17 އޮކްޓޯބަރ 2018 ( ބުދަ )

banner

އިގުތިސޯދު، ޗައިނާ ދަރަނީ ނުރައްކާތެރި ހާލަތެއްގައިވާ 8 ގައުމު

ޗައިނާގެ “ދަރަނި-އަދަވަޅު ޑިޕްލޮމެސީ”

ސްރީލަންކާއިން ޗައިނާއަށް ދަރާފައިވާ 1 ބިލިޔަން ޑޮލަރުގެ ދަރަނީގެ ބަދަލެއްގެ ގޮތުން ހަމްބަންޓޯޓާގައި ހެދި ބަނދަރު, ފާއިތުވި އަހަރު ޗައިނާ ސަރުކާރުގެ ކުންފުންނަކާއި ހަވާލުކުރަން ޖެހުނެވެ. އެއިގެ ފަހުން އެފްރިކާގެ އައްސޭރިފަށުގެ ގައުމެއް ކަމަށްވާ ޖިބޯޓީގެ ދަރަނި 1.2 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް ދިއުމުން، އެގައުމުގެ އެންމެ މުހިންމު ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މާޗެންޓްސް ޕޯރޓް ހޯލްޑިންސް އާއި އާއި ހަވާލުކުރަން ޖެހުނެވެ.

ބެއިޖިން ސަރުކާރުގެ އިގުތިސޯދީ އަޅުވެތިކަމުގެ ތެރޭގައި، ލޯނު ދީގެން އަޑިނޭގޭ ކޮންޓްރެކްޓް ތަކެއްގެ ތެރެއިން، ގިނަ ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންދާކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ. މިފަދަ “ޑީލް” ތަކުގައި ކޮރަޕްޝަނާއި “ކަޓް” ގެ އިތުރުން ގައުމުތަކުގެ އަމިއްލަ ފުއްދުންތެރިކަން ނެތިގެން ދިއުން ހިމެނޭ ކަމަށާއި، ދުރު ރާސްތާއެއްގެ އިގުތިސޯދީ ހިންދެމިލުމަކަށް އެގައުމަކަށް ޖާގަ ނެތުމާއި، ގައުމުގެ އަމިއްލަ ހާލުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ވެސް ގެއްލިގެން ދާކަމަށް އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން މިމާޗް މަހު 6 ވަނަ ދުވަހު ހާމަކޮށްފައި ވެއެވެ.

ޗައިނާއި އިން ގައުމުތައް ތަރައްގީ ކުރުމުގެ ނަމުގައި އެގައުމުތަކުގެ ދަރަނި އިންތިހާއަށް ބޮޑު، ބޮޑެތި ޕްރޮޖެކްޓްތަކުގެ މަަސައްކަތްތައް ކުރެއެވެ. އަދި އެ މަސައްކަތް ތަކުން އުފެދޭ ވަޒީފާތަކަކީ މުޅިންވެސް ޗައިނާ މީހުންގެ ވަޒީފާތަކެއް ކަމުގައި ހެދުމުން، އަސްލު ގައުމުގެ މީހުންނަށް ވަޒީފާތަކުން ލިބެންވާ މަންފާ ނުލިބި ގައުމުގެ އިގުތިސޯދު އިތުރު ބުރެހެލިކަމަކާއި ކުރިމަތިލާން ޖެހެއެވެ.

ޗައިނާ ގެ މި އަމަލުތަކަށް ބައެއް މީހުން “ދަރަނި-އަދަވަޅު ޑިޕްލޮމެސީ” އޭ ކިޔައެވެ. ޗައިނާގެ މި ސިޔާސަތުގެ ދަށުން އިންފްރާ ސްޓްރަކްޗަރ ގާއިމު ކުރުމުގެ ބޮޑެތި  ޕްރޮޖެކްޓްތަކަށް ވަރަށް ފަސޭހައިން ބިޔަ ލޯނުތައް ހަމަޖައްސާދޭ ކަމަށް ވެއެވެ. އަދި ފަހުން އެލޯންތައް ޑިފޯލްޓް ވެގެންދެއެވެ. ޚާއްސަކޮށް ކުދި އާބާދީ ހިމެނޭ ރާއްޖެ ކަހަލަ ގައުމުތަކުގެ އިގުތިސޯދުން އެލޯނުތައް އަދާކުރެވޭ ވަރުގެ މަންފާއެއް ނުލިބުމުން، ގައުމު ދަރަނީގެ އަދަވަޅަކަށް ވެއްޓެއެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާގެ ހަންބަންޓޯޓާގެ  ަތަރައްގީގެ ބޮޑު ޕްރޮޖެކްޓް މިސާލަކަށް ފުދެއެވެ. އެ މަޝްރޫޢުގެ ދަށުން ހެދި އެއަރ ޕޯރޓަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ހުސް، ފަޅުކަން ބޮޑު އެއަރ ޕޯޓަށް ވަނީ ވެފައެވެ.

ދާދި ފަހު ރާއްޖޭގެ ފުލުހުންނަށް ތަމްރީނު ތަކެއް ދިނުމަށް މާލެއައި ސްރީލަންކާގެ އޮފިޝަލަކު ބުނިގޮތުން ހަމްބަންޓޯޓާގެ އެއަރ ޕޯރޓުގައި ބޯޓުފަހަރާއި މީހުނަށް ވުރެ ނީލަގެރިއެތް މާގިނައެވެ. އެހާވެސް އެއަރއަރ ޕޯޓު ފަޅެވެ. އެއަރޕޯރޓަށާއި ބަނދަރަށް ކުރި ހޭދައިގެ ދަރަނީގެ ބަދަލެއްގެ ގޮތުން ބަނދަރު އެވަނީ ޗައިނާއަށް ދޫކޮށްލާން ޖެހިފައެވެ. 

ޗައިނާގެ “ބެލްޓް އެންޑް ރޯޑް” ޕްރޮޖެކްޓަކީ ދެފަރާތަށް ވެސް ފައިދާ ވާ ޕްރޮޖެކްޓެއް ކަމަށް ދައްކައިގެން އެހެން ގައުމުތަކުން ވެސް އެޕްރޮޖެކްޓަށް ފަންޑުކުރުވައި ޗައިނާގެ މަޅީގައި ގައުމުތައް ޖައްސުވަމުން ދެއެވެ. 

ޗައިނާއިން ގައުމުތަކުގެ ދަރަނި އަދާކުރުމުގައި، ނިކަމެތި ގައުމުތަކަށް ހަމްދަރުދީ ވުމެއް ނެތި އެމީހުންގެ މިލްކިއްޔާތު ނަގައި އިގުތިސޯދީ އަޅުވެތިކަމަށް ހުށަހެޅިގެންދާތީ ޗައިނާއަށް ފާޑުކިޔުންތައް ވެސް އަންނަނީ އަމާޒު ވަމުންނެވެ.

ބައިނަލް އަގުވާމީ ހިލޭސާބަހަށް މަސައްކަތް ކުރާ، ދިރާސާކުރާ ޖަމާއަތެއް ކަމަށްވާ ސެންޓަރ ފޯރ ގްލޯބަލް ޑިވެލޮޕްމެންޓް ވަނީ ޗައިނާގެ “ބެލްޓް އެންޑް ރޯޑް” އިންވެސްޓް މެންޓްގައި ބައިވެރިވާ ގައުމުތަކުން ޗައިނާ އަށް ދަރާފައިވާ މިންވަރު ބަލައި ވަޒަން ކޮށްފައި ވެއެވެ. އެގޮތުން 8 ގައުމެއްގެ އިގުތިސޯދީ ހާލަތު ނާޒުކު ފައްތަރެއްގައި ވާކަމަށް އެސެެންޓަރުން ހާމަކޮށްފައި ވެއެވެ. މި ގައުމުތަކުގެ ދަރަނި އުޅެނީ ގައުމެއްގެ ދަރަނީގެ އެވްރެޖް މިންގަނޑަށް ވުރެ މާ ބޮޑުތަން މަތީގައި ކަމަށް ފާހަގަކޮށްފައި ވެއެވެ. 

އެވްރެޖް މިނަށްވުރެ ދަރަނި ބޮޑުވެ އިގުތިސޯދު ނާޒުކު ފައްތަރެއްގައި ވާ 8 ގައުމަކީ ޖިބޯޓީ، ތަޖެކިސްތާން، ކިރުގިސްތާން، ލާއޯސް، ދިވެހިރާއްޖެ، މޮންގޯލިއާ، މޮންޓެނީގްރޯ، އަދި ޕާކިސްތާނެއެވެ.

މިދިރާސާއިން ހާމަވާ ގޮތުން ޗައިނާގެ މި ސިޔާސަތުގެ ސަބަބުން، އެ ގައުމުތަކުގެ އިގުތިސޯދު ހަމަމަގުގައި ނުހިފެހެއްޓުމާއި، އިގްތިސޯދު ނުރައްކާތެރި ހާލަތަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށް ވެއެވެ. އަދި އިގުތިސޯދު ހަރުދަނާ ކުރުމަށް އެޅެންހުރި ފިޔަވަޅުތަކާއި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް މިދިރާސާގެ ސަބަބުން މީހުން ހޭލުންތެރިވާނެ ކަމަށް ހާމަކޮށްފައިވެއެވެ.

މާޒީގައި ޗައިނާއަށް ދަރާފައިވާ ފަރާތްތަކާއި މެދު އަމަލުކޮށްފައި ވަނީ އެންމެ އެދެވޭ “ބެސްޓް ޕްރެކްޓިސް” އާއި އެއްގޮތަށް ނޫން ކަމަށާއި، ބައިނަލް އަގުވާމީ ލޯނުދޭ އެހެން ފަރާތްތަކުން އަމަލުކުރާ ގޮތާއި ވަރަށް ތަފާތު ގޮތްތަކަކަށް ކަން ވެސް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ލޯނު ނަގައިގެން ބިނާކުރާ ތަނެއް، ދަރަނި ނުދެއްކުމުން އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއި، އެގައުމަކުން އެމީހުން ބޭނުންވާ ސަރަހައްދެއް އަތުލާ ކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

ޗައިނާގެ މިއަމަލަށް ހަރުދަނާ ކުރުމަށް ފާޑުކިޔާ ފަރާތްތަކުން ހާމަކުރާ ކަންތައްތަކުގެ ތެރޭގައި މިފަދަ ބޮޑު ޕްރޮޖެކްޓްތަކުގައި އެހެން ގައުމުތައް ބައިވެރިކޮށް، އެއް ގައުމެއްގެ މައްޗަށް  ދަރިނި ބަރޯސާ ކުރުވުމުގެ ބަދަލުގައި، ގިނަ ގައުމުތަކެއްގެ މައްޗަށް ދަރަނި ބަހާލެވޭ ގޮތަށް ބޮޑެތި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދެވިދާނެ ކަމަށް ހާމަކޮށްފައި ވެއެވެ. އަދި ޗައިނާއިން މިހާރު ގެންގުޅޭ އުސޫލަށް ވުރެ ހަރުދަނާ ދެފުށް ފެންނަ ގޮތަކަށް މިފަދަ މުއާމަލާތްތައް ކުރިޔަށް ގެންދިއުމުން ތަރައްގީ ވަމުން އަންނަ އިގުތިސޯދުތަކަށް މާ ފައިދާކުރާނެ ކަމަށް ވެއެވެ.

ޗައިނާގެ މި ނުކިއްސަރު އަމަލަށް ޕާކިސްތާނާއި ނޭޕާލުން މިދިޔަ އަހަރު ވަނީ ނޫނެކޭ ބުނެ، އެމީހުންގެ ބައެއް ޕްރޮޖެކްޓްތަކަށް އެހެން ފަރާތްތަކެއްގެ ފަންޑިން ހޯދާފައި ވާ ކަމަށް ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު