A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން (ހަވަނަ ބައި)

ޣިޔާސުއްދީނާއި ސާދުއްދީންގެ ކުރިމަތިލުން
ތަތާރުން އެބައިމީހުންގެ ލަޝްކަރު ވަރުގަދަކޮށް އެތެރޭގެ ރޭވުންތެރިކަން ރަގަޅުކުރުމަށްޓަކައި ހަގުރާމަތައް މަދުކޮށްފައިވާ މިދަޑިވަޅުގައި މުސްލިމުންގެ ތެރެއިން ވެރިންތައް ނިކުންނާންފެށިއެވެ. ތަތާރުންގެ ލާއިންސާނީ ރަހުމުކުޑަ އަމަލުތައް ތަހައްމަލު ކޮށްފައިވާ މުސްލިމުންގެ ބިންތަކުން ނިކުންނާންފެށި ވެރިންތަކަކީ ތަތާރުންނާއި ދެކޮޅަށް ނިކުތުމަށް ތެދުވި ވެރިންތަކެއް ނޫނެވެ. ނުވަތަ އިސްލާމްދީން މަތިވެރިކޮށް އެދީން ދަމަހައްޓަންނިކުތް ވެރިންތަކެއްވެސް ނުމެނޫންމެއެވެ. ތަތާރުންނާއި ދެކޮޅަށް ނިކުތުމަށް ތައްޔާރުވުމަށް މިލިބުނު މުހިންމު މިދަޑިވަޅުގައި ތެދުވި މުސްލިމު ވެރިންތައް ރާވަމުން ދިޔައީ އެބައިމީހުންގެ ވެރިކަން ފެތުރޭތޯއެވެ.

އެގޮތުން، ޣިޔާސުއްދީންވެސް ތައިސީ ބަލިކޮށް، ބަސަރާއަށް ހަމަލާދިނުމަށްފަހު އީރާނުން ދެކުނަށް މިސްރާބުޖެހިއެވެ. އެއާއިއެކު އަނެއްކާވެސް މުސްލިމުންގެ މެދުގައި ހަގުރާމައެއް ފެށުނެވެ. މިފަހަރު ޣިޔާސުއްދީން ކުރިމަތިލީ މުސްލިމުވެރިއަކާއިއެވެ. އާދެ! ސާދުއްދީން އިބުނު ދަކުލާ އެވެ. އެއާއިއެކު، ސާދުއްދީން އާއި ޣިޔާސުއްދީނާއި ދެމެދު ވަރުގަދަ ހަގުރާމައެއް ފެށުނެވެ. ވަކިފަރާތަކަށް ނަސްރު ނުލިބި އެތަކެއް މުސްލިމުންނެއް ދެފަރާތުން ޝަހީދުވެ މިހަގުރާމަ ދިގުދެމިދާނެކަމަށް ފެނުނު ހިނދު ދެފަރާތުން ވާހަކަދެއްކުމަށްފަހު ހައްލެއް ހޯދުމަށް ނިންމިއެވެ. އެއާއިއެކު، ދެފަރާތުން އެއްބަސްވެވުނީ އިރާގުގެ އިރުން އީރާނުގެ ހުޅަނގުގެ ސަރަހައްދު ދެބައިކުރުމަށެވެ. އެއީ މިޒަމާނުގެ ގޮތުން ބެލިކަމުގައި ވީނަމަވެސް ގައުމެއްގެ ބަޔަކަށްވުރެ ކުޑަ ތަންކޮޅެކެވެ. މިތަންކޮޅު ގައިވެސް ދެވެރިކަމެއް ކުރުމަށްޓަކައި ދެބައިކުރުމަށް ޣިޔާސުއްދީނާއި ސާދުއްދީން އެއްބަސްވިއެވެ.

މިއީ ހަމައެކަނި، އިރުމަތީގެ މުސްލިމު ދައުލަތްތަކުގެ ހާލަތެއް ނޫނެވެ. ހުޅަނގުން އަންދަލުސްގެ ހާލަތަކީވެސް މިއެވެ. އަންދަލުސްގައި އޭރުވެސް ވަކިވަކި ވެރިކަންތަކެއް ވަނީ ފެށިފައެވެ. އޭގެތެރެއިން އެއްރަސްކަލެއްގެ ދެދަރިން ތިއްބެވިއެވެ. އެރަސްގެފާނުގެ އަޖަލު ކައިރިވެއްޖެކަމަށް ހީކުރެވުނު ހިނދު އަރިސް ބޭކަލުން ގެންނަވައި އެރަސްގެފާނަށްފަހު ވެރިކަން ދެއްވާނެ ދަރިކަލަކާއި މެދު މަޝްވަރާކުރެއްވިއެވެ. އެއަށްފަހު އެރަސްގެފާނަށް ވިސްނުނީ އެރަސްގެފާނުގެ ވެރިކަން ދެބައި ކުރައްވާ ދެދަރިންނަށް ވަކިދެވެރިކަމެއް ހައްދަވައިދެއްވުމަށެވެ.

އިބުނު ކަސީރު ރިވާކުރައްވާ ގޮތުގައި މިއަހަރުވެސް ހިޖުރީ ސަނަތުން 621 ވަނަ އަހަރުވެސް ވާރޭވެހުން މަދުވެ ދަޑުބިންތަކަށް މަސްކާށިދޫނި ފަދަ ސޫފާސޫފި އަރައި ދަޑުބިންތައް ކައިހުސްކުރިއެވެ. އެއާއިއެކު ކާބޯތަކެތީގެ އުފެއްދުންތައް މަދުވެ އެތަކެތީގެ އަގު އުފުލުނެވެ.

ޖަލާލުއްދީން އެބުރި އައުން
ފަސްއަހަރު ވަންދެން އަރުވާލެވިގެން ހުރުމަށްފަހު ޖަލާލުއްދީނަށް، ތަތާރުން މުސްލިމުންގެ ބިންތަކަށް ދެމުންގެންދިޔަ ހަމަލާތައް މަޑުޖައްސާލާފައިވާ ޚަބަރު ލިބުނެވެ. އަދި އެނާގެ ކޮއްކޮ ޣިޔާސުއްދީން ވެރިކަމެއް ގާއިމުކުރި ޚަބަރެވެސް ލިބުނެވެ. އެއާއިއެކު ޖަލާލުއްދީން އެބުރި ޚަވާރިޒްމްގެ ބިމަށް އައުމަށް ނިންމިއެވެ. ޚަވާރިޒަމްގެ ބިމަށް އައުމަށްފަހު ޖަލާލުއްދީން ވެރިކަން ހޯދާނެގޮތަކާއިމެދު ވިސްނިއެވެ. އެއަށްފަހު ޖަލާލުއްދީނަށް ފެނުނީ މިވަގުތުކޮޅުގައި ކޮންމެވެސް އެއްވެރިއަކާއި ބައިވެރިވުމަކީ ޖަލާލުއްދީނަށް ވެރިކަން ހޯދުމަށް މުހިންމުކަމެއްގެ ގޮތުގައެވެ. އެވަގުތު އެސަރަހައްދުތަކުގައި ޖަލާލުއްދީންގެ ކޮއްކޮއާއި ސާދުއްދީން އިބުނު ދަޚުލާ ވެރިކަން ކުރަމުންގެންދިޔައެވެ. ޖަލާލުއްދީން އޭނާގެ ކޮއްކޮ ޣިޔާސުއްދީންގެ ބަދަލުގައި ނިންމީ ސާދުއްދީން އިބުނު ދަކްލާ އާއި އެއްބައިވުމަށެވެ.

އައްބާސީ ޚަލީފާ އަވަހާރަވުން
ހިޖުރީ ސަނަތުން 622 ވަނަ އަހަރު ރަމަޟާން މަހުތެރޭ އައްބާސީ ޚަލީފާ ނާސިރު ލީދީނިﷲ 47 އަހަރު ވެރިކަން ކުރުމަށްފަހު މިދުނިޔެ ދޫކުރިއެވެ. އައްބާސީ ޚިލާފަތުގެ އެންމެ ގިނަދުވަސްވަންދެން ޚަލީފާކަން ކުރެއްވި ނާސިރުގެ ވެރިކަމުގައި އިސްލާމީ އުއްމަތް އިތުރަށް ބައިބައިވެ ގިނަ ދައުލަތްތަކެއް އުފެދުނެވެ. އަދި މުސްލިމުންގެ މެދުގައި ވާދަވެރިކަން އިތުރުވެ ފިތުނަ ފަސާދަ އިތުރުވިއެވެ. ތާރީޚް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުންގައި އެޒަމާނުގައި ކަންތައްތައް ވަމުން ދިޔައީ އެމީހާގެ ނަމާއި ދިމާއިދިކޮޅަށެވެ. އެގޮތުން، ﷲ ގެ ދީނަށް ނަސްރުދިނުމުގެ ނަން ބޭނުންކުރެއްވި ޚަލީފާ ނާސިރު ލީ ދީނިﷲ އަށް ﷲގެ ދީނަށް ނަސްރު ދެވިފައެއްނުވެއެވެ. އިސްލާމީ ހަޟާރަތް އަލުން އާރާސްތުކުރުމަށް 47 އަހަރަކީ ކުރުމުއްދަތެއްތޯއެވެ. ނަމަވެސް ބަލިކަށީވެފައިވާ އިސްލާމީ ދައުލަތް ހަރުދަނާ ވުމުގެ ބަދަލުގައި ނާސިރުގެ ވެރިކަމުގައި އިސްލާމީ ދައުލަތް ދިޔައީ އިތުރަށް ބަލިކަށީވަމުންނެވެ.

މީގެ އިތުރުން މުސްލިމު އެހެން ވެރިންތަކަށް ބަލާލާއިރު، ޖަލާލުއްދީންނަށް ދީން މަތިވެރިކުރެވުނުތޯއެވެ. އަދި ޣިޔާސުއްދީނަށް ދީނަށް މަދަދުވެރި ވެވުނުތޯއެވެ.
ހަމައެބީދައިން އެދުވަސްވަރުގެ ކްރިސްޓިއަން ޕޯޕެއްކަމަށްވާ ޕޯޕް އިނޮސެންޓް 4 އަކީ އިނޮސެންޓް މީހެއްނޫނެވެ. އޭނާ އޭނާގެ މަންދޫބުންތަކެއް ޖެންކީޒް ޚާނާއި ބައްދަލުކުރުމަށް މިދުވަސްވަރު ފޮނުވިއެވެ. މިމަންދޫބުންގެ ބޭނުމަކަށްވީ އައްބާސީންނާއި ދެކޮޅަށް ތަތާރުން ނިކުތުމަށް ބާރުއެޅުމެވެ. ނަމަވެސް، ޖެންކީޒް ޚާން އޭނާގެ މިޒާޖުގައިވާ ގޮތުން އެފަދަ މީސްމީހުން ދައްކާ ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓަވައެވެ.

ޚަލީފާ ނާސިރުގެ ވެރިކަމުގައި ހިގި މުހިންމު ކަންތައްތަކުގެ ތެރޭގައި ސަލާހުއްދީން އައްޔޫބީ ހިޖުރީ ސަނަތުން 583 ވަނަ އަހަރު ފަލަސްތީނު މިނިވަންކުރުމާއި އޭގެ 6 އަހަރު ފަހުން 589 ވަނައަހަރު ސަލާހުއްދީން އައްޔޫބީ މިދުނިޔެ ދޫކުރުންވެސް ހިމެނެއެވެ. ބުނެވޭ ގޮތުގައި، މުހައްމަދު ޚަވާރިޒްމް ޝާހު ހަވާރިޒަމް ދައުލަތް އުފެއްދީވެސް ނާސިރުގެ ވެރިކަމުގައެވެ. ހަވާރިޒަމް ޝާހު އައްބާސީންގެ ނަން ޚުތުބާގަިއ ބޭނުން ކުރުން ހުއްޓާލާ އަމިއްލަ ދައުލަތަކަށް ހެދުމަށްފަހު އެދައުލަތުގެ ނަން ޚުތުބާގައި ބޭނުން ކުރަންފެށާފައިވަނީވެސް ޚަލީފާ ނާސިރުގެ ވެރިކަމުގައެވެ. ތަތާރުން މުސްލިމުންގެ ބިންތަކަށް ހަމަލާދޭން ފެށީވެސް ނާސިރުގެ ވެރިކަމުގައެވެ. ނާސިރުގެ ހަރުކަށިކަމާއި ގުޅިގެން ގިނަ ރައްޔިތުންތިބީ އެވެރިކަންދެކު ފޫހިވެފައެވެ.

ނާސިރަށްފަހު އައްބާސީ ދައުލަތް
ނާސިރަށްފަހު ނާސިރުގެ ދަރިކަލުން އަބޫ ނަސްރު މުހައްމަދު އުމުރުން 52 އަހަރުގައި ވެރިކަމަށް އައްޔަންވެ ވެރިކަމުގެ ނަމެއްގެ ގޮތުގައި ޒާހިރު ބިއަމްރިﷲ ގޮތުގައި މަޝްހޫރުވެގެން ދިޔައެވެ. ޒާހިރަކީ އޭނާގެ ބައްޕަފަދަ ޚަލީފާއެއްނޫނެވެ. ޒާހިރު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ދައުލަތް އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން، ވާރު (ޓެކްސް) އުނިކުރެއްވުމާއި ގަދަބާރުން ނަންގަވާފައިވާ ބިންތަކާއިތަކާއި މުދާތައް އޭގެ ވެރިންނަށް ރައްދުކުރެއްވުމާއި ދަރަނި އަދާކުރެއްވުމާއި ދައުލަތުގެ ޚަރަދުކުޑަކުރެއްވުން ހިމެނެއެވެ. މީގެއިތުރުން ދީނީ އިލްމުވެރިން އުފެއްދުމަށްވެސް ހޭދަކުރެއްވިއެވެ. އިބުނު އަސީރު ވިދާޅުވާ ގޮތުގައި އުމަރު ބުނު އަބުދުލް އަޒީޒަށްފަހު ޒާހިރުފަދަ އަދުލުވެރި ވެރިއަކު ނާދެއޭ ބުނެފިމީހާ ތެދުބުނެފިއެވެ.

ޒާހިރުގެ ވެރިކަމުގައި ބަޣުދާގުގައި ތަކެތީގެ އަގު ދަށްވެ ގައުމު އިސްލާހުގެ މަގަށް އެޅުވިއެވެ. އެއާއިއެކު މުސްލިމުންނަށް އުފާވެރިކަން ލިބުނެވެ. ނަމަވެސް، މުސްލިމުންގެ ނަސީބު ދެރައީ ކަމެއް ނުވަތަ އެޒަމާނުގެ މުސްލިމުންނަށް އެފަދަ ވެރިއަކާއި އެކަށީގެންނުވާތީ ނަމަވެސް ޒާހިރު މާގިނަ ދުވަހަކު ޚިލާފަތުގައި ހުންނެވޭ ގޮތެއްނުވިއެވެ. 9 މަސްދުވަހުގެ ވެރިކަމަކަށްފަހު ޚަލީފާ ޒާހިރު މިދުނިޔެ ދޫކުރެއްވިއެވެ. އެއަށްފަހު ވެރިކަމަށް އައްޔަންވީ ޒާހިރުގެ ދަރިކަލުން އަލް މުސްތަންސިރު ބިﷲ އެވެ.

އިބުނު އަސީރު ވިދާޅުވަނީ އެޒަމާނުގެ މީހުންނަކަށް ޒާހިރު ފަދަ ވެރިއަކާއި އެކަށީގެނެއް ނުވެއެވެ. އެހެނީ އެޒަމާނަކީ ފަސާދައިގެ ޒަމާނެކެވެ. އަރަބި ޅެންވެރިއަކު ބުނެފައިވެއެވެ. މިއަދު ތިޔަބައިމީހުން ސަލާހުއްދީން ފަދަ މުޖާހިދުންނަށް ގޮވަނީ ކީއްކުރައްތޯއެވެ. ސަލާހުއްދީން މިއަދު އައިނަމަ އެކަލޭގެފާނު ތިޔަބައިމީހުން ގަތުލުވެސް ކޮށްފާނެއެވެ. އެއީ އެޒަމާނުގެ ހާލަތެވެ. މިއަދު އަޅުގަނޑުމެންގެ ހާލަތު މިވަނީ އެއަށްވުރެވެސް ދަށު ދަރަޖައަކަށް ވެއްޓިފައި ނޫންތޯއެވެ.

ޖެންކީޒް ޚާން މަރުވުން
ހިޖުރީ ސަނަރުން 624 ވަނަ އަހަރު ތަތާރުންގެ ލީޑަރު ޖެންކީޒް ޚާން މަރުވިއެވެ. ޖެންކީޒް ޚާން ސަމަރުގަންދުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އޭރުވަނީ މޮންގޯލިއާއަށް ބަދަލުވެފައެވެ. ޖެންކީޒް ޚާން މަރުވުމަށްފަހު ޖެންކީޒް ޚާނުގެ ތިން ދަރިންގެ މެދުގައި ވެރިކަމަށް އަންނާނީ ކޮން ދަރިއެއްތޯ ބެލުމަށް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ވެރިއަކަށް އޮކިތައި އައްޔަންކުރުމަށް ނިންމިއެވެ. އެއަށްފަހު އޮކިތައިގެ ނަން އޮކިތައި ޚާނަށް ބަދަލުވިއެވެ.

އޮކިތައި ޚާންގެ ވެރިކަމަށް އައުމަށްފަހު ވިސްނުނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބިންތަކެއް ހިފިފައިވާތީ އެބިންތަކުގެ ވެރިކަން ވަރުގަދަކޮށް ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަކުރުމަށްފަހު ނޫނީ ހަމަލާތައް އަލުން ފެށުން ބުއްދިވެރިނޫންކަމެވެ. އެހެންކަމުން، އޮކިތައިގެ ވެރިކަމުގެ ކުރީކޮޅު މާގިނަ ހަމަލާތަކެއް ލިސްޓްކުރެވިފައެއްނުވެއެވެ. އޮކިތައިވެ ވެރިކަމުގެ މައިމަރުކަޒަކީ މޮންގޯލިއާއެވެ. ޖެންކީޒް ޚާން ސަމަރުގަންދު ހިފުމަށްފަހު އެތަނުގައި މަޑުކުރެއްވި ނަމަވެސް، ދުވަސްތަކަކަށްފަހު އަބުރާ މޮންގޯލިއާއަކީ ތަތާރުންގެ މައިމަރުކަޒު ކަމުގައި ހެދިއެވެ. އެއަށްފަހު އޮކިތައިވެސް މައިމަރުކަޒުކަމުގައި ބަލާފައިވަނީ މޮންގޯލިއާއެވެ.

ހިޖުރީ ސަނަތުން 624 ވަނަ އަހަރުން ފެށިގެން 628 ވަނަ އަހަރާއި ދޭތެރޭ މާގިނަ ކަންތައްތަކެއް ހިގާފައިވާކަމަށް އިސްލާމީ ތާރީޚުތަކަކުން ނުދައްކައެވެ. އިސްލާމީ ތާރީޚީ އިލްމުވެރިއެއްކަމަށް އިބުނު ކަސީރުގެ އަލްބިދާޔާ ވަލް ނިހާޔާގައި މި ދުވަސްވަރު ފާޙަގަކޮށްފައިވަނީ ވަރަށްވެސް މަދު ޚަބަރުތަކެކެވެ. ޝާމުގެ މުސްލިމު ވަލީއަހުދު ބޭނުންފުޅުވީ މިސްރުވެ ވެރިންނާއި ދެކޮޅަށް ސަލީބީންގެ އެހީތެރިކަން ބޭނުންވެ ހިޖުރި ސަނަތުން 626 ވަނަ އަހަރު ސަލީބީންނަށް ގުދުސް ހުޅުވާލަދިނެވެ.
(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !