A wide advertisement which will be shown on all devices. (700 x 100)

ތަތާރުން – އެރުމާއި ވެއްޓުން

ތައާރަފް

މައްކާއިން ފާޅުވި އިސްލާމީ ދައުވަތު ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިރުން ހުޅަނގަށް ފެތުރުނެވެ. ފަންސާހަކަށް އަހަރު ތެރޭގައި މުޅި އަރަބިކަރަ ފަތަހަކޮށް އޭރުގެ ބޮޑެ ދެބާރު ކަމުގައި ފާރިސީންނާއި ރޫމީންގެ ބިންތައް ފަތަހަކުރިއެވެ. ކީރިތި ރަސޫލު ﷲ(ސއވ) ދުނިޔެ ދޫކުރެއްވުމަށް ފަހު ތެދުމަގު ލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިންގެ ދައުރުވެސް ނިމި އިސްލާމީ ވެރިކަން ރަސްކަމަކަށް ބަދަލުވިއެވެ. ނަމަވެސް އަޒުމަކަށް ބަދަލެއް ނައިސް އިސްލާމީ ވެރިކަން ސްޕެއިން އާއި ހަމައަށްފޯރިއެވެ. އިސްލާމީ ފުރަތަމަ ރަސްކަން ބަލިކަށިވެ ވެއްޓުނީ ދެވަނަ ރަސްކަމެއް އުފެދުމާއިއެކުގައެވެ. އާދެ! ހިޖުރީ ސަނަތުން 132 ވަނަ އަހަރު އައްބާސީންގެ ވެރިކަން އިރާގުކަރާގައި ގާއިމުކުރިއެވެ.

ބައިގަރުނަކަށް ވުރެ ދިގު އައްބާސީންގެ ވެރިކަން ވެސް ބަލިކަށިވާންފެށިއެވެ. ވަކިވަކި ދައުލަތްތައް އުފެދި އައްބާސީންގެ ވެރިކަން ހިގާ ހަމައެކަނި ސަރަހައްދަކީ އިރާގުކަރައި ކަމުގައިވިއެވެ. އޭރު އިސްލާމީ ވެރިކަން އޮތް ސަރަހައްދުތަކަށް ބަލާލާކަމުގައިވާނަމަ އިންޑިއާއިން ފެށިގެން އެފުރިކާގެ މަޣުރިބާއި ހަމައަށް އިސްލާމީ ވެރިކަން އޮތެވެ.

ނަމަވެސް ވަކިވަކި ވެރިކަން ތަކުގެ ގޮތުގައެވެ. ކޮންމެ ވެރިއަކުވެސް ބަލަބަލާ ތިބީ އަނެއްބަޔަކުގެ ވެރިކަން ވައްޓާލެވޭތޯއެވެ. އެދިއެދި ތިބީ އެފަދަ ފުރުސަތަކަށެވެ. ސިއްރިޔާތުގައި ހޯދަމުދިޔައީ އަނެއް ބަޔެއްގެ ވެރިކަން ވައްޓާލާނެ މަދަދުގާރެކެވެ. އެއީ މީގެ 800 އެތަށް އަހަރެއް ކުރިއެވެ. އިސްލާމީ ދައްމަރުން އަލިކަން ފާޅުވިފަހުން 600 އެއްހާ އަހަރު ކުރިއެވެ. އިސްލާމީ އުއްމަތް ބަލިކަށިވުމުގެ އަސްލަކީ އެއީއެވެ. އޭރާއި މިހާރާއި އެއްވެސް ތަފާތެއް އެބައޮތްތޯއެވެ!

އިސްލާމީ އުއްމަތުގެ ހާލަތު މިހާހިސާބަށް ގޮސްފައިވަނިކޮށް ހިޖުރީ ސަނަތުން ގާތްގަޑަކަށް 603 ވަނަ އަހަރު ޗައިނާގެ އުތުރުން މޮންގޯލިއާއިން ނުލަފާ ޖައްބާރު ވެރިއަކު ފާޅުވިއެވެ. އޭނާގެ އަސްލުނަމަކީ ތިމޯޖިން އެވެ. އެއީ އެއްގަމު މަސް ވިއްކުމުގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ ލީޑާޝިޕުގެ ދަށުން އެތައް ބަޔަކު އޭނާ އެއްކުރިއެވެ. އަދި އަމިއްލަ ވެރިކަމެއް އުފެއްދިއެވެ. އަދި ވެރިކަމުގެ ނަމެއްގެ ގޮތުގައި ޖެންކިޒް ޚާން ކަމުގައި ހަމަޖެއްސިއެވެ. ޖެންކިޒް ޚާންގެ މާނައަކީ ދުނިޔެމަތީގެ ރަސްކަލުންގެ ރަސްގެފާނެއެވެ. ނުވަތަ ވަރުގަދަ މީހާއެވެ. އެއީ، އޭގެ 53 އަހަރު ފަހުން ހިޖުރީ ސަނަތުން 656 ވަނައަހަރު އިސްލާމީ ހަޟާރަތުގެ މައި ތަނބު ކަމަށްވާ ބަޣުދާދު ތަޅާ ސުންނާފަތުކުރި ތަތާރުންގެ ވެރިކަމެވެ.

ތަތާރުން

ތަތާރުންނަކީ ޗައިނާގެ އުތުން ސަހަރާތަކުގައި ދިރިއުޅުބައެކެވެ. އެބައިމީހުންގެ ފަރާތުން އުފަންވި ދަރިފަސްކޮޅުގެ ތެރޭގައި މޮންގޯލިއާ މީހުންނާއި، ތުރިކީންނާއި އަދިވެސް އެފަދަ ދަރިފަސްކޮޅުތަކެއް ހިމެނެއެވެ. މީގެ ތެރެއިން ބަޣުދާދު ސުންފާތުކުރުމަށް އައި ޖެންކިޒް ޚާނުގެ މީހުންނަކީ މޮންގޯލިއާ މީހުންނެވެ. ނަމަވެސް އެމީހުންގެ އަސްލު ކަމަށްވާ ތަތާރުންގެ ގޮތުގައި އެމީހުންނަށް ނިސްބަތްކުރި އެވެ.

ތަތާރުންގެ ދީނަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމަކީ ދަތިކަމެކެވެ. އެބައިމީހުން ވަނީ އިސްލާމީ ބައެއް އަސާސްތަކާއި ނަސާރާއިންގެ ބައެއް އާދަތަކާއި އަދި ބުދަށްއަޅުކަން ކުރާ މީހުން ބައެއް ދީނީ އަގީތައް މަސްހުނިކޮށް “އަލް ޔަސާގު” ނަމުގައި ފޮތެއް ލިޔެފައެވެ. އެފޮތަކީ އެބައި މީހުންގެ ގާނޫނު އަސާސީއެވެ. އެބައި މީހުންގެ ދީނެވެ.

ތަތާރުންގެ ސަފުތައް ވަރަށް ބަދަހިއެވެ. އިންތިޒާމުތައް ފުރިހަމަވެފައި ރޭވުންތެރިކަން ވެސް އެހާފުރިހަމައެވެ. އަދަދުގެ ގޮތުން ގިނައެވެ. ހަމްދަރުދީއެއް ނުވަތަ އިންސާނިއްޔަތުކަމެއް އަމުދުން ނެތެވެ. ވައުދަކަށް ހުރުމަތްތެރިއެއް ނުވާނެއެވެ. އަހުދެއްވެއްޖިއްޔާ އުވާލާނެއެވެ. އެބައިމީހުން ނިކުތީ މުޅިދުނިޔޭގައި ވެރިކަން ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. އެެހެން ސަގާފަތެއް، ނަސްލެއް، ބަހެއް ބަލައެއްނުގަނެއެވެ. ނަސްލުނައްތާލުމުގެ ބޮޑެތި ޖަރީމާތައް ހިންގިއެވެ. އެބައިމީހުން ހިފާ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަ ހުރި ހުރިހާ ޚަޒާނާއެއް ނަގައެވެ. އަދި ބޮޑެތި ގަތުލު އާންމުތައް ހިންގައެވެ. ކުޑަކުއްޖަކަށް އަންހެނަކަށް ބެލުމެއް ނެތިއެވެ. ދަރިންނާއި ފިރިން ކުރިމަތީގައި އަންހެނުން ރޭޕުކުރުމައްފަހު މަރާލައެވެ. އަބޫ ޣުރައިބު ވާހަކަ ހަނދާން އެބަހުރިތޯއެވެ. ނަމަވެސް، އެއަށްވުރެ މާއަނިޔާވެރިއެވެ.

ދުނިޔޭގެ ހާލަތު

މުސްލިމުން އިތުރުން ދެވަނައަށް އެންމެ ނުފޫޒުގަދަ ބާރުވެރި ބަޔަކީ ސަލީބީން (ކުރޫސޭޑާސް) އެވެ. ސަލީބީން ނިސްބަތް ވަނީ ތަފާތުއެކިއެކި ވެރިކަންތަކަކަށެވެ. އެހުރިހާ ވެރިންވެސް ދިޔައީ މުސްލިމުންނާއި ދެކޮޅަށް ސަލީބީން އެއްކޮށް ހަގުރާމަކުރަމުންނެވެ. އެކިފަހަރު އެކިސަރަހައްދުތަކުގައެވެ. ހުޅަނގު ޔޫރަޕުން ފްރާންސާއި ޖަރުމަނާއި އިގިރޭސިން ދިޔައީ މެދުނުކެނޑި ސަލީބީން އެއްކުރަމުންނެވެ. ސްޕެއިންއާއި ޕޯޗްގަލްގެ ނަސާރާއިން ދިޔައީ މުސްލިމުންނާއި ދެކޮޅަށް ހަގުރާމަކުރަމުންނެވެ. ހުރިހާ ދިމާލަކުން ވެސް މުސްލިމުންނާއި ދެކޮޅުވެރިކަން ވަނީ ފާޅުވެފައެވެ.

ނަމަވެސް އިސްލާމީ އުއްމަތް އެކަތިގަނޑަށްނުވެއެވެ. އައްބާސީ ދައުލަތްވަނީ މުސްކުޅިވެފައެވެ. ބާރުހިގަނީ އިރާގުކަރައަށް އެކަންޏެވެ. ވެރިރަށަކީ ބަޣުދާދެވެ. އެއީ އޭރުގެ އެންމެ މީހުންގިނަ އެންމެ ބިޔަ ރަށެވެ. ނުވަތަ ސިޓީއެވެ. އިރާގުގައި ވެސް ވަކި ދައުލަތް އިއުލާންކޮށްފައިވާ ސަރަހައްދުތައްވެސް ވެއެވެ. ޚަލީފާއަށް މުހިންމީ ފައިސާ އެއްކުރުމާއި އޭނާގެ ދަރިފަސްކޮޅަށް ވެރިކަން ދެމެހެއްޓުމެވެ. ރާބުއިމާއި، މިއުޒިކާއި ދުނިޔެމަތީގެ މަޖަލުގައި ވަނީ ވެރިން ޖެހިފައެވެ.

ސީރިއާ، މިސްރު، ހިޖާޒު އަދި ޔަމަނުގައި ވެރިކަން ކުރަމުންދިޔައީ އައްޔޫބީންނެވެ. އެއީ ސަލާހުއްދީނު އައްޔޫބީއަށް ކާފަ ވިދާޅުވާ ދަރިންނާއި ދަރިންގެ ދަރިންނެވެ. ނަމަވެސް، އެބައިމީހުންނާއި ސަލާހުއްދީނާއި ހާސްބައި ތަފާތެވެ. އައްޔޫބީން ވެސް އެކަނތިގަނޑަކަށް ނުވެއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އެއާއިލާގެ އެއްމެންބަރު އަނެއްމެމްބަރާއި ހަގުރާމަކުރެތެވެ. ސީރިއާގެ ހަލަބާއި (އެލެޕޯ) އާއި ހިމްސް (ހޮމްސް) ގައިވަނީ ތަފާތު ދެވެރިކަމެކެވެ. ޖޯޑަން އާއި މިސްރުގައި ވެސް ވަނީ ތަފާތު ދެވެރިކަމެކެވެ. އަންދަލުސްގައި ވެރިކަން ކުރަމުންދިޔައީ މުވާހިދޫނުންނެވެ. ޗައިނާގެ ހުޅަނގުން ފެށިގެން އިރާނާއި ހަމައަށް ޚަވާރިޒްމްގެ ނަމުގައި ބޮޑު ވެރިކަމެއް އޮތެވެ. އެއީ އައްބާސީންނާއި އިދިކޮޅު ވެރިކަމެކެވެ. އިންޑިއާގައި އޮތް ޣޫރިސް ވެރިކަން އޮތީ ޚަވާރިޒްމް ވެރިކަމާއި ހަގުރާމަ ކުރާ ހާލަތުގައެވެ. އީރާނުގެ އެއްބައި ހަވާރިޒްމްގެ ވެރިކަން އޮތް އިރު އަނެއްބައި ކޮންޓްރޯލް ކުރަމުން ދިޔައީ ހައްދުފަހަޅާފައިވާ ޝިއާ ފިގުރާއެއްކަމަށްވާ އިސްމާއީލީންނެވެ. ތުރުކީގައި ސަލްޖޫކުން ވެރިކަން ކުރިނަމަވެސް އެއީ އޭރު އެހާވަރުގަދަ ވެރިކަމެއްނޫނެވެ. މިއީ ހައްތާވެސް މުސްލިމު ދައުލަތްތަކެވެ. މިދައުލަތްތަކުން، އެއް ދައުލަތް އަނެއް ދައުލަތާއި ހަގުރާމަކުރުން އާންމެވެ. ސިއްރު ރޭވުންތަކާއި ދޮގުވާހަކަފެތުރުން އާންމެވެ. ބަޣާވާތްކުރުމާއި ވެރިކަމާއި ދެކޮޅަށް ތެދުވުން އާންމެވެ. އަބަދުވެސް އެވެނި މިވެނި މީހާ ވެރިކަމާއި ދެކޮޅަށް ތެދުވި ވާހަކަ އާއި އެވެނި މިވެނި މީހާ މަރާލެވުނު އަޑު އިވިއިވި ހުރެއެވެ. އަޅުގަނޑުމެންގެ މިއަދުގެ ހާލަތާއި މެދު ވިސްނާލުންވެސް ބުއްދިވެރިއެވެ.

މައި ދެބާރުގެ އިތުރުން ރޫމީން ނުވަތަ ބައިޒެންޓައިންގެ ވެރިކަންވެސް މުޅިއަކުން ނުވެއްޓެއެވެ. އެވެރިކަމުގެ ބޮޑުބައެއް ނުވެއްޓިއޮތެވެ. ނަމަވެސް، އެއީ އާރެއް ބާރެއް ހުރިބައެއްނޫނެވެ. މިހާރުގެ ޖޯޖިއާގައި ކުރުޖުގެ ނަމުގައިވެސް އަމިއްލަ ވެރިކަމެއް އޮތެވެ. އަރުމީނިއާގައިވެސް އެފަދަ ވަކިވެރިކަމެއް އޮތެވެ.

ތަތާރުންގެ ވެރިކަން

ތަތާރުންގެ ވެރިކަން ހިޖުރީ ސަނަތުން ގާތްގަޑަކަށް 603 ވަނަ އަހަރު ފެށިގެން މަޑުމަޑުން ފުޅާކުރަމުންގޮސް އިރުމަތިން ކޮރެއާ ހަމައަށް ވާސިލުވިއެވެ. އަދި ހުޅަނގުން ޚަވާރިޒްމް އާއި ހަމައަށް ފޯރިއެވެ. އުތުރުން ސައިބީރިއާގެ ވާދީތަކާއި ހަމައަށް ފުޅާކުރިއެވެ. އަދި ދެކުނުން ޗައިނާ ކަނޑާއި ހަމައަށް ވާސިލުވިއެވެ. މިހާރުގެ ދުނިޔޭގެ ޗާޓުން ބަލާކަމުގައިވާނަމަ، މޮންގޯލިއާއާއި ޗައިނާ އާއި ވިއެޓްނާމާއި ތައިލޭންޑް، ކޮރެއާ، ނޭޕާލް، ބޫޓާން ސަރަހައްދުތަކަށް އެވެރިކަން ފުޅާވެފައިވެއެވެ. ތަތާރުންގެ ވެރިކަން އެސަރަހައްދުތަކަށް ފުޅާކޮށްފައިވަނީ އެހެން ބޮޑެތި ދައުލަތްތަކުންވެސް ބިރުގަންނަހާ އަވަހަށް އަނިޔާވެރިކޮށެވެ.

ތަތާރުންގެ ވެރިއަކަށް ހުރި ޖެންކީޒް ޚާން ދިޔައީ ބަޣުދާދު ސުންނާފަތިކުރުމަށް ވިސްނަމުންނެވެ. ނަމަވެސް، އެދަތުރުގެ ދުރުމަކާއި ވަށައިގެން ވާ މުސްލިމު ދައުލަތްތަކުގެ ގިނަކަމުން އެކަމަށް ފަހިކުރުމަށް އެހެން ރޭވުންތަކެއް މުހިންމެވެ. އެގޮތުން، އޭނާގެ ލޯއަމާޒުވީ ޚަވާރިޒްމްއަށެވެ. އޭރު ޚަވާރިޒްމްއާއި އެކު އެއްބަސްވުމެއް އޮތެވެ. އޭނާގެ ވެރިކަން އިރުމައްޗަށް ފުޅާކުރާ ހިނދު ހުޅަނގުން ނުރައްކަލެއް ނާންނާނެކަން ޔަގީންކުރުމުގެ ބޭނުމުގައެވެ. ހަމަ އެބީދައިން ޚަވާރިޒްމްގެ ރަސްގެފާނު މުހައްމަދު ޚަވާރިޒްމް ޝާހުވެސް ތަތާރުންނާއިއެކު އެއްބަސްވެފައިވަނީ އޭނާ އަށް ދެކުނުން އިންޑިއާ އަށާއި ހުޅަނގުން އައްބާސީންނާއި ދެކޮޅުވެރިކަން ހިގާއިރު އިރުމަތިން އަންނާނެ ހަމަލާއަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ނަމަވެސް، ޖެންކީޒް ޚަނަކީ އެއްބަސްވުމަށް އިހުތިރާމްކުރާ މީހެއްނޫނެވެ.

އިތުމަތި ފަތަހަކުރުމަށްފަހު ޖެންގީޒު ޚާނު ކުރިމަތިލީ ހުޅަނގުން ޚަވާރިޒްމް ދައުލަތާއިއެވެ. އިއްތިފާގުން އެދުވަސްވަރު އެއްބަސްވުމާއި ޚިލާފުވާނެ ސަބަބެއް ދިމާވިއެވެ. އެއީ ޚަވާރިޒްމްގައި ތަތާރުންގެ ވިޔަފާރިވެރިންތަކެއް މަރާލުމެވެ. އެމަރާއި ގުޅޭ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. އެއީ ވިޔަފާރިވެރިން ކަމަށް ހެދިގެން އައި ޖާސޫސޫން ކަމަށް ބުނެވޭއިރު އެއީ ހަމަޖެހުން ނަގާލުމަށް ތަތާރުން ފޮނުވި ބައެއް ކަމަށްވެސް ވާހަކަދެކެވުނެވެ.

އެއާއިއެކު ޖެންކީޒް ޚާން، ޚަވާރިޒްމް ދައުލަތަށް ޕްރެޝާކުރީ އެހާދިސާއާއި ގުޅުންހުރި ހުރިހާ އެންމެން އޭނާ އާއި ހަވާލުކުރުމަށެވެ. ނަމަވެސް، މުހައްމަދު ޚަވާރިޒްމް ޝާހު ބުނަމުންދިޔައީ އެމީހުންގެ ޝަރީއަތް ޚަވާރިޒްމްގައި ހިންގައި އެކަމުގައި ކުށްވެރިވާ ހުރިހާ އެންމެންނަށް ހަރުކަށި އަބަދު ދޭނެކަމުގެ ޔަގީންކަމެވެ. އެކަން ޔަގީންކުރުމަށް ޖެންކީޒް ޚާން ކަނޑައަޅާ ބަޔަކު ފޮނުވިދާނެ ކަމަށްވެސް ބުނަމުންދިޔައެވެ. މުހައްމަދު ޚަވާރިޒްމް ޝާހުގެ ހުށަހެޅުން ގަބޫލުނުކޮށް ޖެންކީޒް ޚާނު ހަގުރާމައަށް ތައްޔާރުވިއެވެ. އުޒުރެއް ބޭނުންނުވާ ޖެންކިޒް ޚާން ބަލަމުންދިޔައީ މުސްލިމުން ބިމަށް އަރާނެ އުޒުރަކަށެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މޫސާފުޅު

    ވަރަށް ރީތި ވާހަކައެއް.