16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ފުވައްމުލަކުގެ 54 އިންސައްތަ ވޯޓް އެމްޑީޕީ ކެންޑިޑޭޓުންނަށް

މިދިޔަ އާދީއްތަ ދުވަހު ނެގުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާލާއިރު، ފުވައްމުލަކުގެ ވޯޓުލީ މީހުންގެ 54 އިން ސައްތަ މީހުން ވޯޓުލާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 75 އިންސައްތަ މީހުން ވޯޓުލުމުގައި ބައިވެރިވިއިރު އެންމެ ގިނަ މީހުން ވޯޓްލާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާއިންނެވެ.

ފުވައްމުލަކު އުތުރު ދާއިރާ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ އުތުރު ދާއިރާއިންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 79 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވި މިދާއިރާ އަކީ އެންމެ އާބާދީ ބޮޑު ދާއިރާވެސްމެއެވެ. މިދާއިރާގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 3255 މީހުން ދިރިއުޅުނު ނަމަވެސް ވޯޓް ލާފައިވަނީ 2564 މީހުންނެވެ. ވޯޓްލީ މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދައިގެން މިގޮޑި ކާމިޔާބު ކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް ހަމަދު އަބްދުﷲ އެވެ. ހަމަދަށް 1289 ވޯޓް ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ޒުހުދާ އަށް ލިބުނީ 1226 ވޯޓެވެ. އަދި ޖޭޕީ ކެންޑިޑޭޓް ހަސަން އަތީގަށް ލިބުނީ އެންމެ 9 ވޯޓެވެ. އެއީ ބާތިލް ވޯޓްގެ ގޮތުގައި އެފޮއްޓަށް ލާފައިވާ 60 ވޯޓަށްވުރެވެސް މަދު އަދަދެކެވެ.

މިނަތީޖާތަކަށް ބަލާއިރު މިދާއިރާއިން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވެއެވެ. އެގޮތުން، ފުވައްމުލަކުގެ އެމްޑީޕީގެ މަޝްހޫރު ދެއަވަށް ކަމަށްވާ ދިގުވާޑާއި ހޯދަޑު އިން ޕީޕީއެމް ކެންޑިޑޭޓުވަނީ އެހެންފަހަރު ފަހަރާއި ޚިލާފަށް ގިނަ އަދަދަކަށް ވޯޓު ގެންގޮސްފައެވެ.

ދަޑިމަގު އަވަށަކީ އަބަދުވެސް ޕީޕީއެމްގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އަވަށެއް ކަމުން މިފަހަރުވެސް ތަފާތު ބޮޑުކޮށް ޕީޕީއެމް ކެންޑިޑޭޓަށް ދަޑިމަގު ވޯޓު ފޮށިން ވޯޓު ލިބިފައިވެއެވެ. އެގޮތުން، ޕީޕީއެމް ކެންޑިޑޭޓަށް 402 ވޯޓް ލިބުނު އިރު އެމްޑީޕީ ކެންޑިޑޭޓަށް މިފޮށިން ލިބިފައިވަނީ 198 ވޯޓެވެ.

ދިގުވާޑު އަވަށުގެ މީހުން ވޯޓުލުމަށް ބެހެއްޓުނު ވޯޓު ފޮށިން 235 ވޯޓު ޕީޕީއެމް ކެންޑިޑޭޓް ގެންދިޔަ އިރު އެމްޑީޕީ ކެންޑިޑޭޓަށް ގެންދެވުނީ އެންމެ 4 ވޯޓު އިތުރަށް 238 ވޯޓެވެ. މިއީ ފާއިތުވީ އިންތިޚާބުތަކަށް ބަލާއިރުވެސް އެމްޑީޕީއަށް ނާކާމިޔާބު ނަތީޖާއެކެވެ. ވަކިން ޚާއްސަކޮށް ދިގުވާޑުގައި ދިރިއުޅޭ ދިގުވާޑު ކެންޑިޑޭޓަކު ވާދަކޮށް މިހާތަނަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ.

ހޯދަޑަކީ ވެސް އެމްޑީޕީގެ ނުފޫޒުގަދަ އަވަށެއް ނަމަވެސް، މިފަހަރު ހޯދަޑު އަވަށުން ލިބުނު ވޯޓު ނިސްބަތުން މަދެވެ. ސަބަބެއް ކަމަށް ބެލެވެނީ ހޯދަޑު އަވަށުގައި ދިރިއުޅޭ ހޯދަޑު އަވަށަށް ނިސްބަތްވާ ކެންޑިޑޭޓެއް ޕީޕީއެމް އިން ނިކުތުމެވެ. ހޯދަޑު އަވަށުގައި ބެހެއްޓުނު ވޯޓު ފޮށިން 267 ވޯޓް ޕީޕީއެމް ކެންޑިޑޭޓަށް ލިބުނުއިރު އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނީ 291 ވޯޓެވެ.

އެމްޑީޕީ އަށް އެންމެ ގިނަ ވޯޓް އަބަދުވެސް ލިބެނީ މާލޭގައި ބަަހައްޓާ ފޮށިންނެވެ. މިފަހަރު މާލޭގައި ބެހެއްޓި ފޮށިން 323 ވޯޓް އެމްޑީޕީ ކެންޑިޑޭޓަށް ލިބުނު އިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބުނީ 251 ވޯޓެވެ. އެހެނިހެން ސަރަހައްދުތަކުގައި ބެހެއްޓުނު ވޯޓު ފޮށިތަކުންވެސް ކުރި ހޯދާފައިވަނީ އެމްޑީޕީއިންނެވެ. އެމްޑީޕީ ކެންޑިޑޭޓަށް 176 ވޯޓް ހޯދިއިރު ޕީޕީއެމް ކެންޑިޑޭޓަށް އަށް ލިބުނީ 134 ވޯޓެވެ.

ފުވައްމުލަކު މެދުދާއިރާ

ޕީޕީއެމް މެމްބަރަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ މެދުދާއިރާއިން މިފަހަރު އެމްޑީޕީ ކެންޑިޑޭޓް ވަނީ ތަފާތު ބޮޑު ނަތީޖާއެއް ހޯދާފައެވެ. އެމްޑީޕީ ކެންޑިޑޭޓަށް 1163 ވޯޓް ލިބުނު އިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައިވަނީ 812 ވޯޓެވެ. އެމްޑީޕީ ކެންޑިޑޭޓް 351 ވޯޓް ޕީޕީއެމް ކެންޑިޑޭޓަށްވުރެ ގިނައިން ހޯދާފައިވާއިރު މިނަތީޖާއަކީ މިފަހަރު އިންތިޚާބުން ފުވައްމުލަކުން އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މިދާއިރާގައި 2730 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު ވޯޓްގައި ބައިވެރިވެފައިވަނީ އޭގެ 75 އިންސައްތަ ކަމަށްވާ 2035 މީހުންނެވެ. 

މިދާއިރާގެ މާދަޑު އަވަށަކީ އަބަދަވެސް އެމްޑީޕީއިން ލީޑް ކުރާ އަވަށެއްކަމުން މިފަހަރުވެސް މާބޮޑު ތަފާތެއް ފާހަގަނުކުރެއެވެ. މާދަޑު ފޮށިން 233 ވޯޓް އެމްޑީޕީ ކެންޑިޑޭޓް ގެންގޮސްފައިވާއިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބުނީ 117 ވޯޓެވެ. 

މިދާއިރާގެ މިސްކިތްމަގަކީ އެންމެ އާބާދީ ބޮޑު އަވަށްކަމުން މިއަވަށުގައި 2 ވޯޓް ފޮއްޓެއް ބެހެއްޓުނެވެ. އެގޮތުން، މިސްކިތްމަގު 1 ނަމްބަރު ވޯޓް ފޮށިން އެމްޑީޕީ ކެންޑިޑޭޓަށް 208 ވޯޓް ލިބުނު އިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައިވަނީ 179 ވޯޓެވެ. ނަމަވެސް، މިސްކިތްމަގު 2 ނަމްބަރު ވޯޓް ފޮށިން ޕީޕީއެމް ކެންޑިޑޭޓް ވަނީ 191 ވޯޓާއިއެކު ލީޑު ނަގާފައެވެ. މިވޯޓު ފޮށިން އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނީ 141 ވޯޓެވެ. 

މާލެގަމު އަވަށުން އެމްޑީޕީ 183 ވޯޓް ހޯދިއިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައިވަނީ 167 ވޯޓެވެ. ފުވައްމުލަކުގެ އެހެންދާއިރާ ތަކާއި އެއްގޮތަށް މާލޭގައި ބަހައްޓާފޮށިން މިދާއިރާއިންވެސް އަބަދުވެސް ލީޑުކުރަނީ އެމްޑީޕީއެވެ. އެގޮތުން މިފަހަރު މާލޭގައި ބެހެއްޓި ފޮށިން 272 ވޯޓް އެމްޑީޕީ ކެންޑިޑޭޓަށް ލިބުނު އިރު ޕީޕިއެމް ކެންޑިޑޭޓަށް ލިބިފައިވަނީ 88 ވޯޓެވެ. މާލެއެކޭ އެއްގޮތަށް އެހެނިހެން ވޯޓްފޮށީތަކުންވެސް އެމްޑީޕީ ލީޑުވަނީ ނަގާފައެވެ. އެގޮތުން، އެމްޑީޕީ ކެންޑިޑޭޓް 144 ވޯޓް ގެންދިޔައިރު ޕީޕީއެމް ކެންޑިޑޭޓަށް ލިބުނީ 54 ވޯޓެވެ.

(ނުނިމޭ)

banner

ކިޔުންތެރިންގެ ޚިޔާލު