19 ސެޕްޓެމްބަރ 2017 (އަންގާރަ)


ފުވައްމުލައް ސިޓީއަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބިފައި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލަކަކީ ޒަމާނުއްސުރެ ތަރައްގީގެ އިސްސަފުގައި ގުނާލެވޭ ރަށެކެވެ. މާލެ ފިޔަވައި އެންމެ ފުރަތަމަ ސެކަންޑަރީ ސްކޫލެއް ހުޅުވުނު ރަށެވެ. ގޮންޖެހުންތަކާއިއެކު ޒަމާންތަކަކަށް ހުވަފެންތަކެއް ދެއްކުމަށްފަހު ދެބައިކުޅައެއްބައިގެ ބަދަރެއް ހެދުނެވެ. ފަސްވަނަ އެއާޕޯޓް ގާއިމުކުރެވުނީ ފުވައްމުލަކުގައެވެ. ތާރު އަޅައިގެން މަގުތައް ހަދަން ފެށުމާއިއެކު ދެކިލޯމީޓަރުގެ މަގެއް ހެދުނެވެ. ރަށަކުން ސިޓީއަކަށް ދަރަޖަ ކުރިއެވެ. މިކަންކަމާއި ފުވައްމުލަކު ރައްޔިތުން ފަޚުރުވެރިވެއެވެ. ނަމަވެސް، ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ގޫގަލް ސްޕީޑްގައި ކުރިއަށްދާއިރު ފުވައްމުލަކުގެ މަޝްރޫއުތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށްގޮސްފައިވޭތޯ ސުވާލު އުފެދެއެވެ.

ފުވައްމުލަކުގައި މިހާރު ހިގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ބަދަރު މަރާމާތު ކުރުމުގެ މަސައްކަތާއި، ނަރުދަމާގެ އަމަލީ މަސައްކަތް ފާހަގަކޮށް ސަރުކާރަށް ޝުކުރު އަދާކުރުން ހައްގެވެ. ނަމަވެސް. ސުވާލަކީ ރާއްޖޭގެ އެހެންކަންކޮޅުގައި ގާއިމުކުރަމުންދާ ސްޕީޑުގައި ފުވައްމުލަކަށް ޚިދުމަތްތައް ނުލިބިހުރީ ކީއްވެގެންބާއެވެ. ސިޓީއަކަށް ބަދަލުވުމުން އިސްކަންދޭން ޖެހޭނެއެވެ. އެއިސްކަން ލިބޭބާވައެވެ. ސިޔާސީ ގޮތުން ތިން މެމްބަރުން ޕީޕީއެމް އަށް ނިސްބަތްވުމަކީ ތަރައްގީގެ މަޝްރޫއުތައް ހިންގުން އަވަސްވާނެ ކަމެއްކަމަށް ސަރުކާރުން ބުނަމުންދާ ބީދައިން ކުރިއެރުންތައް ލިބޭބާވައެވެ.

އާބާދީގެ ގޮތުން ފުވައްމުލަކަށްވުރެ ކުޑަ އެތައް ރަށެއްގައި މިހާރުވަނީ ސާފުބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައެވެ. އޭގެތެރޭގައި، ދެހާސް އާބާދީގެ ރަށްތަކާއި ދެހާސް ހަމަނުވާ ރަށްތައް ހިމެނެއެވެ. ނަމަވެސް، 10 ހާހަށްވުރެ އާބާދީ އިތުރު ފުވައްމުލަކުގައި މިޚިދުމަތް ކޮންމެ އަހަރަކު ބަޖެޓްގައި ހިމަނައި ނުކުރެވި ދިގުލަނީއެވެ. ނަމަވެސް، މިހާރުމިވަނީ އިންތިޒާރު ނިމުމަކަށް އައިސްފައެވެ. ނަރުދަމާ ނިމޭނެ ކަމުގެ ފެހި ސިގުނަލް ވަނީ ލިބިފައެވެ. ދެން އޮތީ ސާފުފެނުގެ މައްސަލައެވެ. ފުވައްމުލަކު ފެންވަނީ މިއިން ދުވަހަކުވެސް ތަޣައްޔަރު ނުވާ މިންވަރަށް ތަޣައްޔަރުވެފައެވެ. ރާއްޖޭގެ ތިންވަނަ އާބާދީ އަދި ތިންވަނަ ސިޓީވަނީ ސާފުފެނަށް ބޭނުންވެފައެވެ. ރައްޔިތުންގެ މަޖިލިސްގެ ފުވައްމުލަކުގެ ތިން މެމްބަރުން މިކަމަށް މަސައްކަތްކުރަންޖެހެއެވެ.

ދެންއޮތީ، މަގުގެ ވާހަކައެވެ. ދަމާ، ދަމާ ނުދެވިއޮތް ނަރުދަމާގެ ސަބަބުން މަގު ނެހެދުމަކީ އުޒުރެއްނޫނެވެ. ޖަންކުޝަންތަކާއި ކާނު ސިސްޓަމް ގާއިމުކޮށް މަގުހަދަންވީއެވެ. ފުވައްމުލަކަށްވުރެ އާބާދީގެ ގޮތުން ކުޑަ އެތައް ރަށެއްގައި ތާރު އެޅުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ވެނިމިފައެވެ. އޭގެ ތެރޭގައި، ކުޅުދުއްފުށި، ދިއްދޫ، ށ. ފޮނަދޫ، ލ، ފޮނަދޫ ފަދަރަށްތައް މިހާރުއެވަނީ މަސައްކަތް ނިމުމަކަށް އައިސްފައެވެ. މިކަމުގައި މަޖިލިސް މެމްބަރުން ޚާއްސަ ދައުރެއް އަދާކުރާ ކަމަށް ބެލެވެއެވެ. އެހެންކަމަށްވާނަމަ ފުވައްމުލަކު ތިން މެމްބަރުންނަށް މިކަން އިސާހިތަކު ނިންމިދާނެއެވެ.

ސިޓީ ހޮޓަލެއްގެ ވާހަކަ މަތިން ހަނދާންހުރި މީހަކު މިހާރު އަމުދުންނެތެވެ. އެމްޑީޕީ ސަރުކާރުން ރަށުގެ ދެކޮޅު ދެފަޅުރަށް ކަމަށް ހެދުމުން އެކަމާއި ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރުމާއިއެކު އެކަންތައްތައް ހުއްޓުނުގޮތަށް މިއަދާއި ހަމައަށް އެއްވެސް ހިލަމެއްނުވެއެވެ. ފުވައްމުލަކު އެއާޕޯޓާއި ޖެހިގެން އޮތް ބިޅިފޭށި ސަރަހައްދަކީ ރަށާއި ވަކިން އޮތް ސިޓީ ހޮޓަލެއް އެޅުމަށް އެކަށޭނެ ބިމެއްކަމަށް ދެކޭބަޔަކުވެސް ފުވައްމުލަކުގައި މަދެއްނުވާނެއެވެ.


މިއީ ގޫގަލް ސްޕީޑުގައި ކުރިއަށް ގެންގޮސް ފުވައްމުލައް މޮޑާން ސިޓީއަކަށް ފުވައްމުލައް ބަދަލުކުރުމަށް އަވަސް ފުރުސަތެއްގެ ތެރޭގައި ކުރަންޖެހޭ ބައެއް ކަންތައްތަކެވެ. މިކަންތައްތަކަކީ މިހާރު މިގައުމުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އަމުދުން ކުޑަ މިންވަރެކެވެ. ކުރެވިދާނެ ކަންތައްތަކެކެވެ. ފުވައްމުލަކުގެ ނަން ސިޓީ އަކަށް ބަދަލުވުމުން އެހެން ރަށްތަކާއި ތަފާތެއް ގެނެވެން އެބަޖެހެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!