16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ޔަމަނަށްފަހު ސައޫދީގެ އަމާޒަކީ ލުބުނާނު ނޫންބާ!

އިސްލާމީ ދުނިޔޭގެ މައިނާރެސްކަމަށްވާ މެދުއިރުމަތީގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި އަނެއްކާ ވެސް ގިނަ ބަޔަކަށް ސިހުމެއް ލިބިގެން ދިޔައީ ލުބުނާނުގެ ބޮޑު ވަޒީރު ސާދު އަލް ހަރީރީ ކުއްލި ގޮތަކަށް ސައުދީ އަރަބިޔާގައި ހުންނަވާ ސައޫދީ ސަރުކާރުން ކޮންޓްރޯލް ކުރައްވާ ޓީވީއެއް މެދުވެރިކޮށް ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ. ހަރީރީ އިސްތިއުފާ ދެއްވަމުން ބައްލަވަމުން ވިދާޅުވި ސްޓޭޓްމަންޓްގައި ލުބުނާނުން ހިޒުބުއްﷲ ޖަމާއަތާއި އިރާނާއި މެދު ބާއްވާ ގުޅުން ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ. ބޮޑު ވަޒީރު ކަމުގެ މަގާމުގައި ގާތްގަޑަކަށް 11 ވަރަކަށް މަސް ހޭދަކުރެއްވި ހަރީރީ އަކީ ސައޫދީ އަރަބިއްޔާ އާއި ގުޅުން ބޮޑު ސުންނީ މުސްލިމެކެވެ. 

ހަރީރީގެ އިސްތިއުފާ އެއްބަޔަކު ސިފަކުރަމުންދަނީ ސައޫދީން މަޖުބޫރުކޮށްގެން ދެއްވި ސްޓޭޓްމަންޓެއްގެ ގޮތުގައެވެ. ނަމަވެސް އެނިންމުން ދިފާއު ކުރައްވާ އޭގެ އަށް ދުވަސްފަހުން އިއްޔެވަނީ ވާހަކަފުޅު ދައްކަވާފައެވެ.

“މިތާ ސައޫދީ އަރަބިއްޔާގައި، އަޅުގަނޑު މިހިރާ ފުރިހަމަ މިނިވަންކަމާއިއެކު، އެކަމަކު އަޅުގަނޑުގެ އާއިލާ ބަލަހައްޓަން އަޅުގަނޑު ޖެހޭ” ހަރީރީ ވިދާޅުވިއެވެ. “އަޅުގަނޑު އަދި މިތާ އެޅޭތާ މާގިނަ މަސްތަކެއް ނުހިގާ އަދި މިވީ ދުވަސްތަކެއް އަޅުގަނޑު އެބުރި ލުބުނާނަށް ދާނަން” ހަރީރީ އިތުރަށް ވިދާޅުވިއެވެ.

ހަރީރީ އެހެން ބުނި ނަމަވެސް ގިނަ ބަޔަކު އަދިވެސް ޝައްކުކުރަނީ ހަރީރީ އިސްތިއުފާ ދެއްވާފައިވަނީ ސައޫދީގެ ފިއްތުންތަކާއި ގުޅިގެންކަމަށެވެ. އަދި ހަރީރީ ހުންނެވީ ގޭބަންދުގައި ނުވަތަ ގައުމުން ބޭރަށް ނުދެވޭ ގޮތަށް ސައޫދީގެ ބެލުމުގެ ދަށުގައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ލުބުނުނާނުގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ރައީސް މައިކަލް އައޮން ހަރީރީއާއި ގުޅޭ ތަފުސީލު މައުލޫމާތު ހާމަކުރުމަށް ސައޫދީ އަށް ގޮވާލެއްވިއެވެ. އަދި މައިކަލް ސިފަކުރައްވާ ގޮތުގައި ހަރީރީ ހުންނެވީ ކިޑްނެޕް ކޮށްފައެވެ.

ހަރީރީ ސައޫދީއަށް ކުރެއްވީ ކުރު ދަތުރެއްކަމަށާއި ހަރީރީ މިދިޔަ ހަފުތާނިމުމުގެ ކުރިން އަންނަންޖެހާކަމަށް ލުބުނާނުން އޮފިޝަލުން ހާމަކުރެއެވެ. 

ހަރީރީ އިސްތިއުފާ ދެއްވީ ހިޒުބުﷲ އާއި ކުރިމަތިލުމަށް ފަސްޖެހުމުން ކަމަށް ވާހަކަ ދެކެވޭ އިރު ހަރީރީގެ ބޭބެ ބަހާ ހަރީރީ އެމަގާމާއި ހަވާލުވުމަށާއި އަދި އާއިލާއިން ބަހާއަށް ބައިއަތުހިފުމަށް ސައޫދީ އަށް އަންނަން ސައޫދީން އަންގާފައިވާ ކަމަށްވެސް ވާހަކަތައް ދަނީ ފެތުރެވުމުންނެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ސައޫދީންނާއި ކުވައިތުންނާއި ބަހުރައިނުން އެގައުމުގެ ރައްޔިތުންގެ އަވަހަށް ލުބުނާނުން ފޭބުމަށް އެންގިއެވެ. އެހެންކަމުން، ހަރީރީގެ އިސްތިއުފާއަކީ ހިޒުބުﷲ އާއި ދެކޮޅަށް ރުކުރުވާލުމަށް ތައްޔާރުވުން ކަމަށް އެތައް ބަޔަކު ސިފަކުރައްވައެވެ. ސަބަބަކީ ހިޒުބުﷲ އަކީ އިރާނާއި ގުޅުންބޮޑު ޖަމާއަތަކަށްވެފައި ލުބުނާނުގައި ހިޒުބުﷲގެ ނުފޫޒުގަދަކަމެވެ.

ނަމަވެސް، ޔަމަނުގައި ލަޝްކަރެއް އެކުލަވާލިގޮތަށް ލުބުނާނުގައި ލަޝްކަރެއް އެކުލަވާލުމަކީ ފަސޭހަކަމެއްނޫނެވެ. ސަބަބަކީ ލުބުނާނުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އޮތުމާއި އެތެރޭގެ ދާއިލީ ތަޅާފޮޅުން މަދުކަމެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު