29 ޖޫން 2017 (ބުރާސްފަތި)


ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ސައީދު ބިން ޒައިދު 2

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

އިސްލާމްވުން

ޒައިދުގެ ފުރިހަމަ ތަރުބިއްޔަތު ލިބިވަޑައިގަތުމުގެ ނަތީޖާއަކީ އިސްލާމްދީން ފާޅުވުމާއިއެކު އެންމެ ފުރަތަމަ އިސްލާމްވި 10 މީހުންގެ ތެރޭގައި ސައީދު(ރއ) ވެސް ހިމެނުމެވެ. ސައީދު (ރއ) އާއިއެކު ސައީދު(ރއ)ގެ އަބިކަނބަލުން ފާތިމާ ބިންތި ޚައްތާބުވެސް އިސްލާމްވިއެވެ. ސައީދު (ރއ) އާއި ސައީދު(ރއ) ގެ އަބިކަބަލުން ފާތިމަތު ބިންތި ޚައްތާބު އިސްލާމްވިއިރު އެދެމަފިރިންނަކީ ޅަޒުވާނުން ނެވެ. މިޒަމާނުގެ ގޮތުންނަމަ 18 އަހަރުނުފުރޭ ކުޑަކުދިންނެވެ. ފާތިމަތު ބިންތި ޚައްތާބު އިސްލާމްވުމާއިއެކު އެކަމަނާ ވެގެން ގޮސްފައިވަނީ އެންމެ ފުރަތަމަ އިސްލާމްވީ މަދު އަންހެނުންގެ ތެރޭގައެވެ. އެގޮތުން ޚަދީޖަތުގެ ފާނަށްފަހު ފުރަތަމަ ނުވަތަ ދެވަނަ އަށް އިސްލާމްވި އަންހެނަކީ އެކަމަނާކަމަށްވެސް ރިވާވެއެވެ.

އިބުނު އައްބާސްގެ އަރިހުން ރިވާވެގެންވެއެވެ.

"އަބޫ ބަކުރުގެފާނުގެ މައިކަނބަލުންނާއި، އުސްމާނާއި، ތަލްހާ އާއި އައްމާރު ބުނު ޔާސިރާއި އަބްދުރަހުމާނު ބުނު އައުފާއި އައްޒުބައިރާއި ސައީދާއި ސައީދުގެ މަންމަ އިސްލާމްވިއެވެ".

އުމަރު (ރއ) އިސްލާމްވުމަށް ދިމާވި ހާދިޘާ ގުޅެނީ މިދެމަފިރިންނާއިއެވެ. އެއްދުވަހަކު، އުމަރު ބިން ޚައްތާބު ކީރިތި ރަސޫލާ (ސއވ) އަވަހާރަކޮށްލުމަށް ކަނޑިހިފައިގެން ނިކުމެގެން ދަނިކޮށް މަގުމަތިން ދިމާވި ބޭކަލަކު އުމަރު (ރއ) ގެ މިސްރާބު ބަދަލުކޮށްލެއްވީ ފާތިމަތު ބިންތި ޚައްތާބާއި ދިމާލަށެވެ. އުމަރު (ރއ) އެގެއަށް ވަދެވަޑައިގަތުމަށް ޓަކިޖެއްސެވުމުން ފާތިމަތު ބިންތި ޚައްތާބާއި ސައީދު ބުނު ޒައިދު ކިޔަވަމުން ގެންދެވި ޤުރުއާނުގެ އާޔަތްތައް ފޮރުއްވިއެވެ. އެދެމަފިރިންނަށް ގުރުއާން އުގަންނައިދެއްވުމަށް ހުންނެވި ޚައްބާބު ބުނު އަރަތު ފިއްލެވިއެވެ. ނަމަވެސް އުމަރު (ރއ) އަށް އެކިޔެވުމުގެ އަޑުއިވުނެވެ. އަދި މިކަމާއި ކޯފާ އިސްކުރައްވާ ސައީދާއި އަދި ފާތިމާ އާއި ކުރިމަތިލެއްވިއެވެ. މިކުރިމަތިލުމުގައި ފާތިމާ އަށް ލިބުނު ޒަޚަމުތަކުގެ ސަބަބުން އެކަމަނާ ކޯފާ އިސްކުރައްވާ ހަރުކަށި އުމަރު (ރއ) އަށް ފާޅުގައި ޗެލެންޖުކުރައްވައި އިސްލާމްކަން ފާޅުކުރެއްވިއެވެ. މިކަމުގެ ސަބަބުން އުމަރު (ރއ) އަށް ޤުރުއާނާއިމެދު ވިސްލާމުމަށް މަޖުބޫރުވިއެވެ. އަދި އެޤުރުއާނަކީ ހައްގުތެދުކަން އެގި އިސްލާމްވިއެވެ.

ހިޖްރަކުރެއްވުން

މައްކާގައި މުޝްރިކުން މުސްލިމުންނަށް ކުރަމުންގެންދިޔަ އަނިޔާތައް އިންތިހާ ދަރަޖައަށް ދިއުމުން ރަސޫލާ(ސއވ) މުސްލިމުން މަދީނާ އަށް ހިޖުރުކުރުމުގެ ހުއްދަދެއްވިއެވެ. މިހުއްދައާއިއެކު ސައީދު(ރއ) އާއި ސައީދު(ރއ) ގެ އަބިކަނބަލުން ފާތިމަތު ބިންތި ޚައްތާބު މަދީނާ އަށް ހިޖުރަ ކުރެއްވިއެވެ.

ޖިހާދުގެ މައިދާނުގައި

ކީރިތި ރަސޫލާ (ސއވ) ބައިވެރިވެވަޑައިގަތް ހުރިހާ ހަގުރާމައެއްގައިވެސް ސައީދު ބުނު ޒައިދު ބައިވެރިވެވަޑައިގަތެވެ. ނަމަވެސް، ބަދަރު ހަގުރާމައިގެ ކުރިން އެކަލޭގެފާނު ތަލްހާ (ރއ) އާއިއެކު މައްކާގެ ގުރައިޝުންގެ ވިޔަފާރި ގާފިލާތަކުގެ ޚަބަރު ބެއްލެވުމަށް ޝާމްކަރައަށް ވަޑައިގަތެވެ. އެދެބޭކަލުންނަށް މަދީނާ އަށް ވަޑައިގެނެވުނީ ބަދުރު ހަގުރާމައިން ފުރިހަމަ ނަސްރާއި ކާމިޔާބާއިއެކު މުސްލިމުންގެ ލަޝްކަރު މަދީނާ ވަޑައިގަނެވުނު ދުވަހުއެވެ. އުރުވާ (ރއ) ސައީދުގެ ބުނު ޒައިދުގެ ކިބައިން ރިވާ ކުރައްވާ ގޮތުގައި އެދެބޭކަލުންނަށް ބަދުރު ހަގުރާމައިގެ ޣަނީމާ މުދަލުން ބައި އެޅުއްވިއެވެ. އަދި ބަދުރު ހަގުރާމައިގައި ބައިވެރިވެވަޑައިގަތް ބޭކަލުންނަށް ލިބުނު ދަރުމައާއި ސަވާބު ލިބޭނެ ކަމަށް ކީރިތި ރަސޫލާ (ސއވ) ހަދީޘް ކުރެއެވިއެވެ. އެހެންކަމުން، ސައީދު(ރއ) ހިމެނިގެންދަނީ ބަދުރު ހަގުރާމައިގެ ބައިވެރިންގެ ދަރަޖާގައެވެ.

ސައީދު (ރއ) އަކީ ހަގުރާމަވެރި ކޮމާންޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭކަލަކަށް ނުވިނަމަވެސް، އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ކުޅަދާނަ، ހިތްވަރުގަދަ އަސްވާރެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ ހިތްވަރުފުޅަކީ މުސްލިމުންގެ ލަޝްކަރުތަކަށް ލިބޭ ފޯރިއާއި ޖޯޝެއްކަމަށް ފާޙަގަކުރެވެއެވެ. އެގޮތުން، ރޫމީންނާއިއެކު ކުރެވުނު ޔަރުމޫކު ހަގުރާމައިގައި އެކަލޭގެފާނު ދެއްކެވި ހިތްވަރުފުޅު ފާހަގަކުރެއެވެ.

ޔަރުމޫކު ހަގުރާމައަށް މުސްލިމުންގެ ލަޝްކަރު އެތުރިލިއިރު މުސްލިމުންގެ ލަޝްކަރުގެ އަދަދަކީ ގާތްގަޑަކަށް 24 ހާސް ކަމަށްވެއެވެ. ނަމަވެސް ދުޝްމަނުންގެ ލަޝްކަރުގެ އަދަދު އެއްލައްކަ އަށް އަރާކަމަށްވެއެވެ. ރޫމީންގެ ލަޝްކަރު އޮތީ އެޒަމާނުގެ ފުރިހަމަ ހަތިޔާރުން ގަހަނާ އަޅާފައެވެ. ދުޝްމަނުން ތިބީ ހަގުރާމައިގެ ދިދަތަކާއި އާއި ސަލީބުތައް ހިފާލާފައެވެ. އެހިނދު އީމާންތެރިކަން ބަލިކަލި މުސްލިމުންގެ ހިތަށް ބިރުވެރިކަން ވަދެގެންދިޔައެވެ. ނަމަވެސް، އަބޫ އުބައިދާ އާމިރު ބިން ޖައްރާހު ދެއްވި އަސަރުގަދަ ޚިތާބާއި މުސްލުމިންގެ ހިތްވަރުގަދަ ފަހުލަވާނުން ދެއްކެވި ހިތްވަރުގަދަ ބަސްފުޅުތަކުން މުސްލިމުންގެ ލަޝްކަރަށް ފުރިހަމަ ޖޯޝާއިފޯރިއައެވެ. މުސްލިމުންގެ ޖޯޝާއި ފޯރި އިތުރުވެގެން ދިޔައީ ދުޝްމަނުންގެ ހަމަލާތަކަށް ފަސްނުޖެހި ހިތްވަރާއި ފަންވަރާއި ސާބިތުކަމާއިއެކު މުސްލިމުންގެ ލަޝްކަރުން ނިކުމެ ރޫމީންގެ ލަޝްކަރާއި ދެކޮޅަށް ސައީދު އިސްވެ ހަމަލާފެށުމުންނެވެ. ސައީދު(ރއ)ގެ ހިތްވަރު ގަދަކަން އެހަގުރާމައިން ހަމައެކަނި ފެނިގެން ދިޔައީކީނޫނެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ ސަފުތަކަށް އިތުރު ނަފްސާނީ ހިތްވަރެއް ލިބުނެވެ.

މިހަގުރާމައިން ލިބުނު ކާމިޔާބީއަށްފަހު އަބޫ އުބައިދާ(ރއ) ގެ ލަޝްކަރު ދިމިޝްްގުވެސް ފަތަހަ ކުރިއެވެ. އެއަށްފަހު އެލަޝްކަރު ގުދުސާއި ދިމާލަށް އަމާޒުހިފީ ދިމިޝްގުގެ ގަވަރުނަރަކަށް ސައީދު(ރއ) އައްޔަންކޮށްފައެވެ. އެހެންކަމުން ސައީދު(ރއ) ވެގެންގޮސްފައިވަނީ ދިމިޝްގުގެ އެންމެ ފުރަތަމަ މުސްލިމު ގަވަރުނަރުގެ ގޮތުގައެވެ.

ނަމަވެސް، ސައީދު ބުނު ޒައިދަށް ވެރިކަމަކީ ހިތްހަމަޖެހޭ ކަމަކަށްނުވިއެވެ. އެކަލޭގެފާނު އެހިނދު އަބޫ އުބައިދާ(ރއ) އަށް ސިޓީއެއް ލިއުނެވެ،

"ކަލޭގެފާނަށް ސަލާމް ހުއްޓެވެ. ﷲ ފިޔަވައި ހައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. ކަލޭގެފާނާއި ކަލޭގެފާނާއިއެކުވާ މީސްތަކުންނަށް ޖިހާދު ކުރުމުގެ ދަރުމަ އާއި ސަވާބު ލިބިގެންދާތަން ބަލަން އަޅުގަނޑަކަށް ދުލެއް ނުކުރެވޭނެއެވެ. އަޅުގަނޑުވެސް އެކަލާގެ ޙަޟްރަތުން ދަރުމައާއި ސަވާބަށް އެދެމެވެ. އަޅުގަނޑުގެ މިސިޓީ ލިބުމާއިއެކު އަޅުގަނޑަށްވުރެ ވެރިކަން ބޭނުންވާ ބޭފުޅަކު ފޮނުއްވައިދެއްވާށެވެ. ﷲގެ އިޒުނަފުޅާއިއެކު ކަލޭގެފާނާއި އަޅުގަނޑު ބައްދަލު ކުރާހުށީމެވެ".

ސައީދު (ރއ) ހަވާލުވެފައިވާ ވެރިކަން ޔަޒީދު ބުނު އަބޫ ސުފިޔާނާއި ހަވާލުކުރުމަށްފަހު ހަގުރާމައިގެ މައިދާނަށް ނުކުންނެވިއެވެ. އެކަލޭގެފާނު ބޭނުންވަނީ ޝަހީދުވުމަށެވެ. ނުވަތަ ދިގުކާމިޔާބީއެކެވެ.

ކޫފާއަށް ވަޑައިގަތުން

އުމަރުގެފާނަށްފަހު ވެރިކަން ހަވާލުކުރާނޭ ޝޫރާ މަޖިލީހެއް އުމަރުގެފާނު ކަނޑައެޅުއްވިއެވެ. ނަމަވެސް، ސައީދު ބުނު ޒައިދު މިޝޫރާ މަޖިލީހުގައި ނުހިމެނެއެވެ. މިކަމާއި ގުޅޭ ސަބަބެއް ސާފުނުވިނަމަވެސް ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ސައީދަ(ރއ) އަކީ ވެރިކަމުގެ ތެރޭގައި އުޅުއްވަން ބޭނުންފުޅުވާ ބޭފުޅަކަށް ނުވާތީ އުމަރުގެފާނު ސައީދު އައްޔަން ނުކުރެއްވީއެވެ. ނަމަވެސް އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި ސައީދާއި އުމަރުގެފާނާއި ދެމެދު އޮންނަ އާއިލީ ގުޅުމުގެ ސަބަބުން ސައީދުގެ ނަން ޝޫރާ މަޖިލީހަށް ހުށަނޭޅުއްވީއެވެ. ސައީދަށް ވެރިކަން ލިބިއްޖެނަމަ އުމަރުގެފާނުގެ ގާތްތިމާގެ ބޭފުޅަކު ވެރިކަމަށް އައްޔަންކުރެވުނީ ކަމަށް ވާހަކަ ދެކެވިދާނެތީވެ އެޅުއްވި ފިޔަވަޅަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އުމަރުގެފާނަށްފަހު އުސްމާނުގެފާނަށް ސައީދު(ރއ) ބައިތުއަތު ހިއްޕެވިއެވެ. އަދި އަލީގެފާނަށްވެސް ބައިއަތު ހިއްޕެވިއެވެ. ނަމަވެސް، ފިތުނައިގެ ޒަމާނުގައި އެކަމާއި އެކަލޭގެފާު އެކަހެރިވެވަޑައިގަތެވެ. އެގޮތުން، ޖަމަލު ހަގުރާމައާއި ސިއްފީނު ހަގުރާމައިގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ސައީދު(ރއ) އެދުވަސްވަރު ޚިޔާރުކުރެއްވީ ހަމަހިމޭން ދިރިއުޅުއްވުމެކެވެ. އެގޮތުން، އުސްމާނުގެފާނުގެ ވެރިކަމުގެ މެދެއްހާ ތަނުގައި ސައީދު (ރއ) މަދީނާއި އިން ކޫފާ އަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. އަދި ކޫފާގައި ދިހަ އަހަރު ދިރިއުޅުއްވިއެވެ. އެއަށްފަހު މުއާވިޔަތުގެފާނަށް ވެރިކަން ލިބި ވެރިކަން ސީރިއާއަށް ބަދަލުކުރެއްވުމުން އަބުރާ މަދީނާއަށް ސައީދު ދިރިއުޅުއްވުން ބަދަލުކުރެއްވިއެވެ.

ކުރީގެ ލިއުންތައް

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ސައީދު ބިން ޒައިދު


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!