29 އެޕްރީލް 2017 (ހޮނިހިރު)


އިތުރު ސަހާބީންގެ ތެރެއިން: ޒައިދު ބުނު ޘާބިތު (ދެވަނަ ބައި)

އިބްރާހިމް ލަތީފް
 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

(ދެވަނަ ބައި)

ޒައިދު ބުނު ޘާބިތު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކީރިތި ރަސޫލުﷲ(ސއވ)ގެ ރަސޫލުކަމުގެ ދެއަހަރެއްހާ ދުވަސް ފަހުންނެވެ. ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގެންނެވި އިރު ޒައިދުގެ އުމުރަކީ ގާތްގަޑަކަށް 11 ވަރަކަށް އަހަރެވެ. އަންސާރިއްޔަ ބޭކަލެއްކަމަށްވާ ޒައިދަކީ ހަގުރާމަވެރި ފަހުލަވާނަކަށް ނުވި ނަމަވެސް، ތޫނުފިލި ކަމުގެ ނަމޫނާ ބޭކަލަކެވެ.

އަނަސްގެފާނުގެ ވިދާޅުވާ ގުރުއާން ހިތުދަސް 4 ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެންމެ ހަގު ބޭކަލަކީވެސް ޒައިދު ބުނު ޘާބިތެވެ. ވަރަށް ހަގު އުމުރުފުޅުގައި ކީރިތި ރަސޫލުﷲ (ސއވ) އަރިހުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ޒައިދު ބުނު ޘާބިތަށް ލިބިވަޑައިގަތެވެ.

ޒައިދަށް ރަސޫލުﷲ (ސއވ) އަރިހުގައި މަސައްކަތް ކުރުމުގެ މަގުފަހި ވެގެން ދިޔައީ އެކަލޭގެފާނު ދަސްފުޅު ކުރައްވާފައިވާ ކީރިތި ގުރުއާނުގެ ސޫރަތްތަކުގެ ތެރެއިން ބައެއް ސޫރަތްތައް ރަސޫލުﷲ (ސއވ) އަށް ހުށަހަޅައިދެއްވުމުންނެވެ. ޒައިދުގެ ކިޔެވުން އަޑުއައްސަވައި ކީރިތި ރަސޫލުﷲ (ސއވ) ޚާއްސަ ކާތިބެއްގެ ދަރަޖަ އެކަލޭގެފާނަށް ދެއްވިއެވެ. އެގޮތުން ގުރުއާން ބާއްވައިލެއްވުމުން ގުރުއާނުގެ އެއާޔަތްތައް ލިޔުއްވުމަށްޓަކައި އެންމެ އާންމުކޮށް ގޮވާލެވޭ ފަރާތެއްގެ ގޮތުގައި ޒައިދު އައްޔަންވެގެން ދިޔައެވެ. ޒައިދަކީ ހަމައެކަނި ގުރުއާނު ލިއުނު ކާތިބެއްނޫނެވެ. ގުރުއާން ލިއުމުގެ މަސައްކަތުގައި ގާތްގަޑަކަށް 40 އެއްހާ ސަހާބީން ހަރަކާތްތެރިވި އިރު އޭގެތެރެއިން ޒައިދަކީ ފަހަގަކުރެވޭ އިސްފަރާތެކެވެ. އެކަލޭގެފާނު ހަމައެކަނި ގުރުއާން ލިއުއްވީކީ ނޫނެވެ. އެހެން ސަހާބީން ލިއުއްވާފައިވާ އާޔަތްތައް އެއްކުރައްވައި ރަސޫލުﷲ (ސއވ) ބެއްލެވުމުގެ ދަށުން ތަރުތީބު ވެސް ކުރެއްވިއެވެ. އެހެންކަމުން، އެކަލޭގެފާނު ބޮޑުފުޅު ވެގެން ގޮސްފައިވަނީ ކީރިތި ގުރުއާނުގެ އާޔަތްތަކުގެ ތެރޭގައެވެ. އެއާޔަތްތައް ބާއްވައި ލެއްވުމާއި ގުޅޭ ހާދިޘާ ތަކަށް އެކަލޭގެފާނު ލޯފުޅު ހުޅުވުނެވެ. ނަތީޖާއެއްގެ އިސްލާމީ ޝަރީއާގެ ދާއިރާއިން އެކަލޭގެފާނުގެ ނަންފުޅު ޒުވާން އުމުރުފުޅުގައި ވިދާލިއެވެ. އިސްލާމީ ޝަރީއަތުގެ ކަންތައްތަކަށް އޮޅުންފިލުވުމުގައި ސަހާބީން އެކަލޭގެފާނަށް ބަރޯސާވުން އިތުރުވެގެން ދިޔައެވެ.

މީގެއިތުރުން، ޒައިދަކީ ތަފާތު އެކި ބަސްތައް ދަސްކުރެއްވުމުގައި ވެސް ނަމޫނާ ބޭކަލެކެވެ. އެކަލޭގެފާނުގެ ތޫނުފިލިކަން ވިސްނެވުމަށްފަހު ޔަހޫދީން މޮށެއުޅޭ ބަސް އިތުރު އެކަލޭގެފާނަށްޓަކައި ދަސްކުރެއްވުމަށް ރަސޫލުﷲ (ސއވ) ދެންނެވިއެވެ. ކީރިތި ރަސޫލުﷲ (ސއވ) ގެ މިބަސްފުޅަށް ހިތާއި ރޫހުން މަސައްކަތް ކުރައްވައި 15 ވަރަކަށް ދުވަސް ތެރޭގައި ޔަހޫދީން މޮށެއުޅޭ ބަސް ކަމަށްވާ ހެބުރޫ އިން ލިޔަން ކިޔަން ދަސްކުރެއްވިއެވެ. އެއަށްފަހު ސީރިއާ ބަސް، އިތިއޯޕިއާބަސް، ފާރިސީ ބަސް ފަދަ ބަސްބަސް ވެސް ދަސްކުރެއްވިއެވެ. އެއާއިއެކު ޒައިދު ވެގެން ގޮސްފައިވަނީ ކީރިތި ރަސޫލު ﷲ (ސއވ) ގެ ޚާއްސަ ތަރުޖަމާނެއްގެ ގޮތުގައެވެ. ޔަހޫދީންނާއި އެކު ކުރެވޭ މުއާމަލާތާއި އަދި އެފަދަ ބިދޭސީ މުއާމަލާތްތަކުގައި ޒައިދުގެ ދައުރު ފުޅާވެގެން ދިޔައެވެ.

ކީރިތި ރަސޫލު ﷲ (ސއވ) އަށްފަހު އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މުރުތައްދުވީ މީހުނާއި ކުރެވުނު ހަގުރާމައިގައި ގުރުއާން ހިތުދަސް އެތަށް ބޭކަލަކު ޝަހީދުވުމާއި ގުޅިގެން ގުރުއާން އެއްކޮށް ޖަމާ ކުރުމަށް، އުމަރުގެފާނުގެ ބާރު އެޅުއްވުމާއިއެކު، އަބޫބަކުރުގެފާނު ގުރުއާން ޖަމާ ކުރެއްވުމަށް ނިންމެވި ހިނދު، އެކަލޭގެފާނު ގޮވާލެއްވީ ޒައިދު ބުނު ޘާބިތެވެ. "ޒައިދު ބުނު ޘާބިތަކީ ތޫނުފިލި ޒުވާނެއް ކަމަށާއި އެކަލޭގެފާނާއި މެދު ހަނދާން ނެތުން ނުވަތަ އިތުރުފުޅު ހެއްދެވުން ފަދަ އެއްވެސް ކަމަކާއި މެދު ޝައްކު ނުއުފެދޭ ކަމަށާއި ރަސޫލު ﷲ (ސއވ) އަރިހުގައި ގުރުއާން ލިއުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާތީ ގުރުއާން އެއްފޮތެއްގެ ސިފާގައި ޖަމާކޮށް ދެއްވުމަށް" އަބޫބަކުރުގެފާނު ޒައިދު އަރިހުން އެދިލެއްވިއެވެ.

އެމަސައްކަތުގެ ބުރަ އިހުސާސް ކުރައްވައި ފަހުން ޒައިދު ވިދާޅުވި ކަމަށް ރިވާވެފައިވެއެވެ. "ފަރުބަދައެއް ހުރިތަނުން ނޫން އެހެން ތަނަކަށް ބަދަލުކުރުން ވެސް އަބޫބަކުރުގެފާނު އެދިލެއްވި ކަމަށްވުރެ ފަސޭހަވީސް ކަން ކަށަވަރެވެ." އަބޫބަކުރުގެފާނުގެ އެދިލެއްވުމާއިއެކު، ޒައިދު އަވަސްވެގަތީ އެކި ބޭބޭފުޅުން އެކިއެކި އެއްޗެހީގައި ލިޔެފައިހުރި ގުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް އެއްކުރެއްވުމަށެވެ.

އެބުރަ މަސައްކަތް ނިންމެވުމަށްފަހު ޒައިދު އެއްކުރެއްވި ސުހުފު އަބޫބަކުރުގެފާނުގެ އަތްޕުޅަށް އެރުއްވިއެވެ. އަބޫބަކުރުގެފާނަށް ފަހު އުމަރުގެފާނު އަތްޕުޅަށް އެސުހުފު ނަގުލުވިއެވެ. އެއަށްފަހު އުމަރުގެފާނުންގެ ދަރިކަނބަލުން އުއްމުލްމުއުމިނީން ހަފްސާގެފާނުގެ އަތްޕުޅަށް އެސުހުފު ރައްދުކުރެވުނެވެ.

އިސްލާމީ ތިންވަނަ ޚަލީފާ އުސްމާނު ބުނު އައްފާނުގެ ވެރިކަމުގައި އިސްލާމްދީން ފުޅާވެގެން ދިއުމުގެ ސަބަބުން ގުރުއާން ކިޔެވުމުގައި ތަފާތު ގޮތްތައް ތައާރަފުވުމާއި ގުޅިގެން އުސްމާނުގެފާނު ނިންމެވީ މުޅި ގުރުއާން އެއްކޮށް ޖަމައަކޮށް އެކި ސަރަހައްދުތަކަށް ފޮނުވުމަށެވެ. އެގޮތުން، ހަފްސާގެފާނު އަތްޕުޅުގައި އޮތް ގުރުއާނުގެ ކޮޕީ ގެންނަވައި އާ ކޮމިޓީއެއް އުފެއްދެވިއެވެ. ޒައިދަކީ މިކޮމިޓީގެވެސް އިސްމެމްބަރެކެވެ. މިކޮމިޓީއިން ގުރުއާނުގެ ކޮޕީތައް ހެއްދެވުމަށްފަހު އިސްލާމީ ދުނިޔޭގެ އެކިކަންކޮޅު ތަކަށް ފޮނުއްވިއެވެ.

ޒައިދުގެ އިލްމުވެރިކަމާއި ގުޅިގެން އުމަރުގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ގުރުއާނާއި ގުޅޭގޮތުން އެއްޗެއް އޮޅުންފިލުވަން ބޭނުންފުޅުނަމަ ޒައިދު ބުނު ޘާބިތުގެ އަރިހަށް ވަޑައިގަންނަވާށެވެ."

ޒައިދު ބުނު ޘާބިތު އަވާހަރަވެ ވަޑައިގަތީ ހިޖްރީ ސަނަތުން 45 ވަނަ އަހަރު ގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަޑަކަށް 56 އަހަރެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ މަދީނާގެ ގަވަރުނަރު މަރުވާނު ބުނު އަލްހަކަމެވެ. ޒައިދު އަވަހާރަވުމާއި ގުޅިގެން އަބޫހުރައިރާ ވިދާޅުވިއެވެ. "މިއުއްމަތުގެ އަރާހުރި ދީނީ އިލްމުވެރިއަކު މިއަދު ނިޔާވެއްޖެއެވެ."

(ނިމުނީ)

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!