10 އޭޕްރީލް 2020 ( ހުކުރު )

banner

ތަތާރުންގެ އެރުމާއި ވެއްޓުން (ހަތްވަނަ ބައި)

އަލުން ލަޝްކަރުތައް ރުކުރުވާލުން

ތަތާރުންގެ އާ ލީޑަރު އޮކިތައި ވެރިކަމުގެ ފުރަތަމަ 4 އަހަރު ދުވަސް ހޭދަކުރީ މުޅިންވެސް އޭނާގެ ލަޝްކަރު އަލުން ތަރުތީބުކުރުމަށެވެ. އެއަށްފަހު ހިޖުރީ ސަނަތުން 628 ވަނަ އަހަރު އަލުން މުސްލިމުންގެ ބިންތަކަށް ހަމަލާދިނުމަށް ތައްޔާރުވިއެވެ. އަދި އައްބާސީންގެ ޒަމާންވީ ދައުލަތް ސުންނާފަތުކުރުމަށް ނިންމިއެވެ. ފަސް ގަރުނު ނުވަތަ ބައި ސާސްކަފަކަށް ވެރިކަން ކޮށްފައިވާ އައްބާސީންގެ މައިމަރުކަޒު ކަމަށްވާ ބަޣުދާދަކީ އޭރުގެ އެންމެ ބިޔަ އެންމެ ވަރުގަދަ ޝަހަރެވެ. އެހެންކަމުން، އެޝަހަރަށް ހަމަލާދިނުމުގެ ކުރިން ވަށައިގެންވާ މުސްލިމު ބިންތައް އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ތަތާރުންގެ ލީޑަރު އޮކިތައި ނިންމިއެވެ. މުސްލިމުންގެ ބިންތައް ސުންނާފަތުކުރުމަށް ރާވާ އެކަމަށް އަމަލީ ސިފަ ގެނައުމަށް އިސްކޮމާންޑަރެއްގެ ގޮތުގައި ޝޮރުމަޖާން އިސްކުރިއެވެ.

ޝޮރުމަޖާން އޭނާއަށް ހަވާލުކޮށްފައިވާ މަސައްކަތަށް ނިކުމެ އެންމެ ފުރަތަމަ ވެސް ކުރިމަތިލީ ފަސް އަހަރު އަރުވާލެވިގެން އިންޑިއާގައި އުޅުއްވުމަށްފަހު ޚަވާރިޒަމްއަށް ހިޖުރަކޮށް އަލުން ވެރިކަމެއް ފަށައިފައިވާ ޖަލާލުއްދީނާއިއެވެ. ޖަލާލުއްދީންގެ ބާރުގެ ދަށުގައިވާ ބިންތަކަށް ތަތާރުން އަލުން ހަމަލާދޭން ފެށުމާއިއެކު ޖަލާލުއްދީން އޭނާގެ ބައްޕަފަދައިން ފިލަން ނިކުތެވެ. އެގޮތުން، އެއްޝަހަރުން އަނެއް ޝަހަރުން ދަތުރުކުރަމުން ގޮސް އިރާގުގެ އުތުރަށް ވާސިލުވިއެވެ. އެހިސާބުން ޖަލާލުއްދީނާއި ދިމާވި މީހަކު އޭނާއަކީ ކާކުތޯ ސުވާލުކުރުން އެއީ ޖަލާލުއްދީންކަން އެގުނެވެ. އަދި އޭނާގެ އަޚު ގަތުލުވެފައި ވަނީ ޖަލާލުއްދީނުގެ ސަބަބުންކަން އެގި ޖަލާލުއްދީނަށް އެހީވުމަށް ބުނެ ގެނެސް ޖަލާލުއްދީން ގަތުލުކުރިއެވެ.

ޖަލާލުއްދީން ލަޝްކަރު ބަލިކުރުމަށްފަހު ދާދިކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަތާރުން މުޅި އިރާން އެއްކޮށްކަހަލަ ގޮތަކަށް އެބައިމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އީރާނުގައި ތަތާރުންގެ ވެރިކަން ނުހިގާ ސަރަހައްދަކީ ހަމައެކަނި އިސްމާއީލީން ވެރިކަން ކުރަމުން އައި ކުޑަ ބިންކޮޅެއް އެކަންޏެވެ.

އީރާނަށްފަހު ޝޮރުމަޖާން އާޒަރުބައިޖާން ހިފިއެވެ. އެއަށްފަހު ހިޖުރީ ސަނަތުން 629 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ދުވަސް ވަންދެން ހަގުރާމަތައް މެދުކަނޑާލިއެވެ. އޭރު މުސްލިމުންގެ ޙާލަތު ބަޔާންކުރުމަކީ ދަތިކަމެކެވެ. މުސްލިމުންތައް ވަނީ މާޔޫސްވެފައެވެ. ޖިހާދުގެ މައިދާނަށް ނުކުތުމުގެ ހިތްވަރެއް ފަންވަރެއްނެތެވެ. ތަތާރުން ހަގުރާމަ މެދު ކަނޑާލާފައިމިވާ ދަނޑީވަޅުގައި މުސްލިމުންގެ ލަޝްކަރު އަލުން ރުކުރުވާލުމަށް ނުވަތަ މުސްލިމުން އެއްބައިވަންތަ ކުރުމަށް މަސައްކަތްކުރާނެ ލީޑަރެއް ވެސް ނެތެވެ. މި ފަސް އަހަރުތެރޭ މުސްލިމު އެންމެ ލަޝްކަރެއް ވެސް ތަތާރުންނާއި ދެކޮޅަށް ރުކުރުވާލެވިފައެއްނުވެއެވެ.

ފަސް އަހަރު ވަންދެން ހަގުރާމަ ހުއްޓާލުމަށްފަހު ހިޖުރީ ސަނަތުން 634 ވަނަ އަހަރު ޝޮރުމަޖާން އިރާނުގެ އުތުރުން ގަޒުވީންގެ ކަނޑުއައްސޭރިން ހުޅަނގަށް މިސްރާބު ޖެހިއެވެ. އަރުމީނިއާ، ޖޯޖިއާ، ޗެޗުނިއާ ހިފުމަށްފަހު ކުރިއަށް ލަޝްކަރު ދިޔައެވެ.

ޝޮރުމަޖާން އާއި މުސްލިމު ބިންތައް ސުންނާފަތި ކުރުމަށް ހަވާލުކުރެވިފައިވާ ބީދައިން ތަތާރުންގެ ލަޝްކަރުގެ ކޮމާންޑަރު ބަތޫ އާއި ހަވާލުކުރެވިފައިވާ ހުޅަނގުގެ ބިންތައް ހިފުމަށެވެ. ބަތޫގެ ކޮމާންޑަރު ކަމުގެ ދަށުން ރުކުރުވާލާފައިވާ ލަޝްކަރު އުތުރުން ރަޝިއާއަށް ހަމަލާދެމުން ގޮސް މޮސްކޯހިފިއެވެ. މި ލަޝްކަރުން ދެއަހަރު ތެރޭ މުޅި ރަޝީއާ ހިފިއެވެ. ރަޝިއާ ހިފުމަށްފަހު ޔުކުރޭން އަށް މިސްރާބުޖެހިއެވެ. އަދި ކިއޭވް ހިފުމަށްފަހު މުޅި ޔުކުރޭން އެބައިމީހުންގެ ބާރުގެ ދަށަށް ހިޖުރީ ސަނަތުން 638 ވަނައަހަރު ގެންދިޔައެވެ. ބަތޫގެ ލަޝްކަރުގެ އެއް ގާފިލާ ޕޮލެންޑަށް ހަމަލާދީ ޕޮލެންޑް ހިފިއެވެ. ޕޮލެންޑުން މަދަދަށްއެދި ޖަރުމަނުގެ ޕްރިންސް ހެންރީ ފޮނުވި ލަޝްކަރުވެސް އިސާހިތަކު ބަލިކޮށް ޕޮލެންޑް ތަޅާ ސުންނާފަތިކުރިއެވެ.

ބަތޫގެ ލަޝްކަރުގެ ތެރެއިން ޔުކުރެއިންގައި ގާއިމުވި ލަޝްކަރުން އަވަށްޓެރި ހަންގެރީއަށް ހަމަލާދީ ހަންގެރީ ހިފިއެވެ. އެއަށްފަހު ސްލޮވޭކިއާ އާއި ކޮރެއޭޝިއާ ހިފުމަށްފަހު އެޑްރިއެޓިކް ކަނޑުގެ އައްސޭރިއާއި ހަމައަށް ވާސިލުވިއެވެ. އެހާ ހިސާބުން ހިޖުރީ ސަނަތުން 639 ވަނަ އަހަރުތެރޭ ތަތާރުންގެ ލީޑަރު އޮކިތައި މަރުވިއެވެ. އެކަމާއި ގުޅިގެން ބަތޫއަށް އެބުރި ތަތާރުންގެ ވެރިރަށަށް ކައްރަކޯމް އަށް އާ ލީޑަރު އައްޔަންކުރުމަށް ދާންޖެހުނެވެ.

އާލީޑަރު އައްޔަންވުމާއި ހަގުރާމަތައް މެދުކަނޑާލުން

ތަތާރުންގެ އާލީޑަރެއްގެ ގޮތުގައި ގިއުކު އައްޔަން ކުރެވިއްޖެއެވެ. ގިއުކުގެ ސްޓްރެޓެޖީ އަކަށްވީ ވަގުތީ ގޮތުން އަނެއްކާވެސް ހަގުރާމަތައް މެދު ކަނޑާލުމެވެ. ގިއުކުގެ ވެރިކަމުގައި އެއްވެސް އާ ބިމެއް ހިފާފައެއްނުވެއެވެ. ގިއުކުގެ ވެރިކަން 639 އިން 646 އަށް 7 އަހަރު ދުވަހަށް ދިގު ދެމިގެން ދިޔައެވެ. މިދުވަސްތަކުގައި ސަލީބީން މަސައްކަތްކުރަމުން ދިޔައީ މުސްލިމުންގެ ވެރިކަން ވައްޓާލުމަށް ތަތާރުން އެބައިމީހުންނާ ބައިވެރިވެވޭތޯއެވެ. ތަތާރުން ޔޫރަޕަށް ހަމަލާދެމުންދާއިރު ވެސް އެހަމަލާތައް ހުއްޓުވުމުގެ ބަދަލުގައި އެބައިމީހުން ވާހަކަ ދައްކަން ބޭނުންވީ މުސްލިމުންނާއި ހަގުރާމަކުރުމަށް އެއްބައިވެވޭތޯއެވެ. ތަތާރުން އެބައިމީހުން ދެކެމުންދިޔައީ އެއީ ވަގުތީ ނުރައްކަލެއް ކަމަށެވެ. ދާއިމީ ނުރައްކަލަކީ މުސްލިމުންކަމަށެވެ. އެގޮތުން، ހިޖުރީ ސަނަތުން 644 ވަނަ އަހަރު ޕޯޕް އިނޮސެންޓް 4 ތަތާރުންނާއި މަޝްވަރާކުރުމަށް ގާފިލާއެއް ފޮނުވިއެވެ. މިބައިމީހުން މަޝްވަރާ ކުރަން ބޭނުންވީ މުސްލިމުންނާއި ދެކޮޅަށް ހަގުރާމަކުރުމަށް އެބައިވުމަށާއި ތަތާރުން އީސާއީދީން ގަބޫލުކުރުމަށެވެ. ނަމަވެސް، މިކަމާއި ގިއުކު އެހާ ހިތްހަމަޖެހޭ ގޮތެއްނުވިއެވެ. ސަބަބަކީ ގިއުކު ދެކޭގޮތުގައި އެވަގުތު ދުނިޔޭގައި ހުރި އެންމެ ބާރުގަދަ ލީޑަރަކީ އޭނާ ކަަމަށްވުމާއި އޭނާއަށް ސަލީބީ ދީން ހުށަހެޅުމެވެ. އެހެންކަމުން، ގިއުކު ހުށަހެޅީ އޭނާ ކުރާ ހަގުރާމައިގައި އޭނާއާއި ސަލީބީން ބައިވެރިވެ އޭނާގެ ވެރިކަން އެބައިމީހުން ގަބޫލުކުރުމަށެވެ.

އައްބާސީ ޚަލީފާ އަވަހާރަވުން

ހިޖުރީ ސަނަތުން 641 ވަނައަހަރު އައްބާސީ ޚަލީފާ މުސްތަންސިރު ބިﷲ އަވަހާރަވިއެވެ. އަދި މުސްތަންސިރު ބިﷲ ގެ ދަރިކަލުން އަބޫ އަހުމަދު އަބްދުﷲ ޚަލީފާކަމަށް އިސްކުރިއެވެ. އެއަށްފަހު، ޚިލާފަތުގެ ނަމެއްގެ ގޮތުގައި މުސްތައުސިމް ޚިޔާރުކުރިއެވެ. މުސްތައުސިމް ޚަލީފާކަމަށް އައްޔަންކުރެވުނީ މުސްތަންސިރުގެ ދަރިކަލަކަށްވުމުންނެވެ. ވިސްނުމާއި ހިކުމަތާއި ހިލްމަށް ބަލާއިރު މުސްތައުސިމްގެ ބޮޑުބޭބެ ޚަފާޖީ ވެރިކަމާއި މާއައުލާކަން ބޮޑެވެ.

ޚަފާޖީ އޭނާގެ ބޭބެ ވެރިކަމުގައި ބުނެފައިވާ ކަމަށް މުބާރަކްޕޫރީ މުރާޖައާކުރި އަކްބަރު ޝާހު ނަޖީބުއާބާދީގެ އިސްލާމީ ތާރީޚު ފޮތުގައި ލިޔެފައިވެއެވެ. “ވެރިކަމަށް އައްޔަން ވެއްޖެނަމަ ތަތާރުން ސުންނާފަތިކޮށް އެބައިމީހުންގެ ވަސް ޖެޖޫން ކޯރުން ބޭރަށް ފޮނުވާ ހުށީމެވެ”. ނަމަވެސް، ބަޣުދާދު ރައްޔިތުން ވެރިކަމަށް އިސްކުރީ ފިޑި ހިކުމަތްތެރިކަމެއް ނެތް މުސްތައުސިމެވެ. މުސްތައުސިމަކީ ސުންނީ މުސްލިމަކަށްވީ ނަމަވެސް އެންމެ އިސް ވަޒީރެއްގެ ގޮތުގައި ހައްދުފަހަނަޅާފައިވާ ޝިއާ ފިރުގާގެ މުއަޔުއްދީން އިބުނު އަލްގަމީ އައްޔަންކުރިއެވެ. އިބުނު އަލްގަމީ އިސް ވަޒީރުގެ ގޮތުގައި އައްޔަންވުމާއިއެކު ވެރިކަމުގެ ހުރިހާ ބާރުތަކެއް އޭނާގެ މުޝުތެރެއަށްލާ ޚަލީފާއަކީ އޭނާގެ ޕަޕެޓެއްގެ ގޮތުގައި ހެދިއެވެ. އެއާއިއެކު ޝިއާއީންނަށް ޚާއްސަ އިމްތިޔާޒުތަކެއް އަނެއްކާވެސް ހަމަޖެހިގެންދިޔައެވެ. މިއާއިއެކު ޝިއައީންނާއި ސުންނީންގެ ހަމަނުޖެހުން އިތުރާންފެށިއެވެ.

(ނުނިމޭ)ކިޔުންތެރިންގެ ޚިޔާލު


  1. ކަންޒު ކަހަނބު 17 އޭޕްރީލް 2019 16:04

    ވަރަށް މުހިންމު ލިޔުމެއް. ޝުކުރިއްޔާ ޓީމް މައިކަލް

  2. ދީބާޖާ 27 އޭޕްރީލް 2019 12:04

    މިވާހަކައިގެ އައްވަނަ ބަޔަށް އިންތިޒާރުކުރަން.