A wide advertisement which will be shown on all devices. (700 x 100)

ފެމުނު ނުވަތަ ޓައިގާ ޝާކް: ފުވައްމުލަކު ބަދަރަށް ވަނުމުގެ ފުރުސަތު އެބައޮތް

ފުވައްމުލަކު ބަދަރުން ފެމުނު ފެނުނު ވާހަކައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާހަކައެކެވެ. އެގޮތުން، ބައެއް ފަރާތްތަކުން އެވާހަކަ ދޮގުކުރަމުންދާއިރު އަނެއް ބަޔަކު އެކަމަށް ސަމާލުވުމަށް ނަސޭހަތްތެރި ވަމުންދެއެވެ. ކޮންމެ ގޮތަކުން ނަމަވެސް، ފެމުނަކީ ދިވެހި ކަނޑުތަކުގައިވާ އެންމެ ނުރައްކާތެރި މަހެވެ. އަދި ފެމުނު ވަނީ ފުވައްމުލަކު ކަނޑުންވެސް ފެނިފައެވެ. ވީމާ އެކަމާއިގުޅޭ ގޮތުން ބަލާލުން މުހިންމެވެ.

ދިވެހި ކަނޑުތަކުން ފެންނަ އެންމެ ނުރައްކާތެރި މިޔަރަކީ ފެމުނެވެ. ފެމުނު ދިވެހި މަސްވެރިންގެ މެދުގައި މަޝްހޫރުވެފައިވަނީ އޭގެ ނުރައްކާތެރިކަމުގެ ސަބަބުންނެވެ. އޮޑި ދޯނިފަހަރު ކާލާ ކަަމަށް ތުންތުންމަތިން ވާހަކަ ދެކެވޭ ފެމުނަކީ ފެންނަ ކޮންމެ އެއްޗެއް ދިރުވާލާ މިޔަރެކެވެ. އެގޮތުން، ދޫންޏާއި، ކަހަބާއި، ޓަޔަރާއި ވެހިކަލް ތަކުގެ ލައިސަންސް ޕްލޭޓްވެސް އޭތީގެ ބަނޑުތެރެއިން ފެންނަކަމަށް ނެޝަނަލް ޖިއޮގްރަފީ އިން ހާމަކުރެއެވެ. މީތީގެ ނުރައްކާތެރިކަން މަޝްހޫރުވެފައިވަނީ ހަމައެކަނި މިރާއްޖޭގައެއްނޫނެވެ. މުޅި ދުނިޔޭގައިވެސް ނުރައްކާތެރި ކަމަށް މަޝްހޫރު ފެމުނު އިގިރޭސި ބަހުން ނަމަ ޓައިގާ ޝާކް “މޭން އީޓާ” ގެގޮތުގައި ނެޝަނަލް ޖިއޮގްރަފީ އިން ސިފަކުރެއެވެ.

ފެމުނުގެ ނިގޫ ފަތާ ދިމާ ދެއަރިމަތީގައި ކުޑަ ކުރަގަނޑެއް ހުންނަކަމަށާއި މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 10 އާއި 82 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާ ކަމަށް މެރިން ރިސާޗް ސެންޓަރުން ހާމަކުރެއެވެ. ފެމުނުގެ ބަނޑު ދަށް ފަރާތުގައި ހުދުކުލަ ހުންނައިރު ހަށިގަނޑުގެ ހުރަހަށް ކަޅު ކުލައެއްގެ ފުޅާ ރޮނގު ތަކެއް ފަޑުކޮށް ހުރެއެވެ. މީގެ އިތުރުން، ނިގުލުގެ މަތީ ބައިގައި ކަޅު ކުލައިގެ ލައްތަކެއްވެސް ހުރެއެވެ.

ފެމުނު 7.4 މީޓަރަށް ނުވަތަ 25 ފޫޓަށް ބޮޑުވާ ކަމަށާއި މިބާވަތުގެ މިޔަރަކީ ރާއްޖޭގެ އެތެރެވަރީގައްޔާއި މާކަނޑުގައި ދިރިއުޅޭ މިޔަރެއް ކަމަށްވީ ނަމަވެސް ރާއްޖޭގެ ފަޅުތެރެއަށް ވަންނަ ކަމަށް މެރިން ރިސާޗް ސެންޓަރުން ހާމަކުރެއެވެ.

ފެމުނު ފުވައްމުލަކުގެ ކަނޑު ސަރަހައްދުން ފެނިފައިވާ ކަމަށް ޑައިވަރުން ހާމަކުރެއެވެ. އެގޮތުން، ފުވައްމުލަކުގެ މަޝްހޫރު ޑައިވަރެއް ކަމަށްވާ އަބްދުﷲ ސިވާދު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ އަށްވެސް ފެމުނު ފެނިފައިވާ ކަމަށެވެ. “ބަނދަރާއި ދިމާ ބޭރުން ދެފަހަރަކު ފީނިއިރުވެސް ފެމުނު ފެނުނު” ސިވާދު ވިދާޅުވިއެވެ. ވީމާ އެފެމުނުތައް ބަދަރަށް ވަނުމުގެ ފުރުސަތު އޮތްކަމަށް ސިވާދު ވިދާޅުވިއެވެ.

މެރިން ރިސާޗް ސެންޓަރުން ހާމަކުރާ ގޮތުގައި ފަޅުތެރެއަށް ފެމުނު ވަނުމަކީ އާކަމެއްނޫނެވެ. ވީމާ އެބީދައިން ފުވައްމުލަކު ބަދަރަށްވެސް ފެމުނު ވަނުމުގެ ފުރުސަތު އެބައޮތެވެ.

ފެމުނު ބަދަރަށް ވަދެދާނެ ސަބަބެއް ކަމަށް ސިވާދު ވިދާޅުވަނީ އެއީ ކާނާ ހޯދުމުގެ ބޭނުމުގައެވެ. އެގޮތުން، މަސްވެރިން މަސްކަނޑާލާފައި އުކާލާ ބައިތައް ކެއުމުގެ ބޭނުމުގައި ކަމަށް ސިވާދު ލަފާކުރެއެވެ. މިކަލް ނޫހުގެ ރިޕޯޓަރުން ހާމަކުރާ ގޮތުގައި މަސްވެރިން މަސްކަނޑާލާފައި އުކާލާބައި ބަދަރުތެރެއަށް އެއްލާލާ މަންޒަރު ފެނިފައިވެއެވެ. މީގެ ކުރިން މިކަމަކީ މިހާ ނުރައްކާތެރި ކަމެއް ކަމަށް ނުވިސްނުނު ނަމަވެސް އެކަމަކީ މަނާކަމެކެވެ. ސިވާދު ދެކިލައްވާ ގޮތުގައި މިކަން ހުއްޓާލައިފިނަމަ ފެމުނު ބަދަރަށް ވަނުން ހުއްޓޭނެއެވެ.

ފަހަކަށް އައިސް ފެމުނުގެ ނުރައްކާތެރިކަމާއި ގުޅޭ ހާދިޘާއެއް ތިލަވެފައި ނުވިނަމަވެސް ހޯދަޑު އަބުލާއި ދިމާލުން މޫދުން ގެއްލުމަށްފަހު ހަށިގަނޑުގެ ބައެއް ގުނަވަން މަދުކޮށް ފެނުނު ޒުވާނާއަށް ހަމަލާދީފައިވަނީ ފެމުނެއް ކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށް ސިވާދު ދެކިލައްވައެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !