17 އޯގަސްޓް 2017 (ބުރާސްފަތި)


ޙަލަބް 3: ޞަލީބީންނަށް ސުންނާފަތި ނުކުރެވުނު ޝަހަރު ބިމާ ހަމަވަނީ

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މަމްލޫކުންގެ ވެރިކަން ނިމުމަކަށް އައީ އުސްމާނީ ޚިލާފަތް އުފެދުމާއި ގުޅިގެންގެނެވެ. އެގޮތުން، މީލާދީ ސަނަތުން 1516 ވަނަ އަހަރު އުސްމާނީން މަމްލޫކުންގެ މައްޗަށް ކުރި ހޯދާ ހަލަބަކީ އެބައިމީހުންގެ ބާރުގެ ދަށުގައި ވާ ޝަހަރެއްގެ ގޮތުގައި ހަމަޖެއްސިއެވެ. އެއަށްފަހު އުސްމާނީން ގެ ފުތޫހާތުތައް ކުރިއަރައި މިސްރާއި ހަމައަށް ވެސް ވެރިކަން ފުޅާވިއެވެ. އުސްމާނީންގެ ދައުރުގައި އިދާރީ ދެދާއިރާއަކަށް ސީރިއާ ބަހާލައި އުތުރު ސީރިއާގެ ވެރިރަށުގެ ގޮތުގައި ހަލަބު ހަމަޖެހިގެންދިޔައެވެ.

އުސްމާނީ ޚިލާފަތުގެ ދެވަނަ އަށް އެންމެ ބޮޑު ޝަހަރު (ވެރިރަށް ކަމަށްވާ ގިސްތަންތޫނިއްޔާ އަށް ފަހު އެންމެ ބޮޑު ޝަހަރު) ހަލަބަކީ ވިޔަފާރި މަރުކަޒަކަށް ވިއެވެ. އެގޮތުން، އިރުމައްޗާއި ހުޅަގާއި ވިޔަފާރީގެ ގޮތުން ގުޅުވާލެވޭ ވިޔަފާރީގެ ނާރެހަކަށް ހަލަބު ވެގެން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން ހުޅަގުގެ ވިޔަފާރި ކުންފުނިތަކާއި ކޮންސިއުލޭޓް އޮފީސްތައް ހަލަބުގައި ގާއިމުވިއެވެ. އެގޮތުން، ރިޕަބްލިކް އޮފް ވެނިސްގެ ކޮންސިއުލޭޓް އޮފީސް 1548 ގައި ގާއިމްވި އިރު ފްރާންސްގެ ކޮންސިއުލޭޓް އޮފީސް 1562 ގައި ގާއިމްވިއެވެ. މީގެ އިތުރުން އިގިރޭސި ކޮންސިއުލޭޓް އޮފީސް 1583 ގައި އަދި ނެދަލޭންޑް ކޮންސިއުލޭޓް އޮފީސް 1613 ގައި ގާއިމްވިއެވެ. މީގެ އިތުރުން ލެވެންޓް ކޮމްޕެނީ އޮފް ލަންޑަންގެ މައިއޮފީސް 18 ވަނަ ގަރުނާއި ހަމައަށް ހުރީ ހަލަބުގައެވެ. މިއޮފީހަކީ އުސްމާނީ ޚިލާފަތުގެ ބާރުހިގާ ސަރަހައްދުތަކުގައި އޮތް ވިޔަފާރީގެ ފައިދާ ނެގުމަށް އިގިރޭސިން އުފައްދާފައިވާ ކުންފުންޏެކެވެ.

އުސްމާނީ ޚިލާފަތުގެ މުހިންމު ޕޮރޮވިންސެއްގެ ގޮތުގައި އޮތް ހަލަބުގެ އާބާދީ ތާއޫން ބައްޔާއި ކޮލެރާގެ ސަބަބުން ނަވާރަ ވަނަ ގަރުނުގައި އެކަށީގެންވާ ބާރުމިނުގައި ކުރިއަރައިގެން ނުދިޔައެވެ.

ފުރަތަމަ ބޮޑު ހަގުރާމަ ނިމި ފަރަންސޭސިންނާއި އިގިރޭސިން މެދުއިރުމަތީގެ ބިންތައް ބަހާލިގޮތުން ހަލަބަށް އިގުތިސާދީ ގޮތުން ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ. އެގޮތުން، ހަލަބުގެ ގިނަ ރަށްތައް ފަރަންސޭސިންގެ ދަށުގައި އޮތް ސީރިއާ ގެ ދަށަށް ދިޔަ ނަމަވެސް މުހިންމު ބައެއް ޝަހަރުތައް ކަމާލް އަތާތުރު އަލަށް އިއުލާން ކުރި (އޭނާގެ ދަރިކޮޅާއި ނަމާއި ގުޅުވައިގެން އުފެއްދި ގައުމު) ތުރުކީގެ ބައެއްގެ ގޮތުގައިވެސް ހަމަޖެހުނެވެ. މީގެ އިތުރުން ހަލަބުގެ ބަދަރުގެ ގޮތުގައި މަޝްހޫރުވެފައި އޮތް އިސްކަންދަރޫން އާއި ސިސިލިއާ ތުރުކީގެ ޝަހަރަކަށް 1939 ގައި ވެގެން ދިއުމަކީ ހަލަބަށް ފޫނުބެދޭވަރުގެ އިގްތިސާދީ ގެއްލުމަކަށްވިއެވެ. ތުރުކީ އުފަންވުމާއިއެކު ހަލަބަކީ މޫދާއި އެކަހެރި (ލޭންޑްލޮކް) ޝަހަރަކަށްވިއެވެ. މީގެ އިތުރުން އުތުރު އިރާގުގެ ބޯޑަރާއި ގުޅިގެން ހަލަބުގެ އެކަހެރިކަން އިތުރުވިއެވެ.

ދެވަނަ ބޮޑު ހަގުރާމައަށްފަހު މީލާދީ ސަނަތުން 1922 ގައި ފަރަންސޭސިންގެ ބެލުމުގެ ދަށުން (މެންޑޭޓްގެ) ސީރިއާ އުދެފުނު އިރު ވެރިކަން ކުރާ ޝަހަރަކަށް ވެގެންދިޔައީ ހަލަބެއެވެ. ނަމަވެސް، ފަހުން ސީރިއާގެ ވެރިކަން ކުރާ ޝަހަރު ދިމިޝްގަށް ބަދަލުވެގެން ދިޔައެވެ. އޭރު ސީރިއާގައި އޮތީ މައިގަޑު ތިން ސްޓޭޓެވެ. އެއީ ހަލަބު ސްޓޭޓާއި ދިމިޝްގު ސްޓޭޓާއި ބައްޝާރުލް އަސަދު ނިސްބަތްވާ ޖަމާއަތުން ކޮންޓްރޯލްކުރާ އަލާވީ (ނުސައިރީންގެ ގޮތުގައި ކުރިން ނިސްބަތްކުރި ޖަމާއަތް) ސްޓޭޓެވެ. މިސްޓޭޓަށް އަލާވީ ސްޓޭޓެވެ ކިއުނީ މިސްޓޭޓްގައި ޝިއައީ ފިގުރާ (ސެކްޓެއް) ކަމަށްވާ ނުސައިރީން ގިނަ ކަމުންނެވެ. އަދި މިސްޓޭޓް އަބަދުވެސް ކޮންޓްރޯލްކޮށް ބައެއް ފަހަރު މިނިވަން ދައުލަތެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވާ ސްޓޭޓެކެވެ.

މެދުއިރުމަތި ބައިބައިވެ ކުދިކުދި ގައުމުތަކަށްވެ ވަކިވަކި ދައުލަތްތަކުގެ ގޮތުގައި އުފެދި މިނިވަންކަން އިއުލާންކުރުމާއި ގުޅިގެން ހަލަބުގެ އިގްތިސާދަށް ލޮޅުންތަކެއް އެރިއެވެ. އެގޮތުން، ވިޔަފާރީގެ މައިމަރުކަޒެއްގެ ގޮތުގައި އޮތުމަށްފަހު ސިނާއީ ޝަހަރަކަށް ބަދަލުވެގެން ދިޔައެވެ.

މިއަދު ސީރިއާގައި ގިނައީ ސުންނީންނެވެ. އޭގެތެރެއިން ގިނައީ އަރަބިންނެވެ. ނަމަވެސް ސުންނީންގެ ތެރޭގައި ތުރުކުމާނުން ދަރިކޮޅަށް ނިސްބަތްވާ މީހުންނާއި ކުރުދީން ދަރިކޮޅުގެ މީހުންވެސް ހިމެނެއެވެ. ސީރިއާގެ އެންމެބޮޑު ކްރިސްޓިއަން އާބާދީވެސް އޮތީ ހަލަބުގައެވެ. ކްރިސްޓިއަނުންގެ އިތުރުން ބައްޝާރުލް އަސަދު ނިސްބަތްވާ ޝިއައީންގެ ފިގްރާއެއް ކަމަށްވާ ނުސައިރީން ނުވަތަ އަލާވީންވެސް ހަލަބުގައި ދިރިއުޅެއެވެ.

މީލާދީ ސަނަތުން 2011 ވަނަ އަހަރު ސީރިއާގައި ބައްޝާރުލް އަސަދުގެ ވެރިކަމާއި ދެކޮޅު ހަގުރާމަވެރިންނަށް ހަލަބަށް ވަދެވުނަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ބައްޝާރުގެ ވެރިކަމުން ކުރިނަމަވެސް އިދިކޮޅު ހަގުރާމަވެރިން 2012 ވަނަ އަހަރު މެދުތެރޭގައި ހަލަބާއި ހަމައަށް ފޯރިއެވެ. އިދިކޮޅު ހަގުރާމަވެރިން ހަލަބުގައި ކުރިއަރައި ޖުލައި ނިމުނު އިރަށް ގަދީމީ ހަލަބުގެ ދޮރޯއްޓާއި ހަމައަށް އިދިކޮޅު ހަގުރާމަވެރިން ފޯރިއެވެ. ޒަމާނީ ހަތިޔާރުން މަހުރޫމްވެފައިވާ އިދިކޮޅު ހަމަގުރާމަވެރިންގެ ބާރު ހަލަބުން ކަނޑުވާލުމުގެ ކަމުގައި ސީރިއާއިން 2013 ވަނަ އަހަރުން ފެށިގެން ވަރުގަދަ ހަގުރާމައެއްފެށިއެވެ.

މިހަގުރާމަ ހޫނުވެ 2015 ވަނަ އަހަރު އެމްނެސްޓީ އިންޓަނޭޝަނަލް އިން ހަލަބަކީ އާންމު ރައްޔިތުންނަށް ދިރިއުޅެން ނުކުޅަދާނަ ތަނެއް ކަމަށް އިއުލާންކުރިއެވެ. އަދި ބައްޝާރުގެ ސަރުކާރާއި އިދިކޮޅު ހަގުރާމަވެރިންވެސް ހަގުރާމައިގެ ޖަރީމާތައް ހިންގާކަމަށް ތުހުމަތުކުރިއެވެ.

މިހަގުރާމައިގެ ތެރެއަށް ރަޝިއާ ވަދެ ބައްޝާރުގެ ސަރުކާރަށް މަދަދުވެރިވާން ފެށުމާއިއެކު ގިނަ އާންމު ރައްޔިތުންތަކެއް މިހަގުރާމައިގައި މަރުވާން ފެށިއެވެ. ނަމަވެސް ރަޝިއާއިން ބުނަމުންދަނީ އެބައިމީހުން ބޮން އަޅަމުންދަނީ އިދިކޮޅު ހަގުރާމަވެރިންގެ މަރުކަޒުތަކަށެވެ. ނަމަވެސް މިހަމަލާތައް ގިނަ އަދަދަކަށް އާންމު ރައްޔިތުންނަށް ފޯރާކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ. އެއާއިއެކު މިހާރު ހަލަބުވެފައިވަނީ ބިރުވެރި ޝަހަރަކަށެވެ. އެތަކެއް ފަހަރު ސަލީބީ ހަގުރާމަވެރިންގެ (ކްރޫސޭޑްސް) ހަމަލާތަކުންވެސް ސުންނާފަތި ނުކުރެވުނު ހަލަބު މިހާރުދަނީ ބައްޝާރާއި ބައްޝާރަށް ވާގިވެރިވާ ރަޝިއާއާއި އިރާނުގެ ބޮންއަޅާ މަތިންދާބޯޓްތަކާއި އެހެނިހެން ހަމަލާތަކުން ބިމާއި ހަމަވަމުންނެވެ.

(ނުނިމޭ)

ކުރީގެ ލިއުންތައް


ހަލަބު ނުވަތަ އެލެޕޯ: ދުނިޔޭގެ އެންމެ ގަދީމީ އެއްޝަހަރު

ހަލަބު ނުވަތަ އެލެޕޯ 2: ދިގު ތާރީޚެއް އޮތް ގަދީމީ ޝަހަރެއް 

+

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!