A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ފަސްވަނަ ބައި)

މަރާޣާ ހިފުން
މަރާޣާ އަކީ އާޒަރުބައިޖާނުގެ ދެކުނުގެ ރަށެކެވެ. މިހާރުގެ ދުނިޔޭގެ ޗާޓުގައި މިރަށް ހިމެނިފައި ވަނީ އީރާނުގެ އުތުރު ޕްރޮވިންސެއްކަމަށްވާ އީސްޓް އާޒަރުބައިޖާނު ގައެވެ. ހިޖުރީ ސަނަތުން 618 ވަނަ އަހަރު ފެށީގެން އައިއިރު މަރާޣާގައި ވެރިކަން ކުރަމުން އައީ އަންހެކެނެވެ. އެއަހަރުގެ ސަފަރުމަހު 4 ވަނަ ދުވަހު ތަތާރުންގެ ލަޝްކަރު މަރާޣާއާއި ދިމާކޮށް ފަސޭހަކަމާއިއެކު އެރަށް ހިފިއެވެ. ތަތާރުންގެ ލާއިންސާނީ ރަހުމުކުޑަ އަމަލު ސިފަކުރައްވަމުން އިބުނު އަސީރު ރަހިމަހުﷲ ވިދާޅުވަނީ “ތަތާރުންގެ އަންހެނަކު ގެއަކަށްވަދެ އެގޭގެ ހުރިހާ އަހުލުން ޝަހީދުކުޅައެވެ. އެގޭގެ އަހުލުންގެ ތެރޭގައި ހިމެނޭ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންތައްވެސް ޝަހީދު ކުޅައެވެ”.

މަރާޣާއަށްފަހު ތަތާރުން ދިމާކުރީ އަރުބިލް ހިފުމަށެވެ. އަރުބީލަކީ މަރާޣާގެ ހުޅަނގުގައި އޮންނަ ޝަހަރެކެވެ. މިޝަހަރަކީ މިހާރުގެ އިރާގުގެ ބައެކެވެ. އަދި މޫސަލް އާއި އިންވެގެން އޮންނަ ޝަހަރެކެވެ. އެހެންކަމުން، ބަޣުދާދުގައި އޭރު ވެރިކަން ކުރަމުން އައި އައްބާސީންނަށް ސިހުންލިބުނެވެ. ތަތާރުން އަރުބީލަށްފަހު ބަޣުދާދަށް މިސްރާބު ޖަހާފާނެތީއެވެ. އެއާއިއެކު އައްބާސީންގެ ޚަލީފާ އައްނަސްރު ލީދީނިﷲ އައްބާސީންގެ ލަޝްކަރެއް ތައްޔާރުކުރުމަށް ގަސްދުކުރިއެވެ. އައްބާސީންގެ ވެރިއަކަށް 40 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޚަލީފާކަން ކުރެއްވި އަދި ޚަލީފާކަން ކުރައްވަމުނގެންދަވާ އައްނަސްރުގެ މި މިގޮވާލެއްވުމަށް ނިކުތީ އެންމެ 800 އެއްހާ ސިފައިންނެވެ. އެއީ އެއީ ބައިގަރުނަށްވުރެ ގިނަދުވަސްވަންދެން މުޅި ދުނިޔޭގެ އެންމެ ބާރުގަދަ ދައުލަތުގެ ގޮތުގައި އޮތް އައްބާސީންނަށް އޭރު އެއްކުރެވުނު އަދަދެވެ. މި ލަޝްކަރު ތަތާރުންނަށް ދިމާކުރުމަށް ނިކުމެ އަދަދުގެ ގޮތުން އެކަށީގެންވާ އަދަދަކަށްނުވާތީ ލަޝްކަރު ފަހަތަށް ޖައްސާލިއެވެ. ތަތާރުންނަށް މިމަންޒަރު ފެނުމާއިއެކު ސިފަކުރެވުނީ މިއީ ހަގުރާމައިގެ ރޭވުމެއްގެ ގޮތުގައެވެ. ދުނިޔޭގައި އެވަގުތު އޮތް އެންމެ ވަރުގަދަ ބޮޑު ދައުލަތުގެ ސިފައިންގެ ލަޝްކަރުން 800 އެއްހާ ސިފައިން ފެނުމުން، ތަތާރުން ނިންމީ މުސްލިމުންގެ ލަޝްކަރުގެ ބޮޑުބައެއް ފަހަތުގައި ފިލާވާނެ ކަމަށެވެ. އަދި މުސްލިމުންގެ ލަޝްކަރުގެ ފަހަތުން ގޮސްފިނަމަ ތަތާރުންގެ ލަޝްކަރު ވަށާލާ މުޅި ލަޝްކަރުގެ ދުވަސްދުއްވާލާނެކަމަށެވެ. އެހެންކަމުން، ތަތާރުން ލިބުނު ސިހުމާއި ލިބުނު ފުރުސަތުގެ ބޭނުންހިފާ ތަތާރުންގެ ލަޝްކަރު ވެސް މުސްލިމުންނާއި ކުރިމަތިލުމުގެ ބަދަލުގައި ފަހަތަށް ޖެހުނެވެ.

އެއަށްފަހު ތަތާރުން ދިމާކުރީ މަރާޣާގެ އުތުރުން ތަބުރީޒާއިއެވެ. އެއީ މިހާރުގެ އިރާނުގެ އެންމެ ހުޅަނގުބިތެވެ. ތަތާރުން އެޝަހަރާއި ހަމަލާދެއްވުމަށް ތައްޔާރުވަމުން އަންނަ ޚަބަރު ލިބުމާއިއެކު ޖިހާދަށް ގޮވާލާ ޖިހާދަށް ނިކުތުމުގެ ކެމްޕޭނެއް ފެށުނެވެ. މިޚަބަރު ލިބުމާއިއެކު ތަތާރުން ބިރުން އެރަށަށް ހަމަލާދިނުން ހުއްޓާލިއެވެ.
ތަތާރުންގެ ލަޝްކަރު ދެން ދިމާކުރީ ރަޝިއާއިއެވެ. ޗެޗުނިޔާއާއި ދާޣިސްތާނަށް ހަމަލާދިނުމުގެ ބަދަލުގައި ތަތާރުން ރަޝިއާ ސަރަހައްދަށް ވަދެގެން ގޮސް ވޮލްގާ ކޯރާއި ހަމައަށް ވާސިލުވިއެވެ.

ތަތާރުން މުސްލިމުން ބިންތަކަށް ހަމަލާދޭން ހިޖުރީ ސަނަތުން 616 ފެށިފަހުން 2 އަހަރު ތެރޭ މުސްލިމުންގެ އެތަށް ޝަހަރެއްވަނީ ސުންނާފަތިކޮށްފައެވެ. ދެއަހަރު ތެރޭ ތަތާރުން ހިފާފައިވާ ޝަހަރުތަކުގެ ތެރޭގައި މިހާރުގެ ދުނިޔޭގެ ޗާޓުގެ ދިހަ ވަވަރަކަށް ގައުމު ހިމެނެއެވެ. އެއީ، ކަޒަކިސްތާން، ތަޖަކިސްތާން، ތުރުކުމެނިސްތާން، އުޒުބެކިސްތާން، ޕާކިސްތާން ކަރުމާން ފިޔަވައި، އަފްޣާނިސްތާން، އީރާނުގެ ބޮޑުބައެއް، އާޒަރުބައިޖާން، އަރުމީނިއާ، ޖޯޖިއާ، އެވެ. ހިޖުރީ ސަނަތުން 619 ވަނަ އަހަރު ތަތާރުންގެ ލަޝްކަރުން އިތުރު އެހެން ބިމެއް ހިފާފައެއްނުވެއެވެ.

ހިޖުރީ ސަނަތުން 620 ވަނަ އަހަރު ތަތާރުންނާއި ރަޝިއާ މީހުންނާއި ދެމެދު ވަރުގަދަ ހަގުރާމައެއް ހިގިއެވެ. މިހަގުރާމައިގައި އަނެއްކާވެސް ތަތާރުން ބަލިވިއެވެ. އެއާއިއެކު ތަތާރުންނަށް ހިފާފައިވާ ބައެއް ތަންތަނުގެ ކޮންޓްރޯލް އެއްކޮށް ގެއްލުނެވެ. އެގޮތުން، ރަޝިއާ، ޗެޗުނިއާ، ޖޯޖިއާ، އަރުމީނިއާ، އާޒަރު ބައިޖާން، އިރާންގެ އުތުރުގެ ސަރަހައްދުތައް ހިމެނެއެވެ. ތަތާރުންގެ ކުރި ހަގުރާމަތަކަށް ބަލާލާއިރު ދޭތެރެ ދޭތެރެއިން އެބައިމީހުން ބަލިވެފައިވެއެވެ. ތާރީޚް ދިރާސާ ކުރައްވާ ބައެއްބޭފުޅުން ވިދާޅުވާ ގޮތުންނަމަ ގާތްގަޑަކަށް ކޮންމެ 20 ހަގުރާމައަކުން އެއް ހަގުރާމަ ތަތާރުންނަށް ގެއްލެއެވެ.

ތަތާރުންނަށް ރަޝިއާއިން ލިބުނު ނާކާމިޔާބީއާއި އެކު އަލުން އެބައިމީހުންގެ ފައުޖުތައް ތައްޔާރުކުރަން ފެށިއެވެ. މުސްލިމުންނަށް މިލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މިފުރުސަތުގައިވެސް މުސްލިމުންތައް އަވަސްވެގަތީ އެއްބަޔަކު އަނެއްބަޔަކާއި ހަގުރާމަކުރާށެވެ.

ތަތާރުން ބަލިވެ ފަހަތަށް ޖެހުނު މިރަނުގެ ފުރުސަތުގައި މުސްލިމުންގެ ހިފާފައިވާ ބިންތަކުން އަނެއްކާވެސް އާ ވެރިއަކު ފާޅުވިއެވެ. އާދެ! މުހައްމަދު ހަވާރިޒުމް ޝާހުގެ ދެވަނަ ދަރިކަލުން ޣިޔާސުއްދީނެވެ. ޣިޔާސުއްދީނު އިރާނުގެ އުތުން ފާޅުވެ ހަވާރިޒުމްގެ ހިފާފައިވާ ބިންތަކުގެ ވެރިކަމަށް ދައުވާކުރިއެވެ. އޭރު އަދި ޚަވާރިޒުމް ޝާހުގެ ފުރަތަމަ ދަރިކަލުން ޖަލާލުއްދީނު ދުނިޔޭގައި ހުންނެވިއެވެ. ނަމަވެސް، އޭރު ޖަލާލުއްދީނު ހުންނެވީ ތަތާރުންގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އިންޑިއާއަށް ވަޑަގެނެވެ.

ތަތާރުން ޝަހަރުތައް ހިފާ ސުންނާފަތި ކުރުމުގައި ބޮޑެތި ޝަހަރުތަކާއި މުހިންމު ޝަހަރުތަކަށް އިސްކަންދެއެވެ. އެހެންކަމުން ކޮންމެ ސަރަހަދެއްގެވެސް ހުރިހާ ޝަހަރެއް ސުންނާފައްޗެއްނުކުރެއެވެ. އަދި މުހިންމު ސިޓީތަކުގައި ބައިތިއްބަނީ ނިސްބަތުން މަދު ސިފައިންކޮޅެކެވެ. އެހެންކަމުން، އެފަދަ ސަރަހައްދުތަކުން ލީޑަރުން ފާޅުވެ ތަތާރުންނާއި ދެކޮޅަށް ހަގުރާމަކުރަމަށް ފުރުސަތު ލިބެއެވެ. ނަމަވެސް ތަތާރުން ދެކެ ގަންނާކުރައްވާ ބިރުންނާއި އުތްމަތަށް ހެޔޮއެދޭ ޖެހިލުންކުޑަ ލީޑަރުން މުސްލިމުންގެ ތެރޭގައި ނެތޭވެސް ދެންނެވިދާނެއެވެ. މިފަދަ ސަބަބުތަކާއި ގުޅިގެން ތަތާރުންނާއި ދެކޮޅަށް މުސްލިމުން އެއްކޮލާނެ ލީޑަރެއް ވަނީ ނުއުފެދިފައެވެ. މަދުމަދުން ނަމަވެސް، ނިކުންނަނީ ވެރިކަމަށް ދަހިވެތިވެގެން ނިކުންނަ ލީޑަރެކެވެ.

ޣިޔާސުއްދީން ފާޅުވެ އުތުރު އީރާން ޣިޔާސުއްދީންގެ ބާރުގެ ދަށަށްގެނައެވެ. އެހެންކަމުން އައްބާސީންނާއި ތަތާރުންނާއި ދެމެދުވާ ހުރަހަކަށް ޣިޔާސުއްދީނު ވަނީ ވެފައެވެ. މިކަމާއިހެދި ޣިޔާސުއްދީންވެސް އުއްމީދު ކުރައްވައިގެން ހުންނެވީ އައްބާސީން ޣިޔާސުއްދީނަށް މަދަދުވެރިވާނެކަމަށެވެ. ނަމަވެސް، ކަންތައް ދިމާކުރީ ދިމާއިދިކޮޅަށެވެ. ބަޣުދާދުގެ ޚަލީފާއަށް ޣިޔާސުއްދީނު ފެނިވަޑައިގަތީ ނުރައްކަލެއްގެ ގޮތުގައެވެ. އޭރު ތަތާރުންވަނީ އެބައިމީހުންގ ފައުޖުތައް އިތުރަށް ތަމްރީނުކުރުމަށް ފަހަތައްޖައްސާފައެވެ. މުސްލިމުންގެ ބިންތަކަށް ވަގުތީގޮތުން ވަނީ ބިރުވެރިކަން ފިލާފައެވެ. އެއާއިއެކު އައްބާސީން ޣިޔާސުއްދީނާއި ދެކޮޅަށް ތެދުވުމަށް ޣިޔާސުއްދީނުގެ ބޮޑުބޭބެ އިޣާން ތައިސީ ނެރުނެވެ.

ޣިޔާސުއްދީނާއި ތައިސީއާއި ދެމެދު ކުރެވުނު ހަގުރާމައިގައި ތައިސީ ބަލިވެ ޣިޔާސުއްދީނަށް ނަސްރު ލިބުނެވެ. އެއާއިއެކު އިޣާސުއްދީނާއި އައްބާސީންނާއި ދޭތެރޭ ނަފުރަތު އުފެދި އައްބާސީންގެ ދައުލަތުގެ ދެކުނުން އެންމެ ބޮޑު އެއްޝަހަރު ކަމަށްވާ ބަސްރާއަށް ހަމަލާ ދިނުމަށް ރޭވިއެވެ. އެހެނީ، ޣިޔާސުއްދީންގެ ބާރުގެ ދަށުގައިވާ އީރާންގެ ބިންތަކަކީ އިރާގުގެ އިރު ދެކުނުގެ ޝަހަރުތައް ކަމަށްވުމެވެ. އައްބާސީ ޚަލީފާއަށް މިޚަބަރު އިވުމާއިއެކު އެކަމަށް މަދަދުގާރެއް ހޯދުމަށް ރޭވިއެވެ. އެގޮތުން، އައްބާސީންގެ މުސްލިމު ޚަލީފާ، އަށް މަދަދަށް އެދެން އެންމެ އެކަށޭނެ ފަރާތެއްގެ ގޮތުގައި ފެނިވަޑައިގަތީ މުސްލިމުންގެ ބިންތައް ސުންނާފަތިކުރަމުންދާ ލާއިންސާނީ ތަތާރުންގެ ލީޑަރު ޖެންކީޒް ޚާނެވެ. އެހިނދު ޖެންކީޒް ޚާންގެ މަދަދަށް އެދުނެވެ. އައްބާސީންގެ ނަސީބު ރަގަޅުކަމުން މިފަހަރުވެސް އިރާގަށް އަންނާކަށް ތަތާރުން ނުވިސްނިއެވެ. އައްބާސީންގެ ޚަލީފާގެ އެދިލެއްވުމަށް ތަތާރުން އައިނަމަ އައްބާސީންގެ ޚަލީފާގެ އެދުމަށް ޣިޔާސުއްދީނާއި ޣިޔާސުއްދީނުގެ ވެރިކަމުގައިވާ ބިންތައް ސުންނާފަތުކުރުމާއިއެކު އައްބާސީންގެ ދައުލަތް ބިމާއި ހަމަކުރުމަކީ ކައިރިކަމެކެވެ. އެހެނީ މިހާތަނަށް ތަތާރުންގެ އަމަލުތައް ހުރިގޮތުން ހިމާޔަތް ދިނުމަށްފަހު ހިމާޔަތްދެވުނު ފަރާތްތައް ޝަހީދުކުރުމާއި އެފަދަ އެތަކެއް އަހުދެއް އުވާލާ ހަމަލާދިނުމާއި މިފަދަ ކަންކަމީ ތަތާރުންގެ ކަށީގައި ހިފާފައިވާ ކަންތައްތަކެކެވެ. އަދި ފަހުން ކަންތައް ވެގެންދިޔައީވެސް އެފަދަ ގޮތަކަށެވެ.

މުސްލިމުންގެ އުތުރު ބިންތަކުން ތަތާރުން ބަލިވުމާއި އެކު ކުރުޖުގައި އާދަޔާ ޚިލާފުކަމެއް ހިގިއެވެ. ކުރުޖު ތަތާރުންގެ ކިބައިން މިނިވަންވެ އެތަނުގައި ވެރިކަން ކުރަމުންއައީ އީސާއީ އަންހެނެކެވެ. އޭނާ މީހަކާ ނީދެ އިންނަނީ އޭނާއާއި އެކަށޭނެ ފިރިހެކަނު ނުލިބިގެނެވެ. މިޚަބަރު އިރާގުގެ އުތުރުން މިހާރުގެ ތުރުކީގެ ދެކުނުގައި އުފެދިފައިވާ ސަލްޖޫކްގެ ވެރިއަކަށް ހުންނެވި މުޣީސުއްދީން އަށް ލިބުނެވެ. މިއާއިއެކު މުޣީސުއްދީން އޭރާގެ ދަރިކަލުން އެއީސާއީ އަންހެނާގެ ކާވެންޏެއް ހުށަހެޅިއެވެ.

ނަމަވެސް، އެއީސާއީ އަނެހެނާ އެކަމާއި ދެކޮޅުހެދީ އެއީ މުސްލިމު ފިރިހެނަކަށްވާތީއެވެ. މިޚަބަރު މުޣީސުއްދީނަށް ލިބުމާއިއެކު އޭނާގެ ދަރިކަލުން ދީން ބަދަލުކުރައްވާނެ ކަމަށް ހުށަހެޅުއްވުމުން އެއަންހެނާ އެކާވެރި ގަބޫލުކުރިއެވެ. އަދި މުޣީސުއްދީނުގެ ދަރިކަލުން އީސާއީއަކަށްވެ އެކާވެނިކުރެއްވިއެވެ. މުސްލިމުންގެ ހާލަތު މިހާހިސާބަށް ދިއުމުން ދެންވާނީ ކިހިނެތްތޯއެވެ.

އެދުވަސްވަރު ގުދުރަތީ ކާރިސާތައް އިތުރުވިއެވެ. ވާރޭވެހުން މަދުވެ ހަނަފަސްކަން އިތުރުވިއެވެ. ކާބޯތަކެތީގެ އަގު އުފުލުނެވެ. އޭރު ދުނިޔޭގައި ތިއްބެވި މަޝްހޫރު އިލްމުވެރިން ކަމަށްވާ އިބުނު ކަސީރާއި އިބުނު އަސީރު މިފަދައިން ރިވާކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !