A wide advertisement which will be shown on all devices. (700 x 100)

ހަލަބު ނުވަތަ އެލެޕޯ 2: ދިގުތާރީޚެއް އޮތް ގަދީމީ ޝަހަރެއް

އީސާގެފާނުގެ 64 އަހަރު ކުރިން ރޫމީން ހަލަބަށް ވެރިވެގަތެވެ. އެއީ ރޫމީ ދައުލަތް ދެބައިކޮށް އިރުމަތީ ރޫމީންގެ ނަން ބިޒެންޓީންގެ ނަމަށް ބަދަލުވުމުގެ ކުރިއެވެ.

އަހަރުތަކެއްފަހުން، މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު ބުނު ޚައްތާބުގެ ވެރިކަމުގައި ޝާމްކަރަ ފަތަހަ ކުރުމަށް ފޮނުވުނު ލަޝްކަރުން ވަރުގަދަ ހަގުރާމައަކަށްފަހު ޝާމްކަރައިގައި ހޯދަންފެށި ކާމިޔާބު އިސާހިތަކު ދިމިޝްގުން، ހިމްސުން ގޮސް އުތުރު ސީރިއާގެ ހަލަބާއި ހަމައަށް ފޯރައިފިއެވެ. އަބޫ އުބައިދާ އަލްޖައްރާހާއި ޚާލިދު ބުނު ވަލީދު ބެލުމުގެ ދަށުގައި ޝާމްކަރައިގައި ހަރަކާތްތެރި ވަމުންދިޔަ ލަޝްކަރުތަކުން ހަލަބު ފަތަހަކޮށްފައިވަނީ މީލާދީ ސަނަތުން 636 ނުވަތަ 635 ވަަނަ އަހަރުގައެވެ. އޭގެ 80 ވަރަކަށް އަހަރުފަހުން އުމަވީ ޚިލާފަތުގައި ސުލައިމާނު ބިން އަބްދުލްމަލިކު ގެ ވެރިކަމުގައި ހަލަބުގެ މަޝްހޫރު މިސްކިތް ބިނާ ކުރެވުނެވެ.

މީލާދީ ސަނަތުން 10 ވަނަ ގަރުނުގައި އުތުރު އިރާގާއި އުތުރު ސީރިއާގެ ބާރު އައްބާސީންގެ އަތްދަށުން ހަންދާން އިބުނު ހަމްދޫނަށް ނިސްބަތްވާ ހައްދާނިއްޔޫން ދަރިކޮޅުން ހޯދިއެވެ. އަދި އެބައިމީހުން އުތުރު ސީރިއާ އާއި އުތުރު އިރާގުގައި ގާއިމުކުރި ވެރިކަމުގެ ވެރިރަށަކީ ހަލަބު ކަމުގައި ހަމަޖެއްސިއެވެ. ނަމަވެސް އެބައިމީހުންގެ ވެރިކަން މާގިނަ ދުވަހަކަށް ދެމިގެން ނުދިޔަ ފަދައިން ހަލަބާއި ވެސް ކުރިމަތިވީ ހަމަނުޖެހުން ބޮޑު އަހަރުތަކަކާއިއެވެ. އެގޮތުން، މިސްރުގައި އޮތް ފާތިމީންނާއި، އިރުމަތީ ރޫމީންގެ ވެރިންގެ ބެލުމުގެ ދަށުންގައި އޮތް ދުވަސްކޮޅެއް ދިޔަ ފަދައިން މިނިވަން ގަބީލާ ވެރިކަން ހިގި ދުވަސްކޮޅެއް ވެސް ދިޔައެވެ.

އެދުވަސްވަރަކީ ފައްޅީގެ ގޮވާލުމަށް އީސާއީން މުސްލިމުންނާއި މުސްލިމުންގެ ބިންތައް ތަޅާސުންނާފަތިކުރުމަށް ހުވާކޮށްގެން (ކުރޫސޭޑާސް) ނިކުތް ދުވަސް ވަރަކަށް ވާތީ އެބައިމީހުން ލަޝްކަރުތަކުގެ ހަމަލާތައް ވެސް ހަލަބަށް އަމާޒުވިއެވެ. އެގޮތުން، މީލާދީ ސަނަތުން 1098 އާއި 1124 ގައި ނާކާމިޔާބު ދެހަމަލާއެއް ފައްޅިތަކުން ބާރުދިން އީސާއީ ހަގުރާމަވެރި ކުރޫސޭޑާސް ދިނެވެ.

މީލާދީ ސަނަތުން 1154 ވަނަ އަހަރު އިރާގުގެ މޫސަލްގެ ވެރިއަކަށް ހުރި އިމާދުއްދީންގެ ދަރިކަލުން ނޫރުއްދީން ދިމިޝްގާއި އާއި ހަލަބުގެ ވެރިކަމަށް އިސްވިކަމަށް ސަލާހުއްދީން އައްޔޫބީ އާއި ގުޅޭގޮތުން އަބްދުﷲ ނާސިހު އުލްވާން ލިއުއްވި ފޮތުގައިވެއެވެ. ނޫރުއްދީންގެ ވެރިކަމުގައި މިސްރުގައި އޮތް ފާތިމީންގެ ވެރިކަމުގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން ނޫރުއްދީނާއި ފަލަސްތީނަށް ވެރިވެގެންތިބި އީސާއީ ކްރޫސޭޑާސް އަށް އެކޯޅުމުގެ ތެރެއަށް ވަންނަން ފުރުސަތު ލިބުނެވެ. މިފުރުސަތުގެ ބޭނުން ހިފައި ނޫރުއްދީން ގެ ލަޝްކަރު ވަރަށް ފުރިހަމަ ކާމިޔާބީއެއް ކްރޫސޭޑާސް ލަޝްކަރުގެ މައްޗަށް ހޯދިއެވެ. މިހަގުރާމައި ގައި ޒުވާން ސަލާހުއްދީންގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ފާހަގަވެގެން ދިޔައެވެ. މިސްރުގައި ސަލާހުއްދީން އާއި ސަލާހުއްދީނުގެ ބޮޑުބޭބު އަސަދުއްދީންގެ ލަޝްކަރު ކުރިއަރައި މިސްރު ފަތަހަކުރިއެވެ. ސަލާހުއްދީންގެ ބޮޑުބޭބެ މިފަނާވަނިވި ދުނިޔެ ދޫކުރެއްވުމާއިއެކު ޒުވާން ސަލާހުއްދީން މިސްރުގެ ވެރިކަމަށް އައްޔަން ކުރެވުނެވެ.

ސަލާހުއްދީންގެ ކުޅަދާނަކަމާއިއެކު މިސްރު ފަތަހަވުމަށްފަހު ކުރުމުއްދަތެއްގެ ތެރޭގައި އެޒަމާނުގައި މިނިވަންކަން އިއުލާންކުރާ ބީދައިން ހުކުރު ޚުތުބާ ނޫރުއްދީންގެ ނަމުގައި ކިއަންފެށިއެވެ. 

ނޫރުއްދީން އަވަހާރަވުމާއި ގުޅިގެން އަނެއްކާވެސް ސީރިއާއަށް ހަމަނުޖެހުމާއި ކުރިމަތިވިއެވެ. އެހިނދު ސީރިއާއިން ސަލާހުއްދީންގެ އެހީތެރިކަމަށް އެދުމާއިއެކު ވަޑައިގެން އެހަމަނުޖެހުމާއި ހިކުމަތްތެރިކަމާއިއެކު ކުރިމަތިލެއްވިއެވެ. އެއަށްފަހު ހަލާބާއި ސީރިއާގެ ވެރިއަކަށް ސަލާހުއްދީން އިސްވިއެވެ. ސަލާހުއްދީން ގެ ވެރިކަމުގައި ހަލަބަށް އަލުން ހަމަޖެހުން ލިބި އެ ޝަަހަރު ތަރައްގީވެ ކުރިއަރަމުންދިޔައެވެ.

ސަލާހުއްދީންގެ ވެރިކަމަށްފަހު 70 ވަރަކަށް އަހަރު ފަހުން އެދަރިކޮޅުގެ އައްނާސިރު ޔޫސުފު ވެރިކަމުގައި ތަތާރުން (މޮންޖޯލިއަނުންގެ ގޮތުގައިވެސް ނިސްބަތް ކުރެވޭ) ބައުދާދު ތަޅާސުންނާފަތިކޮށްލިއެވެ. ޝެއިޚް އިސާމް ރަޖަބު ކިއުއްވާދެއްވާ ގޮތުގައި ބައުދާދަށް އަމާންކަން ލިބުނީ ބައުދާދު ތަޅާލުމަށްފަހު 40 ދުވަސްފަހުންނެވެ. އެދުވަހު އެއްމިލިއަން ރައްޔިތުން ވަޅުލިއެވެ.

ތަތާރުން ބައުދާދު ތަޅާލުމަށްފަހު ހަލަބާއި ހަމައަށް ވާސިލުވެވުނީ އެއްއަހަރު ފަހުންނެވެ. ނަމަވެސް ހަލަބަށް އެއްވެސް އެހީތެރިކަމެއް ދިމިޝްގުން ފޮނުވާފައެއްނުވެއެވެ. ސީރިއާގެ ވެރިއަކަށް އޭރުހުރީ ސަލާހުއްދީން އައްޔޫބީގެ ދަރިކޮޅުގެ އައްނާސިރު ޔޫސުފު އެވެ. ޔޫސުފު މަސައްކަތްކުރީ ތަތާރުންގެ އެހީތެރިކަމާއިއެކު މިސްރު ހިފުމަށެވެ. ނަމަވެސް، ތަތާރުން ޔޫސުފަށް އެހީތެރިވުމަށް ދެކޮޅު ހެދުމާއިއެކު ބިރުވެރިކަން އިހުސާސްކުރެވި މަދަދަށް މިސްރަށާއި އެހެނިހެން ކަންކޮޅުތަކަށް އެދުނު ނަމަވެސް އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. އެހެންކަމުން ދިމިޝްގުން ހަލަބަށް އެހީތެރިކަން ފޯރުކޮށް ދެވޭ ވަރެއްނުވިއެވެ.

ތަތާރުން ހަލަބަށް އެރުމަށްފަހު އާންމުންނަށް އަމާންކަން ދޭނެކަމުގެ މެސެޖްތައް ފޮނުވިއެވެ. ނަމަވެސް، އޭރު ހަލަބުގެ ވެރިއަކަށް ހުރި ތޯރާން ޝާހަށް މިއީ ހީލަތްތެރި ރޭވުމެއް ކަމަށް ވިސްނި މިކަމަށް އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް، ޝާހްގެ މި ނަސޭހަތް ގަބޫލުނުކޮށް ހަލަބުގެ ދޮރޯށިތައް ހުޅުވާލިއެވެ. އެއާއިއެކު ތަތާރުން ހަލަބަށް ވަނެވެ. ތަތާރުންގެ ލީޑަރަކަށް އޭރުހުރި ހުލާގޯ ހުރިހާ މުސްލިމުން މެރުމަށާއި އީސާއީން ނުމަރާ ދޫކޮށްލުމަށް ސިފައިންނަށް އަމުރުކުރިއެވެ.

ހިތްވަރާއިއެކު ޝާހާއިއެކު ވީމަދު މުޖާހިދުންކޮޅު ހަލަބުގެ ކިއްލާއިން ރައްކާތެރިކަން ހޯދިއެވެ. ނަމަވެސް ތަތާރުން އެއްމަސްދުވަސް ވަންދެން ކިއްލާ ހިސޯރުކުރުމަށްފަހު އެކިއްލާ ފަތަހަކޮށް މުސްލިމުން މެރުމަށްފަހު އެމީހުންގެ ބާރުގެދަށަށް ހަލަބު ގެންދިޔައެވެ. އެއީ މީލާދީ ސަނަތުން 1260 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ތަތާރުންގެ ވެރިކަން މާގިނަ ދުވަހަކަށް ދިގުދެމިގެނެއް ނުދިޔައެވެ. އަހަރެއްނުވަނީސް މިސްރުގައި އޭރުއޮތް މަމްލޫކުންގެ ވެރިކަމުން ތަތާރުންނާއި ދެކޮޅަށް ނިކުމެ އައިނު ޖާލޫތުގައި ކުރި ހަގުރާމައިގައި ނަސްރާއި ކާމިޔާބު ލިބި ސީރިއާއިން ތަތާރުންގެ ވެރިކަން ނައްތާލިއެވެ. އެއީ 1260 ވަނަ އަހަރުގެ ފަހުކޮޅެވެ. 

(ނުނިމޭ)

ކުރީގެ ލިއުންތައް

ހަލަބު ނުވަތަ އެލެޕޯ: ދުނިޔޭގެ އެންމެ ގަދީމީ އެއްޝަހަރު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !