17 އޮކްޓޯބަރ 2018 ( ބުދަ )

banner

އަނބުގަހުގައި އަޅާފަނީގެ އުދަނގުލުން ސަލާމަތްވެވިދާނެ

މަތީގައި އެވާ ފޮޓޯއިން ތިޔަފެނިވަޑައިގަންނަވަނީ2000 ވަނަ އަހަރުގެ ހޮލީވުޑް ފިލްމް “ސްޕައިޑާރސްގެ” މަންޒަރެއްނޫނެވެ. މިއީ ކޮންމެ އަނބުމޫސުމެއްގައި ފުވައްމުލަކުގެ އަނބުގަސްތަކުގައި އަޅާ ފަންޏެއްގެ ސަބަބުން އަނބުގަސްތަކައް ދިމާވާ މައްސަލައެކެވެ. ބަލާ ބެލުމައް ފައިދިގު މަކުނުގެ ވާތަކާ ވައްތަރުވިޔަސް މި ފަންޏަކީ މަކުނުގެ އާއިލާ އާއި އެއްވެސް ގުޅުމެއް ހުރި ސޫއްޕެއްނޫނެވެ. މިއީ އިގިރޭސިބަހުން ކިޔާ މެންގޯ ފްލަވަރ ކެޓަޕިލަރ ނުވަތަ ރަށުބަހުން ކިޔާ “އަނބޮ ފާނި” އެވެ. އިންސާނުންނަށް މާބޮޑެތި ގެއްލުމެއް ނުލިބޭ މި ފަންޏަކީ އަނބު މޫސުމާއިއެކު ކޮންމެ އަހަރަކު އޭގެ އުދަގޫ ފުވައްމުލަކުގެ ރައްޔިތުން ތަހައްމަލްކުރަންޖެހޭ ފަންޏެކެވެ. އިންސާނުންނަށް ގެއްލުމެއް ނުލިބެޔޭ ދެންނެވިޔަސް މި ބާވަތުގެ ފަނި ފަކުސާތަކަށް އެލާރޖިކް ވާފަރާތްތަކައް މި ފަނީގެ ސަބަބުން ސިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހުން އެކަށީގެންވެއެވެ.

އާއްމު ރައްޔިތުންނަށް މި ފަނީގެ ސަބަބުން އެއްމެ ބޮޑަށް އުދަގޫވަނީ ރޭގަނޑު ވަގުތުތަކުގައި ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މަގުހިގާ މީހުންނަށާއި ދުއްވާ މީހުންނަށް މިފަނީގެ އުދަގޫ ފޯރައެވެ. މިފަންޏަކީ ފައިދިގު މަކުނުގެ ވާ ހުންނަގޮތައް ވާ ބޭނުންކޮށްގެން ގަހުގައި ހަރަކާތްތެރިވާ އެއްޗެކެވެ. އެހެންކަމުން މި ފަނި ނޭގޭ މީހަކަށް މިހާރު ފުވައްމުލަކުގެ އަނބުގަސްތައް ފެނުމުން ހީވާނީ އާދަޔާ ހިލާފައް ފައިދިގު މަކުނު އުޅޭގަސްތަކެއް ހެންނެވެ. މި ފަނީގެ މިޒާޖަށް ބަލާއިރު ރޭގަނޑު ވާ ބޭނުންކޮށްގެން އަނބުގަހުން ތިރިއަށްފައިބައެވެ. އެހެންކަމުން ތިރިއަށް ފައިބާ ވަގުތުތަކުގައި އާއި ފައިބާފައި ހުންނަވަގުތުތަކުގައި މި ފަނީގެ ވާތަކުގެ ސަބަބުން މަގު ހިގާމީހުންނަށާއި ދުއްވާ މީހުންނަށް އޭގެ އުދަގޫ އިންތިހާއަށް ފޯރައެވެ. ” ކާކު ބޭނުންވާނީ ރޭގަނޑު ރައިޑަކަށް ދަމުން ފަކުރު ފަނި ތަކެއް އައިސް ގައިގަ ޖެހޭކައް” ފުވައްމުލަކު ޒުވާނަކު ބުންޏެވެ. ވާތަކުގައި އަޅައިގަނެގެންނާއި ގަޔަށް ފަނިތައް ވެއްޓިގެން ބައެއް މީހުން ބިރުންވެސް އުޅެއެވެ. ވާތަކުގައި އަޅައިގަނެގެންނާއި ގަޔަށް ފަނިތައް ވެއްޓިގެން ދުއްވާފަދަމުން މަޑުކޮށް ފަނިތައް ގައިން ނަގާ ފޮޅުންވަނީ އުދަގޫކަމަކަށެވެ.

އަނބުގަސްތައް ހުންނަ ގެތަކުގެ މީހުން އަދި އުފުލަން ޖެހޭ ތަކުލީފް މާބޮޑެވެ. ތިރިއަށް ފައިބާ ފަނިތައް ގޭގެ އެތެރެއަށް ވަނުމާއި މުޅި ގޯތިތެރެ ވާ ފުރާފައި ހުރުމުން ކޮންމެ ދުވަހަކު ޖެހެނީ މުޅި ގޯތިތެރެ ސާފުކުރާށެވެ. މިކަލްއާއި ވާހަކަދެއްކި އެކަކު ބުނިގޮތުގައި ރޭގަނޑު ގޭގެ ދޮރާށިން ވަދެނިކުމެ ހެދުން މިހާރުވާނީ ދަތިވެފައެވެ. އޭނާ ބުނިގޮތުގައި ފަނިތައް ހުންނަނީ ދޮރާށީގެ ދެފަރާތުގައި ވާ ފުރާފައެވެ އެހެންކަމުން ގެއިން ނިކުންނަ ކޮންމެފަހަރަކު ނުވަތަ ވަންނަ ކޮންމެ ފަހަރަކު ޖެހެނީ ދަނޑިބުރިއެއް ނުވަތަ އިލޮށިފަތި ކަހަލަ އެއްޗެއް ބޭނުން ކުރާށެވެ. މިފަނީގެ ސަބަބުން ވާ އުދަގުލުން ސަލާމަތްވުމަށް މަގުހިގާއިރު އިލޮށިފަތި ބޭނުންކުރުމާއި، ފިހިގަޑާއި ގަހުގެ ގޮފިގަނޑުތައްވެސް ބައެއް މީހުން ބޭނުން ކުރެއެވެ. މިކަލް އާއި ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ފަތިސް ނަމާދަށް ދަނީ ކުޑައެއް އަޅައިގެން ކަމަށެވެ. މިހުރިހާ އުދަގޫތަކާއި އެކުވެސް މިއަހަރުވެސް އަނބު މޫސުމުގެ ކުރީކޮޅު ފުވައްމުލަކުގެ މީހުން އުޅެންޖެހޭނީ މިހާލުގައެވެ. ނަމަވެސް ކޮންމެ މީހެއްގެވެސް ހިތުތެރޭގައި އުފެދޭ ސުވާލަކީ މިކަމައް އޮތް ހައްލަކީ ކޮބާތޯއެވެ.

މި ފަނީގެ ސަބަބުން ކޮންމެ އަހަރަކު ފުވައްމުލަކުގައި އުފައްދާ އަނބުގެ ނިސްބަތް ދަށްވެއެވެ. އެހެން ކަމުން އަނބުގެ ނަފާ އެންމެ އެދެވޭގޮތުގައި މިހާރުނުލިބެއެވެ. މި ފަނި ފަކުސާ ގަހުގައި އާލާވުމުގެ ސަބަބުން ގިނަ އަދައެއްގެ މާތައް އަނދައިގެން ވަނދަށް ފައިބައެވެ. ނަތީޖާއަކަށްވަނީ ގަހުގެ މަތިވަރު ދެރަވެލިބޭ އަނބު މަދުވުމެވެ. މިކަން ކޮންޓްރޯލްކުރަން އަމިއްލައަށްވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ އެގޮތުން މާކޯނިތައް އަޅާފައިހުންނަ ގޮފިތައް ކޮށާ މަދުކޮށްލުމުން މިފަދަ ފަނިފަކުސާގެ އާބާދީ މަދުކުރެވި އެއިން ލިބޭ ގެއްލުން ކުޑަކުރެވިދާނެއެވެ. ގަހުގައި އަޅާ މާކޯނިތައް މާގިނަ ވުމަކީވެސް މިފަދަ ފަނިފަކުސާގެ އާބާދީ ބޮޑުވެ، ފެތުރިގެންދާނެ ކަމެކެވެ. އަދި މާއަޅަން ކައިރިވުމުންނާއި، މާއެޅުމުގެ ތެރޭގައި ގަހާއި މާކޯނިތަކަށް ވާނުވާ ބެލުމަކީ މިފަދަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ދުރާލާ ތައްޔާރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފަނިފަކުސާ މަދުކުރުމަށް ދެން ކުރެވިދާނެ ކަމަކީ ކޮންމެވެސް ވަރަކަށް ގަސް ކޮށާލުމަށްފަހު ސައިބޯނިފެނާއި އެއްކޮށްގެން ހިތިތެޔޮ ސްޕްރޭކުރުމެވެ. އަދި ފަނީގެ މަރުހަލާގައި ތިބޭ ފަނިފަކުސާއާއި އޭގެ ޅައެއްޗެހި ކޮންޓްރޯލްކުރުމަށް ފަނިފަކުސާ މަރާބޭހުގެ ތެރޭގައި ހިމެނޭ ކްލޮރޯފުލައުޒުރޯން( Chlorfluazuron )، ބުޕްރޯފެޒިން( buprofezin )، ޓެބުފެނޯޒައިޑް(tebufenozide) )، ފެނޯޒައިކެބް( fenoxycab ) ފަދަ އިންސެކްޓް ގްރޯތް ރެގިއުލޭޓަރސް ބޭނުން ކުރެވިދާނެއެވެ.މިބާވަތުގެ ބޭސްތަކަނީ އިންސާނުން ދިރިއުޅޭ ގޯތިތަކުގައި ހުންނަ ގަސްތަކަށް ޖެހުމަށް އެންމެ ރައްކާތެރި އެއްޗިއްސެވެ. މިއީ، ގަސްގަހާގެއްސަށް ފައިދާކޮށްދޭ (މާޖޯޑުކޮށްދޭ) ފަނިފަކުސާއަށާއި، އިންސާނުންނަށް ރައްކާތެރި ބޭސްތަކެކެވެ. މީގެ ނަތީޖާ އެންމެ ރަނގަޅަށް ނެރެވޭނީ މިފަދަ ފަނިފަކުސާގެ އަސަރު ހަމަފެނުމާއެކު ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުންނެވެ.

ފުވައްމުލަކުގައި ހައްދާ އަނބަކީ ރާއްޖޭގައި ހައްދާ އެންމެ މީރު އަނބުކަމުގައި ގިނަބަޔަކު އިއްތިފާގުވާނެއެވެ. އެހެން ނަމަވެސް މި މީރު އަނބު ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް މި ރަށުގެ ރައްޔިތުން އުފުލާ ބުރަ ކޮންމެ ކޮންމެ މީހަކަށް ވަޒަންނުކުރެވިދާނެއެވެ. ކޮންމެ އަހަރެއްގެ އަނބު މޫސުން ނިމެދެން ފުވައްމުލަކުގެ ރައްޔިތުން އުޅެން ޖެހިފައިވާ ހާލަކީ މިއީއެވެ. ކިތަންމެ އުދަގޫވިޔަސް އަދިވެސް އަނބުގަސް ހެއްދުން ހުއްޓާލާކަށް މިރަށުގެ ރައްޔިތުން ބޭނުމެއްނުވެއެވެ. އަދި ހައްދާފައި ހުރި އަނބު ގަހެއް ކަނޑާލާކަށްވެސް ބޭނުވެއް ނުވެއެވެ. މަދު ބަޔަކު އަނބުގަސްތައް ކެނޑި ކަމުގައިވިޔަސް ގިނަބަޔަކު ގަބޫލުކުރަނީ ގަސް ކަނޑާނުލާ މި ފަނިފަކުސާއިންވާ އުނދަގުލުން ސަލާމަތްވެ އަނބުގަހުގެ ބޭނުން އަބަދުވެސް ކުރެވިގެންދާނެކަމަށެވެ.                                             

banner

ކިޔުންތެރިންގެ ޚިޔާލު