A wide advertisement which will be shown on all devices. (700 x 100)

ދިރާސީ ނަޒަރަކުން ރަސްގެފާނާއި ރަންނަމާރި

ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އާއި ގުޅުވައިގެން ކިޔަމުން އަންނަ ރަންނަމާރި ވާހަކަ އަކީ މިގަރުނުގެ ދިވެހިންގެ ސިކުޑިތަކަށް ގަބޫލު ކުރެވޭ ވާހަކައަކަށް ނުވުމުގެ ނަތީޖާއަކީ އެވާހަކަ ޒަމާނީ ގޮތަކަށް ބަދަލުކޮށްގެން ކިޔަމުން ދިއުމާއި އެގޮތަށް ގަބޫލު ކުރެވުމެވެ. މިޒަމާނުގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ގޮތުގައި ރަންނަމާރި އަކީ ރަސްގެފާނެވެ. އަދި ރަންނަމާރިއަށް ޓަކައި ބުދުކޮއިލަށް ގެންދެވޭ ބިކުރުވެރި އަންހެން ކުއްޖާއަށް ހިތުހުރި ގޮތެއް ހެދުމަށްފަހު މަރާލަނީ ރަސްގެފާނެވެ. އަދި މިކަން ފަޅާއެރީ އަންހެން ކުއްޖެއްގެ ބަދަލުގައި ފިރިހެނަކު ބުދު ކޮއިލަށް ގެންދިއުމުންނެވެ. މިވާހަކަ އަބަދަށް ސިއްރު ކުރުމަށްޓަކައި ރަސްގެފާނު އިސްލާމްދީން އިޚްތިޔާރުކޮށް އެކަމަށް ހުރިހާ ރައްޔިތުންނަށް މަޖުބޫރުކުރީއެވެ. މިއީ ވެދާނެ ގޮތެކެވެ. ނަމަވެސް، ދިރާސީ ނަޒަރަކުން ބަލާއިރު މިއީ އަދި ޒަމާނުއްސުރެ ކިޔަމުން އަންނަ ރަންނަމާރި ވާހަކައަށް ވުރެ ގަބޫލު ކުރުން ދަތި ވާހަކައެކެވެ. ވީމާ މިވާހަކަ ދިރާސީ ނަޒަރަކުން ބަލާލުން މުހިންމެވެ.

ތާރީޚް ދިރާސާ ކުރައްވާ އިޔާޒު ނަސީމް ފާހަގަ ކުރައްވާ ގޮތުން ރަންނަމާރި މިބަސް އައިސްފައި ވަނީ ސާންސްކްރިތު ބަހުންނެވެ. ސާންސްކްރިތު ބަހުން “ރަންނަ” މި ލަފްޒުގެ އަސްލަކީ “ރައްތްނަ”އެވެ. މި ބަސް ދިވެހި ބަހުގެ ހަމަތަކަށް ވަނުމާއިއެކު ތާސުކުން، އެއާ ޖެހިގެން އޮތް ނޫނާ އެކުވެ. ނޫނުސުކުނެއްގެ އަޑަށް ބަދަލުވެގެން ދިޔައީއެވެ. “ރަންނަ” މި ލަފްޒުގެ މާނައަކީ ޖަވާހިރު، ބޮޑު، މަތިވެރި އަދި ދޭވަތާ އެވެ. ވަރަށް ފަހަކާ ޖެހެން ދެން ވެސް ދިވެހިން “ރަންނަ” މި ލަފްޒު، ބޮޑު، ގަދަރު ލިބިގެން ވާ، އަދި މަތިވެރި މި މާނައިގައި ބޭނުން ކޮށްފައި ވެއެވެ. “ރަންނަ ބަނޑޭރި” ފަދަ ލަފްޒުތަކުން ވެސް މި ކަން އެނގެއެވެ. “ރަންނަމާރި” މި ލަފުޒުގެ ދެވަނަ ބައި ކަމަށް ވާ “މާރި” ގެ އަސްލަކީ “މާރް”އެވެ. މާނައަކީ ބޮޑުފެންގަނޑު، ކޯރު ނުވަތަ ކަނޑެވެ.

އެހެންކަމުން ރަންނަމާރި މިބަހުގެ މާނަކަމަށް ބެލެވެނީ ކަނޑުގެ ދޭވަތާއެވެ. ނުވަތަ ކަނޑުގެ ކަލާނގެއެވެ. ދިވެހިންގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ ކަނޑުން ލިބޭ މަންފާއަށެވެ. އެހެންކަމުން ދިވެހިންނަށް އެންމެ މުހިންމު ތަނަކީ ކަނޑެވެ. އޭރުގެ ދިވެހިންނަކީ ބުދަށް އަޅުކަން ކުރަމުން ގެންދިޔަ ބަޔަކަށް ވުމާއިއެކު އެމީހުން އަގީދާގައި ކަނޑުގެ ކަލާނގެއެއް ގަބޫލު ކުރުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެެކެވެ. އަދި ހަމަ އެފަދައިން އެކަނޑަށް ބަރޯސާވެފައިވާ ދިވެހިން އެމީހުން ގެ އަގީދާގައި ހިމެނޭ ކަނޑުގެ ކަލާނގެއަށް އެކަނޑުން ލިބޭ ރޯދި ބަރަކާތް ލިބިގަތުމަށްޓަކައި ބިކުރުވެރި އަންހެން ކުދިން ގުރުބާން ކުރުމަކީވެސް ކޮއްފާނެ ކަމެއްކަމަށް ބެލެވެއެވެ. އެހެނީ ގަދީމީ މިސްރުގައިވެސް ނީލަކޯރަށް ވެސް ބިކުރުވެރި އަންހެން ކުދީން ގުރުބާން ކުރެވެމުން ދިޔަ ކަމަށް ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުން ލިއުއްވައެވެ. މީގެ އިތުރުން ބުދަށް އަޅުކަންކުރާ މީހުން އިންސާނުން ގުރުބާން ކުރުމަކީ އާކަމެއްނޫނެވެ. އެބައިމީހުން އިންސާނުން ގުރުބާންކުރާ އެތަކެއް ހާދިސާތަކެއްވަނީ ތާރީޚުގައި ލިޔެވިފައެވެ.

މީގެ އިތުރުން، ދިވެހިން ކަނޑަށް ކުރާ އިހުތިރާމު ބޮޑެވެ. އަދި ކަނޑުން އަރާ ޖިންނި ތަކަށާއި މިފަދަ ޖިންނި ތަކުން ދިވެހިންނާއި ކަނޑުން ލިބެންހުރި ރޯދިތައް ސަލާމަށް ކުރުމަށް ދިވެހިން ސަމާލުކަން ދޭ މިންވަރު ދިވެހި ފުލޯކު ވާހަކަތަކުން އެގެއެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް، ކަނޑުން އަރާ ޖިންނި ތަކުގެ ވާހަކަ ދިވެހިން ދައްކައެވެ. އަދި ހަމަ އެހެންމެ ކަނޑަށް އިހުތިރާމްކޮށް އަޅުކަންކޮށް އުޅުނުކަން ދޭހަވާ ބައެއް އަމަލު މިހާރުވެސް ދިވެހިންގެ ތެރެއިން ފިލައިގެން ނުގޮސް އެބަ ހުއްޓެވެ. ކަނޑަށް މާ ދެއްކުމާއި، ބައެއް ބާވަތުގެ ސޫފި ކަތިލައި ކަނޑަށް ލޭ ދެއްކުން ފަދަ ކަންތައް އަދިވެސް ދިވެހިންގެ ތެރެއިން ފަންޑިތަ ހަދާ ބައެއް މީހުން ކުރެއެވެ. މިފަދަ އާދަ ތަކަކީ މާ އިހުއްސުރެ ވާރުތަވަމުން އައިސްފައި ހުރި އާދަތައް ކަމަށް ތާރީޚް ދިރާސާ ކުރައްވާ އިޔާޒު ނަސީމު ވިދާޅުވެއެވެ. މިސްރުގައި ނީލަކޯރަށް ބިކުރުވެރި އަންހެންކުދިން ގުތުބާންކުރި ފަދައިން، އެޒަމާނުގައި ދިވެހިން ބިކުރުވެރި އަންހެން ކުދިން ދިވެހި ކަނޑަށް ގުރުބާން ކޮށްފާނެކަމަށް ގަބޫލުކުރެއެވެ. މީގެ އިތިރުން އަވަށްޓެރި އިންޑިއާގައިވެސް އެފަދަ އަމަލުތައް ވަރަށް ފަހަކާއި ޖެހެންދެންވެސް ހިގާފައި އެބަހުއްޓެވެ.

މީގެ އަނެއްކޮޅަށް ބަލާއިރު ރަސްގެފާނު ބިކުރުވެރި އަންހެން ކުދީންގެ ބޭނުމުގައި މިފަދަ ބޮޑު ޑްރާމާއެއް ކުޅުއްވަ ފާނެކަމަށް ގަބޫލެއް ނުކުރެއެވެ. އެހެނީ ރަސްގެފާނަކީ ބޭނުން ވަރަކަށް އަބިން ގެންގުޅެވޭ އަދި ބޭނުން އަންހެން ކުއްޖެއް ގަނޑުވަރަށް ގެންދެވޭނެތީއެވެ. ދިވެހި ތާރީޚަށް ބަލާލާއިރުވެސް މިކަން އޮތީ މިހެންނެވެ. ރަސްރަސްކަލުން ނޫނީ ރަނިން ބޭނުންވާ ބަޔަކު ގަނޑުވަރަށް ގެނެސްގެން ބޭނުންވާ ސަކަރާތެއް ޖަހަމުން ގެންގޮސްފައިވެއެވެ. މިކަމަށް ދެކޮޅު ހަނދާނެ ބަޔަކު ނުތިބެއެވެ. އެހެނީ ދިވެހިންނަކީ ވަރަށް ފަހަކާއި ޖެހެންދެން ވެސް ވެރިންނަށް ކިޔަމަންތެރި ވުމުގައި ނަމޫނާ ބައެކެވެ.

އެއީ މުސްލިމް ރަސްރަސް ކަލުންނާއި ރަނިންނެވެ. ވީމާ އަދި ބުދަށް އަޅުކަން ކުރާ ރަސްރަސްކަލުން އަބިން ގެންގުޅުއްވާނެ މިންވަރާއި އެކަމަށް ބޭނުންވާ ރަސްކަލަކަށް ހުޅުވިފައިވާ ދޮރުތައް ވިސްނަވާލައްވާށެވެ. ރަސްރަސް ކަލުންގެ އަންބަކަށް ނޫނީ ގަނޑުވަރުގެ މަތިގެއަށް އެރުމަކީ އޭރުގެ ބޮޑު ޝަރަފެކެވެ. ވީމާ ރަސްގެފާނު ބޭނުންފުޅުވާ ކޮންމެ އަންހެން ކުއްޖަކުވެސް އެކުދިންގެ މައިންބަފައިން ރަސްގެފާނާއި ހަވާލު ކުރުމަށް ފަސްޖެހޭނެކަމަކަށް ނުބެލެވެއެވެ. އަދި އެފަދަ ގޮވާލުމަކަށް އިންތިޒާރު ކުރާ މައިންބަފައިންވެސް ތިބޭނެކަމަށް ގަބޫލު ކުރެވެއެވެ.

އަބުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވާ ގޮތުން އިސްލާމްދީން ގަބޫލުކުރެއްވި “ރަސްގެފާނަކީ ދީންވެރި ޢަދުލުވެރި ނަޒާޙަތްތެރި ރަސްކަލެކެވެ. މުޙައްމަދުލްޢާދިލުގެ ނަންފުޅުން އެ ރަދުންނާ މުޚާތަބުކުރެވެނީ ވެސް މި ސަބަބަށްޓަކައެވެ. އެރަސްގެފާނަކީ ހިތްޕުޅު މަޑުމޮޅި، ނިކަމެތިންނަށް އެހީތެރިވެވަޑައިގަންނަވާ، ދުނިޔެއަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ރަސްކަލެއްމެއެވެ. އިންސާފުވެރި މާތް ރަސްކަލެކެވެ. ފަޤީރުންގެ ޙާލު ބެއްލެވި ދީލަތިވެރި ދަރުމަވަންތަ މަހާރަދުންނެވެ.” އެ ރަސްގެފާނުގެ ފަރާތްޕުޅުން އެފަދަ ނޭދެވޭ އެއްވެސް ކަމެއްގެ ވާހަކަ މިހާތަނަށް ދެކެވިފައި ނުވާއިރު އެފަދަ މަޖުބޫރީ ހާލަތުން ނުވަތަ ކަމެއް ސިއްރު ކުރުމުގެ ގޮތުން އިސްލާމްވި ރަސްކަލެއްގެ ދިރިއުޅުއްވުމަށް އެފަދަ ބޮޑެތި ބަދަލު ތަކެއް އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، ރަންނަމާރިއަކީ ރަސްގެފާނަށް ވުމުގެ އެއްވެސް ފުރުސަތެއް އޮތްކަމަކަށް ނުބެލެވެއެވެ.

އެޑިޓަރުގެ ނޯޓް: މިލިއުމަކީ 25 ޖެނުއަރީ 2015 ވަނަ ދުވަހު މިކަލް ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގެ އެޑިޓެކެވެ.

+1
2
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !