22 ނޮވެމްބަރ 2017 (ބުދަ)


މާދަމައަކީ ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަސް: މުދައްރިސުން ބާރުވެރި ކުރެވޭ ހެއްޔެވެ؟

ބައިނަލް އަގުވާމީ ތީމް: މުދައްރިސުން ބާރުވެރި ކުރުމަށް: ކިޔަވައިދުނުމުގެ މިނިވަންކަން ރާއްޖޭގައި އޮތްތޯ ކުދެވުނު ސާރވޭ: ނޫންކަމަށް %90 މީހުން ބުނެފި

ބައިނަލް އަގުވާމީ ތީމް: މުދައްރިސުން ބާރުވެރި ކުރުމަށް: ކިޔަވައިދުނުމުގެ މިނިވަންކަން ރާއްޖޭގައި އޮތްތޯ ކުދެވުނު ސާރވޭ: ނޫންކަމަށް %90 މީހުން ބުނެފި

މާދަމައަކީ ދިވެހިރާއްޖޭގައި ވެސް ފާހަގަ ކުރާ މުދައްރިސުންގެ ދުވަހެވެ. ނުވަތަ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހެވެ. މިދުވަހަކީ ވަރަށް ގިނަ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނި ވެރިން އުފާވެރިކަމާއެކު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެގޮތުން ސްކޫލް ޒީނަތްތެރިކޮށް މުދައްރިސުންނަށް ހަދިޔާ ދިނުމާއި އެކިއެކި ކުޅިވަރުތައް ދުވަހާއި ގުޅުވައިގެން ކުޅުން ހިމެނެއެވެ.

އުފާވެރި ދުވަހެއްގައި ވިސްނުން ބަހައްޓަން ޖެހެނީ ހަމައެކަނި އެދުވަހުގެ ލިބޭ ހިތްހަމަޖުމަކަށް އެކަންޏެއް ނޫނެވެ. އަހަރު ތެރޭގައި އުފުލި ބުރަޔާއި ދިމާވި ހަނދާނުން ފިލައިގެން ނުދާފަދަ ކަންތައްތަކައި އެކަންތައްތައް ދިޔަ ގޮތާއި، ތިމާމެންނަށް ކުރެވިފައިވާ ހިތް އުފާވި، ފުރިހަމަ ކަންތައްތަކާއި މެދުވެސް އަލުން ވިސްނާލުން މުހިންމެވެ. މުދައްރިސުންނަށް މުޖުތަމިއުން ހައްގުވާ މިންވަރު ލިބޭ ތޯ މިއދުވަހު ފިކުރު ހިންގާލުން ކީއްތޯއެވެ؟

މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ހަގީގީ ބޭނުމާއި މެދު ވިސްނާލަން ޖެހެއެވެ. މުދައްރިސުންގެ މަަސައްކަތަށް ހުރި ގޮންޖެހުންތަކާއި ކުރިޔަށްދާން އޮތް މަގަކީ ކޮބައިތޯ ވިސްނާލަން ވަގުތުކޮޅެއް ހޭދަކުރުން ކީއްތޯއެވެ. ހަމައެކަނި ބަލެނިވެރިންގެ އަތުން ލިބޭ ރޭގަނޑުގެ ކެއުމަކުން، ހަދިޔާއަކުން، ނުވަތަ އެންމެން އެކުގައި ކުޅެލާ ކުޅިވަރަކުން މިފަދަ ދުވަސްތައް ނިންމާލުމަކީ މުދައްރިސުންގެ މައްސަލަތަކަށް ސަމާލުކަމެއް ލިބޭނެ ކަމެއްތޯ އަމިއލަ ނަފުސާއި ސުވާލު އުފައްދަން ޖެހެއެވެ.

އެންމެން އެއް ކުލައަކުން އަގުބޮޑު ހެދުން އަޅައިގެން ނަގާ ސެލްފީތައް ފޭސްބުކަށް ލުމުން މިދުވަހުގެ ބޭނުން ހިފުނީ އެންމެ ރަގަޅު ގޮތެއްގައި ކަމުގައި ބެލެވޭނެ ހެއްޔެވެ؟ 

މުދައްރިސުންނޭވެ. ތިއީ މުޖުތަމިއުން ގަދަރު ލިބެންޖެހޭ ބަޔަކަށް ވާން ޖެހެއެވެ. އަބުރުވެރިކަމާއެކު ފަންނުވެރި މަސައްކަތެއް ކުރާ ބަޔެއްކަން މުޖުތަމިއަށް ދައްކައިދޭން ޖެހެއެވެ. މިނިވަންކަމާއެކު އުނގެނުމުގެ މަސައްކަތް ކުރަމުންދާ ބައެއްކަން ސާބިތުކޮށް ދޭން ޖެހެއެވެ. ތިބާގެ މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި މެދު ވާހަކަ ނުދައްކައި ސިއްރު ކުރުމުން އެކަން ހައްލު ކުރެވޭނެ ދުވަހެއް އަންނާނެ ހެއްޔެވެ؟ މިފަދަ ކަންކަމަށް ހުރި ގޮންޖެހުންތައް ނައްތަލުމަށް މަސައްކަތް ކުރަން މިއަދު އަޒުމު ކަނޑައެޅުން ކީއްތޯއެވެ؟

މުދައްރިސުން ތީ ޕްރިންސިޕަލުންގެ އަޅުންނެއް ނޫންކަން ފުރިހަމައަށް ގަބޫލުކުރާށެވެ. މަސައްކަތުގައި ތިބާގެ ސިކުނޑިން ވިސްނައި ތިބާގެ ހައްގާއި ޒިންމާތައް ދެނެގަންނާށެވެ. ތިމާގެ ދިފާޢުގައި ވާހަކަ ދައްކަން ޖެހޭ ހިނދު އެއަޑު އުފުލަން ފަސްނުޖެހޭށެވެ. ތިބާގެ ޒިންމާ ފުރިހަމައަށް އަދާކުރާވޭނަމަ ޕްރިންސިޕަލް ދެކެ ބިރުގަންނާކަށް ނުޖެހޭނެއެވެ. ސްކޫލަކީ ޕްރިންސިޕަލްގެ މިލްކެއް ނޫންނެވެ. ޕްރިންސިޕަލްގެ ކުންފުންޏެއް ވެސް ނުނެވެ. ޕްރިންސިޕަލްގެ ވެސް އިންތަކާއި މިންތަކެއް އޮވެއެވެ. ސްކޫލް އެކުލެވެނީ ޕްރިންސިޕަލާއި މުދައްރިސުން، ދަރިވަރުން އަދި މުވައްޒަފުންގެ މައްޗަށެވެ. މުދައްރިސުން ތިޔައީ ޕްރޮފެޝަނަލް މަސައްކަތެއް ކުރާ ބަޔެކެވެ. ދެން ސްކޫލުގައި ތިބެނީ ތިމަސައްކަތަށް އެހީތެރިވާން ތިބޭ މުވައްޒަފުނެވެ. ޕްރިންސިޕަލަށް ވެސް ހައްގު އިޙުތިރާމު ލިބެން ޖެހެއެވެ. ހަމައެގޮތަށް މުދައްރިސަށް ވެސް މުޅި ސްކޫލު މާހައުލުން އިހުތިރާމާއި ގަދަރު ލިބެން ޖެހެއެވެ. އެކުގައި ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަން ޖެހެނީ މިނިވަންކަމާއެކު އެވެ. 

ކުރާ މަަސައްކަތުގެ އުޖޫރަ ހަމަޔަށް ލިބޭ ހެއްޔެއެވެ؟ އިތުރު ގަޑީގައި މަސައްކަތް ކުރުމުން ތަފާތުކުރުމެއް ނެތި އިތުރުގަޑީގެ ފައިސާ ލިބޭ ހެއްޔެވެ؟ ނަރުހަކަށް ވީމަ އިތުރު ގަޑި ލިބިފައި، އޮފީސްތަކުގައި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާ މީހުންނަށް އިތުރު ގަޑި ލިބިފައި މުދައްރިސުން އިތުރުގަޑީގައި ކިޔަވައިދިނުމާއި ސްކޫލުގެ އެކިއެކި ހަރަކާތްތަކުގައި އަމިއްލަ އާއިލާގެ ވަގުތު ގުރުބާން ކޮށްލާ ހޭދަކުރާ ވަގުތަށް އިތުރު ގަޑި ނުލިބުމަކީ މުދައްރިސުންގެ މަސައްކަތު އަގު ވަޒަންކުރުންތޯ އެވެ؟ މިފަދަ މައްސަލަތަކަށް އަޑު އުފުލަން މިއަށް ވުރެ ވަކި މުހިންމު ހާލަތެއް އަންނާނެ ހެއްޔެވެ؟

މިއީ މުޅި ދުނިޔެވެސް މުދައްރިސުންގެ ގޮވެލި އަޑު އަހަން މަޑުކޮށްލާ ވަގުތުކަން ދަންނާށެވެ. ލިބޭ މީރު ކެއުމަކަށް ވުރެ ޓީޗަރުންގެ ހައްގުގައި ކުރެވޭ ކުޑަ މަސައްކަތަކީ ވެސް މާ ފައިދާ ބޮޑު މަސައްކަތެއް ނޫންބާ ވައެވެ؟

މުދައްރިސުންގެ އަސްލު އިޙުސާސުތައް ބަންޑުން ކޮށްލަ ދިނުމަށް ފޯރަމެއް ބޭއްވުން ކީއްތޯއެވެ؟ ޖާލްސާގައި، ސްކޫލު އެސެމްބްލީގައި މުދައްރިސުންގެ އިހުސާސުތައް ފޮރުވައިގެން ވާހަކަތައް ނިންމާލިޔަސް، ކަމާއި އެކަށޭނަ ފޯރަމެއް ގާއިމުކޮށް އެއަޑުތައް އިއްވޭތޯ ބެލުން ކީއްތޯއެވެ. ބެލެނިވެރިންނާއި ރަށުގެ އިސްފަރާތްކުގެ ހާޒިރުގައި އެންމެ ކުޑަމިނުން ތި އާއިލާގެ ހިތުގެ ފުންމިނުން އަޑު އިއްވައިދޭށެވެ. އަދި މާކަބޮޑު ކަމެއް އެއިގެ ބަދަލުގައި ނުވިކަމުގައި ވިޔަސް ތިއާއިލާގެ ޒިންމާއެއް އަދާކުރެވުނީ ކަމުގައި ދެކޭށެވެ. ތިއީ ގައުމު ބިނާކުރާ މީހުން އުފައްދާ މީހުންކަން ހަނދުމަ ކުރާށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!