21 ސެޕްޓެމްބަރ 2018 (ހުކުރު)


މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަސް 2018

ރާއްޖޭގައި ފާހަގަ ކުރެވުނު ފުރަތަމަ ލޭބަރ ޑޭ 2006. ފޮޓޯ:މ.ޝަފީގު

ރާއްޖޭގައި ފާހަގަ ކުރެވުނު ފުރަތަމަ ލޭބަރ ޑޭ 2006. ފޮޓޯ:މ.ޝަފީގު

މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހަކީ މުޅި ދުނިޔޭގައި ހެން ކޮންމެ އަހަރަކު މޭ މަހު 1 ވަނަ ދުވަހު, މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އަޑު އުފުލައި ފާހަގަ ކުރާ ދުވަހެކެވެ. ރާއްޖޭގައި ފުރަތަމަ މޭ ޑޭ އެއް ފާހަގަ ކުރީ 2006 ވަނަ އަހަރު އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ އާއި ގިނަ އަދަދެއްގެ މައްސަކަތްތެރިން ގުޅިގެންނެވެ މިހާރު މޭ ޑޭ އަކީ ރައްޖޭގައި ވެސް ރަސްމީ ބަންދު ދުވަހެކެވެ.

އެދުވަހު ގޮވަލާފައި ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށެވެ. ދައުލަތުގެ ކިބައިން އެދިފައި ވަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްްއޯ) ގައި ބައިވެރިވުމަށާއި މަސައްކަތްތެރިންނައި މަސައްކަތް ކުރުވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނެއް ވުޖޫދު ކުރުމަށެވެ. އަދި އެންމެ ކުޑަ މުސާރައެއް (މިނިމަމް ވޭޖެއް) ކަނޑައެޅުމަށެވެ.

އައު ގާނޫނުއަސާސީއާއެކު އުފެދިގެން އައި އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ވަނީ ލޭބާ ގާނޫނަކާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއެއްގެ އިތުރުން ލޭބަރ ޓްރައިބިއުނަލް އެއް ގާއިމު ކުރެވިފައި ވެއެވެ. އަދި ލޭބާރ ޑޭއެއް ގޮތުގައި މޭ މަހު 1 ހަމަޖައްސައި އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މިއާއެކު ގިނަ މަސައްކަތްތެރިންނަށް ކޮންމެ ވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އަދިވެސް ވަނީ "މިނިމަމް ވޭޖެއް" ކަނޑަނޭޅިއެވެ. ކޮންމެ ވެސް މިނަވަރަކަށް މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް މަގުތަކެއް ކޮށިއްޖެއެވެ.

ގާނޫނާއި އެއްގޮތަށް މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އިހުތިޖާޖު ކުރުން އަދިވެސް ވަނީ އޮބެހެއްޓިފައެވެ. ހައްގުތައް ގެއްލިގެން ކޯޓުތަކާއި ހަމަޔަށް ދިޔަ ބެއް މީހުންނަށް ހައްގުތައް ލިބުނު އިރު އަނެއްބަޔަކަށް އެ ހައްގުތައް ވަނީ ނުލިބިފައެވެ. އިހުތިޖާޖު ކުރުމުގެ ގޮތުން މަސައްކަތް ހުޓާލުމުން ވަޒީފާއިން ވަކިކުރުން އަދިވެސް ވަރަށް އާއްމެވެ. ވަޒީފާގައި ދެފަރާތުގެ އަދެއް ނޯވެއެވެ. ކަރުދާހުގައި ދެފަރާތުގެ އަޑު އޮތްކަމުގައި ވިޔަސް ވަޒީފާގެ މާހައުލުގައި އޮންނީ ހަމައެކަނި ވަޒީފާ ދޭފަރާތުގެ އަޑު އެކަންޏެވެ.  

ހައްގުތައް ލިބެން ޖެހެނީ ސަރުކާރުގެ ވަޒީފާތަކުގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ކޮންމެ ތަނަކުންނެވެ. މަސައްކަތުގެ ގަނޑި ކަނޑައެޅިފައި އޮތުމާއި އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޔަށް އުޖޫރަ ލިބެން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ. އެއީ ހައްގެކެވެ. އެހައްގު ސަރުކާރުން ނުދިން ކަމުގައި ވިޔަސް ހައްގު ހޯދަން އަޑު އުފުލައި، ހައްގު ހޯދަން ކަމާއި ގުޅޭ މުއައްސަސާތަކަށް ހުށަހެޅުމަކީ ފަރުދީ ޒިންމާއެވެ. ފަރުދީ ޒިންމާ އަދާ ނުކޮށް ސަރުކާރުން ވިޔަސް އަދި އަމިއްލަ ކުންފުންޏަކުން ވެސް އެހައްގުތައް ހިފައިގެން އައިސް ދޭނެ ކަމަށް ދުށުމަކީ މޮޔަކަމެކެވެ.

ރާއްޖެއިން ވަނީ އައިއެލްއޯގެ 12 މުއާހަދާއެއްގައި ސޮއިކޮށް އަމަލު ކުރުމަށް އެއްބަސް ވެެފައެވެ. އެއާއި ގުޅިގެން ބައެއް ގާނޫނުތައް ވަނީ ވުޖޫދު ކުރެވިފައެވެ. ދެން އޮތީ އެހައްގުތައް ހޯދުމަށް ވާން ޖެހޭ ގުރުބާނީއެވެ. ބައެއް ފަހަރު ކޯޓުތަކުން ކުރާ ހުކުމަށް ވަޒީފާ ދޭފަރާތުން އަމަލު ނުކުރާތަން ވެސް ފެނެއެވެ. އެކަމުގައި ކުރިއެރުމެއް ނުލިބިދަނީ ކީއްވެ ހެއްޔެވެ؟

ކޮންމެވެސް ބަޔަކު ގުރުބާނީތަކެއް ވެގެން ނޫނީ ޓީޗަރުންނަށް ވެސް އިތުރު ގަޑީގެ އުޖޫރަ ހަމައަކަށް ނުލިބޭނެއެވެ. މަސައްކަތް ބަރާބަރަށް ކުރިޔަސް ވެރިމީހާ ތާއިދު ނުކުރާ ސިޔާސީ ފިކުރެއްގައި ހުރިކަން ހާމަކުރެވޭކަށް ނޯވެއެވެ. ސަރުކާރުގައި ތިބި ބަޔަކު ނުރުހޭ ގޮތަށް ކަތި ފިޔަވަޅެއް އެޅުނަސް ވަޒީފާއިން ކަނޑަލާނެ ކަމަށް ގަންނަނީ އަމަށަކު ބިރެއްނޫނެވެ. މީ މިއަދުގެ ހާލަތެވެ. ސަރުކާރުން ބުނާ ސިޔާސީ ޕާޓީއެއްގެ ކަންކަމުގައި ހިތާއި ދެކޮޅަށް ވެސް ބައިވެރިވާން މިވަނީ ޖެހިފައެވެ. ބައިވެރި ނުވެއްޖެނަމަ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށެވެ. 

މަސައްކަތު މީހުން އެމީހުންގެ ހައްގުތައް ހޯދުމަށް އެންމެން ގުޅި ލާމެހިގެން މަަސައްކަތް ކުރަން ވެއްޖެއެވެ. އެކަކާއި މެދު ނާއިންސާފުން އަމަލުކުރެވޭ ހިނދު އެއީ މާދަމާ ޚުދު ތިމާއާއި މެދުވެސް ކަންތައް ކުރެވިގެންދާނެ ގޮތްކަމަށް ބަލައި އޭނާ އާއި މުޅި ސިސްޓަމްގެ ދިފާޢުގައި ތެދުވާން ޖެހެއެވެ.

މަސައްކަތްތެރިން ވެސް އެދެނީ ހައްގުތައް ހިމާޔަތްކުރެވިފައިވާ ހަމަހަމަކަން ގާއިމު ކުރެވިފައިވާ ޑިމޮކްރެކް ވެއްޓެކެވެ. މިފަދަ ސިސްޓަމެއްގެ ފެށުން ލިބިއްޖަ ކަމަށް ދެކި އިތުރަށް ކުރިއަށް ދިއުމަށް މަގުކޮށަން ނިކުންނަން ވެއްޖެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!