A wide advertisement which will be shown on all devices. (700 x 100)

އިތުރު ސަހާބީންގެ ތެރެއިން: ޒައިދު ބުނު ޘާބިތު

ހިޖުރައިން ދެވަނަ އަހަރެވެ. މަދީނާގެ ދެކުނުން ބަދުރުގެ މައިދާނަށް ދަތުރު ކުރުމަށް ތައްޔާރު ވަމުން ދަނީއެވެ. ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ އިންސްޕެކްޝަން ކީރިތި ރަސޫލާ (ސއވ) ހައްދަވައިފި އެވެ.

އުމުރުން ތޭރަ ވަރަކަށް އަހަރުގެ ޅަޒުވާނަކު މުސްލިމުންގެ ސަފުތަކުގެ ތެރެއަށް ވަދެއްޖެއެވެ. އޭނާ ހުރީ ހަގުރާމަށް ތައްޔާރަށެވެ. އަތުގައި އޮތް ކަނޑި ބަލާބެލުމަށް އޭނާގެ އިސްކޮޅަށްވުރެވެސް ދިގު ވާނެ ކަމަށް ބެލެވެއެވެ. އެޅަޒުވާނާ ކީރިތި ރަސޫލާ (ސއވ) ކުރިފުޅު މައްޗަށް ހުއްޓުމަށްފަހު ސަލާމް ގޮވާލުމަށްފަހު ދެންނެވިއެވެ.

“ﷲގެ ރަސޫލާއަށްޓަކައި އަޅުގަނޑުގެ ނަފުސް ފިދާވަމެވެ. ކަލޭގެފާނާއިއެކު ﷲ ގެ އަދުއްވުންނާއި ދެކޮޅަށް މިހަގުރާމައި ގައި ބައިވެރިވުމުގެ އިޒުނަފުޅު ދެއްވާށެވެ.”

އެޅަޒުވާނާގެ ހިތްވަރު ގަދަކަން ފާހަގަކުރި ނަމަވެސް އެޅަޒުވާނާ ހަގުރާމައި ގައި ބައިވެރިވެވޭ ވަރަށްވުރެ ޅަކަމަށް ނިންމާ ހަގުރާމަ ވެރިންގެ ލިސްޓުން ބާކީ ކުރިއެވެ. އެޒުވާނާ އެބުރި ހިގައިގަތް އިރު މޫނުމަތިން ފެންނަނީ ހިތާމަވެރިކަމާއި ހިތްދަތިކަމެވެ. ތަންކޮޅަކަށް ދިއުމަށްފަހު އަތުގައި އޮތް ކަނޑި ބިއްމައްޗަށް ހަރާލުމަށްފަހު އެކަނޑި ދޫކޮށްލައިފައި އެ ހިގައިގަތީ ވެފައިހުރި މާޔޫސް ކަމެއްގެ ބޮޑު ކަމުންނެވެ.

ކީރިތި ރަސޫލާ (ސއވ) އާއިއެކު ދުޝަމަނުންނާއި އެކު ކުރެވުނު ފުރަތަމަ ހަގުރާމައި ގައި ބައިވެރި ނުވެވުމުން އެޒުވާނާ އެހިތާމާގައި އޭނާގެ މަންމަ ވެސް ބައިވެރިވި އެވެ. ދަރިފުޅަށް މުޖާހިދުން ގެ ލިސްޓުން ޖާގަ ނުލިބުމުންނެ ނެވެ.

އޭގެ އަހަރެއް ފަހެއެވެ. މުސްލިމުން މުޝްރިކުންނާއި ދެކޮޅަށް ދެވަނަ ކުރެވުނު އުހުދު ހަގުރާމަ އަށް ތައްޔާރު ވަނީ އެވެ. ކަނޑި އާއި ލޮންސި އާއި ތީރާއި އައްޑަނަ ފަދަ ހަގުރާމަވެރި ގަހަނާ އަޅާ ފައި ތިބި ޒުވާނުން ކޮޅެއް މިހަގުރާމައި ގައި ވެސް ބައިވެރިވުމަށް ރަސޫލާ (ސއވ) އަރިހަށް ޖަމާވެއްޖެ އެވެ. މި ޒުވާނުންގެ ތެރެއިން ހަށިގަނޑުގެ ގޮތުންނާއި ހަގުރާމައި ގެ ހުނަރު ވެރިކަމަށް ބެލުމަށް ފަހު ރާފީ އިބުނު ޚާދިޖު އާއި ސަމޫރާ އިބުނު ޖުންދުބު ހަގުރާމަ އަށް ބައިވެރި ކުރި ނަމަވެސް އެއްކަލަ ޒުވާނާ އާއި އެކު ދެވަނަ ޚަލީފާ އުމަރު ބުނު ޚައްތާބު ގެ ދަރިކަލުން އަބްދުﷲ ޖެހުނީ އަބުރާ ގެއަށް ދާށެވެ.

ހަގުރާމައަށް ނިކުތުމަށް އިންތިހާ އަށް ބޭނުންވެފައިހުރި މިޒުވާނާއަށް ހަގުރާމައިގެ މައިދާނުގައި ފުރަތަމަ ބައިވެރިވެވުނީ ޚަންދަގު ހަގުރާމައި ގައެވެ. ނަމަވެސް، މިޒުވާނާ މުސްލިމުންގެ ތެރެއަށް މަޝްހޫރު ވެގެން ދިޔައީ ހަގުރާމަވެރި އެއްގެ ގޮތުންނެއް ނޫނެވެ. ގުރުއާނުގެ އިލްމަށް އަރާހުރި އުސްތާޒެއްގެ ގޮތުގައެވެ. އާދެ! އެއީ ކާކުތޯއެވެ. ގުރުއާން ލިއުމަށް ރަސޫލާ(ސއވ) އަށް ޚިދުމަތް ކުރެއްވި، އަދި ފަހުން ޤުރުއާން ޖަމައަ ކޮށް އެއްކުރުމުގެ އާރުކާޓީ އެއްގެ ރޯލު އަދާކުރި ޒައިދު ބުނު ޘާބިތެވެ.

ޒައިދު ބުނު ޘާބިތު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކީރިތި ރަސޫލާ(ސއވ)ގެ ރަސޫލުކަމުގެ ދެއަހަރެއްހާ ދުވަސް ފަހުންނެވެ. ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގެންނެވި އިރު ޒައިދުގެ އުމުރަކީ ގާތްގަޑަކަށް 11 ވަރަކަށް އަހަރެވެ. އަންސާރިއްޔަ ބޭކަލެއްކަމަށްވާ ޒައިދަކީ ހަގުރާމަވެރި ފަހުލަވާނަކަށް ނުވި ނަމަވެސް، ތޫނުފިލި ކަމުގެ ނަމޫނާ ބޭކަލަކެވެ. 

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !