A wide advertisement which will be shown on all devices. (700 x 100)

މާދަރީ ބަސް ކުރި އަރުވަން/ނާރުވަން މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ތައްޔާރުކުރެވިފައިވާ ދައްކާލުމެއް. ފޮޓޯ" ހަސަން ސައީދު އެފްބީ

ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހަކީ މާދަމާ (21 ފެބްރުއަރީ) އެވެ. ފުވައްމުލަކުގެ ސްކޫލްތަކުން ވެސް މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ފަހަކަށް އައިސް ކޮންމެ އަހަރަކު ހެން ސްކޫލްތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރެއެވެ. 

މާދަރީ ބަހަކީ ކޮބާހެއްޔެވެ؟ 

ދެތިން ތައާރަފަކަށް ބަލާލާނަމެވެ. 

މެރިއަމް ވެބްސްޓަރ ޑިކްޝަނަރީގައި ވާގޮތުން މާދަރީ ބަހަކީ “އެމީހަކު ވާހަކަ ދައްކަން ދަސްކުރާ ބަހެވެ. އަދި އެއީ އެމީހެއްގެ މުޖުތަމިއުގައި ވާހަކަ ދައްކާ ބަހެވެ”. 

އޮކްސްފޯޑް ޑިކްޝަނަރީގައި ބުނާގޮތުން މާދަރީ ބަހަކީ “ތުއްތު އިރުއްސުރެން ބޮޑުވަންދެން އެމީހަކު ވާހަކަ ދައްކަން ބޭނުންކުރާ ބަހެވެ”. 

ކެމްބްރިޖް ޑިކްޝަނަރީގައި ބުނާގޮތުން މާދަރީ ބަހަކީ “ކުޑަކުއްޖެއްގެ ގޮތުގައި އެންމެ ފުރަތަމަ ވާހަކަ ދައްކަން ދަސްކުރާ ބަހެވެ. 

މާދަރީ ބަހަކީ އިނގިރޭސި ބަހުން ބުނާނަމަ “މަދަރ ޓަންގު”އެވެ. އެހެން ގޮތަކަށް ބުނެދޭނަމަ އެއީ އެމީހަކަށް ބަސްމޮށުންތެރިކަން ދަސްވާ ބަހެވެ. ނޫންނަމަ އެމީހަށް ވާހަކަ ދައްކަން ދަސްވާއިރު މައިންބަފައިންނާއި އާއިލާ އަދި މުޖުތަމިއުގައި އާއްމުކޮށް ވާހަކަ ދައްކަމުންދާ ބަހެވެ. 

ވީމާ ރާއްޖޭގައި މާދަރީ ބަހަކީ ކޮބާހެއްޔެވެ؟ އަދިި ފުވައްމުލަކުގައި މާދަރީ ބަހަކީ ކޮބާހެއްޔެވެ؟

ރާއްޖޭގެ މާދަރީ ބަހަކީ ރާއްޖޭގެ ރަސްމީ ބަސް ނުވަތަ ‘މާލޭ ބަސް’ ހެއްޔެވެ؟ އަދި ފުވައްމުލަކުގެ މާދަރީ ބަހަކީ ފުވައްމުލަކުގައި ބަސްހެއްޔެވެ؟

މާދަރީ ބަހުގެ ތައާރަފަށް ބަލާއިރު އެމީހަކަށް އެންމެ ފުރަތަމަ ވާހަކަ ދައްކަން ދަސްވާ ބަހަކީ މާދަރި ބަސްކަމުގައި ބޮޑަށް ބެލެވޭތީ ފުވައްމުލަކުގެ ކޮންމެ ދަރިއެއްގެ މާދަރީ ބަހަކީ ފުވައްމުލަކު ބަސްކަމުގައި ނިންމޭނެ ހެއްޔެވެ؟

ނޫނެކެވެ. އެކަމަކުވެސް ފުވައްމުލަކުގެ ގިނަބައެއްގެ މާދަރީ ބަހަކީ ފުވައްމުލަކު ބަސްކަމުގައި ބެލިދާނެއެވެ. އެހެނީ ފުވައްމުލަކުގައި ދިރިއުޅޭ ގިނަ އާއިލާތަކުން ކުއްޖާ ބޮޑުވެގެން އަންނައިރު ވާހަކަ ދައްކަނީ ފުވައްމުލަކު ބަހުން ކަމަށްވާތީ އެވެ. ނަމަވެސް ބައެއް އާއިލާ ތަކުން މިއުސޫލާއި އެއްގޮތަށް އަމަލެއް ނުކުރެއެވެ. އެގޮތުން ބައެއް އާއިލާ ތަކުން ދަރިފުޅަށް ފުރަތަމަ ވެސް “މާލޭ ބަސް” ދަސްކޮށްދޭއިރު އަނެއް ބަޔަކު ފުރަތަމަ ވެސް ދަސްކޮށްދެނީ، ނުވަތަ އެކުއްޖާއަށް އަޑު އިއްވަނީ ވެސް އިނގިރޭސި ބަހެވެ. ވުމާއެކު އެފަދަ ކުދިންގެ މާދަރީ ބަހަކީ އެކުދިންނަށް ފުރަތަމަ ދަސްވާ ބަހެވެ.

މާދަރީ ބަސް ކުރިއަރުވަން/ނާރުވަން މަސައްކަތް ކުރަންވީ ކީއްވެ ހެއްޔެވެ؟

ފަހުގެ އިލްމީ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކިޔަވައިދޭ ބަހަކީ މާދަރީ ބަސް ކަމުގައިވާނަމަ ދަސްވާ އެއްޗެއް ދޭހަކޮށް ފަހުމު ކޮށްގަތުމަށް ފަސޭހަވެއެވެ. ވުމާއެކު ކުރިއަރާފައިވާ ގިނަ ގައުމުތަކުން އުނގަންނައި ދިނުމުގައި ބޭނުންކުރަނީ އެ ގައުމުތަކުގެ މާދަރީ ބަހެވެ. 

މިއާއި ޚިލާފަށް ދިވެހިރާއްޖެއަށް ބަލާއިރު ބޭރުގެ އުފެއްދުންތަކަށާއި ބޭރުގެ ތަޢުލީމަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި އުޅޭ އިރު އިނގިރޭސި ބަހާއި ނުލައި ދިރިއުޅެ މިއަދު ދަތިވެއެވެ. ޚާއްސަކޮށް ފަތުރުވެރިކަމަށް ވެފައިވާ ބަރޯސާ ވުމާއި ސެކަންޑްރީ ލެވެލުން ފެށިގެން މަތީ ތަޢުލީމު އިނގިރޭސި ބަހުން ހާސިލުކުރަން ޖެހުމާއި މަތީ ތައުލީމު ހޯދަން ރާއްޖޭން ބޭރަށް ދާން މަޖްބޫރުވެފައިވާތީ، ލާޒިމުވާ ކަމުގައި ދެކެމެވެ. 

އެބައެއްގެ އާދަކާދަ ރައްކާތެރިކުރުމުގެ ގޮތުން މަދަރީ ބަސް ދިރުވަން ޖެހެއެވެ. އެހެންނޫނީ އެއީ އެބައެއްގެ ތެރެއިން ނެތިގެން، ބީވެގެންދާނެ ޚާއްސަ ސިފައެވެ. އެބައެއްގެ އިޖުތިމާއީ ދިރިއުޅުން ސިފަކޮށްދިނުމާއި އާދަކާދަތައް އެހެންމީހުނަށް އަދި ކުރިއަށް އަންނަ ޖީލުތަކަށް ފުރިހަމަޔަށް ބަޔާންކޮށްދިނުމުގައި މާދަރީ ބަހުގެ ދައުރު މުހިންމުވެއެވެ. އެހެން ބަހަކުން އެކަންކަން ފުރިހަމައަށް ސިފަކޮށް ނުދެވެނެތީއެވެ. 

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، ދިވެހިރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގައި އެހެން ގައުމެއްގެ މުގައްރަރަކަށް ކިޔަވައިދެމުން އަންނަތާ 50 ހަކަށް އަހަރަށް ވުރެ ވެސް ގިނަ ވެއްޖެއެވެ. އެހެންކަމުން ދިވެހިންގެ މާދަރީ ބަހާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އިނގިރޭސި ބަހަށް ސަމާލުކަންދޭން ޖެހޭ މިންވަރު ބޮޑެވެ. މިއީ އެހެން ޤައުމުތަކާއި ރާއްޖޭގެ ތައުލީމީ ނިޒާމް ތަފާތުވާ ބޮޑު ސަބަބެކެވެ.

ރާއްޖޭ ތައުލިމާި ނިޒާމަށް ބަލާއިރު ދެތިން މާއްދާއެއް ފިޔަވައި އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި ބޮޑަށް ސަމާލުކަން ދެނީ އިނިރޭސި ބަހަށްތޯ ނުވަތަ ދިވެހި ބަހަށް ތޯ ބަލާލުމަށް ދިރާސާއެއް ހެދުން މުހިންމެވެ. ދިވެހި ބަހަށް އިސްކަންދިނުމުގެ ގާނޫނެއް ހެދިފައި އޮތަކަށް އެއަށް އަމަލު ނުކުރެވުމާއި ޚުދު ސަރުކާރުގެ ގިނަ ލިޔެކިޔުންތައް އިނގިރޭސި ބަހުން ހުރުން ފާހަނގަކުރަން ޖެހެއެވެ.

ސްކޫލުތަކުގައި އުގެނެންޖެހޭ ސައިންސް އަދި ބިޒިނަސް މާއްދާ ތަކުގެ މައުލޫމާތު ދިވެހިބަހުން ލިބެންނެތުމާއި އަދި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވެނެ ކަމެއްކަމުގައި ނުބެލެވޭ ހިނދު، އެފަދަ މަފްހޫމުތައް ވިސްނާނީ ދިވެހިބަހުން އެހެންމީހުނަށް ބަޔާންކޮށްދިނުން އެއީ ފަސޭހަކމެއް ކަމުގައި ދެކެން ހެއްޔެވެ؟ ވަޒީފާއަށް ނިނުންނަން ބާލާއިރު ފިހާރައެއްގެ އެކައުންޓްސް ބެލެހެއްޓުމާއި މާކެޓުކުރުމަށާއި ފަތުރުވެރިްނނަށް ޚިދުމަތްދޭން ދިވެހިބަހުން ފުދޭނެ ހެއްޔެވެ؟

ކިޔަވައިދޭ ކޮންމެ ޓީޗަރެއްގެ އަތުގައި ހަަމައެކަނި ޑިޕްލޮމާއެއް ނުވަތަ ޑިގްރީއެއް އޮތުމަކުން ނުފުދެއެވެ. އެއަށްވުރެ މުހިންމީ ދިވެހިބަހާއި އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުވުމެވެ. އެހެނީ ޓީޗަތުންގެ އަސާސީ ބޭނުމަކީ ދަރިވަރުންނަށް ފަހުމުވާނެ ގޮތަށް ފަށުވި ބަސްތަކަކުން ފިލާވަޅުތައް ހުށަހެޅުމާއި ސާފުކޮށްދިނުމެވެ. އެގޮތުން ދިވެހިބަސް ވިޔަސް އަދި އިނގިރޭސި ބަސްވިޔަސް، އެބަހުގެ ފެންވަރު ރަނގަޅުވުމަކީ އުގަންނައިދިނުމުގައި ގިނަގުނަ ފައިދާ ތަކެއް ކުރާނެކަން ދޭހަވާ ހެއްކަކީ ތަރައްގީވެފައިވާ ގައުމިތަކުގަިއ ޓީޗަރުކަމުގެ ތަމްރީނަށް ނުވަތަ ވަޒީފާއަށް ދެވެން އޮންނަ ބަހުގެ މަތީ ޝަރުތެވެ.

ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންނަށް އިނގިރޭސި އަދި ދިވެހިބަސް ރަނގަޅަށް އެނގެނީ ކިހާ މިންވަރަކަށްތޯ ބަލަން މިހާތަނަށް ދިރާސާއެއް ހަދާފައިވަކަން އެނގޭކަށް ނެތެވެ. ނުރަސްމީ ގޮތުން އެއްކުރެވިފައިވާ ބައެއް މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ 70 ޕަސަންޓާ ގާތަށް ތިބީ އިނގިރޭސި މާއްދާއިން އެކަށީގެންވާ ފާހެއް ނެތް ޓީޗަރުން ކަމަށް މިހާރު ނޫހުގެ ދިރާސީ ލިޔުންތައް ލިޔުއްވާ ހަސަން މުހަންމަދު ހާމަކުރައްވާފައި ވެއެވެ. މީގެ ސަބަބުން ދަރިވަރުންގެ ފެންވަރު ދަށް ވެގެންދާނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. ދެން އޮތި ދިވެހި ބަސް އެނގޭ މިންވަރު ގެ ވާހަކައެވެ. އެވާހަކަ ނުދައްކާނަމެވެ.

“އިނގިރޭސި މާއްދާއެއް ނުވަތަ ދިވެހި މާއްދާއެއް ނަމަވެސް ދަރިވަރުންނަށް އޮޅުންފިލާ ވަރަށް ފިލާވަޅު ބުނެދެވޭނީ ޓީޗަރުންނަށް ވެސް ރަނގަޅަށް ބަސް އެނގިގެންނެވެ. އަދި އެބަހަކުން ފަރިތަކަމާ އެކު މުއާމަލާތުކުރަން އެނގިގެންނެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ވެސް އެއްޗެއް ރަނގަޅަށް މޭރުންވާނީ އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ފަރިތަވެފައިވާ މިންވަރަކުންނެވެ. ދަރިވަރުން ދެ ބަހަށް ދޫފަސޭހަވުމުން އެކަކު އަނެކަކާ މުއާމަލާތް ކުރަން ވެސް ނުހަނު ފަސޭހަވެ އެވެ. ޓެސްޓު ޕޭޕަރަށް ޖަވާބުދޭން ނަގާ ވަގުތު ސަލާމަތްވާނެ އެވެ. ކަން މިހެން އޮތުމުން އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ވެސް ސަމާލުކަން ދީގެން ދެ ބަހަށް މޮޅުވުމަށްޓަކައި މަސައްކަތްކުރަން ޖެހެ އެވެ.” ހަސަން މުޙަންމަދު ލިޔުއްވާފައި ވެއެވެ.  

ބަވަނަ ވެފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެނަށް ބޮޑަށް ފައިދާ ކުރާނީ ކޮން ބަހަކަށް އިސްކަން ދިގެންހެއްޔެވެ؟ 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !