19 އޮކްޓޯބަރ 2018 ( ހުކުރު )

banner

މިނިވަންކަމުގެ 51 އަހަރަށް ފަހު ދިވެހިން އެދެނީ އެތެރޭގެ މިނިވަންކަން ލިބުމަށް.

52 ވަނަ މިނިވަންދުވަހުގެ ޝުޢޫރު

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަނގަ ކުރާ ޖުލައި 26 ވަނަ ދުވަހެއްވެ. ނުވަތަ 52 ވަނަ މިނިވަން ދުވަހެވެ. އިނގިޭސި ބަހުން ބުނާ އިންޑިޕެންޑެންސް ޑޭ އެވެ. މިއަދު އުފެދޭ ސުވާލަކީ ދިވެހިން މިތިބީ މިނިވަންކަމާއެކު ހެއްޔެވެ؟ ނުވަތަ އަޅުވެތިކަމުން އެއްކިބާވެފައި ހެއްޔެވެ؟ ތިމާގެ ވިސްނުމާއި ފިކުރު މަތީ ހަރުފަތަކަށް ގެންދަން މިނިވަންކަމާއިއެކު ދިރިއުޅުން ކުރިޔަށް ގެންދޭވޭނެ ފުރުސަތު އެބައޮތް ހެއްޔެވެ؟ އިގުތިސާދީގޮތުން އެކަށީގެންވާ ފުއްދުންތެރިކަން ދިވެހިންނަށް ލިބިފައިވޭ ހެއްޔެވެ؟

މިނިވަންކަން ތަފާތު ގޮތްތަކަށް މާނަކުރެވެމުން ދިއުމާއެކު އިނގިރޭސި ބަހުން މިނިވަންކަމަށް ބޭނުންކުރާ ދެބަހަކަށް ބަލާލުން މުހިންމެވެ. އެގޮތުން “އިންޑިޕެންޑެންސް” މިބަހާއި “ފްރީޑޮމް”، މި ދެ ބަހަށް ވިސްނާލާއިރު ބައެއްފަހަރު އެއް މާނައެއްގައި ވެސް ބޭނުން މިދެބަސް ކުރެއެވެ. ނަމަވެސް އިންޑިޕެންޑެންސް މާނަ ކުރެވެނީ ޑިޕެންޑް ނުވުމަށެވެ. ނުވަތަ އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވުމަށެވެ. ތިމާގެ އަމިއްލައަށް ކަންތައް ކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ބާލު ތިމާއަށް ލިބިގެން ވުމެވެ. ވުމާއެކު އިންޑިޕެންޑެންސް ޑޭ ގުޅުވާލެވިފައި މިވަނީ އިނގިރޭސިންގެ އަތްދޮށުން ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނު 26 ޖުލައި 1965 ދުވަހަށެވެ. ޚާރިޖީ ނުވަތަ އެހެން ގައުމުތަކާއި ގުޅުން ބޭއްވުމުގެ އަމިއްލަ އިޚުތިޔާރު ބޭނުންކުރެވެން ފެށި ދުވަހަށެވެ. އާދެ ގައުމަށް މިނިވަންކަން ލިބުނު ދުވަހެވެ.

ދެން އޮތީ “ފްރީޑޮމް” އެވެ. މިއީ މާނަ ފުޅާ ގޮތެއްގައި ބޭނުންކުރެވޭ ބަހެކެވެ. ސިޔާސީ ދާއިރާއިން މިބަސް މާނަ ކުރެވެނީ ގަދަބާރުން ކަންތައްތައް ކުރުމެއް ނެތި، ނުވަތަ އަޅުވެތިކަމުން އެއްކިބާވެ ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރު މިނިވަންކަމާއެކު ބޭނުން ކުރުމުގެ އިޚުތިޔާރު ލިބިގެން ވުމެވެ. ސަރުކާރު ނުވަތަ ދައުލަތުގެ ނުފޫޒެއް ނެތި ތިމާގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަންކަންތައްތައް ކުރިޔަށް ގެންދިއުމުގެ ފުރިމަހަ އިޚުތިޔާރު ލިބިގެން ވުން ކަމުގައި ބުނެވިދާނެއެވެ. 

މިއަދަކީ ބޭރުގެ އެހެން ބައެއްގެ، އިނގިރޭސިންގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައި ދުވަސްކަމުގައި ގަބޫލުކުރެވެއެވެ. ނަމަވެސް ފާއިތު މިވީ 51 އަހަރުގެ ތެރޭގައި ދިވެހިން މިވަނީ ބޭރުގެ އަޅުވެތިކަމުން ސަލާމަތްވެފައެވެ. ދެން އޮތީ އަމިއްލަ ގައުމުގައި އަމިއްލަ މިނިވަންކަން ލިބިފައިވޭތޯ އުފެދޭ ސުވާލެވެ. ނުވަތަ ފަރުދީ މިނިވަންކަމުގެ ސުވާލެވެ؟

ފަރުދީ މިނިވަންކަމަށް ސަރުކާރުގެ ނުފޫޒުން އެއްކިބާވުން މުހިންމު ވަނީ، ސަރުކާރަކީ ރައްޔިތުންގެ ކަންތައްތައް ހަމަހަމަކަމާއެކު ކުރުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ވެރިކަން ހަވާލު ކުރެވޭ ބަޔަކަށް ވާތީއެވެ. ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަތަކެއް ދެވޭ ބަޔަކަށް ވާއިރު ސަރުކާރުގެ މައްސޫލިއްޔަތަކީ ގައުމު ކުރިޔަށް ގެންދިއުމުގައި ރައްޔިތުންނަށް އެހީތެރިވެދީ މަގު ދެއްކުން ކަމުގައި ބެލެވެއެވެ. 

ނަމަވެސް ހިތާމައަކީ މިގޮތުން ހަވާލުކުރެވޭ ވެރިކަން ބޭނުން ކުރެވެނީ އެބަޔެއްގެ ބާރާއި ނުފޫޒު ރައްޔޮތުންގެ މައްޗަށް ފޯރުވުމަށް ކަމަށް ވުމެވެ. މިގޮތުން އެންމެ ބޮޑަށް ބޭނުންކުރެވޭ އެއް ހަތިޔާރަކީ ސަރުކާރު ނުވަތަ ސަރުކާރުން ބޭނުންވާ ވަކިބައެއްގެ މައްޗަށް އާއްމު ރައްޔިތުން ބަރޯސާ ކުރެވޭނެ ގޮތައް ކަންތައްތައް ބައްޓަން ކުރުމެވެ. ނޫނީ އެފަދަ މީހުން ގާތަށް “ސަލާމް ޖަހަން” ދިއުމުގެ އާދަ ގާއިމު ކުރުވުމެވެ. އާއްމުންގެ ފުއްދުންތެރިކަން ކުޑަކޮށް ސަރުކާރުގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ޚިދުމަތްތައް ބިނާކުރުމެވެ.

މިސާލެއްގެ ގޮތުން ބަލާނަމަ ވަޒީފާ ހޯދުމަށް ވަކި މީހެއްގެ ގާތަށް ދާން ނުޖެހުމެވެ. ހަމަހަކަމާއެކު ވަޒީފާތައް ލިބިގެން ދިއުމެވެ. ވިޔަފާރިއާއި ޚިދުމަތްތައް ދިނުން އާއްމުންނަށް ދޫކޮށްލެވި، ދައުލަތުން އެޚިދުމަތްތައް ދެމުންދާ ގޮތް ވިލަރެސްކޮށް ބެލެހެއްޓުމަކީ ދައުލަތުން ޚިދުމަތް ދެވޭކަން ޔަގީން ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމެވެ. ދައުލަތުން ދޭ ޚިދުމަތެއް (މިސާލު އާސަންދަ) ހޯދުމަށް މަޖުލިސް މެންބަރުން ގާތުން މަގު ފަހިކުރަން ނުޖެހި ހަމަހަމަކަމާއެކު އެންމެންނަށް އެއް އުސޫލަކުން ޚިދުމަތް ލިބިގެން ދިއުމެވެ. ކޮންމެ ރައްޔިތަކީ ވެސް މިނިވަންކަމާއެކު ޚިދުމަތްތައް ހޯދުމުގެ މަގު ފަހިވެފައިވާ މީހަކަށް ވުމެެވެ. އިތުރު މީހުން މެދުވެރިނުކޮށް ސީދާ ރައްޔިތުމީހާއަށް ޚިދުމަތް ލިބޭގޮތަށް މަގުހުޅުމާލުމެވެ. 

މިއަދު އަޅުގަނޑުމެން ހޯދުމަށް އެދި ގޮވަންޖެހިފައި މިވަނީ ފަރުދީ މިނިވަންކަމުގެ ހައްގެވެ. ކުރިން ބުނެވުނު ފަދަ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ މިނިވަންކަމެވެ.

މިނިވަންކަމަށް ބާވަންނަ އަހަރާއި ކުރިމަތިލާ ހިނދު ތިބާގެ މިނިވަންކަމާއި މެދު އުފެދޭ ޝުޢޫރަކީ ކޮބައިހެއްޔެވެ؟

banner

ކިޔުންތެރިންގެ ޚިޔާލު