17 އޮކްޓޯބަރ 2018 ( ބުދަ )

banner

ފުވައްމުލަކުގެ އަލަ އޮޅުތަކަށް ޖެހިފައިވަނީ ލީފް ބްލައިޓް ކިޔާ ބައްޔެއް ކަމަށް ބެލެވޭ

ފުވައްމުލަކުގެ އަލައޮޅު ދަނޑުތައް ނުރައްކަލެއްގައި

ޒަމާނުއްސުރެ ފުވައްމުލަކުގައި އެންމެ ގިނައިން ހައްދާ ދަނޑުވެރިކަމުގެ ބާވަތެއް ކަމަށްވާ އޮޅުއަލައަށް ނުވަތަ އަލަ އޮޅުތަކަށް ނުރައްކާތެރި ބައްޔެއްޖެހި އަލަ ގަސްތައް މަރުވަމުން އަންނަތާ ދުވަސް ގަނޑެއް ވެއްޖެއެވެ. ފުވައްމުލަކުން ކުރިން 10 ރުފިޔާއަށް ލިބެން ހުންނަ އަލަ ކިލޯއެއް މިހާރު 40 ރުފިޔާއަށް ވުރެ ވެސް މައްޗަށް ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ރޯދަމަސް ފެށުނު އިރު މާލޭގެ މާރުކެޓުން ކުރިން 20-25 ރުފިޔާއަށް ލިބުނު އަލަ ކިލޯއެއް 150 ރުފިޔާއަށް ވެސް ވިއްކިއެވެ. މި އިން އަންގައިދެނީ މުޅި ރާއްޖެގައި ވެސް އަލަ ތަދު އެއްޗަކަށް ވެފައިވާ ކަމެވެ.

ފުވައްމުލަކުން އޮޅު އަލަ ހައްދައިގެން އަމްދަނީ ހޯދަމުން އައި ދަނޑުވެރިޔަކު ކިޔައިދިން ގޮތުގައި އޭނާގެ އޮޅުތަކަށް ވެސް ވަނީ ބަލި އަރައި އަލަގަސްތައް މަރުވެފައެވެ. ވަކިން ފުޅިމަދު ފޮށިގަނޑުގައި އޮޅުތަކާއި ދުރުގައި، ގޭގައި އަލަގަސްތަކެއް ހެއްދި އޭނާގެ ރައްޓެއްސެގެ އަލަ ގަސްތަކަށް ވެސް ބަލި އަރާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

މިފަހަރު އޮޅުގައި އަލަގަސްތައް (އަލަ ބިހި) އިންދައިގެން، ހެދިގެން ދިޔަލެއް ވަރުގަދަކަން ފެނުމުން އޭނާ ހުރި ވަރަށް އުފަލުން ކަމަށާއި، ނަމަވެސް ވާރެއާއި އެކު އޮޅުތަކަށް ބަލިއަރައި އޮޅުތައް އެއްކޮށް ކަހަލަ ގޮތަކަށް މަރުވުމުން އޭނާ މުޅިން މާޔޫސްވެފައިވާ ކަމަށް ބުންޏެވެ.

އޮޅުތަކަށް ޖެހިފައިވާ ބަލީގެ ނިޝަންތައް އޭނާ ކިޔައިދިން ގޮތަށް ބަލާއިރު ބޮޑަށް ބެލެވެނީ ފުވައްމުލަކު އަލަ އޮޅުތަކަށް ޖެހިފައި ވަނީ “ލީފް ބްލައިޓް” ކިޔާ ބައްޔެކެވެ. މިބައްޔަށް ފުވައްމުލަކު މީހުން ކިޔައި އުޅެނީ “ފަތުގައި ލަތް ޖެހުން” ކަމަށެވެ. މިބަލި ޖެހެނީ ފަންގަސް އެއްގެ ސަބަބުންނެވެ. މިފަންގަސް ވަޔާއި ފެނާއެކު އެއްތަނުން އަނެއްތަނަށް ދަތުރުކުރެއެވެ.

މިބަލި ފުރަތަމަ ފެނިފައިވަނީ އިންޑޮނޭޝިއާގެ ޖާވާއިން ކަމަށް ވެއެވެ. މިހާރު އޭޝިއާ ޕެސިޕިކްގެ އަލަ ހައްދާ ގިނަ ގައުމުތަކުން މިބަލި ފެނެއެވެ. މިބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި އިންޑޮނެޝިއާ، ޕަޕުއާ ނިއުގިނީ، ސޮލޮމަން އައިލެންޑްސް، ހަވާއީ، ސަމޯއާ، ޕިލިޕީންސް ތައިލޭންޑް ހިމެނެއެވެ.

މިބަލި ކޮންޓްރޯލް ކުރުމަށް މިގައުމުތަކުގައި ތަފާތު ގޮތްތަކަށް އަޖުމަ ބެލަމުން އާދެއެވެ. ދަނޑުވެރިކަމުގެ ކޮންޓްރޯލް އުސޫލުތައް އެހާ ކާމިޔާބު ނޫނަސް، ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިއްބައި ދެއެވެ. 

ސަމޯއާގައި މިބަލި ކޮންޓްރޯލް ކޮށްފައިވަނީ ބޭސް ސްޕްރޭ ކޮށްގެންނެވެ. އެގައުމުގައި 2 ވައްތަރެއްގެ ބެހެއް ސްޕްރޭ ކުރިއެވެ. އެއީ ރިޑޮމިލް (Ridomil) ނުވަތަ މެންޒޭޓް (Manzate) އެވެ. ދެން ބޭނުންކޮށްފައި ވަނީ ފޮސްޕަރަސް އެސިޑް ނުވަތަ ފޮސްޗެކް (Foschek) އެވެ.

ފުވައްމުލަކަކީ ރާއްޖެގައި އެންމެ ގިނައިން އޮޅު އަލަ ހައްދާ ރަށަށް ވެފައި، ދަނޑުވެރިކަމަށް ދިމާވެފައިވާ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާއި ގުޅޭ މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފުވައްމުލަކުގެ ގިނަ ބަޔަކު އެދެއެވެ.      

banner

ކިޔުންތެރިންގެ ޚިޔާލު