A wide advertisement which will be shown on all devices. (700 x 100)

ހެޔޮޚަަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން: ސައީދު ބިން ޒައިދު

ދުވަސްވަރަކީ ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިއެވެ. މައްކާގެ ގުރައިޝުންދަނީ އެބައި މީހުންގެ އީދެއް ފާހަގަ ކުރުމަށް ތައްޔާރުވަމުންނެވެ. ފިރިހެނުންތައް ފެންނަނީ ޔަމަނުގެ މޮޅު ފޭރާތަކުގައި ވަނިކޮށެވެ. އަންހެންވެރިންނާއި ކުދިވެރިން ވަނީ ތަފާތު ވައްތަރުތަކުގެ ގަހަނާތަކުން ޖަރީވެގެނެވެ. އެބައިމީހުންގެ ބުދުތަކަށް ގުރުބާން ކުރުމަށް ގެނެސްފައިވާ ނައަމްސޫފިތައްވެސް ފެނެއެވެ. މިބައިމީހުންނާއި ވަކިވެގެން ގެފުޅުގެ ފާރުގައި ލެގިލައިގަނެގެން ގުރައިޝުން ގުރުބާން ކުރުމަށް ގެނެސްފައިވާ ޖަނަވާރުތަކަށް ބަލަހައްޓައިގެން ބޭކަލަކު އެބަ ހުންނެވިއެވެ. ފެންނަ ފެނުމަށް މީނާ ވަނީ މިރަސްމިއްޔާތަށް ނުރުހިފައެވެ. މީނާ އަޑުގެ ކޮޅަށް ގޮވާލިއެވެ. “އޭ ގުރައިޝުންނޭވެ! ކަންބަޅި ހެއްދެވި ރަސްކަލާގެ އެތަކެތި ބޯން ފެން އުޑުން ވެއްސެވިއެވެ. އަދި ކެއުމަށް ގަސް ބިމުން ފެޅުއްވިއެވެ. އެއަށްފަހު ތިޔަބައިމީހުން އެތަކެތި ތިޔަ ގުރުބާން ކުރަނީ އެކަލާނގެ ނޫން އެހެން ފަރާތަކަށް ހެއްޔެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ތިޔަބައިމީހުން ތިޔަ ތިބީ ޖާހިލުކަމެއްގެ ތެރޭގައެވެ.”

މިހިތްވަރުގަދަ ފަރާތުގެ އަޑުއަހަންހުރި އޭނާގެ ބޮޑުބޭބެ އަށް ކެތެއް ނުކުރެވުނެވެ. ތެދުވެގެން ގޮސް މިހިތްވަރުގަދަ ޒުވާނާގެ ކަންފަތްމަތީ ޖެހިއެވެ. އަދި ބުންޏެވެ. “ހަލާކު ހުއްޓެވެ! ކަލޭގެ ތި މޮޔަބަސްތައް އަދިވެސް އިއްވަނީ ހެއްޔެވެ. އަހަރެމެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.”

އެއަށްފަހު މިދެންނެވި ފަރާތަށް މައްކާގެ ގުރައިޝުން ގޯނާ ކުރަންފެށިއެވެ. އަދި ކެތްނުކުރެވޭ ފަދަ އަދަބުތައް ދިނެވެ. އަދި އޭނާގެ ދިރިއުޅުމަށް ދަތިކުރިއެވެ. މިދެންނެވި ހިތްވަރު ގަދަ މީހަކީ ކާކުތޯއެވެ. އެއީ ގިޔާމަތް ދުވަހު ވަކި އުއްމަތެއްގެ ގޮތުގައި ފޮނުއްވާނެ ކަމުގެ ޚަބަރު ލިބުނު ހަނީފެއް ކަމަށް ވާ ޒައިދު ބުނު އަމްރު ބުނު ނުފައިލެވެ. ޒައިދު ބުނު އަމްރު ޒަމާނުގައި މައްކާގައި ބުދަށް އަޅުކަން ކުރުމާއި ދުރުވެގެން ތިބި މީހުންނާއި ޒައިދާއި ތަފާތެވެ. އެހެންމީހުންނާއި ޚިލާފަށް ޒައިދު މައްކާގެ ގުރައިޝުން އަޅުކަން ކުރަމުން ދިޔަ ބުދަށާއި އެބައި މީހުން ބުދަށް ކުރަމުން ދިޔަ ގުރުބާން ތަކަށް ފާޅުގައި ފާޑުކިޔައި ނަސޭހަތްތެރިވުމެވެ. މިކަމާއި ގުޅިގެން އެހެން މީހުންނަށްވުރެ ޒައިދަށް ކުރަމުން ދިޔަ ގޯނާ އާއި ޖެއްސުންތައް ބޮޑެވެ. ޒައިދުގެ ބޮޑު ބޭބެއަކީ ކާކުތޯއެވެ. އެއީ މިއުއްމަތުގެ ދެވަނަ ޚަލީފާ އުމަރު ބުނު ޚައްތާބުގެ ބައްޕަ އަލް ޚައްތާބު ބުނު ނުފައިލެވެ.

އާދެ! ޒައިދު ބުނު އަމުރު ދަރިކަލަކީ ކާކުތޯއެވެ. އެއީ ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބޭނެ ކަމުގެ ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ސައީދު ބުނު ޒައިދުއެވެ.

ނަސަބާއި ދަރިފަސްކޮޅު

ސައީދަކީ އިސްކޮޅުން ދިގު މީހެކެވެ. ބޯ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ހަމުގެ ކުލަ ކަޅެވެ. ސައީދު އިސްލާމްވުމުގެ ކުރިންވެސް ފަހުންވެސް ނަމަކަށް ބަދަލެއް ނާދެއެވެ.

ސައީދު ގެ ފުރިހަމަ ނަމަކީ ސައީދު ބުނު ޒައިދު ބުނު އަމުރު ބުނު ނުފައިލް ބުނު އަބްދުލް އުއްޒާ ބުނު ރިޔާހް އަލް ގުރައިޝީ އަލް އަދާވީ އެވެ. ކީރިތި ރަސޫލު ﷲ (ސއވ) ގެ ނަސަބުފުޅާއި ސައީދުގެ ނަސަބާއި ގުޅެނީ ކައުބު ބުނު ލުއައްޔާއި ހަމައިންނެވެ.

މުސްލިމުން ގެ ދެވަނަ ޚަލީފާ އުމުރު ބުނު ޚައްތާބަކީ ސައީދުގެ ބައްޕަ އާއި ދެބެންގެ ދެދަރި ބޭކަލެކެވެ. އެހެންނަމަވެސް، އުމުރުގެ ގޮތުން އުމަރު ބުނު ޚައްތާބާއި ސައީދު ބުނު ޒައިދާއި މާބޮޑަށް ގުޅެއެވެ. ސައީދު ކާވެނިފުޅު ބައްލަވައިގަތީ އުމަރު ބުނު ޚައްތާބުގެ ކޮއްކޮ ފާތިމަތު ބިންތި ޚައްތާބާއެވެ. އުމަރު ބުނު ޚައްތާބު އިސްލާމްވުމަށް މެދުވެރިވި ހާދިޘާ ގައި ހިމެނިވަޑައިގެންފައިވަނީ ސައީދާއި އޭނާގެ އަބިކަނބަލުން ފާތިމަތު ބިންތި ޚައްތާބެވެ. ސައީދުގެ ދައްތަ އާތިކާ ކާވެނިފުޅު ބައްލަވަގެން ހުންނެވީ އުމަރު ބުނު ޚައްތާބާއިއެވެ.

ސައީދުގެ މަންމައަކީ ފާތިމަތު ބިންތި ބައުޖާ ބިން އުމައްޔާ ބިން ޚުވައިލިދުއެވެ. ސައީދުގެ މަންމައަށް ވެސް ﷲގެ ރަހުމަތްފުޅާއިއެކު އިސްލާމްވުމުގެ ޝަރަފު ލިބިވަޑައިގަތެވެ. ނަމަވެސް، ސައީދުގެ ބައްޕަ ރަސޫލު ﷲ (ސއވ) ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަސް އަހަރު ކުރިން މިފަނާވަނިވި ދުނިޔެ ދޫކުރެއްވިއެވެ. ނަމަވެސް، ރަސޫލު ﷲ (ސއވ) ހަދީޘް ކުރެއްވި ގޮތުން އެކަލޭގެފާނު (ޒައިދު) ގިޔާމަތް ދުވަހު ފޮނުއްވޭނީ ވަކި އުއްމަތެއްގެ ގޮތުގައެވެ.

ސައީދުގެ ބައްޕަގެ ވާހަކަ

ސައީދުގެ ބައްޕަގެ ވާހަކައަކީ އަޖައިބު ކުރުވަނިވި ވާހަކައެކެވެ. މައްކާގެ ގުރައިޝުން އަޅުކަން ކުރަމުން ދިޔަ ހިލަތަކަކީ އެއްވެސް ފައިދާއެއްވެސް ގެއްލުމެއްވެސް ނުދެވޭނޭ ތަކެއްޗެއްކަން ސައީދުގެ ބައްޕަ ޒައިދު ބުނު އަމްރު އަށް އެގެއެވެ. ޒައިދު ދެކޭ ގޮތުގައި ހަގީގީ ދީނެއް އޮންނާނެއެވެ. ނުވަތަ ހެއްދެވި ފަރާތުން އަހަރެމެން އުޅެންވީ ގޮތް ބަޔާންކޮށްފައި އޮންނާނެއެވެ. އެހެންކަމުން، ދީން ހޯދުމުގެ މަސައްކަތް ކުރިއެވެ.

އަރަބި ކަރައަށް ފެތުރިފައި އޮތް ބުދަށް އަޅުކަން ކުރުމާއި ދުރުވެ ސީރިއާއަށް ދީން ހޯދުމަށް ދަތުރުކުރިއެވެ. އެދަތުރުގައި ޔަހޫދީންނާއި ނަސާރާއިންނާއި ދިމާވެ އެމީހުން އަޅުކަން ކުރަމުން ދިޔަ ގޮތް ފެނިދެނިވިއެވެ. އެބައިމީހުންގެ ފަރާތުންވެސް ފެނިގެން ދިޔައީ ސީދާމަގުން އެއްފަރާތްވެފައިވާ މުނާފިގު ކަންތައްތަކެވެ. ޒައިދު ބުނެއެވެ. “ޔާ ﷲ މިއަޅާ ޚިޔާރު ކުރަނީ އިބްރާހީމްގެފާނުގެ ދީނެވެ”

ހިޖާޒުކަރައިގެ ގުރައިޝުންގެ ތެރޭގައި ޒައިދުގެ އިތުރުންވެސް ބުދަށް އަޅުކަންކުރުމާއި ދުރުވެގެން އުޅުނު މަދު ބަޔަކު އުޅުނެވެ. ޒައިދު ފަދައިން އެމީހުންވެސް ދެކެމުން ދިޔައީ ބުދައް އަޅުކަން ކުރުމަކީ މީހުން އަމިއްލައަށް ހަދައިގެން އުޅޭ އެއްވެސް މީހަކަށް ނުވަތަ މުޖުތަމައަށް ފައިދާއެއް ނުކުރާ ކަމެކެވެ. މިދެންނެވި މީހުން ގެތެރޭގައި ޒައިދު ބިން އަމްރު ބިން ނުފައިލްގެ އިތުރުން ވަރަގަތު ބުނު ނައުފަލާއި އުސްމާން ބިން ހާރިސް ބިން އަސަދާއި އުބައިދުﷲ ބިން ޖަހުޝާއި އުމައިމާ ބިންތި އަބްދުލް މުއްތަލިބް ހިމެނެއެވެ.

ބުދަށް އަޅުކަން ކުރުމާއި ދުރުވެގެން އުޅުނު މީހުންނަށް ގުރައިޝުންގެ އެބައިމީހުންގެ އީދުތަކުގައި ބުދުތަކަށް ގުރުބާން ކުރާތަން ފެނުނެވެ. މިއީ ސީދާމަގުނޫން ކަން މިމީހުންނަށް އެގުމުން މިބައިމީހުން ބައްދަލުވާން ނިންމާ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި މިމީހުންގެ ތެރެއިން އެކަކު ދެންނެވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ކަލޭމެންނަށް ކަލޭމެންގެ ގައުމުގެ މީހުން އެތިބީ ރަގަޅު މަގެއްގައި ނޫންކަން އެގެއެވެ. އެމީހުން އެތިބީ އިބްރާހީމްގެފާނުގެ ދީނާއި ޚިލާފުވެ އެދީނާއި ދުރުވެގެންފައެވެ. އެމީހުން އަޅުކަން ކުރަމުން އެގެންދަނީ އެއްމީހުންނަށް ފައިދާއެއްވެސް ގެއްލުމެއްވެސް ނުދެވޭ ބުދުތަކަކަށެވެ. ވީމާ ކަލޭމެން އަމިއްލައަށް ރަގަޅު ގޮތް ހޯދާށެވެ.”

މިމީހުން ފުރަތަމަ ކަމެއްގެ ގޮތުގައި ކުރިކަމަކީ ފޮތުގެ އަހުލުވެރިން ހޯދުމެވެ. މިމީހުންގެ ތެރެއިން ވަރަގަތު ބުނު ނައުފަލް ނަސާރާ ދީން ޚިޔާރުކޮށް ނަސާރާއިން ގެ ފޮތްތައް ދިރާސާ ކުރިއެވެ. ޒައިދު ބުދުތަކާއި ދުރުވެ އިބްރާހީމްގެ ފާނުގެ މަގު ޚިޔާރުކުރިއެވެ. ޒައިދު ބުދުތަކުގެ ނަންތަކުގެ މައްޗަށް ކަތިލާފައިވާ ތަކެތި ކެއުމާއި ދުރުވެގަތެވެ.

ޒައިދުގެ ބޮޑު ބޭބެ އަލްޚައްތާބު ޒައިދާއި ދިމާކުރިއެވެ. ފުރައްސާރަ ކުރަން ފެށިއެވެ. އެހެންކަމުން ޒައިދަށް މަޖުބޫރުވީ މައްކާ ދޫކޮށްލުމަށެވެ. އެހެންކަމުން، މައްކާ ދޫކޮށް ހިރާ ގައި ދިރިއުޅެން ފެށުމުން ޚައްތާބުގެ ރުޅިވެރިކަން އިންތިހާއަށް ގޮސް ޒައިދަށް ހަމަލާ ދިނުމަށް ވަކަރުގޭ ކުދިންކޮޅަކަށް އިރުޝާދު ދިނެވެ. މިކަމާއި ގުޅިގެން ޒައިދު އެންމެ ފަހުން ސީރިއާއަށް ސީދާވެގެންވާ ހެޔޮމަގު ހޯދުމަށް ދަތުރުކުރިއެވެ.

ޒައިދު ހަމައެކަނި ބުދުތަކަށް ފާޑުކިއުނީކީ ނޫނެވެ. ގުރައިޝުންގެ ތެރޭގައި އޮތް އަންހެން ދަރިން ދިރިތިއްބާ ވަޅުލުމުގެ އާދައާއި ދެކޮޅަށް މަސައްކަތް ކުރެއްވިއެވެ. އެފަދަ ފަރާތްތަކަށް ޒައިދު ދަންނަވައެވެ. “ތިޔަ ދަރި މަރާނުލާ މަޑުކުރާށެވެ! އަޅުގަނޑު އެދަރިއަށް އެހީތެރިވެދާނަމެވެ.” އެއަށް އެފަދަ ކުދިން މައިން ބަފައިންނަށް ފަސޭހަ ކޮށްދެވޭ އުމުރަށް ދަންދެން އެކުދިން ބަލާބޮޑުކުރަމުން ދެއެވެ. އެއަށްފަހު އެދަރީގެ ބައްޕަ އެދަރިން ބޭނުންނަމަ އަބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލައެވެ. އެގޮތަށް އަބުރާ ނުގެންދިޔަ ނަމަ ޒައިދުގެ ބެލުމުގެ ދަށުގައި އެކުދިން ބައިތިއްބައެވެ.

ޒައިދު ބިން އަމްރު ބިން ނުފައިލް ތެދުމަގު ހޯދުމަށް ސީރިއާއަށް ކުރި މިދަތުރުގައި ޔަހޫދީ ދަންނަބޭކަލަކާއި ދިމާވިއެވެ. ޒައިދު އެބޭކަލަކަށް ދެންނެވިއެވެ. “އަހަރެން ތިބާގެ ދީނަށް ވަންނަން ބޭނުމެވެ. ތިބާގެ ދީނާއި ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ބުނެދީބަލާށެވެ.” އެހިނދު އެ ބޭކަލަކު ދެންނެވިއެވެ. “ﷲ ގެ ކޯފާއަށް ހުށަހޮޅިގަތުމަށް ނޫން ގޮތަކަށް މިދީނަށް ތިބާ ނުވަންނާށެވެ.” ޒައިދު ޖަވާބުގައި ބުނެތެވެ. ” ﷲ ގެ ކޯފާއިން ސަލާމަތްވުމަށް ނޫން ގޮތަކަށް މިއަޅާއެއް މިދަތުރެއް ނުކުރަމެވެ. މިއަޅާގެ ބާރުގެ ދަށުގައިވާ ނަމަ އެކަލާނގެ ކޯފާއިން މިންވަރަކަށްވެސް މިއަޅާއަށް ކެތެއް ނުވާނެއެވެ. ކޮންމެވެސް އެހެން ދީނެއް މިއަޅާއަށް ބުނެދޭންވީ ނޫން ހެއްޔެވެ.” އެބޭކަލަކު ދެންނެވިއެވެ. “ހަނީފު ފިޔަވައި އެހެން ދީނެއް މިއަޅަކަށް ނޭގެއެވެ.” ޒައިދު ދެންނެވިއެވެ. “ހަނީފަކީ ކޮބައިތޯއެވެ.” އެބޭކަލަކު ދެންނެވިއެވެ. “އެއީ އިބްރާހީމްގެފާނުގެ ދީނެވެ. އެކަލޭގެފާނަކީ ޔަހޫދީއެއްވެސް ނޫނެވެ. ނަސާރާއީ އެއްވެސް ނޫނެވެ. އެކަލޭގެފާނު އަޅުކަންކުރެއްވީ ﷲ އެކަންޏެވެ.”

އެއަށްފަހު ޒައިދު ނަސާރާ ދަންނަބޭކަލަކާއި ބައްދަލު ކުރެއްވިއެވެ. ޒައިދު ކުރިން ދެންނެވި ވާހަކަ އެބޭކަލަކަށްވެސް ދެންނެވިއެވެ. އެހިނދު އެ ބޭކަލަކު ދެންނެވިއެވެ. “ﷲ ގެ ކޯފާއަށް ހުށަހޮޅިގަތުމަށް ނޫން ގޮތަކަށް މިދީނަށް ތިބާ ނުވަންނާށެވެ.” ޒައިދު ޖަވާބުގައި ބުނެތެވެ. ” ﷲ ގެ ކޯފާއިން ސަލާމަތްވުމަށް ނޫން ގޮތަކަށް މިއަޅާއެއް މިދަތުރެއް ނުކުރަމެވެ. މިއަޅާގެ ބާރުގެ ދަށުގައިވާ ނަމަ އެކަލާނގެ ކޯފާއިން މިންވަރަކަށްވެސް މިއަޅާއަށް ކެތެއް ނުވާނެއެވެ. ކޮންމެވެސް އެހެން ދީނެއް މިއަޅާއަށް ބުނެދޭންވީ ނޫން ހެއްޔެވެ.” އެބޭކަލަކު ދެންނެވިއެވެ. “ހަނީފު ފިޔަވައި އެހެން ދީނެއް މިއަޅަކަށް ނޭގެއެވެ.” ޒައިދު ދެންނެވިއެވެ. “ހަނީފަކީ ކޮބައިތޯއެވެ.” އެބޭކަލަކު ދެންނެވިއެވެ. “އެއީ އިބްރާހީމްގެފާނުގެ ދީނެވެ. އެކަލޭގެފާނަކީ ޔަހޫދީއެއްވެސް ނޫނެވެ. ނަސާރާއީ އެއްވެސް ނޫނެވެ. އެކަލޭގެފާނު އަޅުކަންކުރެއްވީ ﷲ އެކަންޏެވެ.”

ޒައިދު މިފަނާވަނިވި ދުނިޔެ ދޫކުރެއްވީ ކީރިތި ރަސޫލާ(ސއވ) ރަސޫލު ކަމާއިގެން ފޮނުއްވުމުގެ 5 އަހަރު ކުރިންނެވެ. އެހެންކަމުން، ޒައިދަށް ކީރިތި ރަސޫލު ﷲ (ސއވ) ގެ ރަސޫލުކަން ފެނިފައެއްނުވެއެވެ. އެކަލޭގެފާނުގެ ގޮވާލުމުގެ އަޑެއް ނީވެއެވެ.

(ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !