13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

ތަތާރުންގެ އެރުމާއި ވެއްޓުން 2

ތަތާރުންގެ ހަމަލާތަކުގެ ފެށުން

ޚަވާރިޒަމުގައި މަރާލެވުނު ތަތާރުންގެ ބަދަލު ހިފުންކަމަށް އުޒުރު ދެއްކުމަށްފަހު ޖެންކީޒް ޚާން ދިމާކުރީ ޚަވާރިޒަމްގެ ދައުލަތަށް ހަމަލާދިނުމަށެވެ. ޚަވާރިޒަމްގެ ދައުލަތަކީ ނިސްބަތުން ބޮޑު ދައުލަތެކެވެ. ހުޅަނގު ޗައިނާއިން ފެށިގެން އީރާނުގެ ބޮޑު ބަޔަކާއި ހަމައަށް މިދައުލަތް ފުޅާވެފައިވެއެވެ. ދެކުނުން އިންޑިއާއާއި އެކު ބޯޑާ ހިއްސާކުރާ މިދައުލަތަކީ އައްބާސީންނާއި އިންޑިއާގެ ވެރިކަން ކުރަމުންދިޔަ ޣޫރިސް ދައުލަތާއި ދެކޮޅު ބައެކެވެ. އެހެންކަމުން، ތަތާރުން ޚަވާރިޒަމަށް ހަމަލާދޭން ފެށުމާއިއެކުވެސް ވަށައިގެންވާ މުސްލިމު ދައުލަތްތަކުން އެއްވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ނުދެއެވެ.

ޖެންކީޒް ޚާން ބިޔަ ބޮޑު ލަޝްކަރަކާއިއެކު ޚަވާރިޒަމަށް ހަމަލާދިނުމަށް އަންނަ ޚަބަރު ލިބުމާއިއެކު ޚަވާރިޒަމްގެ ރަސްގެފާނު މުހައްމަދު ޚަވާރިޒްމް ޝާހުވެސް ލަޝްކަރެއް ތައްޔާރުކޮށް ޖެންކީޒް ޚާނާއި ކުރިމަތިލުމަށް ނިކުތެވެ. މިދެލަޝްކަރު ބައްދަލުވެފައިވަނީ ސީރު ދަރުޔާ ކޯރުގެ އިރުންނެވެ. ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ހަތަރު ދުވަސްވަދެން ބަދަލުކުރެވުނެވެ. ހަތަރު ދުވަސް ފާއިތު ވެގެންދިޔަ އިރުވެސް އެއްވެސް ފަރާތަކަށް ކާމިޔާބެއް ލިބިފައެއްނުވެއެވެ. ގިނަ އަދަދެއްގެ ހަގަރާމަވެރިން ދިޔައީ މިދުނިޔެދޫކަރަމުންނެވެ. މިހަތަރު ދުވަހުގެ ހަގުރާމައަށްފަހު ޚަވާރިޒަމްގެ ރަސްގެފާނު މުހައްމަދު ހަވާރިޒްމް ޝާހުގެ ލަޝްކަރަށް ބަލާލިއިރު ގާތްގަޑަކަށް 20 ހާހެއްހާ މުސްލިމުން ވަނީ ޝަހީދުވެފައެވެ. އަދި ތަތާރުންގެ ލަޝްކަރުން އެއަށްވުރެސް ގިނަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، ތަތާރުންގެ ލަޝްކަރެއް އެއްވެސް އުއްޏެއް އައިސްފައިވާތަނެއް މުހައްމަދު ޝާހަކަށް ނުފެނުނެވެ. ސަބަބަކީ ތަތާރުންގެ ލަޝްކަރާއި އިރުއިރު ކޮޅާއި ގުޅެމުންދިޔަ ގާފިލާތައް ގިނަކަމުންނެވެ. އެހެންކަމުން، މުހައްމަދު ޝާހު އެންމެ ފަހުން ނިންމީ ހަގުރާމައިގެ މައިދާން ދޫކޮށް އޭނާގެ ލަޝްކަރު އަބުރާ ދިއުމަށެވެ.

ޝާހު ހަގުރާމައިގެ މައިދާން ދޫކުރުމަށްފަހު މިސްރާބުޖެހީ ހަވާރިޒްމްގެ ދަށުގައިވާ ބޮޑެތި ޝަހަރުތައް ސަލާމަތްކުރުމަށެވެ. އެގޮތުން، ހަވާރިޒްމްގެ ވެރިރަށްކަމަށްވާ އޯރުގެންޑާ އަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްފަހު ކުދި ޝަހަރުތަކާއި އަޅާނުލާ ދޫކުރިއެވެ. މުހައްމަދު އިބުނު ޚަވާރިޒްމް ޝަހު އިސްކަން ދިނީ އޭނާގެ ވެރިކަމާއި އޭނާ ޚާންދާނުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

މުހައްމަދު އިބުނު ޚަވާރިޒްމް ޝާހު ހަގުރާމައިގެ މައިދާން ދޫކޮށް ދިއުމާއިއެކު ޖެންކީޒް ޚާން އޭނާގެ ލަޝްކަރުތައް އަލުން އެކުލާވާލިއެވެ. އަދި މިބިޔަ ބޮޑެ ލަޝްކަރާއިއެކު ކަޒަކިސްތާނަށް ވަނެވެ. ޖެންކީޒް ޚާން ގެ ލަޝްކަރާއި ދެކޮޅަށް ތެދުވާނެ ބަޔަކު ނުވެ ތަތާރުން ކުރިއަރަމުންގޮސް ބުޚާރާއާއި ހަމަވިއެވެ.

ބުޚާރާއަށް ހަމަލާދިނުން

ތަތާރުންނާއި ކުރިމަތިލުމުގައި ބުޚާރާގެ އަހުލުވެރިންގެ ޚިޔާލު ތަފާތުވިއެވެ. ލޭއޮހޮރުވުމަކަށް ނުގޮސް ތަތާރުންނަށް ބުޚާރާ ހުޅުވާލަދިނުމަށް އެއްބަޔަކު ބުނަމުން ދިޔައިރު އަނެއް ބަޔަކު ބުނަމުންދިޔައީ ޖިހާދަށް ނިކުތުމަށެވެ. މި ޚިޔާލު ތަފާތުވުމުގައި ގޮތެއް ނުނިމި އެންމެ ފަހުން ބުޚާރާ ތަތާރުންނަށް ހުޅުވާލެވުނެވެ. އަދި ޖިހާދަށް ގޮވި ފަރާތްތައް ބުޚާރާގެ ކިއްލާއަށްވަނދެ ކިއްލާ ބަންދުކުރިއެވެ.

ބުޚާރާ ހުޅުވާލެވުމާއިއެކު ބުޚާރާގެ ރަށްވެހިންނަށް ޖެންކީޒް ޚާން އަމާންކަން ދިނެވެ. އަދި ކިއްލާ ހިސާރުކުރިއެވެ. ކިއްލާ 10 ދުވަހަށް ހިސާރުކުރުމަށްފަހު ކިއްލާއަށް ހަމަލާދީ ހުރިހާ މުޖާހިދުން ޝަހީދުކުރިއެވެ. އެއަށްފަހު ބުޚާރާގެ ޚަޒާނާ ދެއްކުމަށް އެދުނެވެ. މުޅި ޚަޒާނާއެއްކޮށް ނެގުމަށްފަހު ޖެންކީޒް ޚާން އޭނާގެ ލަޝްކަރަށް އެމީހުން ބޭނުންގޮތަކަށް ބުޚާރާގެ ރައްޔިތުންނާއިމެދު އަމަލުކުރުމުގެ ހުއްދަދިނެވެ.

އެއާއިއެކު މުޅިރަށުގައި ލޭގެ ކޯރުތައް ހެދުނެވެ. އަންހެނުންގެ އިއްފަތް ފޭރުނެވެ. ގެދޮރާއި، ސްކޫލްތަކާއި، މިސްކިތްތަކުގައި ރޯކުރިއެވެ. މަޝްހޫރު އިސްލާމީ ތާރީޚީ އިލްމުވެރިއެއްކަމަށްވާ އިބުނު ކަސީރު ލިއުއްވާފައިވެއެވެ. ތަތާރުން ބުޚާރާގެ އެތަށްބަޔަކު ޝަހީދުކުޅައެވެ. ޝަހީދުކުޅާ މުސްލިމުންގެ އަދަދު ދެނެވޮޑިގަތުން ބޮޑީ ﷲއެވެ. އެބައިމީހުން އަންހެނުން އަޅުވެރިކުރިއެވެ. އަދި އާއިލީ މެމްބަރުންގެ ކުރިމަތީގައި އަންހެނުންނާއި އަންހެންދަރިންގެ އިއްފަތް ފޭރިގަތެވެ. އެބައިމީހުންނާއި ދެކޮޅު ހަދާމީހަކު ޝަހީދުކުރެއެވެ. އަދި ބައެއްމީހުން ހައްޔަރުކޮށް އެކިވައްތަރުގެ އަނިޔާކުރެއެވެ.

އިބުނު އަސީރު ރަހިމު ﷲ ވިދާޅުވެފައިވެއެވެ. ހިގާދިޔަ ބިރުވެރި ހާދިސާތަކުގެ ސަބަބުން އެވާހަކަތައް ބަޔާންކުރުމަށް އެކަލޭގެފާނު ފަސްޖެހިވަޑައިގަތެވެ. އެތަކެއް މުސްލިމުންނެއް ގަތުލުވެގެންދިޔަ ވާހަކަ ބަޔާންކުރުމަށް ބޭނުންފުޅުވާނީ ކޮން ބޭފުޅެއްތޯ އެކަލޭގެފާނު ސުވާލުކުރައްވައެވެ. އެކަލޭގެފާނު އުފަންނުވިނަމައޭ ނުވަތަ އެކަލޭގެފާނު އޭގެ އެތައް ދުވަހެއް ކުރިން ނިޔާވި ނަމައޭ ވެސް ހިތަށް އަރާވަޑައިގަތްކަމަށް ވިދާޅުވެއެވެ. އެވާހަކަތައް ބަޔާންނުކޮށްފި ނަމަ އެއްވެސް މީހަކަށް ކުރާނެ ފައިދާއެއްނެތް ކަމަށް ހިތަށް އަރާވަޑައިގެން އެވާހަކަތައް ލިއުއްވަން ފެއްޓެވިއެވެ.

މިހުރިހާ ކަމެއް ހިގާފައިވަނީ ހިޖުރީ ސަނަތުން 616 ވަނަ އަހަރުގައެވެ.

ތަތާރުން ބުޚާރާއެއްކޮށް ސުންނާފަތިކޮށް އެތަކެއް މުސްލިމުން ޝަހީދުކުރުމުގެ އިތުރުން މުސްލިމުންގެ ތެރެއިން ބަޔަކު އަސީރުންގެ ގޮތުގައި އެމީހުންގެ ހަގުރާމަވެރި ގާފިލާތަކާއިއެކު ގެންދިޔައެވެ. އެގޮތުން ގެންދެވޭ ކޮންމެ 10 މީހަކަށް ދިދައެއްދެއެވެ. މިދިދަ ދިނުމުގެ ބޭނުމަކީ އެބައިމީހުންގެ ހަގުރާމަވެރިންގެ އަދަދު ގިނަކަން ދެއްކުމެވެ. އަދި އަސީރުންނަށް މުސްލިމުންނާއި ދެކޮޅަށް ހަގުރާމަކުރުމަށްވެސް މަޖުބޫރުކުރުވައެވެ. އެކަމާއި ދެކޮޅު ހަދާމީހެއްނަމަ ވަގުތުން ގަތުލުކުރެއެވެ. އަދި އެބައިމީހުންގެ ތެރެއިން ބަޔަކު ހައްޔަރުވެއްޖެނަމަ މިމުސްލިމުން ބޭނުންކުރަނީ އެބައިމީހުންގެ ހަގުރާމަވެރިން މިނިވަންކުރުމަށް ބަދަލުކުރެވޭ އަސީރުންގެ ގޮތުގައެވެ. ބުޚާރާއަށްފަހު ތަތާރުން ސަމަރުގަންދަށް މިސްރާބު ޖެހިއެވެ.

ސަމަރު ގަންދަށް ހަމަލާދިނުން

ސަމަރުގަންދަކީ މިހާރުގެ އުޒުބެކިސްތާނުގެ ބައެކެވެ. ސަމަރުގަންދުގައި 50 ހާސް ސިފައިންނާއި އެތަކެއް ރައްޔިތުންނެއް އޭރުވެސް ވަޒަންވެރިވެފައިވެއެވެ. ތަތާރުންގެ ލަޝްކަރު ސަމަރުގަންދާއި ހަމަލާދޭން އަންނަ ޚަބަރު ލިބުނުކަމަށްވި ނަމަވެސް ސަމަރުގަންދު ސަލާމަށްކުރުމަށް ތެދުވުމަށް ސިފައިންގެ ލަޝްކަރުތައް ދެކޮޅުހެދިއެވެ. ސިފައިންގެ މިދެކޮޅު ހެދުމާއި ގުޅިގެން އާންމުންގެ ތެރެއިން ބަޔަކު ނިކުމެ އާންމު ރައްޔިތުންގެ ލަޝްކަރެއް އެކުލަވާލިއެވެ. އާންމުގެ މިގޮވާލުމަށް 70 ހާސް ރައްޔިތުންގެ ނިކުތެވެ. ނަމަވެސް، އެބައިމީހުންނަކީ ހަގުރާމަވެރިންނެއްނޫނެވެ. ހަގުރާމަވެރިކަމުގެ ތަމްރީނުތަކެއް ލިބިފައި ނެތުމުގެ އިތުރުން ހަގުރާމައިގެ އުކުޅުތަކާއި ތަޖުރިބާ އަމުދުން ނެތްބައެކޭވެސް ދެންނެވިދާނެއެވެ. މުސްލިމުންގެ މިލަޝްކަރު ސަމަރުގަންދުން ނިކުމެ ތަތާރުންގެ ލަޝްކަރާއި ކުރިމަތިލިއެވެ. ހަގުރާމައިގެ ފޯރިގަދަވުމާއިއެކު ތަތާރުން މަޑުމަޑުން ފަހަތަށްޖެހެން ފެށިއެވެ. އެއާއިއެކު މުސްލިމުންގެ ލަޝްކަރުން އެމީހުން ފަހަތުން ހަމަލާދެމުން ދާން ފެށުމާއިއެކު މުސްލިމު ލަޝްކަރު ބައިބައިވެގެންދިޔައެވެ. އެދަޑީވަޅު ބަލައި މުސްލިމުންގެ ލަޝްކަރުގެ ބައިބަޔަށް ވަކިން ތަތާރުން ހަމަލާދީ ފަހަރަކު ބަޔަކު ޝަހީދުކުޅައެވެ. އެއަށްފަހު ތަތާރުން ސަމަރުގަންދަށް ވަންނަން ދިމާކުރިއެވެ. ސަމަރުގަންދު ސަލާމަށްކުރުމަށް މަސައްކަތްކުރާނެ ބަޔަކުނެތެވެ. އެހެންކަމުން، ތަތާރުން ފަސޭހަކަމާއިއެކު ސަމަރުގަންދަށް ވަދެ ހުރިހާ ހަތިޔާރުތަކާއި ޚަޒާނާތަކެއް ނެގިއެވެ. އެއަށްފަހު ބުޚާރާއެކޭ އެއްގޮތަށް އާންމުން ޝަހީދުކުޅަންފެށިއެވެ. އެންމެ ދުވަހުވެސް އެކަނި 50 ހާސް މުސްލިމުން ޝަހީދުކުޅަކަމަށްވެއެވެ. ސަމަރުގަންދު ހިފުމަށްފަހު ޖެންކީޒް ޚާން ސަމަރުގަންދުގައި ވަޒަންވެރިވިއެވެ. ސަމަރުގަންދުގައި މަޑުކުރުމަށް ޖެންކީޒް ޚާން ނިންމި ސަބަބުތަކުގެ ތެރޭގައި އެރަށޫގެ ރީތިކަމާއި އަދި ކުރިއަށްހުރި ހަމަލާތަކަށް ތައްޔާރުވުމާއި ހަގުރާމައިގެ ރޭވުންތައް ރޭވުމަށްޓަކައި ވަޒަންވެރިވީ ކަމަށް ބެލެވެއެވެ.

(ނުނިމޭ)

ކުރީގެ ލިއުންތައް

ތަތާރުންގެ އެރުމާއި ވެއްޓުން

banner


ކިޔުންތެރިންގެ ޚިޔާލު