14 ނޮވެމްބަރ 2018 ( ބުދަ )

banner

އެންމެ ފަހުން ދިފާއީ ވަޒީރުކަން ކުރެއްވި ތިން ވަޒީރުން، މިތިންވަޒީރުންގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާމިހާރުދަނީ ކުރަމުން.

ބިރު ބޮޑު ޑިފެންސް މިނިސްޓަރުން

ދިވެހި ތާރީޚަށް ނަޒަރު ހިންގާލާއިރު ދައުލަތުގެ އެންމެ އިސްވެރިޔާއަށް އެންމެ ބޮޑު ބިރެއް ކުރިމަތިވެފައިވަނީ ޑިފެންސް މިނިސްޓަރުންގެ ފަރާތުންނެވެ. ދިވެހިރާއްޖެ މިހާތަނަށް އަސްކަރީ އިންގިލާބެއް ދެކެފައި ނުވިނަމަވެސް، ވެރިކަން ވެއްޓުނު މަންޒަރު މަތިން އަދި ދިވެހި ރައްޔިތުން ހަނދާނެއް ނުނެތެއެވެ. އަނެއްކާވެސް އެކަހަލަ ވާހަކަ އެކެވެ. ޑިފެންސް މިނިސްޓަރ ގަވާއިދާއި ޚިލާފަށް ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި މަގާމުން ދުރުކޮށް ދައުވާ ކުރަނީއެވެ. ޑިފެންސް މިނިސްޓަރ ފިސްތޯލައަކާއި ތިން އުންޑައިން ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ދެކެވޭ ވާހަކަތައް ވެސް މަދެއްނޫނެވެ.

މާޒީއަށް ބަލާލާއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގައިވެސް އޭރުގެ ޑިފެންސް މިނިސްޓަރގެ އަތެއް ވާކަމަށް ވާހަކަ ދެކެވެއެވެ. އެއަށްވުރެ ކުރިއަށް ދަމާތޯއެވެ. 1990 ގެ ކުރީ ކޮޅު އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ވާދަކުރީވެސް ކުރީގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

1990 ވަނަ އަހަރު ފެބުރުއަރީ 22 ވަނަ ދުވަހު މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މަގާމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ޅިޔަން އިލްޔާސް އިބްރާހިމް އައްޔަން ކުރިއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ 1990 ވަނަ އަހަރު މެއީ 30 ވަނަ ދުވަހު އިލްޔާސް އިބްރާހިމް މަގާމުން ދުރުކޮށް ސީދާ ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާއި ހަވާލުވިއެވެ. އަދި އިލްޔާސް އިބްރާހިމްގެ މިބަދަލާއިއެކު ރާއްޖެ ދޫކުރައްވާ ވަޑައިގަތުމާއިއެކު ޚިޔާނާތުގެ އިގިލިވެސް ދިއްކުރެވުނެވެ. އިލްޔާސް އިބްރާހިމް މަގާމުން ދުރުކުރެވުނު ކަމަށް އޭރުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދިޔައީ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރުމެވެ. މި ބަހަށް ބާރު ލިބެނީ 1993 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އޭގެ ކުރިން އެއްވެސް މީހަކަށް އޭރުގެ ރައީސް މައުމޫނާއި ދެކޮޅަށް ވޯޓު ނުލިބޭ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިލްޔާސް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ކަމަށް ފެންނަ ކަމަށް ވޯޓު ލިބުމެވެ.

އެހެންކަމުން، 1990 ވަނަ އަހަރު ފެބުރުއަރީ މަހު ސިފައިންގެއާއި ހަވާލުވި ސްޓޭޓް މިނިސްޓަރ އިލްޔާސް އިބްރާހިމްގެ ފަރާތުންވެސް އޭރުގެ ސަރުކާރަށް ބިރަކަށްވި ކަމަށް ބެލެވިދާނެއެވެ. ދެންއޮތީ މިހާރުގެ ވާހަކައެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި އޭރުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ތޮލްހަތު އިބްރާހިމް ކަލޭގެފާނަށް އޭރުގެ ވެރިކަން ކުރަމުން ދިޔަ އެމްޑީޕީގެ އިސްމެމްބަރުން އިގިލި ދިއްކުރި އިރު ތޮލްހަތާއި ދެކޮޅަށް ކުރެވޭ ޓެރަރިޒަމް މައްސަލާގައި ގޯސްހެއްދެވީ ރައީސް ނަޝީދުކަމަށް ތޮލްހަތު ވިދާޅުވެ ލައްވައެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމުން ޖެނުއަރީ 20 ވަނަ ދުވަހު ވަކިކުރެވުނު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އެމަގާމުން ވަކި ކުރެވުނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ސަރުކާރުން ހާމަކުރިއެވެ. އެމައްސަލައަކީ ހަތިޔާރު ގެންގުޅުނު ކަމުގެ މައްސަލައެކެވެ. ވީމާ ގިނަ ބަޔަކު ގަބޫލު ކުރީ ނާޒިމް ބަޣާވާތެއް ގެންނަން އުޅުނީ ކަމަށް ނޫނީ ނާޒިމް ފްރޭމްކޮށްލީ ކަމަށެވެ. ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް، ސަރުކާރުން ޑިފެންސް މިނިސްޓަރ ބަދަލުކުރީ ޑިފެންސް މިނިސްޓަރުގެ ބިރު ސަރުކާރަށް ބޮޑުވެގެނެވެ.

ދެން އޮތީ ހަމަ އެދުވަހު އައްޔަން ކުރެވުނު ޑިފެންސް މިނިސްޓަރުގެ ވާހަކައެވެ. މޫސާ އަލީ ޖަލީލު ގެ މައްޗަށް ދައުވާ ކުރެވިފައިވައި ވަނިކޮށް އައްޔަން ކުރި ނަމަވެސް ގިނަ ބަޔަކު ސުވާލު އުފައްދާލީ ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރި ހިސާބުންނެވެ. ޓެރަރިޒަމްގެ ދައުވާ ކުރެވިފައިވާ މީހަކު ދިވެހި ދިފާއީ ބާރާއި ހަވާލުކޮށްފައިވާތީ ކަންބޮޑުވާ ފަރާތްތައްވެސް މަދެއް ނޫނެވެ. ސަރުކާރުން ކަންބޮޑު ނުވި ނަމަވެސް، އަޅުގަނޑު ކެޓަގަރައިޒު ކުރާނީ އެއީވެސް ސަރުކާރަށް ބިރުބޮޑު މީހެއްގެ ގޮތުގައެވެ. އެހެނީ ޓެރަރިޒަމްގެ ދައުވާ ސަރުކާރުން އުފުލާނީ ކޮންމެވެސް ވަރެއްގެ ހެކި ތަކެއް ހުރެގެނެވެ. އަދި އެފަދަ ދައުވާއެއް އުފުލައިފާވާ މީހަކީ ސަރުކާރަކަށް ހުރި ބިރެއް ކަމަށް ބެލެވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު