19 ޖޫން 2018 (އަންގާރަ)


ހަލަބު ނުވަތަ އެލެޕޯ: ދުނިޔޭގެ އެންމެ ގަދީމީ އެއްޝަހަރު

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ސީރިއާގައި މިހާރު ހިގަމުންދާ ހަގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ހަލާކުވެ ސުންނާފަތި ވަމުންދާ ޝަހަރަކީ ހަލަބެއެވެ. އިގިރޭސި ނަމުންނަމަ އެލެޕޯއެވެ. ހަލަބަކީ ސިލްކް ރޯޑްގެ މުހިންމު ޝަހަރެއްގެ އިތުރުން އިރުމައްޗާއި ހުޅަނގާއި ވިޔަފާރީގެ ގޮތުން ގުޅުވާލަދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ގަދީމީ ޝަހަރެކެވެ.

ސީރިއާގައި ހިގަމުންދާ ހަގުރާމަ ފެށުމުގެ ކުރިން ސީރިއާގެ އެންމެ ބޮޑު ޝަހަރުގެ ގޮތުގައި އޮތް އަދި ޝާމުކަރައިގެވެސް އެންމެ ބޮޑު އެއް ޝަހަރު ކަމަށްވާ ހަލަބަކީ މުއްސަދި ތާރީޚީ ތަރިކައެކެވެ. އުސްމާނީ ޚިލާފަތުގެ ދުވަސްވަރު ހަލަބަކީ، ގިސްތަންތޫނިއްޔާ (ކޮންސްޓެންޓިނޯޕޯލް) އާއި ގާހިރާ (ކެއިރޯ) އަށް ފަހު އުސްމާނީގެ ޚިލާފަތުގެ ތިންވަނަ އަށް އެންމެ ބޮޑު ޝަހަރެވެ. 

ޔުނެސްކޯގެ އާސާރީ ސަރަހައްދެއް ކަމަށް ރެކޯޑްކޮށްފައިވާ ހަލަބަކީ ދުނިޔޭގެ އެންމެ ގަދީމީ އެއް ޝަހަރެވެ. ސުންނާފަތި ވަމުންދާ، އެއާސާރީ ތަރިކަ އަންނަން އޮތް ޖީލަށް ނުފޯރާފާނެ ކަމަށް ބެލެވޭއިރު އެޝަހަރާއި މެދު ބަލާލުން މުހިންމެވެ.

ހަލަބަކީ ގަދީމީ ޝަހަރެއްގެ އިތުރުން މުއްސަދި ތާރީޚެއް އޮތް ޝަހަރެކެވެ. އެ ޝަހަރުގެ ތާރީޚް އީސާގެފާނުގެ 20 ގަރުނު ކުރިއާއި ހަމައަށް ފޯރައެވެ. ހަލަބުގެ ތާރީޚު މުއްސަދިވެގެން ދަނީ ގަދީމީ ޒަމާނުގައި ހަލަބުގައި ގާއިމުވި ވެރިކަންތަކާއި ބޮޑެތި ބާރުތަކުން ހަލަބަށް ދީފައިވާ އިސްކަމުގެ ސަބަބުން ވެސްމެއެވެ.

އެގޮތުން، އިސާގެފާނުގެ 18 ގަރުނު ކުރިން ހަލަބުގައި ޔަމްހާދީންގެ ވެރިކަން ގާއިމުވުމުގެ ސަބަބުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ހަލަބު ފުރާ ފުރިހަމަވެގެން ދިޔައެވެ. ހަަލަބުން ފެށުނު ޔަމްހާދީންގެ ވެރިކަން ފުޅާވެ ފުރާތުކޯރާއި ހަމައަށް ފޯރިއެވެ. އޭރު ތުރުކީގައި ގާއިމްވެފައި އޮތް ހިއްތީންގެ ވެރިކަމުން ހަލަބަކީ ދުޝަމަނެއްކަމަށް ބަލަމުން ނުދިޔަ ނަމަވެސް ހިއްތީންނާއި މިސްރުގެ ވެރިކަމުން ހަލަބަށް ފާރަވެރިވަމުން ދިޔައީ އެއީ ހިއްތީންނާއި މިސްރާއި ގުޅުވާލަދޭ ނާރެހަކަށް ވުމުގެ ސަބަބުން ވިޔަފާރިއާއި އެހެނިހެން ފައިދާ ތަކުގެ ސަބަބުންނެވެ. 

ނަތީޖާއެއްގެ ގޮތުން އީސާގެފާނުގެ 16 ގަރުނު ކުރިން ހިއްތީންގެ މުރުޝިލީގެ ވެރިކަމުގައި ހަލަބަކީ އެބައިމީހުންގެ ވެރިކަމުގެ ދަށުގައި އޮންނަތަނެއްގެ ގޮތުގައި ހަމަޖެހުނެވެ. އެއަށްފަހު، ހަލަބު ވަކިން އަމިއްލަ ވެރިކަމެއް ކުރި ދުވަސްކޮޅެއްދިޔަ ކަމަށްވެސް ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް، ހިއްތީންނާއި ވަކިވެ އަމިއްލަ ވެރިކަމެއް މާގިނަ ދުވަހަކަށް ނުކުރެވުނެވެ. 

އަރާމީން (އެރެމެއިކް ކިންގްޑަމް) އިން ހަލަބުގައި އެމީހުންގެ ވެރިކަން ގާއިމްކުރިއެވެ. އަރާމީންގެ ވެރިކަން އިރާގާއި ސޫރިއާގެ ބޮޑުބަޔަކަށް ފެތުރުނެވެ. އީސާގެފާނުގެ 9 ގަރުނުކުރިން އަސީރީން އެބައިމީހުންގެ ބާރުދަށަށް ހަލަބު ގެންދިޔައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!