20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ނިމުނު 2017: ފުވައްމުލަކުގެ ތަރައްގީއަށް މާބޮޑެތި ކުރިއެރުންތަކެއް ނުލިބޭ

ފާއިތުވީ 2017 ވަނަ ފެށިގެން އައީ ފުވައްމުލައް އަތޮޅަކުން ސިޓީއަކަށް ބަދަލުވުމަށްފަހުގައެވެ. ސިޓީއަކަށް ބަދަލުވުމާއިއެކު ސިޓީގެ ތަރައްގީގެ ދުވެލި އާދަޔާ ޚިލާފަށް ކުރިއަރައިގެން ދާނެކަމަށް ގިނަ ރައްޔިތުންތަކެއް ދެކުނެވެ. ފެނާއި ނަރުދަމާގެ ވާހަކައަކީ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުވަފެނެކެވެ. ރާއްޖޭގެ އަތޮޅުތެރޭ ތާރުއެޅިގެން ރަގަޅު ފެންވަރަކަށް މަގު ހެދުން ފެށުމާއިއެކު އެންމެ ފުރަތަމަ ހެދުނު މަގުތަކުގެ ތެރޭގައި ފުވައްމުލަކު ތާރުމަގު ހިމެނެއެވެ. އޭގެފަހުން މިހާރު 13 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ފެންވަރު ރަގަޅު މަގުތަކަށް ފުވައްމުލަކު ރައްޔިތުންކުރި އުއްމީދު ވެސް ކުޑައެއްނޫނެވެ. ރަށްގިރުމުގެ މައްސަލައަކީ ހައްލުނުވެ އޭގެ މުހިންމުކަމުގެ ވާހަކަ ދޭތެރެ ދޭތެރެއިން އިވެމުންދާ ވާހަކައެކެވެ. ފުވައްމުލަކު ސިޓީއަށް ދަތުރުކުރާ މޯލްޑިވިއަން ފްލައިޓް ޑިލޭވުމާއި ކެންސަލްވުމަކީ އާންމު ކަމެކެވެ. މިކަންކަމުގެ ތެރެއިން 2017 ވަނަ އަހަރު ހައްލުކުރެވުނީ ކޮންކަންތަކެއްތޯއެވެ.

ފާއިތުވީ 2017 ވަނަ އަހަރު ފެށުނުއިރު ވެސް ވަނީ ފުވައްމުލަކުގެ ނަރުދަމާއާއި ފެނުގެ މަސައްކަތުގެ އަމަލީ މަސައްކަތް އިފުތިތާހުކޮށްފައެވެ. 2016 ވަނަ އަހަރު އޮކްޓޫބަރު މަހު 9 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އިފުތިތާހު ކުރެއްވި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް 18 މަސްދުވަހުގެ ތެރޭ ނިންމާނެ ކަމަށް އެޖަލްސާގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުގައިވާނަމަ އަންނަ އެޕްރީލް މަހުގެ ތެރޭ ނިންމާލެވޭނެއެވެ. ނަމަވެސް އަދިވެސް ކޮންނަންޖެހޭ ހުރިހާ މަގުތަކެއް ވަނީ ނިންމާނުލެވިއެވެ. 

މީގެ އިތުރުން، އެއްމަގެއް ތިން ހަތަރުފަހަރު ކޮންނަންޖެހުމާއި، މަގު ކޮންނައިރު އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމާއި، މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށް ނުވިސްނާ މަގުތައް ކޮންނަމުންދާ ވާހަކައަކީ ފުވައްމުލަކު ރައްޔިތުން މިދިޔަ 2017 ވަނަ އަހަރު ދައްކަމުންދިޔަ ވާހަކަތަކެވެ. އެކަމުގެ ސަބަބުން ކާރުތަކާއި ސައިކަލްތައް ވެއްޓި އާންމުންނަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުން ވަނީ ވެފައެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ޤާއިމްކުރައްވާ ފެނުގެ ނިޒާމްގައި ދުވާލަކު ފަސް ސަތޭކަ ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓާއި، ހެޔޮ އަގުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސަތޭކަ ދިހަ ކިލޯ ވޮޓްގެ ސޯލާ ނިޒާމެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މަޝްރޫއު އިފުތިތާހު ކުރައްވަމުން ތިމާވެއްޓާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. އެފަދަ ނިޒާމެއް ކުރިއަށް އޮތް ތިން ހަތަރު މަހުގެ ތެރޭގައި ނިންމާލެވނެތޯއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން ފުވައްމުލަކު ބަދަރު މަރާމާތުކުރުމުގެ މަސައްކަތްވެސް ފާއިތުވީ 2017 ވަނަ އަހަރު ވަނީ ނިންމާލާފައެވެ. ބަދަރަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް މިމާރާމާތުން ނުލިބުނު ނަމަވެސް، ބަދަރުގެ ހަލާކުވެފައިވާ ތަންތަންވަނީ މަަރާމާތުކުރެވިފައެވެ.

މީގެއިތުން، ރައްޔިތުން ދެކެމުންދިޔަ އެންމެ ބޮޑު އެއްހުވަފެނަކީ ރަގަޅު ފެންވަރަކަށް މަގުހެދުމެވެ. ފުވައްމުލައް ސިޓީއަކަށްވެ އެފަދަ މަޝްރޫއުތަކެއް ފުވައްމުލަކުގައި ކުރިއަށް ނުދާއިރު އެހެން ބައެއް ރަށްރަށުގެ މަގުތައް ވަނީ ތާރު އެޅިގެން ރަގަޅު ފެންވަރަކަށް ހެދިފައެވެ. އޭގެތެރޭގައި ގދ. ތިނަދޫ، ގއ.ވިލިގިލި، ށ.ފޮނަދޫ ހިމެނެއެވެ. އެރަށްރަށުގައި ހެދުނީ ހަމައެކަނި މަގެއްނޫނެވެ. ތަރައްގީގެ ބޮޑެތިބިޔަ މަޝްރޫއުތައް ކުރިއަށް ދިޔައެވެ. ފުވައްމުލަކުގައި މީގެ 13 އަހަރު ކުރިން ހަދަންފެށުނު ނާއިބުތުއްތު ހިނގުމުގެ އެންމެ ތަންކޮޅެއްވެސް އިތުރަށް ރަގަޅު ފެންވަރަކަށް ތާރުއެޅިގެން ނެހެދި އޮތުމަކީ ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ނަރުދަމާ ނޭޅުނުނަމަވެސް އެމަސައްކަތް ކުރެވޭނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފާއިތުވީ 2017 ނިމިގެން ދިޔައީ ފުވައްމުލަކު އުތުރު ދާއިރާ ތަމްސީލުނުވެ 60 ދުވަހާއިއެކުގައެވެ. އެދާއިރާ ތަމްސީލުކުރައްވަމުން ގެންދިޔަ އަލީ ޝާހު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސްއިން ނިންމެވިނަމަވެސް، އުތުރު ދާއިރާގެ ރައްޔިތުންނަށް އަލުން އާބޭފުޅަކު އެމަގާމަށް އައްޔަންކުރުމަށް ވޯޓަކަށް ހުޅުވާލައްވާފައެއް ނުވެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި، އެ ގޮނޑިއަށް މީހަކު އިންތިޚާބު ކުރަން ޖެހޭނެ އެވެ.

މިސަބަބުތަކާއިހެދި ގިނަ ރައްޔިތުން ދެކެނީ ފާއިތުވީ 2017 ވަނަ އަހަރަކީ ފުވައްމުލަކު ތަރައްގީއަށް މާބޮޑެތި ކުރިއެރުންތަކެއް ނާންނައަހަރެއްގެ ގޮތުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު