A wide advertisement which will be shown on all devices. (700 x 100)

“ވެލާނާ” އެއަރ ޕޯރޓު ނަން އިބްރާހިމް ނާސިރުގެ ނަމަށް ނިސްބަތް ވޭބާ؟

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރ ޕޯރޓްގެ ނަން 1 ޖެނުއަރީން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯރޓުގެ ނަމަށް ބަދަލުކުރަނީ. ފޮޓޯ: އޭވިއާ ޕްރޯ.

އަންނަ ޖެނުއަރީ މަހުން 1 ފެށިގެން ރާއްޖޭގެ ގައުމީ އެއަރޕޯރޓުގެ ނަން ވެލާނާ އިންޓަރނޭޝަލް އެއަރ ޕޯރޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ސަރުކާރުން ވަނީ މިބަދަލު ގެނައުމުގެ ހުއްޖަތްތަކެއް ވެސް ދައްކާފައެވެ.

ނަމަވެސް ގިނަބަޔަކަށް އެކަން ބަލައިނުގަނެވޭ ކަމަށް ގަބޫލު ކުރެވެނީ ސޯޝަލް މީޑިއާއި އާއްމު މީޑިއާތަކުގައި އެކަމާއި ދެކޮޅަށް ދެކެވޭ ފާޑުކިޔުންތަކުންނެވެ. ސަރުކާރުން ބުނެފައި ވަނީ ‘ވެލާނާ’ އެނަން އިބްރާހިމް ނާސިރަށް ނިސްބަތްވާ ކަމަށެވެ. ސަރުކާރުގެ އެބުނުމާ އެއްގޮތަށް ކޮންމެވެސް ގުޅުމެއް ވާކަމަށް ފަހުގެ މީހުންނަށް ގަބޫލު ކުރެވޭނެ އެއްސަބަބަކީ އިބްރާހިމް ނާސިރުގެ ގެއަށް ވެލާނަގެ ކިޔާފައިވާ ކަމެވެ. ނަމަވެސް މިހާރަކު އެގެއް ނެތެވެ. މިހާރު ހުރީ ވެލާނާ ބިލްޑިންގް އެކެވެ. އެބިލްޑިން އަކީ ނާސިރުގެ ބިން ދައުލަތުން ނުއަގުގައި ގަނެގެން އަޅާފައިވާ ސަރުކާރުގެ އެންމެ ބޮޑު އޮފީސް އިމާރާތެވެ.

ދިވެހި ބަހުގެ ރަދީފުގައި ވެލާނާ މާނަކޮށްދީފައި ވަނީ ‘ކޮލީ’ ނަމެއްގެ ގޮތުގައެވެ. އެއީ އިހުގައި ‘ހަވަރު’ގެ ހަބައިގެ ތެރެއިން ‘ވެލާނާވަރު’ ގެ ވެރިއަކަށް ހުންނަވާ ބޭކަލަކަށް ލައްވާ (ކޮލި) ކޮއްޔެވެ. މިބޭކަލަކަށް ރަސްކަމުން އަސާ ދެއްވައެވެ. މިއީ ބޭރުގެ ކަންތައްތަކާއި ބެހޭ އިސް ވަޒީރުކަމަށް ރަދީފުގައި ވެއެވެ. ނަމަވެސް ރާއްޖޭގެ ބޭރާ ބެހޭ ވަޒީރުގެ އޮފީސް ހުންނަނީ އެހެން އިމާރާތެއްގައެވެ.

ރައީސް އިބްރާހިމް ނާސިރަކީ ވެލާނާވަރުގެ ވެރިކަން ކުރެއްވި ބޭފުޅެއްކަން އެނގޭކަށް ނެތެވެ. އަދި ދިވެހި ދައުލަތުގެ ބޭރާބެހޭ ވަޒީރުގެ ހައިސިއްޔަތުން ހުންނެވިކަމެއް ވެސް އެގޭކަށް ނެތެވެ. ނަމަވެސް މުހައްމަދު އަމީނުގެ ވެރިކަމުގައި ވެލާނާގެ އިބްރާހިމް ދީދީއަކީ ނާސިރުގެ ބޮޑު ބޭބެއެކެވެ. ނާސިރުގެ ބައްޕައިކީ ވެލާނާގެ އަޙުމަދު ދީދީއެވެ. ވުމާއެކު އާއިލީ ގޮތުން ވެލާނާގެ ނިސްބަތް ވަނީ ނާސިރުގެ ތިމާގެ، އާއިލާއަށޭ ބުނެވިދާނެއެވެ.

އިބްރާހިމް ނާސިރުގެ މައިފުށް ފުވައްމުލަކަށް ނިސްބަތްވުމުން އިބްރާހިމް ނާސިރުގެ ޒިކުރާ އާކުރެވުމަކީ ފުވައްމުލަކުގެ ވެސް ޒިކުރާ އާ ކުރެވުންކަމުގައި ފުވައްމުލަކުގެ ގިނަބަޔަކު ގަބޫލުކުރަނީ، ދިވެހި ދައުލަތުގެ ވެރިއަކަށްވެ ދިވެހި ރާއްޖެއަށް އެފަދަ ޚިދުމަތްތަކެއް ކުރި ދެވަނަ ފުވައްމުލަކުގެ ދަރިއެއްގެ ނެތުމުގެ އިތުރުން މުޅި ދިވެހި ފަސްގަނޑުގައި އެފަދަ ދެވަނައެއް ނުވާކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި މި ވީދުވަސްތަކަށް ބަލާއިރު ކުރީގެ ރައީސުން ކޮށްފައިހުރި ގިނަ ކަންތައްތަކެއް ވަނީ އެއިގެ އަސްލު ގެއްލުވާލައި، އެ ރައީސުންގެ ހަނދާންތައް ފޮހެލެއްވުމަށް މަސައްކަތް ކުރައްވާފައި ކަމަށް ގިނަ މީހުން އަންނަނީ ހާމަކުރަމުންނެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭގައި ހެދި ސުނާމީ ބިނާއާއި ސަލްޓަންޕާކު ކުރިމަތީ ހެދި ޖުމްހޫރީ ބިނާ، ނަގައި އެހެން ތަންތަނަށް ބަދަލުކުރުން ހިމެނެއެވެ. އެގޮތުން ސުނާމީ ބިނާ ބަދަލުކުރި ބަދަލުކުރުން، ފަހުން ގިނަބަޔަކަށް ގަބޫލުކުރެ ވުނީ މާލޭގައި އެބިނާ ބެހެއްޓުމަަށް ދެވަނަ ވިސްނެވުމަކަށް ސަރުކާރުން ދިއުމުންނެވެ.

ގައުމެއްގައި ގައުމިއްޔަތު ކަމުގެ ސިފަ ދެމިގެންދާނީ ގިނަ ޒަމާންތަކަކަށް އެނަމެއް ނުވަތަ އެކަމެއް ދެމިގެން ދިއުން ކަމަށް ގައުމީއްޔަތު ދެމެހެއްޓުމަށް ލޯބިކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެގޮތުން ރާއްޖޭގެ ކަންތައްތައް ވެސް ނުދާނަމަ ދިވެހިވަންތަކަން ވެސް ދެމިގެން ދިއުމަށް ހުރަސް އެޅިގެންދާނެ ކަމަށް އެފަދަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ސޯޝަލް މީޑީއާ އެކްޓިވިސްޓުން މިކަން ދެކެނީ ޒާތީކަމެއްގެ ގޮތުގައިއެވެ. އެއީ ރައީސް މައުމޫނު “ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް”ގެ ނަން މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ނަމަށް ބަދަލުކޮށް 10 އަހަރަށް ވުރެ ގިނަ ދުވަސްވި ފަހުން އެމްޑީޕީ ސަރުކާރުގައި ރައީސް ނަޝީދު ވަނީ އެނަން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ނަމަށް ބަދަލުކޮށްފައެވެ. އެބަދަލާއެކު ގިނަ ބަޔަކު އެކަން ބަލައިގަތް ކަމަށް ބެލެވެނީ، މިހާރަށް ވުރެ މީޑީއާ މިނިވަންކަމާއެކު ހަރަކާތްތެރި ވަމުން އައިދުވަސްވަރެއް ނަމަވެސް ފާޑުކިޔުންތަކެއް އާއްމުވެގެން ނުދިއުމުންނެވެ. އެއިގެ 5 އަހަރު ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި މިވަނީ އަނެއްކާ އެއަރ ޕޯރޓުގެ ނަން ވެލާނާ އެއަރ ޕޯރޓުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައެވެ.

މިފަހަރުގެ ބަދަލާއެކު، ގިނަބަޔަކު މިކަން ބަލައި ނުގަތަސް ޔާމީނުގެ ވެރިަކމަށް ތާއިދުކުރާ ފަރާތްތަކުން މިކަން ބަލައިގަންނަކަން އެނގެނީ ޚުދު ފުވައްމުލަކުން ވެސް ނާސިރު ނިސްބަތްވާ ދަޑިމަގު އަވަށުގެ ބައެއް މީހުން ވެސް މިކަމާއި ގުޅިގެން ނާސިރަށް ފާޑުކިޔުންތައް އަމާޒު ކުރާތީއެވެ.

“ނާސިރު ވަޑައިގަތީ މިނިވަންކަން ހޯއްދަވާ ދެއްވާފައި އޭގެ ބަދަލުގައި ގައުމުގެ ބައިތުލް މާލު ހިއްޕަވައިގެން. އެވަރުން ނާސިރަށް ފުދޭ. ވެލާނާގެ ނަން ލާކަށް ނުޖެހޭ” ރައީސް ޔާމީނަށް ތާއިދުކުރާ ދަޑިމަގު މުހަންމަދު އަލީ ފޭސްބުކުގައި އެއަރ ޕޯރޓުގެ ނަން ބަދަލުކުރުމާއި ދެކޮޅަށް ބަހުސު ކުރެވެމުންދިޔަ ‘ތްރެޑަ”ކަށް ކޮމެންޓް ކުރަމުން ލިޔެފައިވެއެވެ.

މިފަދަ ގިނަ ޑިސްކަޝަން ތްރެޑްތަކަށް ބަލާއިރު ވެސް ފެންނަނީ މިބަދަލު ގިނަބަޔަކު ގަބޫލުނުކުރާ ތަނެވެ.

ތިބާ ދެކޭ ގޮތުގައި ރާއްޖޭގެ ގައުމީ އެއަރޕޯރޓް، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރ ޕޯރޓުގެ ނަން ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯރޓަށް ބަދަލުކުރުން އެންމެ ރަނގަޅު ހެއްޔެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !