވެސް ނުކެރޭ ވަރަށް މިގައުމުގައި މިކަންތައް މިވަނީ ބޮއްސުން ލައިފައެވެ.

ލޯބީގެ ގުޅުންތަކުގައި އާޚިރުގައި މެދުވެރިވާ ދެރަގޮތްތައް ތަޙައްމަލު ކުރަންޖެހެނީ އަންހެން ކުދިންނެވެ. އެހެންކަމުން އަންހެންކުދިންނާއި އެކުދިން އާއިލާތަކުން މިކަންތަކަށް ވިސްނާ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން މަސައްކަތް ކުރަން ވެއްޖެއެވެ.

އަޅުގަނޑުގެ ދުޢާއަކީ މިގައުމުގެ ޒުވާން ޖީލު މިފަދަ ލާދީނީ އަމަލުތަކުގެ ޝިކަރާއަކަށް ނުވެ ކޮންމެކަމެއް ވެސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ހުދޫދުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމުގެ ހެޔޮ ތަޢުފީޤު މާތްﷲ އަޅުގަނޑުމެން އެންމެނަށް މިންވަރު ކުރެއްވުމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު