16 ޖުލައި 2018 (ހޯމަ)


ޓެބްލެޓާއި ނުލައި ޓެބްލެޓުން ކިޔަވައި ދިނުމަށް ހެދި ތަމްރީނު

އަމާ ބުނީތީ ފަރަށްދާ އުސޫލުން އެޑިއުކޭޝަނުން މަޖުބޫރު ކުރާތީ މައުސް ކްލިކްތަކެއް ކޮށްލީ!- ގޫގުލް ޓްރެއިންިން

އަމާ ބުނީތީ ފަރަށްދާ އުސޫލުން އެޑިއުކޭޝަނުން މަޖުބޫރު ކުރާތީ މައުސް ކްލިކްތަކެއް ކޮށްލީ!- ގޫގުލް ޓްރެއިންިން

ރާއްޖޭގެ ސްކޫލަތަަކުގައި ކިޔަވައިދިނުން ޓެބްލެޓް ބޭނުންކޮށްގެން ކުރިޔަށް ގެންދިއުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ހުރިހާ ޓީޗަރުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިން އިއުލާން ކޮށްފައެވެ. ނަމަވެސް ވިސްނާލަން ޖެހެނީ މި ތަމްރީނުތައް ކުރިޔަށް ގެންގޮސްފައި ވަނީ ކޮން ގޮތަކަށް ކޮން ފެންވަރެއްގައި ތޯއެވެ؟

އެންމެ ފުރަތަމަ ފާހަގަ ކުރެވޭ ކަމަކީ ޓެބްލެޓުން ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނުކުރީ ޓެބްލެޓާއި ނުލައި ކަމެވެ. ޓެބްލެޓް ބޭނުންކުރަން ޓެބްލެޓާއި ނުލައި ދަސްކުރެވޭނީ ޓެކްނޮލޮޖީގެ ދާއިރާއިން ކިޔަވައިގެން ތިބި އެފަދަ ތަކެއްޗަށް ވަރަށް ފަރިތަ މީހުންނަށެވެ. ނަމަވެސް ރާއްޖޭގެ ޓީޗަރުންގެ ތެރެއިން ބޮޑު އާބާދީ އަކީ ޓެކްނޮލޮޖީއާއި ބީރައްޓެހި އެފަދަ އާލާތްތަކަށް އައު ބައެކޭ ދެންނެވިދާނެއެވެ. އެހެނީ ޓެބްލެޓް ލިބުމުން ޓީޗަރަކު އޭނާގެ ފޭސްބުކްގައި އެއިގެ ފޮޓޯއާއިއެކު ލިޔެފައިވަނީ "ކިޔަވައިދޭތާ 23 އަހަރު ވެއްޖެ ކަމަށާއި ދުވަހަކު ވެސް މިފަދަ އެއްޗެއް ބޭނުންނުކުރާ ކަމަށެވެ".

ޓެކްނޮލޮޖީގެ އެކިއާލާތް (ސޮފްޓްވެއަރ އަދި ހާޑްވެއަރ) ތަކަކީ ތަފާތު އެއްޗެއްސަށް ވެފައި، މުދައްރިސުންނާއި ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ "ވާވޭ" ޓެބްލެޓަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ބޭނުން ނުކުރާ ވައްތަރެއްގެ ހާޑްވެއަރ އަކަށް ވުމުން އެ ހާޑްވެއަރއަށް މުދައްރިސުން ބީރައްޓެހި ވާނެކަމަށް ގަބޫލުކުރަން ޖެހެއެވެ.

ސޮފްޓްވެއަރތައް އެޅުމަށް ބޭނުންވާ އަސާސީ ސޮފްޓްވެއަރ (ސިސްޓަމް ސޮފްޓްވެއަރ ނުވަތަ އޮޕަރޭޓިން ސިސްޓަމް) އަށް ބަލާ އިރު ރާއްޖޭގެ ގިނަ މީހުން އަލުރުވެރީ ވިންޑޯސް އާއި އެންޑްރޮއިޑަށް ކަމަށް ބެލިދާނެއެވެ. ވުމާއެކު އެޑިއުކެޝަނުން ތައާރަފުކުރާ ޓެބްލެޓްގައި ހިމެނޭނެ ކަމަށް ބޮޑަށް ލަފާ ކުރެވެނީ އެންޑްރޮއިޑް އެވެ. މީގައި މާބޮޑު މައްސަލައެއް އޮތްކަމަކަށް ނުބެލެވެއެވެ.

ނަމަވެސް ދެން އޮތީ އެއިގެ ތެރެއިން ބޭނުންކުރާ އެޕްލިކޭޝަން ސޮފްޓްވެއަރ އެވެ. އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ސޮފްޓްވެއަރ އެއް ނަމަ މާބޮޑު މައްސަލައެއް ނެތި ގިނަ ޓީޗަރުންނަށް ބޭނުން ކުރުމުގައި ކާމިޔާބު ކުރެވިދާނެއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މި ޓެބްލެޓްތަކުގައި ބޭނުންކުރަން އުޅެނީ ސީދާ ކޮން ސޮފްޓް ވެއަރއެއް ކަމެއް މުޅިން ސާފެއް ނޫނެވެ. ބެލެވޭ ގޮތުގައި ގޫގްލް ކްލާސްރޫމާއި ގޫގުލްގެ ތަފާތު އެޕްލިކޭޝަން ތަކެވެ. ނަމަވެސް ރާއްޖޭގެ ޓީޗަރުން ބޮޑަށް އަހުލުވެރީ މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ތަކަށެވެ. ވުމާއެކު ގޫގްލް އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ވެސް ބުރަހެލިވާނެ ކަމަށް ބެލެވެއެވެ.

ކިޔަވައިދިނުމަށް ޓީޗަރު ތަމްރީނު ކުރުމަށް މިނިސްޓްރީން ކަނޑައަޅައިގެން ޓީޗަރުން "ދަސްކުރި ގޮތަކަށް" ދަސްކުރި ގޫގުލްގެ ދެ ކޯހެއް ކަމަށް ވާ ގޫގުލް "ފަންޑަމެންޓަލްސް ޓްރެއިނިން" އާއި އެޑްވާންސްޑް ޓްރެއިނިން" އެވެ. މި ދެ ކޯހުގެ ތެރެއިން ގޫގުލް އެޕްލިކޭޝަން ތަކަށް ފަރިތަ ވުމަށް ފުރުސަތު ހުޅުވިފައި ވެއެވެ. އޮންލައިންކޮށް ހަދާ މިދެ ކޯހަކީ ވެސް އެޑިއުކޭޓަރ ލެވެލްގެ ދެ ކޯހެވެ. އުފެދޭ ސުވާލަކީ މިޓްރެއިނިން އާއިއެކު ރާއްޖޭގެ ޓީޗަރުން ގޫގުލް އެޕްލިޝޭޝަން ތަކަށް ކިހާ ފަރިތަވި ހެއްޔެވެ؟

މި ދެ ކޯސް ވެސް ފުރިހަމަ ކުރުމަށް އެކަށީގެން ވާ މުއްދަތެއް ޓީޗަރުންނަށް ލިބިފައެއް ނުވެއެވެ. ސްކޫލުގެ ބުރަ މަސައްކަތާއިއެކު 1 ހަފުތާ ތެރޭގައި ނިންމަން ޖެހުމުން ރައްޓެހިން އަތުން ސުވާލުތަކުގެ ޖަވާބު ކޮޕީކޮށްގެން، ގާތްގަޑަކަށް 10 ގަޑިއަށް ވުރެ ގިނަ ވަގުތުން ނިންމަން އޮތް ކޯސް ނިންމާލީ 2 ނޫނީ 3 ގަޑިން ކަމަށް ގިނަ ޓީޗަރުން އެއްބަސް ވެއެވެ. އަމާ ބުނީތި ފަރަށް ދިޔައީއެވެ. ބޮލިހިލަން ނުބުނާތީ ... - މަޖުބޫރީ ހާލަތެއްގައި ލިބުނު ކުޑަ ވަގުތުކޮޅުގައި މައުސްއިން ކްލިކްތަކެއް ކޮށްލީއެވެ. "އެޑިއުކޭޝަނުން މަޖުބޫރު ކުރާތީ މައުސް ކްލިކްތަކެއް ކޮށްލީ" އޭ ބުނެވިދާނެއެވެ.

މި ތަމްރީނުތަކުގެ ތެރޭގައި މުހިންމު ދެކޯހެއް ނުހިމެނޭކަން ވެސް ފާހަގަ ކުރެވެއެވެ. އެއީ ޑިވައިސް ޓްރެއިނިން ނުވަތަ ކިޔަވައިދިނުމުގައި ހާޑްވެއަރ ބޭނުންކުރާނެ ގޮތުގެ ތަމްރީނާއި ގޫގުލް ސަރޓިފައިޑް ޓީޗަރ ލެވެލް 1 ގެ ކޯހެވެ.

މި ކަންކަމަށް ބަލާއިރު ރާއްޖޭގެ މުދައްރިސުން އަންނަ ޓާމުގައި ކިޔަވައިދިނުމުގައި އެކަށީގެންވާ މިންވަރަކަށް ވެސް ޓެބްލެޓު ބޭނުން ކުރާނެ ކަމާއި މެދު ސުވާލު އުފެދެއެވެ. އަދި ދަރިވަރުންގެ ބައި ކޮބައިތޯއެވެ. އެއްވެސް ތަމްރީނެއް ދަރިވަރުންނަށް ދެވިފައެއް ނެތެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!