23 ނޮވެމްބަރ 2017 (ބުރާސްފަތި)


ނަރެންދުރަ މޯދީ މުސްލިމުންނާއި ދެކޮޅު ލީޑަރެއް

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

މިޔަންމާގައި ދިރިއުޅޭ ބައިމަދު މުސްލިމުންނާއި މެދު ލާއިންސާނީ ނަސްލު ނައްތާލުމުގެ އަމަލުތައް މިޔަންމާގެ ސިފައިންނާއި ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ހިންގަމުންދާއިރު އެކަމާއި އަޅާނުލާ އޮތް މިޔަންމާ ސަރުކާރުގެ އެންމެ އިސްވެރިޔާއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުމާއި އަދި އެބައްދަލު ކުރެއްވުމުގައި އެކަމާއިމެދު ވާހަކަފުޅު ދެއްކެވުމުގެ ބަދަލުގައި މިޔަންމާ ރައްޔިތުންނަށް ހިލޭ ވިސާލިބޭނެ އިންތިޒާމު ހަމަޖެއްސުމުން ގިނަ ބަޔަކު މޯދީ އާއި މެދު ސުވާލު އުފެއްދިއެވެ. މިއީ މުސްލިމުންނާއި ދެކޮޅު ވެރިއެއްތޯއެވެ. މޯދީގެ އަމަލުތަކަށް ބަލާއިރު އޭނާއަކީ މުސްލިމުންނާއި ދެކޮޅު ވެރިއެކޭ ބުނުމުގެ ޖާގައެބައޮތެވެ.

މިސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު 67 އަހަރު ފުރޭ ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމާއި ހަވާލުވެފައިވަނީ މެއީ 2014 ވަނަ އަހަރުގައެވެ. ބޮޑުވަޒީރުކަމާއި ހަވާލުވުމާއި ހަމައަށް އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރުކަން 2001 އިން ފެށިގެން މޯދީ ފުރުއްވިއެވެ.

މޯދީ ވެރިކަމަށް ވަޑައިގަތީ އިގްތިސާދީ މާހިރެއްކަމުގައި ކަމުގައި ބުނަމުންނެވެ. އެގޮތުން، މޯދީގެ ޗީފް މިނިސްޓަރުކަމުގައި ގުޖުރާތުގެ އިގްތިސާދު ކުރިއަރައިދިޔަ ކަމަށް މޯދީގެ ސަޕޯޓަރުންބުނެއެވެ. ނަމަވެސް، ފެބްރުއަރީ 2002 ގައި އާދެ! މޯދީގެ ޗީފް މިނިސްޓަރުކަމަށް އަހަރެއްވެސް ނުވަނީސް ގުޖުރާތުގައި މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަމަލުތަކެއް ހިގިއެވެ. ފެބުރުއަރީ 27 ވަނަ ދުވަހު އިންޑިއާގެ ބާބުރީ މިސްކިތް ހުރި ތަނަށް އަޅުކަން ކުރަން ދިޔަ ބުޑިސްޓުން އަޅުކަން ނިންމާފައި ދަތުރުކުރި ރޭލަށް، ރުޅިއައިސްފައިވާ މުސްލިމުންގެ ބަޔަކު ދިން ހަމަލާއާއި ގުޅިގެން ބުޑިސްޓުން މުސްލިމުންގެ އާއިލާތައް ނައްތާލާ އަންހެނުންނާއި އަންހެން ދަރިން ރޭޕްކޮށް އެތައް ހާސްބަޔަކު ގެދޮރުން ނެރެލި ހާދިސާ އާއި މޯދީ އާއި އޭރު ގުޅުވިއެވެ. ނަމަވެސް، ކޯޓުން ނިންމީ މިކަމުގައި މޯދީގެ ކުށެއްނެތްކަމަށެވެ. މި ހާދިސާގައި 2000 އަށްވުރެ ގިނަ މުސްލިމުން މަރުވި އިރު 150،000 ހާސް މުސްލިމުން ގެދޮރުން ނެރެލެވުނެވެ. މިކަމުގައި ކޯޓުން މޯދީގެ ކުށެއްނެތް ކަމަށް ނިންމި ނަމަވެސް، މިފަދަ އަމަލެއް އެހާ ފުޅާދާއިރާގައި ސަރުކާރުގެ ފަރާތްތަކުގެ އެއްބާރުލުން ނުލިބި ހިގައިފާނެ ކަމަށް ޝައްކުކުރެވުމުގެ ފުރުސަތު އެބައޮތެވެ.

މޯދީ އަކީ ހައްދު ފަހަޅާފައިވާ ބުޑިސްޓުންނަށް ތާއީދުކުރާ ބީޖޭޕީގެ ލީޑަރެވެ. ހައްދުފަހަޅާފައިވާ ބުޑިސްޓުން ވަނީ މީގެ ކުރިން ބާބުރީ މިސްކިތްވެސް ތަޅާލާފައެވެ. 

މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވުމަށްފަހު މިއަހަރުތެރޭ ވަނީ އިޒުރޭލަށް ވަޑައިގެންފައެވެ. މިއީ އިންޑިއާ ބޮޑުވަޒީރަކު އިޒުރޭލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅާއިއެކު މިދެގައުމުގެ ގުޅުން އިތުރަށް ތަރައްގީކުރުމުގެ ވާހަކަތަކެއް ދެކެވުނެވެ. އިޒްރޭލާއި ބައްދަލުކުރެއްވިނަމަވެސް، މޯދީ ނިކަމެތި ފަލަސްތީނު ރައްޔިތުންގެ ހާލު ބައްލަވާފައެއްނުވެއެވެ. އެހެންކަމުން، މޯދީގެ ދަތުރުފުޅަކީ މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަމަލުތައް ހިންގަވާ ފަރާތަކާއި ބައްދަލުކުރެއްވުން ކަމަށް ސިފަވެގެންދެއެވެ.

މިޔަންމާގެ ސިފައިންނާއި ހައްދުފަހަޅާފައިވާ ބުޑިސްޓުން އެގައުމުގެ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއިމެދު ކުރިއަށްގެންދާ ނަސްލު ނައްތާލުމުގެ އަމަލު އެންމެ ހޫނުވެފައިވާ ދަޑިވަޅުގައި މޯދީ ވަނީ އެގައުމުގެ ސްޓޭޓް ކައުންސިލާ ނުވަތަ ނުވަތަ އެގައުމުގެ އެންމެ އިސްވެރިޔާ އާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައިވެސް މޯދީގެ ރާގާއި ވާހަކަފުޅު އެގިގެންގޮސްފައިވަނީ އެގައުމާއި އިތުރަށް ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަރުތުފުޅަށްފަހު މޯދީ ފާހަގަކުރެވިގެންދަނީ މުސްލިމުނާއިމެދު ލާއިންސާނީ އަމަލުތައް ހިންގަވާ ފަރާތްތަކާއި ބައްދަލުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން، މޯދީގެ މިދަތުރުފުޅަކީ މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހިތްވަރު ދިނުމުގެ ދަތުރެއްކަމަށް ސިފަކުރާ ބަޔަކުވެސް މަދެއްނޫނެވެ.

ރޮހިންޔާ ދަރިކޮޅަކީ މިޔަންމާއިން އެގައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިގަންނަ ބައެއްނޫނެވެ. އެހެންކަމުން، އެދަރިކޮޅުގެ މީހަކަށް އެގައުމުގެ ރައްޔިތަކަށް ލިބިގެންވާ އެއްވެސް ހައްގެއްނުލިބެއެވެ. އެހެންކަމުން، ސިޔާސީ ގޮތުންވެސް އެއީ އެއްވެސް ބާރެއްނެތް ބަޔެކެވެ.

މިއާއި ޚިލާފަށް އިންޑިއާގެ މުސްލިމުންނަކީ އެގައުމުގެ ރައްޔިތުންނެވެ. އެއީ އެތައް މިލިއަން ވޯޓެކެވެ. އެމީހުންގެ ވޯޓަކީ މުހިންމުވޯޓެކެވެ. އެހެންކަމުން މޯދީ މިހާރު މަސައްކަތް ކުރައްވަނީ އިންޑިއާގެ މުސްލިމުންގެ ރަށްވެހިކަން ނިގުޅައިގަތުމަށްކަމަށް އެތަށްބަޔަކު ތުހުމަތު ކުރެއެވެ. މުސްލިމުންގެ ވޯޓް ދިނުމުގެ ހައްގު ނިގުޅައިގެންފިނަމަ، ރޮހިންޔާ މުސްލިމުންގެ ހާލަތަށް އިންޑިއާ މުސްލިމުން ގޮސްދާނެއެވެ. 


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!