20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: އަބޫ އުބައިދާ އާމިރު ބިން ޖައްރާހު

އެއީ ބަދަރު ދުވަހެވެ. ހަގުރާމައިގެ އުޑި ބާރަށް އެބުރެމުން ދިޔަ ވަގުތެވެ.
މުސްލިމުންގެ ސަފުތަކުގެ ތެރެއިން ހިމަތޮޅި އިސްކޮޅުން ދިގު މޫނު އުޖާލާ
ފަހުލަވާނަކު ފާހަގަ ކުރެވުނެވެ. އޭނާ އާއި ކުރިމަތި ލުމަށް މައްކާގެ ގުރައިޝުން
ޖެހިލުން ވެއެވެ. އޭނާ ހިތްވަރާއި ފަންވަރުގެ އިތުރުން މަރުދެކު ބިރު ނުގަތުމެވެ.
މިފަހުލަވާނާއިި ކުރިމަތިލުމަށް މީހަކު ފިސާރި ކެރިގެން ނިކުތެވެ. ބަލާ ބެލުމަށް
މީނާ އަށް ވުރެ އެތަށް ގުނަ އެއް ދުވަސްވީ މީހެކެވެ. ނަމަވެސް، ބިރުކުޑަ މިފަހުލަވާނު
ޚިޔާރު ކުރީ އޭނާ އާއި ކުރިމަތިނުލާ އެހެން ދިމާލަކަށް އެބުރުމަށެވެ. ނަމަވެސް،
މިމީހާ އެފަހުލަވާނަށް ދުލެއް ނުކުރިއެވެ. އޭނާ އެބުރޭ ކޮންމެ ދިމާލަކުން އޭނާ
ބައްދަލު ކުރަން ފެށިއެވެ. މިފަހުލަވާނަށް މަގު ބެއްދިއެވެ. އޭނާ އާއި
ކުރިމަތިލުން ފިޔަވައި އިތުރު އެހެން އެއްވެސް ގޮތެއް ނެތިއްޖެއެވެ. ގޮތްހުސްވެ
މިމީހާއަށް ހަމަލާ ދިނެއެވެ. އިސާހިތަކު މިފަހުލަވާނުގެ ހަމަލާ މިމީހާގެ ބޮލަށް
އެރިއެވެ. މަރުވެގެން އެވެއްޓުނީ ބިން މައްޗަށެވެ. އާދެ! މިފަހުލަވާނަކީ
ކާކުތޯއެވެ؟ ދުނިޔޭގައި ހުންނަވަނި ކޮށް ސުވަރުގެ ލިބޭނެ ކަމުގެ ހެޔޮ ޚަބަރު
ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ މިއުއްމަތުގެ
އަމީނެވެ. އާދެ! އެއީ ދެވަނަ އެއް ނެތް އަބޫ އުބައިދާ އާމިރު ބިން އަބްދުﷲ ބިން
އަލްޖައްރާހެވެ. މަރުވެގެން އެވެއްޓުނީ ކާކުތޯއެވެ! އެއީ އަބްދުﷲ ބިން
އަލްޖައްްރާހެވެ. އަބޫ އުބައިދާގެ ބައްޕައެވެ. މަރުދެކެ ބިރު ނުގަންނަ އަބޫ
އުބައިދާ އޭނާގެ ބައްޕަ އާއި ކުރިމަތި ނުލުމަށް ނިންމެވި އިރު އޭނާގެ ބައްޕަ
ނިންމީ ދަރިފުޅު ގަތުލު ކުރުމަށެވެ. ނަމަވެސް، ނަސީބު ދިމާކުރީ އޭގެ އިދިކޮޅަށެވެ.

ބައްޕަ ގަތުލުކުރެވުމުގެ ހިތާމަ އަބޫއުބައިދާ ކުރެއްވިއެވެ. ހަމައެކަނި ﷲ ގެ
ރުއްސެވުން ނުލިބިދާނެތީ އެވެ. އަބޫ އުބައިދާގެ ހިތަށް ފިނި ކަމެއް ލިބުނީ
މުޖާދިލާ ސޫރަތުގެ 22 ވަނަ އާޔަތް ބާއްވައިލެއްވުމުނެވެ.

“ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި އެކަލާނގެ
ރަސޫލާ އާ ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކު ކަމުގައި ވާތީ ތިބާ ނުދެކޭނޫ އެވެ.
އެއުރެންނީ އެއުރެންގެ މައިންބަފައިން ކަމުގައި ވިޔަސް ނުވަތަ ދަރިން ކަމުގައި
ވިޔަސް ނުވަތަ އަޚުން ކަމުގައި ވިޔަސް ގާތްތިމާގެ މީހުން ކަމުގައި ވިޔަސް މެއެވެ…”

އަބޫ އުބައިދާގެ ފުރިހަމަ ފަންފުޅަކީ އާމިރު ބިން އަބްދުﷲ ބިން އަލް ޖައްރާހު
ބިން ހިލާލް ބިން އުހައިބު ބިން ދައްބާހް ބިން އަލް ހާރިސް ބިން ފިހުރު ބިން
މާލިކެވެ. އަބޫ އުބައިދާގެ ނަސަބު ފުޅާއި ކީރިތި ރަސޫލު (ސއވ) ނަސަބުފުޅާއި ގުޅެނީ
އެކަލޭގެފާނުގެ ހަވަނަ ކާފާފުޅު ފިހުރާއި ހަމައިންނެވެ. އަބޫ އުބައިދާއަކީ
ގުރައިޝް ވަންހައިގެ ފިހުރު ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަންފުޅު
އިސްލާވުމުގެ ކުރިންވެސް އަދި ފަހުން ބަދަލެއްނުވެއެވެ. އެކަލޭގެފާނުގެ ކުންޔަކީ
އަބޫ އުބައިދާއެވެ. އެކަލޭގެފާނަށް އާންމުކޮށް މުޚާތަބުކުރެވެނީ އަބޫ އުބައިދާ
ބިން ޖައްރާހެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅެއްވެސް އަދި ބައްޕަގެ ނަމެއްވެސް
ނުހިމެނޭ ގޮތަށެވެ.

އަބޫ އުބައިދާ އަކީ
ހިމަތޮޅި އިސްކޮޅުން ދިގު ބޭފުޅެކެވެ. ތުބުޅިފުޅަކީ ބޯތުބުޅިފުޅެއް ނޫނެވެ.
ކުރިމަތީ ދައްޕުޅު ވަނީ ވެއްޓިފައެވެ. ހުދު އިސް އިސްތަށިފުޅުގައި ހިނާފަތާއި
ޚަތަމް އަޅުއްވައި ކަޅު ރަތްކުލަ އަކަށް ބަދަލުކުރެއްވިއެވެ.

އަބޫ އުބައިދާ އާމިރު ބިން
ޖައްރާހު އަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑަގަތް މަދު މީސްކޮޅު ތެރޭގައި
ހިމެނިވަޑަގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑަގަތީ
އަބޫބަކުރުގެފާނަށް ވުރެއެއްދުވަސް ފަހުން ކަމަށް ބުނެވެއެވެ. އަބޫ އުބައިދާ އަކީ
އަބޫބަކުރުގެފާނުގެ ގޮވާލުމަށް އިސްލާމްވެ ވަޑައިގަތް އަބޫބަކުރުގެފާނުގެ އަރިސް
ބޭކަލެކެވެ. އަބޫބަކުރުގެފާނުގެ ގޮވާލުމަށް އަބޫއުބައިދާ ނިންމެވީ ކީރިތި ރަސޫލުﷲ
(ސއވ) އާއި ބައްދަލު ކުރެއްވުމަށެވެ. އަބޫ އުބައިދާ އާއިއެކު އަބްދުއްރަހުމާން
ބިން އައުފު އާއި އުސްމާން ބިން މަޒުއޫން އާއި އަލްއަރުގަމް ބިން އަބިލް އަރުގަމް
ކީރިތި ރަސޫލުﷲ (ސއވ) އަރިހަށް ގެންދެވުއެވެ. ރަސޫލުﷲ (ސއވ)ގެ ގޮވާލެއްވުމަށް
މިއެންމެ ބޭކަލުން ވަގުތުން އިސްލާމްވިއެވެ. މިއީ އިސްލާމްދީން ގަބޫލުކުރި
ފުރަތަމަ ބެޗްގެ ބޭކަލުންނެވެ.

އިސްލާމްދީނުގެ ދައުވަތުގެ ކުރީ ކޮޅު އިސްލާމްދީން ގަބޫލުކުރި އެހެން
ބޭކަލުން ފަދައިން އަބޫ އުބައިދާ ވެސް މައްކާގައި ހޭދަކުރެއްވީ ދަތި އުދަގޫ
ދުވަސްތަކެވެ. އިސްލާމްދީން އިޚްތިޔާރުކުރި މަދު މީސްކޮޅަށް މައްކާގައި ދިމާވާ
އަނިޔާއަށް ކެތް ނުކުރެވިގެން ހަބްޝް ކަރައަށް ހިޖުރަކުރުމަށް ހުއްދަ ލިބުނު ހިނދު
އަބޫ އުބައިދާ ނިންމެވީ ކީރިތި ރަސޫލުﷲ (ސއވ) އާއިއެކު މައްކާގައި ހުންނެވުމަށެވެ.
ކީރިތި ރަސޫލުﷲ(ސއވ) މައްކާ އަށް ދޫކުރައްވާ ހިޖުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް
އަބޫ އުބައިދާ އަށް ގަބޫލެއް ނުކުރެވުނެވެ.

މަދީނާ އަށް ހިޖުރަ ކުރެއްވުމަށްފަހު މައްކާގެ މުޝްރިކުންނާއި ދެކޮޅަށް
ކުރެވުނު ބަދުރު ހަގުރާމަ އާއި އުހުދު ހަގުރާމަ އާއި ޚަންދަގު ހަގުރާމާގައި ވެސް
ބައިވެރިވެފައިވާ އަބޫ އުބައިދާ އަކީ މުސްލިމުން ކުރި ގިނަ ހަގުރާމަތަކުގައި
ބައިވެރިވި ބޭކަލެކެވެ. ބަދަރުގެ ދުވަހު މައްކާގެ މުޝްރިކުންނާއި ކުރިމަތިލީ ހިނދު
އެކަލޭގެފާނަށް މަޖުބޫރުވީ އެކަލޭގެފާނު އަވަހާރަކޮށްލުމަށް ނިޔަތްގަނެގެން ހުރި
އެކަލޭގެފާނުގެ ބައްޕަ ގަތުލުކޮށްލުމަށެވެ. އެއަށްފަހު މުޝްރިކުންނާއި ދެކޮޅަށް
ކުރެވުނު އުހުދު ހަގުރާމާގައި ކީރިތި ރަސޫލުﷲ (ސއވ) ހިމާޔަތް ކުރެއްވުމަށް
އެކަލޭގެފާނުގެ އަރިހުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މަދު މީސްކޮޅުގެ ތެރޭގައި
ހިމެނުނު އަބޫ އަބައިދާގެ ދެދަތްޕުޅު ކިރިތި ރަސޫލު ﷲ (ސއވ) ހިމާޔަތް ކުރުމުގައި
އެދުވަހު ބިންދައިގެން ދިޔައެވެ.

(ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު