A wide advertisement which will be shown on all devices. (700 x 100)

ނަމޫނާ އައިޑިއަލް ސްކޫލެއް

އައިޑިއަލް ސްކޫލުގެ ދަރިވަރުން ސައިންސް ފެއަރއިން ލިބުނު ތައްޓާއެކު. ފޮޓޯ: އައިޑިއަލް ސްކޫލް

އައިޑިއަލް ސްކޫލަކީ، ފުވައްމުލަކުގައި މަޝްހޫރު ނަމެކެވެ. މިސްކޫލަކީ، ފުވައްމުލަކު ސިޓީގެ އެންމެ ޙަރަކާތްތެރި އެއް ޖަމުޢިއްޔާ ކަމުގައިވާ ގާޑިއަން އެސޯސިއޭޝަނުން ހިންގަމުން އަންނަ، އެޖަމްޢިއްޔާގެ ޕްރީ ސްކޫލެވެ. 2011 ވަނަ އަހަރު ހުޅުވުނު މިސްކޫލަކީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި ވަރަށް ވެސް މަޤުބޫލު ސްކޫލެކެވެ. އެގޮތުން އެސްކޫލުގެ ދަރިވަރުން އިތުރު ވެގެން ދިޔަ ނިސްބަތުން މިކަން ހާމަވެއެވެ. މިހާރު އެސްކޫލުގެ ޕްރީ ސްކޫލުގެ އާބާދީ 150 އަށް އަރާއިރު، 100 އެއްހާ ބޮޑެތި މީހުން އެސްކޫލުން ޢަރަބި ބަސް ކިޔަވަމުން ދެއެވެ. އަދި 16 ދަރިވަރަކު އައިޑިއަލް ސްކޫލުގެ ޤުރުއާން ދަސްކުރާ ކުލާހުން، ޤުރުއާން ދަސްކުރަމުން އެބަގެންއެއެވެ. 

އެންމެ ފަހުން އައިޑިއަލް ސްކޫލް ފެނިގެން މިދިޔައީ، ދާދިފަހުން ނިމިގެންދިޔަ، ދިރާގު އިންޓަރ ސްކޫލް ސައިންސްފެއާ 2017 ގެ، ޕްރީސްކޫލް ކެޓަގަރީން، ފަޚުރުވެރި އެއްވަނަ ސްކޫލުގެ މަޤާމު ގެންދިޔަތަނެވެ. އަދި މީގެ އިތުރުންވެސް، އަތޮޅު ފެންވަރުގައި ބޭއްވޭ އިންޓާސްކޫލް ޤުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކުން ވެސް، ޕްރީސްކޫލް ކެޓަގަރީން އެންމެ ގިނަ ވަނަވަނަ ގެންދާ ސްކޫލަކީ އައިޑިއަލް ސްކޫލްކަން ފާހަނގަ ކޮށްލަން ޖެހެއެވެ.

ތިރީގައިމިވަނީ، މިކަލް ނޫހުނގެ ފަރާތުން އައިޑިއަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޙުސައިން އާއި ކޮށްފައިވާ އިންޓަވިއުއެކެވެ.

އައިޑިއަލް ސްކޫލް އިޚްތިޔާރު ކުރަންވީ ކީއްވެ؟

އައިޑިއަލް ސްކޫލް އިޚްތިޔާރުކުރަންވީ ކީއްވެގެންތޯ ދެންނެވުމުން ސުކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޙުސައިން ވިދާޅުވީ، އައިޑިއަލް ސްކޫލް އިޚްތިޔާރު ކުރަންވީ، ރާއްޖޭގެ އާ ގައުމީ މަންހަޖު ފުރިހަމަޔަށް ތަންފީޒުކުރާ ސްކޫލަކަށް ވީމާކަމަށެވެ.

“އެގޮތުން މިސްކޫލުން މިސާލަކަށް އާ ގައުމީ މަންހަޖުގެ ކީ ކޮމްޕީޓެންސީސްގެ ދަށުން ކޮންމެ ފިލާވަޅެއް ކިޔަވައިދިން ކަމުގައިވިޔަސް އަޅުގަނޑުމެން ހުންނާނީ ދީނާއި ގުޅުވާލާފައި، އަދި އެކަމަށް ބޭނުންވާ މެޓީރިއަލްސް ލިޔެ ހަފްތާއިން ހަފްތާޔަށް ޓީޗަރުންނާއި ޙަވާލުކުރަމުން މިދަނީ” މުހައްމަދު ހުސައިން ވިދާޅުވިއެވެ.

އައިޑިއަލް ސުކޫލުން ވިދާޅުވީ ރާއްޖޭގެ ޕްރީސްކޫލު ކަރިކިއުލަމްގެ އިސްލާމް މުޤައްރަރުގައި ބުނާ އިސްލާމް މާއްދާ އެސުކޫލްގެ ދަރިވަރުންނަށް، އެކުދިންގެ ޢުމުރާއި ގުޅޭގޮތަށް ކިޔަވައިދެމުން ދާކަމަށެވެ.

“ޕްރީސްކޫލް އިސްލާމް މުޤައްރަރުގައި އެބަބުނޭ ޢަޤީދާ އާއި އިސްލާމީ އަޚުލާޤާއި، ޢިބާދާތާއި ފިޤުހާއި ސިޔަރަތާއި ތާރީޚާއި ޙަދީޘް ކިޔަވައި ދިނުމަށް، މިއީ ގިނަމީހުން ދަންނަ ކަމެއްވެސް ނޫން! ނަމަވެސް އަޅުގަނޑުމެން ކަރިކިއުލަމް ތަންފީޒު އެބަކުރަން، ލިޔެފައި ކޮންމެ ހަފްތާއަކު ވެސް، އެހަފްތާގެ އިސްލާމް ފިލާވަޅު ވެސް އަޅުގަނޑުމެން ޓީޗަރުންނާއި ޙަވާލުކުރަން، ތިބޭފުޅުން އަޅުގަނޑަށް ދައްކަވާ މިގޮތަށް، މިކަރިކިއުލަމްގައި މިބުނާ އިސްލާމްގެ ބައިތައް ކިޔަވައިދޭ އެހެން އެއްވެސް ސްކޫލެއް، އަޅުގަނޑަކަށް ހިޔެއް ނުވޭ ހުރިހެންނެއް” ޕްރިންސިޕަލް ވިދާޅުވިއެވެ. އަދިވެސް ވިދާޅުވީ، އައިޑިއަލް ސްކޫލުން، ޢިލްމާއި އެކު، ހުނަރާއި އަޚުލާޤު ވެސް ކުދިންނަށް ދަސްކޮށްދެމުންދާ ކަމަށެވެ. 

އައިޑިއަލް ސްކޫލް އެހެން ސްކޫލްތަކާއި ތަފާތުވަނީ ކީއްވެގެންތޯ؟

“އައިޑިއަލް ސްކޫލް އެހެން ސްކޫލްތަކާ ތަފާތުވަނީ، މިސްކޫލުން އެއްވެސް އެއްޗެއް ސިއްރުކޮށް ހިފަހައްޓައި ނަހަދާތީ! މިހާތަނަށް އަޅުގަނޑުމެން ތައްޔާރުކުރި ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން ވާނީ ޝައުގުވެރިކަން ފާޅުކުރި ހުރިހާ ސްކޫލަކާ ޙިއްސާކޮށްފައި! އަދި ބައެއް ސްކޫލުތަކަށް އަޅުގަނޑުމެން އިސްނަގައިގެން ވެސް މަޢުލޫމާތު ހިއްސާ ކޮށްފައި ހުންނާނެ! އަދި މިއަހަރު އަލަށް އަޅުގަނޑުމެން ތައްޔާރު މިކުރާ، އިސްލާމް ފިލާވަޅުތައް ވެސް ބޭނުން ކޮންމެ ބަޔަކަށްވެސް އަޅުގަނޑުމެން ޙިއްސާ ކުރާނަން! އިންޝާﷲ! އަޅުގަނޑުމެން ދެކެނީ ދިވެހި ކޮންމެ ދަރިވަރަކީ އަޅުގަނޑުމެންގެ ދަރިއެއް ކަމަށް! އަދި ކޮންމެ މުދައްރިސަކީ އަޅުގަނޑުމެންގެ އަޚެއް ނުވަތަ އުޚްތެއް ކަމަށް” އައިޑިއަލް ސުކޫލުން ވިދާޅުވިއެވެ.

ރީޑިން ޕްރޮގްރާމް

ރީޑީން ޕްރޮގްރާމް އާއި ބެހޭގޮތުން ސުވާލު ދެންނެވެމުން އެސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޙުސައިން ވިދާޅުވީ، އެސްކޫލުގެ ރީޑީންގ ޕްރޮގްރާމަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮގްރާމެއް ކަމަށާއި، އަދި އޭގެ އިތުރުން އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް ރީޑީންއަށް ޚާއްސަ ކޮށްގެން، އިނގިރޭސި ދިވެހި އަދި ޢަރަބި ބަހުގެ ރީޑިންގ ޕްރެކްޓިސް ކުލާހުގައި ކިޔަވައިދޭ ކަމަށެވެ. އޭގެ ސަބަބުން މިސްކޫލުގެ ކުދިން ވަރަށް އަވަހަށް ކިޔަން ފައްޓާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

އައިޑިއަލް ސްކޫލުގެ މެތެމެޓިކުސް

“ޙަޤީޤަތުގައި މެތްސްއަކީ، އަޅުގަނޑުމެން އެންމެ ތަރައްޤީ ކުރުމުން މިހާރު މިއަންނަ ދާއިރާ! ކޮންމެހެން ދަށްވެގެނެއް ނޫން! އެގޮތުން މިހާރު އަޅުގަނޑުމެން ވާނީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން، އަނެއްކާ ވެސް އޮކްސްފޯޑުގެ ފުލް ޕްރޮގްރާމެއް ގަނެފައި! ނަމަވެސް އެ ޕްރޮގޮރާމް އެކީއެކަށް އަޅުގަނޑުމެން ފައްޓާނީ، މިއަންނަ އަހަރު. އިންޝާ ﷲ!މުހައްމަދު ހުސައިން ވިދާޅުވިއެވެ.

އައިޑިއަލް ސްކޫލުގެ ދަރިވަރުންގެ އިނގިރޭސި ފެންވަރު ދަށްކަމަށް ދެކެވޭ ވާހަކަތަކަށް ކީކޭތޯ ދަންނަވާނީ؟

“ދަންނަވަންތޯ، ކޮންމެ ސްކޫލެއްގައި ހުއްޓަސް، ކާޓޫނު ގިނައިން ބަލާ ކުއްޖާ، އިނގިރޭސިބަހުން ގިނައިން ވާހަކަ ދައްކާނެ! އެއީ މިހާރު އެންމެން ދަންނަ ކަމެއް! އެއީ އަދި އިނގިރޭސި ބަހަށް ކުއްޖާ މޮޅުވުމެއް ނޫން ދެއްތޯ؟ އިނގިރޭސިން ކާޓޫން ސްޓައިލަށް ވާހަކަ ދައްކާ އެކަމަކު ރަނގަޅަށް ލިޔަން ކިޔަން ނުދަންނަ ކުދިން ގްރޭޑްތަކުގައި އެބަކިޔަވާ! ކޮބާތޯ ރީޑީންގ؟ ކޮބާތޯ ރައިޓިންގ؟ ކޮބާތޯ އެކުއްޖާއަށް ކާޓޫނުގެ ސަބަބުން ކުރި ނޭދެވޭ އަސަރު؟ ރަނގަޅު ދަރިންނަށް ގިނައިން ކާޓޫނު ދެއްކުމަކީ އައިޑިއަލް ސްކޫލުން ބާރުއަޅާ ކަމެއް ނޫން! އަދި ޢިލްމީ އެއްވެސް މީހަކު އެކަމަށް ތާއީދެއް ނުކުރާނެ! އައިޑިއަލް ސްކޫލުގެ ކުދިން އިނގިރޭސިން ވާހަކަވެސް ދައްކާނެ! ލިޔަންވެސް ދަންނާނެ! އަދި ކިޔަން، ވަރަށް މޮޅުވާނެ! ދެން ތިޔަ ކުރެއްވި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ދެއްވޭނެ ޖަވާބަޔަކީ، ފުވައްމުލަކު ޕްރައިމަރީ ސްކޫލް ތަކުގެ ޓީޗަރުން އެބޭފުޅުން އެވިދާޅުވަނީ، އެވްރެޖްކޮށް ހުރިހާ ގޮތަކުން އެންމެ ފެންވަރު ރަނގަޅު ކުދިންނަކީ އައިޑިއަލް ސްކޫލުން އަންނަ ކުދިނޭ!” (ނުނިމޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !