31 މެއި 2020 ( އާދީއްތަ )

banner

ރަށަށް ނުދެވި މާލޭގައި ގިނަ ބަޔަކު ތާށިވެފައި

ކޮރޯނާ ވައިރަސްގެ ބިރުވެރި ކަމާއި ގުޅިގެން ރިސޯޓުތައް ބަންދުވެ އަވަހަށް ރަށަށް ދިއުމަށް މާލެއައި ގިނަ އަދަދެއްގެ ފުވައްމުލަކު ރައްޔިތުންތަކެއް މާލޭގައި ތާށިވެއްޖެއެވެ. މާލޭގައި ތާށިވެފައިވާ ބައެއް ފަރާތްތަކުން މާލޭގެ ހިތްދަތި، ބިރުވެރި މާހައުލުގައި ހޭދަކުރާތާ 30 ދުވަހަށްވުރެ ގިނަ ދުވަސްވީ ފަރާތްތައްވެސް މަދެއްނޫނެވެ. ރަށަށް ނުދެވި މާލޭގައި 415 އެއްހާ ފުވައްމުލަކު މީހުން ތާށިވެފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލާދެއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ވަނީ ވިދާޅުވެފައެވެ.

“ރަށަށް ދިއުމަށް މާލެ އައިސް ހުންނަތާ މިހާތު 36 ދުވަސް ފާއިތުވެއްޖެ” ނިކަން އަހަވަށް ރަށަށ ްދެވެދިދާނެ ކަމުގެ ފޮނު އުއްމީދުގައި ދުވަސްތައް ގުނަގުނާހުރި ޒުވާނަކު މިކަލް ނޫހަށް މައުލޫމާތު ދިނެވެ.

ގިނަ އަދަދަކަށް ފައިސާ ވެސް ޚަރަދު ކުރެވިއްޖެ އަވަހަށް ރަށަށް ދިއުމަށް އެގޮތުން ގިނަ އަދަދެއްގެ ބަޔަކު އެކުވެގެން ފުލައިޓެއް ޗާޓަރު ކުރިކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ.

އެފަރާތުގެ އިހުސާސްތައް މިކަލް ނޫހާއި ހިއްސާކުރަމުން ވިދާޅުވީ މާލެއައިސް ފުރަތަމަ ޖެހުނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރާށެވެ. އެއަށްފަހު ރަށަށް ދެވުމުގެ ފޮނި އުއްމީދުގައި ފުލައިޓަކުން ޖާގަލިބޭތޯ ބެލިއެވެ. ނަމަވެސް، ޖާގަ ނުލިބުމުން ދެން ވިސްނީ އެފަރާތާއިއެކު މާލޭގައި ތާށިވެތިބި މީހުންނާއި ގުޅައިގެން އެންމެން އެކުވެގެން ފުލައިޓެއް ޗާޓަރު ކުރުމަށެވެ. އަނބިދަރިންގެ ގާތަށް އަވަހަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ. މާލޭގެ ހިތްދަތި، ބިރުވެރި މާހައުލުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. މާލޭގެ އަގުބޮޑު ދިރުއުޅުމަށް ހޭދަކުރާނެ ފައިސާއެއް ނެތިގެނެވެ.

ރަށަށް އަވަހަށް ދެވޭނެ ކަމުގެ ފޮނި އުއްމީދުގައި ތިބި ބައެއް ފަރާތްތަކުން މާލޭގައި ތިބީ ތިބޭނެ ގޮތެއް ނެތިގެން ކޮޓަރިވެސް ކުއްޔަށް ހިފައިގެނެވެ. އަދި ފުލައިޓު ޗާޓަރު ކުރެވިފައިވާތީ ދާދިފަސޭހައިން ރަށަށް ދެވޭނެ ކަމުގެ ފުރިހަމަ އުއްމީދުގައި ތިބި ފަރާތްތަކުން ސަރުކާރުގެ އެކިއެކި ކަމާއިގުޅޭ މުއައްސަސާތަކަށް ގުޅަމުންދިޔައެވެ. ހުއްދަ ލިބުމާއިއެކު އެއާލައިނުން ފުލައިޓު ފުރުވާލުމަށް ތިބީ ތައްޔާރަށެވެ. މިފޮނި އުއްމީދުގައި ގެސްޓުހައުސްތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ނާއުއްމީދާއި މާޔޫސްކަން ލިބެންފެށީ ސަރުކާރު މުއައްސަސާތަކުން ލިބުނު ޖަވާބުންނެވެ. އެލްޖީއޭ އާއި ކައުންސިލުން އެފަރާތްތައް ރަށަށް ގެންދަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނަމުންދާއިރު ކައުންސިލުން ގެންދަން ބޭނުންނުވާ ކަމަށް ދޭހަވާ އިބާރާތްތަކުން ވާހަކަ ދެއްކިކަމަށް ވެސް އެފަރާތްތަކާއި ފޯނުންގުޅާ ވާހަކަ ދެއްކި ފަރާތަކުން މިކަލް ނޫހާއި ހިއްސާކުރިއެވެ. މާލޭގެ އިދާރާތަކުން ހަމަޖައްސަންޖެހޭ ބައެއް ކަންތައްތައް އަދި ހަމަޖެހިފައިނުވާ ކަމަށާއި އެކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް ރަށަށް ގެނެވޭނެ ކަމުގެ އުފާވެރި ޚަބަރު އޭރުވެސް ދިޔައީ ކައުންސިލުން ދެމުންނެވެ. ނަމަވެސް އެފަދަ ކަންތައްތައް ހަމަނުޖެހި ދިގުލައިގެން ދިއުމުގެ ސަބަބުން މާޔޫސްކަމާއި ނާއުއްމީދާއި ކުރިމަތިވިކަމަށް މިކަލް ނޫހާއި ހިއްސާކުރި ފަރާތްތަކުން ބުނެއެވެ.

މިފަދަ ނާއުއްމީދެއްގައި، ވަޒީފާ ގެއްލި، މާލޭގެ ކޮރޯނާ ވައިރަސްގެ ބިރުވެރި މާހައުލުގައި ހޭދަކުރަމުން ދިޔައިރު ފަހަށް ރައްކާކުރި ފައިސާފޮތި ވެސް މާލޭގެ އަގުބޮޑު ދިރިއުޅުމަށް ހޭދަކުރަން ޖެހުނެވެ. މިފަދަ ހާލަތެއްގައި ވަނިކޮށް ޖެންޑާ މިނިސްޓްރީއިން އަލަށް އެކުލަވާލާ އާންމުކުރި އުސޫލާއިއެކު ދާދިއަވަހަށް ރަށަށް ދެވިދާނެކަމަށް މާލޭގައި ތާށިވެފައިވާ ފަރާތްތަކަށް އުއްމީދުކުރެވުނެވެ.

އެފަދަ ފޮނި އުއްމީދެއްގައި ވަނިކޮށް ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު ރާއްޖެ ޓީވީއަށް އަރާ ފުވައްމުލަކުގައި 58 ކޮޓަރިއެއް ކަރަންޓީނު ކުރުމަށް ތައްޔާރު ކުރެވިއްޖެކަމަށް ވިދާޅުވުމާއިއެކު ރަށަށް ގޮސް ރަށުގައި ކަރަންޓީނު ވުމުގެ ފުރުސަތު ލިބުނީކަމުގެ ހިތްހަމަޖެހުން ލިބުނެވެ. އޭގެ ކުރިން މާޗު މަހުގެ މެދުތެރޭ އެންއީއޯސީގެ ސްޕޯކްސް ޕާސަން މަބުރޫކު ފުވައްމުލަކުގައި ކަރަންޓީނު 4 ފެސިލިޓީއެއް ހުރިކަމަށް މީޑިއާ އާއި ވާހަކަދައްކަވަމުން ވިދާޅުވި ނަމަވެސް އެތަންތަނުގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނަށް ފެނިފައިވަނީ އެންމެ ތަނެކެވެ. އެތަނުގައިވެސް ވަނީ މަދު ކޮޓަރިތަކެކެވެ.

މޭޔަރުގެ އުފާވެރި ޚަބަރަށްފަހު، މާލެއިން ފުރުވާލި ފުރަތަމަ ބެޗުވެސް ގެންދެވުނީ އައްޑު އަތޮޅު ހެރަތެރެއަށެވެ. ނަމަވެސް، މާލޭގައި ތާށިވެފައި ތިބި މީހުން ފުވައްމުލަކުގައި ތައްޔާރުވެފައިވާ 58 ކޮޓަރިއަށް ފޮނުވަން ފަށާނެ ކަމުގެ އުއްމީދުގައި ތިބި ފުވައްމުލަކު ރައްޔިތުންނާއި އަދިވެސް ކުރިމަތިވެފައި ވަނީ މާޔޫސްކަމާއިއެވެ. މާލެއިން އައްޑު އަތޮޅު ކަރަންޓީނު ފެސިލިޓީއަށް ފޮނުވާލި މީހުންނާއި މެދު އަމަލުކޮށްފައި ވަނީ އުސޫލާއި ޚިލާފަށްކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ވަނީ ތުހުމަތުކޮށްފައެވެ. އަދި އަވަހަށް މާލޭގައި ތާށިވެފައިވާ ފަރާތްތައް އެމީހުންގެ ރަށަށް ފޮނުވާ ދިނުމަށްވެސް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ވަނީ ގޮވާލާފައިއެވެ.

ފުވައްމުލަކަށް ނުދެވި މާލޭގައި ތާށިވި ފަރާތްތަކުގެ ތެރެއިން އައްޑު އަތޮޅު ހެރަތެރަ ފެސިލިޓީ އަށް މިހާތަނަށް ފޮނުވިފައިވަނީ މަދު ބައެކެވެ. 200 އަށްވުރެ ގިނަ ކޮޓަރީގެ ހެރަތެރަ އަކީ 500 އެށްހާ މީހުންގެ ޖާގައިގެ ރިސޯޓެކެވެ. ނަމަވެސް، އެރަށުގައި މިވަގުތު ތިބީ އެންމެ 130 މީހުންކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން، އެފެސިލިޓީގެ ހަތަރު ބައިކުޅަ އެއްބައިގައި މިހާރު މަސައްކަތް ކުރަމުންދާއިރު ބާކީ ބައި ހުޅުވި މާލޭގައި ތާށިވެފައިވާ ފަރާތްތައް އަވަހަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެފަރާތްތަކުގެ އެދުމެކެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވި 58 މީހުންގެ ޖާގައަށް ވެސް މީހުން ނުފޮނުވި ލަސްވާތީ މާލޭގައި ތާށިވި ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުން ބޮޑެވެ.ކިޔުންތެރިންގެ ޚިޔާލު