15 އޯގަސްޓް 2018 (ބުދަ)


ހިޖާމާ ޖެހުމާއި ބޭސްވެރިކަމުގެ ރޮގުން ވަހީދުގެ ޙިދުމަތް ފުޅާކުރަނީ

ވަހީދު ހިޖާމާ ޖެހުމުގެ މަސައްކަތުގައި

ވަހީދު ހިޖާމާ ޖެހުމުގެ މަސައްކަތުގައި

ހާބަލް ނުވަތަ ފަތްޕިލާވެލިން ބޭސް އުފައްދައި އެތައް ބަޔަކަށް ފަރުވާދެމުން އަންނަ ފުވައްމުލަކު ރަތްމުތްގެ އަޙްމަދު ވަހީދު ދަނީ އެރޮގުން ގިނަ ބައެއްގެ މަގުބޫލްކަން ހޯދަމުންނެވެ.

ހިޖާމާ އެންޑް ޕްރޮފެޓިކް މެޑިސިން އިންސްޓިއުޓްއިން ހަޔަރ ޑިޕްލޮމާ ހައްދަވާފައިވާ ވަހީދު އަންނަނީ ޖިންސީ ބަލިކަށިކަން ހުންނަ ފަރާތްތަކަށާއި ބޮލުގަ ރިއްސުމާއި ބުރަކަށީގައި ރިއްސުން، ހަމުގެ ބަލިތަކާއި އަދި ރާއްޖެ ބަލި ފަދަ ބަލިތަކަށްވެސް ފަރުވާދެއްވަމުންނެވެ. ވަހީދު ބުނިގޮތުގައި މިހާރުވެސް 40 ވަރަކަށް މީހުނަށް ފަރުވާ ދެމުން އަންނަ ކަމަށާއި ފަރުވާ ދީފައިވާ ފަރާތްތަކުގެ ތެރެއިން 99 ޕަސަންޓް މީހުނަށްދެވުނު ފަރުވާ ކާމިޔާބު ކަމަށެވެ.

"ފަތްޕިލާވެލިން ބޭސް އުފެއްދުމުގެ އިތުރުން ހިޖާމާ ޖެހުމުގެ ހިދުމަތްވެސްދެން، އޭގެ ތެރޭގައި ވެޓް ކަޕިންގ، ޑްރައި ކަޕިންގ، ފަޔަރ ކަޕިންގ، ކަޕިންގ މަސާޖް ފޭޝިއަލް ކަޕިންގެ ހިދުމަތާއި ރިފްލެކްސޮލޮޖީގެ ފަރުވާވެސް ދެން" ވަހީދު ބުންޏެވެ.

ވަހީދު ބުނިގޮތުގައި ހިޖާމާ ޖެހުމުގައި ޖުމްލަ ތިން ސެޝަން ނަގަންޖެހޭ ކަމަށާއި އެތިން ސެޝަން ނަގައިގެން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށާއި އަދި މިއީ ރަސޫލާގެ ސުންނަތުން ސާބިތުވާ ފަރުވާއެއް ކަމަށެވެ. އެގޮތުން ދާއިމީކޮށް ބޮލުގަ ރިއްސާ މީހުންވެސް ހިޖާމާގެ ތިން ސެޝަން ނެގުމަށްފަހު ބޮލުގެ ރިހުމުގެ މައްސަލަތައް ހައްލުވެފައިވާ ކަމަށާއި ދަރިމައިވުމުގެ މައްސަލަތައްވެސް ހައްލުވެ އެފަދަ މީހުންނަށް ﷲ ގެ އިރާދަފުޅުން ދަރިން ލިބިފައިވާކަމަށެވެ. އަދި އެހެން ތަފާތު ބަލިތަކަށްވެސް ހިޖާމާ ޖަހައިގެން ބަލި ފަސޭހަވެފައިވާ ކަމަށެވެ.

ވަހީދުވަނީ ބައިނަލް އަގުވާމީ ފެންވަރުގައި ހިޖާމާ ޖެހުމަށް އެކްރެޑިޓްކުރެވިފައިވާ މީހުންގެ ތެރޭގައިވެސް ހިމެނިފައެވެ.

އެގޮތުން ހިޖާމާ ޑޭސް ވެބްސައިޓުގައިވެސް ލިސްޓް ކުރެވިފައި ވެއެވެ. http://hijamadays.com/practitioners/male

ވަހީދު ހިދުމަތް ދެމުން އަންނަނީ ހަމައެކަނި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށްވެސް ފުޅާދާއިރާއެއްގައި ހިދުމަތް ދެއްވައެވެ. މީގެ އިތުރުން މާލެއާއި ރާއްޖޭގެ އެހެން ރައްތަކުންވެސްވަހީދުގެ ހިދުމަތް ހޯދަމުން އަންނަ ކަމަށް ވަހީދު ބުންޏެވެ.

"އައްޑު އަށް އެބަދަން މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އައްޑޫއިންވެސް ވަރަށްބޮޑު ތަރުހީބެއްލިބޭ، އަޅުގަނޑު ބޭސްކުރި އެއްވެސް މީހަކު މިހާތަނަށް ގޯހޭ ބުނެފައެއް ނެތް، އެހެންކަމުން ދެވޭ ޚިދުމަތާއި މެދު ވަރަށް ހިތްހަމަ ޖެހޭ" ބޭސްވެރިކަމުގެ އާއިލާއަކަށް ނިސްބަތްވާ ވަހީދު ބުންޏެވެ.

ވަހީދު ބުނި ގޮތުގައި ބޭސްވެރިކަމުގެ ހުނަރަކީ އާއިލާގެ ތެރެއިން ލިބިފައިވާ ހުނަރުތަކެއް ކަމަށެވެ. ވަހީދުގެ ކާފަޔަކީ ދިވެހިބޭސްވެރިކަމުގެ ރޮނގުން މުޅިރާއްޖެއަށް މަޝްހޫރު މީހަކަށް ވެފައި ކާފަގެ ޢިލްމީ ހުނަރު ދެމެހެއްޓުމަކީ މައިގަނޑު އެއް އަޒުމް ކަމުގައެވެ.

"އަޅުގަނޑު ބޭނުންވަނީ މިހިދުމަތް މިއަށްވުރެ ފުޅާކޮށް ޙިދުމަތްދޭ ސެންޓަރެއް ހުޅުވައިގެން ހިދުމަތް ދިނުން، މިހާރު އެކަމުގެ ތައްޔާރީތައްވަމުން މިދަނީ" ވަހީދު ބުންޏެވެ.

ވަހީދުއަންނަނީ ބޭސްވެރިކަން އުގަންނައިދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ވަހީދުގެ ކައިރިއަށް ބޭސްވެރިކަން ދަސްކުރަން އަންނަ ފަރާތްތަކަށް ބޭސްވެރިކަން ދަސްކޮށްދެމުން ގެންދެއެވެ. އަދި ހިޖާމާ ޖެހުމަށްވެސް ގިނަ ބަޔަކަށް ދަސްކޮށްދީފައިވާކަމަށާއި މިހާރުވެސް އެފަދަ ކޯހެއް ހިންގަމުން ދާކަމަށެވެ.

ބޭސްވެރިކަމުގެ ހިދުމަތް ދިނުމުގެ އިތުރުން ވަހީދު އަންނަނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން "ހީލިން ޕޮއިންޓް" ނަމުގައި ވައިބަރ ގުރޫޕްއެއްވެސް ހިންގަމުންނެވެ.

ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، 225 އަށް ވުރެ ގިނަ މީހުން އެކުލެވޭ ވައިބަރ ގުރޫޕްގައި ކޮންމެ ދުވަހަކު ބޭސްވެރިކަމުގެ މައުލޫމާތާއި ހޭލުންތެރިކަން އިތުރު ކޮށްދިނުމުގެ މެސެޖްތައް ވަހީދު ލިޔުއްވައެވެ. އަދި ސުވާލުތަކަށް ޖަވާބުދެއްވަމުން ގެންދަވައެވެ. ވައިބަރ ގުރޫޕްގެ އިތުރުން ފޭސްބުކް ޕޭޖެއް މެދުވެރިކޮށްވެސް މައުލޫމާތު ފަތުރުއްވައެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!