17 އޮކްޓޫބަރ 2017 (އަންގާރަ)


ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ސައީދު ބިން ޒައިދު 3

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ޔަޒީދަށް ބައިއަތު ހިއްޕެވުމާއި ދެކޮޅު ހެއްދެވުން

މުއާވިޔަތުގެފާނުގެ ވެރިކަމުގެ ފަހުކޮޅު މުއާވިޔަތަށްފަހު ވެރިކަމަށް ވަޑައިގަންނަވާނެ ބޭކަލެއްގެ ގޮތުގައި މުއާވިޔަތުގެ ދަރިކަލުން ޔަޒީދު ބުނު މުއާވިޔަތު ހުށަހެޅުމަށްފަހު އެކަލޭގެފާނަށް ބައިއަތު ހިއްޕެވުމަށް އިސްލާމީ ޚިލާފަތުގެ އެކިކަންކޮޅުތަކަށް މުއާވިޔަތުގެފާނު އެންގެވިއެވެ. މުއާވިޔަތުގެފާނުގެ އެންގެވުން އިސްލާމީ ދައުލަތުގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދިޔައެވެ. ނަމަވެސް، ސައީދު ބުނު ޒައިދު (ރއ) ޔަޒީދަށް ބައިއަތު ހިއްޕެވުމަށް އިންކާރުކުރެއްވިއެވެ. ސައީދުގެ އިތުރުން މަޝްހޫރު އެތަކެއް ސަހާބީންނެއް މުއާވިޔަތުގެ ވެރިކަމުގައި ޔަޒީދަށް ބައިއަތު ހިއްޕެވުމަށް އިންކާރުކުރެއްވިއެވެ. 

މަދީނާ ގަވަރުނަރު މަރުވާން ސައީދުގެ ބައިއަތުގެ މުހިންމުކަން ވިސްނިވަޑައިގެން މިޚަބަރު މުއާވިޔަތުގެ ފާނަށް ފޮނުއްވިއެވެ. އެހެނީ ސައީދަކީ މަދީނާގައި އެވަގުތު ދުނިޔޭގައި ތިއްބެވި އެންމެ އިސްއެއްސަހާބީއެވެ. އެވަގުތު ދުނިޔޭގައި ތިއްބެވީ ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި 10 ސަހާބީންގެ ތެރެއިން ދެބޭކަލުންނެވެ. އެއިގެ ތެރެއިން އެއްބޭކަލަކީ ސައީދެވެ. ދެވަނަ ބޭކަލަކީ ސައުދު ބުނު އަބީ ވައްގާސްއެވެ.

މީގެ އިތުރުން، ސައީދުގެ ބައިއަތު ހިއްޕަވައިފިނަމަ އެތަކެއް ބޭކަލުންނެއް ސައީދުގެ ފަހަތުން ބައިއަތު ހިއްޕަވާނެކަން ވަރުވާނަށް އެގިލައްވައެވެ. މިކަން މުއާވިޔަތަށް އެގިވަޑައިގެން ސައީދުގެ ބައިއަތު ހިއްޕެވުމަށް ސިފައިންގެ ބޭކަލަކު ފޮނުއްވިއެވެ. މިބޭކަލަކަށް އަމުރުވެވިގެންވަނީ ސައީދުގެ ބައިއަތު މައުވާނުގެ ކުރިމަތީގައި ޔަޒީދަށް ހިއްޕެވުމަށެވެ.

ޝާމުން އައި ސިފައިންގެ ގާޑު ސައީދުގެ ގެކޮޅަށް ވަޑައިގެން ޔަޒީދަށް ބައިއަތު ހިއްޕެވުމަށް މަދީނާގެ ގަވަރުނަރު އަރިހަށް ދިއުމަށް އަމުރުކުރިއެވެ. ނަމަވެސް، ސައީދު މިކަމާއި އިންކާރުކުރެއްވިއެވެ. އަދި ދެންނެވިއެވެ. "އަޅުގަނޑު އިންކާރުކޮއްފިނަމަ ހަނދާނީ ކިހިނެތްތޯ؟" އެހިނދު ގާޑު ސައީދަށް ދެންނެވީ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ވަޑައިގަތުމަށެވެ. މިކަމާއި ހިތްޕުޅު ހަމަޖެހިވަޑައިނުގެން ސައީދު ޖަވާބު ދެއްވިއެވެ. މުއާވިޔަތާއި އޭނާގެ ދަރިކަލުން ޖަހާލަތުގެ އަދިރިކަމުގައި ވަނިކޮށް މިދީން ހިމާޔަތްކުރުމަށް ހަނގުރާމަކުރީ ކޮންބައެއްކަން އެގޭތޯއެވެ. ސައީދު ދެއްވި ޖަވާބުން އިތުރަށް ސައީދަށް ބިރުދެއްކުމަށް ކެރިވަޑައިނުގެން ގާޑު އަބުރާވަޑައިގަތެވެ.

ދުނިޔެ ދޫކުރެއްވުން

އޭގެ ދުވަސްކޮޅެއްފަހުން ސައީދު މިފަނާވަނިވި ދުނިޔެ ދޫކުރެއްވީ މުއާވިޔަތުގެފާނުގެ ވެރިކަން ނުނިމެނީހެވެ. އެއީ ގާތްގަޑަކަށް ހިޖުރީ ސަނަތުން 51 ވަނަ އަހަރު ގައި ކަމަށް އިބުނު ކަޘީރުގެ އަލްބިދާޔާ ވަލްނިހާޔާގައި ބަޔާންކޮށްފައިވެއެވެ. އޭރު އުމުރުފުޅަކީ ގާތްގަޑަކަށް 73 ނުވަތަ 75 ވަރަކަށް އަހަރެވެ. ހިނެވުމުގެ ކަންތައްތައް ކުރިއަށް ގެންދެވީ އަބްދުﷲ ބުނު އުމަރު ބުނު ޚައްތާބެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ ހެޔޮޚަބަރު ލިބިވަޑައިގެންނެވި ދިހަބޭކަލުންގެ ތެރެއިން އެވަގުތު ދުނިޔޭގައި ހުންނެވި ހަމައެކަނި ސަހާބީ ކަމަށްވާ ސައުދު ބުނު އަބީ ވައްގާސްއެވެ. ފަސްދާނުލެވުނީ މަދީނާގެ ގަބުރުސްތާނު ކަމަށްވާ ބަގީއުގައެވެ.

ކުރެއްވި ކާވެނިތަކާއި ލިބިވަޑައިގަތް ދަރިން

ސައީދަށް 10 ބޭކަބަލުންގެ ފަރާތްޕުޅުން 30 ހަކަށް ދަރިން ލިބިވަޑައިގަތް ކަމަށް ވެއެވެ.

ނިމުން

ދުއާ އިޖާބަ ކުރައްވާ ބޭކަލެއްގެ ގޮތުގައިވެސް ސައީދު (ރއ) މަޝްހޫރުވެގެން ގޮސްފައިވެއެވެ. އެގޮތުން އެއްފަހަރަކު ސައީދުގެ އަވައްޓެރިއެއްގެ ގޯތިން ބައެއް ނަންގަވައިގެން އުޅުއްވާކަމަށް ދައުވާކުރިއެވެ. އެވާހަކަ އެކި މީސްމީހުންކައިރީގައި ދައްކަމުންގޮސް މަދީނާގެ ގަވަރުނަރަށްވެސް އެޝަކުވާ ހުށަހެޅައި އެކަމަށް ހުވާކުރިއެވެ. މިޝަކުވާ ސައީދު އަރިހަށް އައުމާއިއެކު ދެންނެވިއެވެ. އެއްވެސް ސަބަބެއްނެތި ގަދަކަމުން މީހެއްގެ ބިމަށް ވެރިވެގަންނަ މީހާ ނަރަކައިގައި ވާނެކަމަށް ރަސޫލު ﷲ (ސއވ) ހަދީޘް އަޑު އިވުނު ފަހުން އެއްވެސް މީހެއްގެ ބިމުން ތަންކޮޅެއް ނަމަވެސް ތިމަންކަލޭގެފާނު ނުނަންގަވަމެވެ. އަދި ތިޔަ ޝަކުވާ ކުރާ ބިން ގެންދަވާށެވެ. ނަމަވެސް، އަޅުގަނޑަކީ ކުށްވެރިއެއް ނޫންނަމަ އެކަމުގެ ބަދަލުގައި ކަމަނާގެ ލޯ އަދިރިކުރެއްވުމަށާއި އެބިމުގައި ނިކަމެތިގޮތަކަށް މަރުގެންނެވުމަށް ދުއާ ދަންނަވާހުށީމެވެ. މިދުނިޔެއަށް ލޯބި ޖެހިފައި ހުރިލެއް ބޮޑުކަމުން ޝަކުވާކުރި އަންހެންމީހާ ބޭނުންވީ ސައީދުގެ އެބިންކޮޅު ހޯއްދެވުމަށެވެ. ސައީދު އެބިން ދެއްވުމަށްފަހު އެފަދައިން ދުއާ ކުރެއްވިއެވެ. މާގިނަ ދުވަސްތަކެއްނުވެ އެކަމަނާ ލޯއަދިރިއެވެ. އެއަށްފަހު އެކަމަނާ އެބިމުގައިވާ ވަޅަކަށްވެއްޓި މަރުވިއެވެ. އެންމެފަހުން އެވަޅުން ނުނެގި ވަޅުވެގެންދިޔައީ އެކަމަނާގެ މަގުބަރާ އަށެވެ.

އުއްމަހާތުލް މުއުމީން ގެ ބޭކަބަލަކު (ރަސޫލު ﷲ (ސއވ) އަބިކަބަލުންގެ ތެރެއިން ބޭކަބަލަކު) އެކަމަނާގެ މައްޗަށް އިމާމުވެ ކަށުނަމާދު ކުރެއްވުމަށް ސައީދު ބުނު ޒައިދަށް ދެންނެވުމަށް، މިދުނިޔެ ދޫކުރައްވަމުން ވަސިއްޔަތްކުރެވިއެވެ.

ސައީދު ރިވާކުރެއްވި ހަދީޘްތައް ނިސްބަތުން ވަރަށްމަދެވެ. މުސްނަދު އިމާމު އަހުމަދު ގައި ވަނީ ސައީދުގެ ގާތްގަޑަކަށް 20 ހަދީޘެވެ. އެއީ ތަކުރާރުވެފައިވާ ހަދީޘް ހިމެނިގެނެވެ. ތަކުރާރުވެފައިވާ ހަދީޘްތައް އުނިކުރާނަމަ ގާތްގަޑަކަށް ހައެއްކަ ހަދީޘެވެ. ސަހީހު މުސްލިމުގައިވަނީ އެންމެ ދެ ހަދީޘެވެ. އަދި ސަހީހު ބުޚާރީގައި ވަނީ އެންމެ ހަދީޘެކެވެ.

ސައީދު ބުނު ޒައިދު ފަރާތުން ސަހީޙު ބުޚާރީގައި ރިވާކޮށްފައިވެއެވެ. ރަސޫލުﷲ (ސއވ) ހަދީޘް ކުރެއްވިއެވެ. "އަލް ކަމްއަތު" (މިއީ ވަރަށް އަގުބޮޑު މަޝްރޫމްގެ ބާވަތެކެވެ.) އަކީ މަންނަ ފަދަ އެއްޗެކެވެ. އަދި އޭގެ ދިޔައަކީ ލޮލުގެ ބަލިތަކަށް ފަރުވާއެކެވެ."

ސައީދު ބުނު ޒައިދު މަޝްހޫރު އަނެއް ހަދީޘަކީ ހެޔޮޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންނާއި ގުޅޭ ހަދީޘެކެވެ. ދިހަ ބޭކަލުންނަން ސަރީހަކޮށް ބަޔާންވެފައިވަނީ މިހަދީޘްގައެވެ. ސައީދު ބުނު ޒައިދު ރަސޫލު ﷲ(ސއވ) އަރިހުން ރިވާކުރެއްވިއެވެ. "އަބޫ ބަކުރު (ރއ) ވާހުށީ ސުވަރުގޭގައެވެ. އުމަރު (ރއ) ވާހުސީ ސުވަރުގޭގައެވެ. އުސްމާނުވާ ހުށީ ސުވަރުގޭގައެވެ. އަލީ ވާހުށީ ސުވަރުގޭގައެވެ. ތަލްހާ ވާހުށީ ސުވަރުގޭގައެވެ. އައްޒުބައިރު ވާހުށީ ސުވަގޭގައެވެ. އަބްދުއްރަހުމާނު ބިން އައުފު ވާހުށީ ސުވަރުގޭގައެވެ. ސައުދު ވާހުށީ ސުވަރުގޭގައެވެ." އެހިސާބުން ސައީދު ހުއްޓަވާލެއްވިއެވެ. އެހިނދު ޖަމާވެފައިވާ މީސްތަކުން ދެންނެވިއެވެ. "ﷲގެ ވަޖްހުފުޅައްޓަކައި 10 ވަނަ މީހަކީ ކާކުތޯ ދަންނަވާދެއްވާށެވެ." ސައީދު ދެންނެވިއެވެ " ﷲ ގެ ރަސޫލާ ދެންނެވިއެވެ. އަބުލް އައުވަރު ވާހުށީ ސުވަރުގޭގައެވެ." އަބުލް އައުވަރަކީ ސައީދުގެ ކުއްޔާއެކެވެ.

(ނިމުނީ)

ކުރީގެ ލިއުންތައް

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ސައީދު ބިން ޒައިދު 2

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ސައީދު ބިން ޒައިދު

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!