22 ޖޫން 2018 (ހުކުރު)


ފުވައްމުލަކުގެ ސްކޫލްތައް ދިރާސީ އާ އަހަރަށް ތައްޔާރީ ކިހާ ވަރަކަށް ބާ؟

ފުވައްމުލަކު ސްކޫލް އަދި ޏ.އަތޮޅު ތައުލީމީ މަރުކަޒު ހުރި ސަރަހައްދު ދައްކުވައިދޭ ގޫގުލް ޗާޓެއް.

ފުވައްމުލަކު ސްކޫލް އަދި ޏ.އަތޮޅު ތައުލީމީ މަރުކަޒު ހުރި ސަރަހައްދު ދައްކުވައިދޭ ގޫގުލް ޗާޓެއް.

ތައުލީމީ އާއަހަރު ފެށެން ވާއިރަށް ފުވައްމުލަކު ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ތައްޔާރުކުރެވިފައި ކަމަށް އެސްކޫލުތަކުން މައުލޫމާތު ދެއްވައެވެ. އެގޮތުން ރަށުގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލުގެ ވެސް އާބާތުރަ ފިލުވައި، އައު އަހަރު ފެށެން ވާއިރަށް ކިޔަވައިދިމުނަށް ތައްޔާރު ކުރެވިފައިވާ ކަމަށް އސްކޫލްތަކުން މައުލޫމާތު ދެއްވިއެވެ. ފުވައްމުލަކުގެ ހުރިހާ ސްކޫލެއްގައި ވެސް 2017 ވަނަ އަހަރު ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. 

މިފެށޭ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި 104 ދުވަހު ކިޔވައިދޭއިރު ކިޔެވުން ފެށޭނީ ޖެނުއަރީ 8 ވާ އާދީއަތަ ދުވަހު އެވެ. އަދި ކިޔެވުން ނިމޭނީ 8 ޖޫން ވާ ބުރާސްފަތި ދުވަހު އެވެ.

މިރިޕޯރޓް މިވަނީ ދެބަޔަކަށް ބަހާލެވިފައެވެ. ފުރަތަމަ ބައިގައި ބަލައިލާނީ ފުވައްމުލަކު ސްކޫލާއި ޏ.އޭއީސީގެ ތައްޔާރީ ތަކަށެވެ. ދެވަނަ ބައިގައި ހޭޒް އަދި އެމްޖޭއެމްގެ ތައްޔާރީތަކަށެވެ.

ފުވައްމުލަކުގެ ސެކަންޑަރީ ސްކޫލް: ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އަކީ ފުވައްމުލަކުގައި ހުރި ހަމައެކަނި ސެކަންޑަރީ ސްކޫލެވެ. އެސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 8 ން ފެށިގެން ގްރޭޑް 12 އަށެވެ. އައު ޕްރިންސިޕަލަކާއެކު ތައުލީމީ އާ އަހަރަށް އެސްކޫލުން ކުރިމަތިލަނީ މިހާތަނަށް ހުރި ގޮންޖެހުންތައް ނައްތާލައި އައު ކާމިޔާބީއެއް ހާސިލުކުރުމަށް އަމާޒު ހިފައިގެންނެވެ. ޕްރިންސިޕަލް އަޒުލީނާ ގާސިމު ވިދާޅުވި ގޮތުގައި އެސްކޫލުން އަމާޒު ކުރަމުން ދަނީ އޯލެވެލް އަދި އޭލެވެލް ނަތީޖާ ރަނގަޅު ކުރުމަށެވެ. އަދި ސްކޫލުގައި ވަރަށް ރަނގަޅު އެކަޑެމިކް ސްޓާފުންގެ ޓީމެއް އެބަ އޮތްކަމަށާއި ހުރިހާ އެންމެންގެ އެއްބާރުލުން ލިބިއްޖެ ނަމަ އެއަމާޒަށް ވާސިލުވުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަންނަ އަހަރު އެސްކޫލުގައި އޯލެވެލްއަށް ކިޔަވާ 22 ކްލާސް އޮންނާނެ އެވެ. މީގެ އިތުރުން އޭލެވެލް އަށް، ގްރޭޑް 11 އަދި 12ގެ ދަރިވަރުންގެ ކިޔެވުން ވެސް އަންނަ އާދީއްތަ ދުވަހު ފެށިގެން ދާނެއެވެ.

ޏ.އޭއީސީގެ އިންފޮމޭޝަން އޮފިސަރ އަޙުމަދު ޝިޔާމު މައުލޫމާތު ދެއްވިގޮތުގައި އެސްކޫލް ވަނީ ތައުލީމީ އާ އަހަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެގޮތުން އިމާރާތްތަކާއި ފާޚާނާތައް އަދި ސްކޫލުގެ ގޯތިތެރެ އާބާތުރަ ފިލުވާ ޑެސްކުތަކާއި އިމާރާތްތައްކުގައި ކުލައާއި ދަވާދުލައި، މިހާތަނަށް ސްކޫލް ޒީނަތްތެރި ނުކުރެވޭހާ ބޮޑަށް މިފަހަރު މިވަނީ ސްކޫލް ތައްޔާރުކުރެވިފައި ކަމަށް ވިދާޅު ވިއެވެ.

ޏ.އޭއީސީގެ ވަރަށް ގިނަ ޓީޗަރުން އިއްޔެ ވަނީ ވަޒީފާއަށް ނިކުމެފައެވެ. ނަމަވެސް ބޭރު 12 ޓީޗަރުން އެމީހުނަށް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ދެ ދުވަހެއްގެ ތެރޭގައި ރަށަށް އައިސް ވަޒީފާއަށް ނިކުންނާނެ ކަމަށާއި މިއަދު ނުނިކުމެވޭ އެހެން ޓީޗަރުން ވެސް ސްކޫލް ހުޅުވެންވާ އިރަށް ވަޒީފާއަށް ނިކުންނާނެ ކަމަށާއި ކިޔެވުން ފެށެން ވާއިރަށް ހުރިހާ ޓީޗަރުން ވެސް ހަމަވާނެ ކަމަށް އެސެންޓަރުން މައުލޫމާތު ދެއްވިއެވެ. ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ވަނީ ޖެނުއަރީ 3-4 ދެދުވަހު ދަރިވަރުންނަށް ދޫކޮށްފައެވެ. 

އޭއީސީގެ މިއަދު ޓީޗަރުން މަސައްކަތް ކުރެއްވީ އެބެފުޅުންގެ ދާއިރާއިން ކިޔަވައިދިނުމަށް ބޭނުންވާ ސްކީމާއި ފިލާވަލުތައް ތައްޔާރުކޮށް ކްލާހަށް ވަނުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްކަމަށް ޕްރިންސިޕަލް އަޒްލީނާ ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެއްސެޝަނަށް ކިޔަވައިދެމުންދާ ޏ.އޭއީސީގެ ސެޝަން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:10ގައެވެ. އަދި ނިމޭނީ މެންދުރު ފަހު 12:55 ގައެވެ. އެސްކޫލުގައި 570 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު ކިޔަވަމުންދާނެއެވެ. 

ފުވައްމުލަކު ސްކޫލް: އެފް އެސް އަކީ ފުވައްމުލަކުގައި މިވަގުތު ހުރި ސަރުކާރުގެ އެންމެ ކުޑަ ސްކޫލެވެ. ނަމަވެސް އެންމެ ގިނަ ދުވަސްވީ ސްކޫލެވެ. އެސްކޫލުގެ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވީ ތައުލީމީ އާ އަހަރަށް އެސްކޫލުން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން އިއްޔެ އެސްކޫލުގެ ހުރިހާ ޓީޗަރުން ވަޒީފާއަށް ވަނީ ނިކުމެފައެވެ. އެސްކޫލުގައި ކިޔަވައިދެނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 7 އާއި ހަމައަށެވެ. އެސްކޫލުގައި މިއަހަރު 300 ހާ ދަރިވަރުންނަށް ކިޔަވަމުން ދާނެއެވެ.

އެއްސެޝަނަށް ކިޔަވައިދޭ ތާ ދުވަސްގަނޑެއް ވެފައިވާ އެފްއެސްގެ ސެޝަން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 6:50 ގައެވެ. އަދި ނިމޭނީ މެންދުރު ފަހު 1:50 ގައެވެ. އައު ކަރިކިއުލަމަށް މިއަހަރު ގްރޭޑް 7 ގެ ދަރިވަރުން ކިޔަވަން ފަށާއިރު އެސްކޫލުގެ ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތް ދޫކޮށް ވަނީ ނިމަފައެވެ.

އެސްކޫލުގެ ކްލާސްތަކާއި ސްކޫލުގެ ގޯތިތެރެ ވަނީ ތައުލީމީ އާއަހަރަށް ކުލަ ލައި ޒީނަތްތެރިކޮށްފައި ކަމަށް އެސްކޫލުން މައުލޫމާތު ދެއްވިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!