17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ސިންގަފޫރުގެ ވިޖެޓްވޯކްސް އިން މުޅިން އަލަށް ޑިޒައިންކޮށް އުފެއްދި އެއަރފިޝް 8 ޓެސްޓް ދަތުރުތަކުގައި.

އެއަރފިޝް 8 ގެ އުދުހޭ ބޯޓުތައް ރާއްޖެއަށް ކަމުދާނީ ކިހާވަރަކަށް ބާ؟

އެއަރފިޝް 8 ގެ އުދުހޭ ބޯޓުތައް ރާއްޖެއަށް ކަމުދާނީ ކިހާ ވަރަކަށް ހެއްޔެވެ؟ އެއަރފިޝް 8 ނުވަތަ އޭއެފް8 ގެ އުދުހޭ ބޯޓަކީ ދާދި ފަހު ސިންގަފޫރުގެ ކުންފުންޏެއް ކަމަށްވާ ވިޖެޓްވޯކްސް އިން މުޅިން ތަފާތު ޑިޒައިނަކާއި ތަފާތު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފެއްދި އައު އީޖާދެކެވެ.

މިބޯޓުގެ ތިރީބައި ޑިޒައިންކޮށްފައި ވަނީ ލޯންޗު ފަހަރުގެ ތިރި ހުންނަ ގޮތަށް ކަނޑުގައި ދުއްވާ ގޮތަށެވެ. އެކަމަކު މަތި ބައްޓަންކޮށްފައި ވަނީ މަތިންދާ ބޯޓުތަކުގެ ޑިޒައިނަށް ދެފިޔަގަނޑާއި ނިގުލެއް ހިމެނޭ ގޮތަށެވެ. އާއްމު މަތިންދާބޯޓުތަކުގައި ހުންނަ ގޮތާއި ޚިލާފަށް ފިޔަގަނޑާއި ގުޅިގެން ތިރިއަށް (ސީޕްލޭންގައި ހުންނަ ގޮތަކަށް) ދެ ކަނދު ހުރެއެވެ. އަދި ހޯވަރ ކްރާފްޓްގައި ހުންނަގޮތަށް ފަހަތުގައި ދެބުރަފަތި ހުރެއެވެ. މަތީގައި ވާ ފޮޓޯއިން އިތުރު ސިފަތައް އެނގިގެންދާނެއެވެ.

ސަތާރަ މީޓަރު ދިގު އަދި 15 މީޓަރު ފުޅާ މި ބޯޓު ޑިޒައިން ކުރެވިފައި ވަނީ 8-10 ގޮނޑި ހިމަނައިގެންނެވެ. ނަމަވެސް އެއީ 6-8 ގެ ފެސެންޖަރުންގެ ޖާގައެވެ. ވިޖެޓްވޯކްސް އިން ހާމަކޮށްފައިވާ ގޮތުން މިބޯޓު ތައްޔާރުކޮށްފައި ވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ މިންގަނޑުތަކާއި އެއްގޮތަށް އާއްމު ދަތުރު ފަތުރުގެ ޚިދުމަތަށް އަމާޒުކޮށްގެންނެވެ.

މިބޯޓުގެ ދަތުރުތައް އާއްމުނަށް ބޮޑަށް ޚައްސަވާ އެއްކަމަކީ ތެޔޮ ޚަރަދު ކުޑަކުރުމަށް އަމާޒުކުރެވި، ބޭނުންކުރެވިފައި ވަނީ އޮކްޓޭން 95ގެ ލެޑް ނުހިމެނޭ ތެލެވެ. މިވައްތަރުގެ ތެލުގެ އަގު ޖެޓްފިއުލް (އަސްލު މަތިންދާ ބޯޓުގެ ތެޔޮ) އަށް ވުރެ ވަރަށް ބޮޑުތަން ހެޔޮކަމަށް ވެއެވެ. މިބޯޓުތަކުން ތެޔޮ ބޭނުންކުރާ ނިސްބަތް ބޮޑެތި ލޯންޗު ފަހަރު ތަކާ އަޅާބަލާއިރު ކުޑަކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި ދުވެލި ގަޑިއަކު 80 ނޯޓިކަލް މޭލް ހުރުމުން މީއީ އާއްމު ލޯންޗު ތަކުގެ ދުވެއްލި ކަމަށްވާ 10-20 ނޯޓިކަލް މޭލަށް ވުރެ ވަރަށް ބޮޑުތަން ދަތުރު އަވަސް ވެގެން ދާނެ ދުވެއްޔެކެވެ.

މަތިންދާ ބޯޓުތަކަށް ވުރެ ޚަރަދު ކުޑަވަނީ މިބޯޓު އެހާ މައްޗަށް އަރއެމާއި، ޖެއްސުމަށް ތިރިއަށް ފައިބަން ޖެހޭ ތަން ކުރު ވުމުން ތެލުގެ ޚަރަދު ކުޑަވުން ވެސް ހިމެނެއެވެ. މިބޯޓުގެ ޑިޒައިން އިތުރަށް ފުރިހަމަކޮށް 50 މީހުންގެ ޖާގައިގެ ބޯޓު ވެސް ކާމިޔާބު ކަމާއެކު ތައްޔާރު ކުރެވިދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި ބޯޓުގެ ޓެސްޓް އުދުހުންތައް ދައްކުވައިދޭ ވީޑިއޯއިން ފެންނަ ގޮތުގައި މިބޯޓު އުދުހެނީ ކަނޑުގެ ސަތަޙަ އާއި ވަރަށް ކައިރިން ނެވެ. ވުމާއެކު އެކްސިޑެންޓްތަކުގެ ނުރައްކާތެރިކަން ވަރަށް ކުޑަވާނެކަމަށް ވެއެވެ. ކުއްލި ޙާލަތެއް ދިމާވާ ކޮންމެ ފަހަރަކު ހުރި ދިމާލަކުން ކަނޑަށް ބޯޓު ޖައްސާލެވި ނުރައްކަލުގެ ހާލަތު ކުޑަކުރެވެއެވެ. 

މިއީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތަކަށް ވަރަށް އެކަށޭނަ، އަގު ހެޔޮ ދަތުރުގެ ޚިދުމަތަށް ވަރަށް އެކަށީގެންވާ އެއްޗަކަށް ނުވާނެ ބާވައެވެ؟  

banner

ކިޔުންތެރިންގެ ޚިޔާލު